Support Us

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓްގައި އިސްލާމީ ތައުލީމު މަނާކޮށްފި

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގައި އިސްލާމީ ސްކޫލުތައް ހިންގުން މަނާކޮށްފިއެވެ. އައްލާހުއާބާދުގެ ހައި ކޯޓުން ބުނީ 2004 ވަނަ އަހަރު ފާސްކުރި "މަދްރަސާތަކާ ބެހޭ ގާނޫނަ"ކީ އިންޑިއާގެ ގާނޫނު އަސާސީގައިވާ އަލްމާނީ ގައުމިއްޔަތެއް ހިންގުމަށް ބާރުދޭ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ކޯޓުން ނިންމި މި ނިންމުމުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް ގައުމުގެ ދާދި ގާތުގައިވާ އާއްމު އިންތިހާބުގައި، ދީނީ ރޮނގުން އާބާދީ އިތުރަށް ދެ ބައި ވާނެ ކަމަށް، ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

ކޯޓުގެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ އިސްލާމީ މަދްރަސާތަކުގައި މިހާރު ކިޔަވާ މުސްލިމް ކުދިން ވީހާ ވެސް އަވަހަށް އުއްތަރު ޕްރަދޭޝްގެ "ސެކިއުލާ" ނުވަތަ ވަކި ދީނަކަށް އިސްކަން ނުދޭ އަލްމާނީ ސްކޫލްތަކަށް ވީހާވެސް އަވަހަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

"ސެކިއުލާ ވެރިކަމަކީ މި ގައުމުގެ ގާނޫނު އަސާސީގެ އަސާސީ ތަނބެއް،" ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

އޭގައި ބުނެފައިވަނީ ތައުލީމު ފޯރުކޮށްދިނުމަކީ ކޮންމެ ސްޓޭޓެއްގެ އަސާސީ ވާޖިބެއް ކަމަށާއި ތައުލީމީ ދާއިރާގައި އަލްމާނީ އުސޫލުތައް ނެގެހެއްޓުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.

"ވަކި ދީނެއްގެ ތައުލީމާއި އެ ދީނެއްގެ އިރުޝާދުތަކާއި ހުށަހެޅުންތަކާއި އަދި ފަލްސަފާތައް ކިޔަވައިދީ، އެއް ދީނާއި އަނެއް ދީން ވަކި ކުރާ ގޮތަށް ތައުލީމީ ނިޒާމުތަކެއް ނުއުފެއްދޭނެ،" ކޯޓުގެ ބަޔާނުގައިވެއެވެ.

އިސްލާމީ މަދްރަސާތަކަކީ ކީރިތި ގުރުއާނާއި އިސްލާމީ ތާރީހު، އާއްމު އެހެން މާއްދާތައް ކަމަށްވާ ހިސާބާއި ސައިންސް އެކުއެކީގައި ކިޔަވައިދޭ ސްކޫލްތަކެވެ.

ހިންދީ ދީނުގެ ދަރިވަރުން، އާއްމު މާއްދާތަކުގެ އިތުރުން، ހިންދީ ދީނުގެ ކަންތައްތައް ކިޔަވައިދޭ ހިންދީ ސްކޫލްތަކަށް އިންޑިއާގައި ދެއެވެ.

އުއްތަރު ޕްރަދޭޝްގެ އިސްލާމީ މަދްރަސާތައް ބަންދު ކުރުމަށް ގޮވާލައި އެ ސްޓޭޓްގެ ހައި ކޯޓުން ނިންމި މި ނިންމުން އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތެވެ.

އުއްތަރު ޕްރަދޭޝްގެ އާބާދީއަކީ 200 މިލިއަނެވެ. އޭގެ ތެރެއިން 20 ޕަސެންޓަކީ މުސްލިމުންނެވެ. މިއީ 2011 ގެ ބޯހިމެނުމުން ދައްކާ ނަތީޖާއެވެ.

މި ސްޓޭޓްގައި ވެރިކަން ކުރަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ހިންދީ ގައުމިއްޔަތު ޕާޓީ ކަމަށްވާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ.)އެވެ. ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި މި ސްޓޭޓުން ވަނީ މުސްލިމުންނާ ދެކޮޅު އެތައް ގާނޫނާއި ގަވާއިދު ފާސްކޮށްފައެވެ. އަދި އިންޑިއާގެ އަލްމާނީ ނިޒާމުން މުސްލިމުން ބާކީ ވާނެ އުސޫލުތައް ވެސް ފާސްކޮށްފައެވެ.

ކޯޓުގެ ނިންމުމުގެ އަސަރު 2.7 މިލިއަން މުސްލިމް ދަރިވަރުންނަށާއި އެ ކުދިންނަށް ކިޔަވައިދޭ 10،000 މުދައްރިސުންނަށާއި އަދި 25،000 މަދްރަސާ އަށް ކުރާނެ ކަމަށް އުއްތަރު ޕްރަދޭޝްގެ މަދްރަސާ ތައުލީމު ނިޒާމުގެ ބޯޑުގެ ވެރިޔާ އިފްތިކާރު އަހްމަދު ޖާވިދު ވިދާޅުވިއެވެ.

ކޯޓުގެ މި ނިންމުން މިއައީ ދުނިޔޭގެ އެންމެ ބޮޑު އާއްމު އިންތިހާބު ގާތްވެފައިވަނިކޮށެވެ. މިހެނީ މި އިންތިހާބުގައި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށްވާ އިންޑިއާގެ 960 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާތީއެވެ.

އިންތިހާބު ކާމިޔާބު ކުރާނީ މޯދީގެ ބީ.ޖޭ.ޕީ. އިން ކަމަށް މިހާރު ވެސް ވަނީ ބެލެވެން ފަށައިފައެވެ. މިހެން ވެއްޖެ ނަމަ، މި ޕާޓީން އިތުރު ފަސް އަހަރު ވެރިކަން ކުރާނީ ދީނީ ގޮތުން ހަތުރުވެރިކަން އުފެދެމުންދާ ދެ ދީނުގެ އާބާދީގެ މައްޗަށެވެ.

ކޯޓުގެ އަމުރު އައިސްފައިވަނީ އިންޑިއާގެ އަލްމާނީ ޝަހުސް ހިފަހައްޓަން ކަމަށް ބުނާއިރު، އިންޑިއާގެ އަލްމާނީ ސިފަތައް މުގުރަމުންދަނީ މޯދީ ކަމަށް އެ މަނިކުފާނަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ. އެ ގޮތުން މިއަހަރު ކުރީކޮޅު އެ މަނިކުފާނު ވަނީ ކުރިން މިސްކިތެއް ހުރި ބިމެއްގައި އެޅި ފައްޅިއެއް ހުޅުވައިދެއްވައިފައެވެ. އެއީ 1992 ގައި ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ހިންދީންގެ ބަޔަކު އަޔޯދިޔާގައި ހުރި އެތައް ގަރުނެއް ވެފައިވާ ބާބްރީ މިސްކިތް ތަޅާލި ބިމުގައެވެ. މި ފައްޅި އެޅުމަކީ އިންޑިއާ އުފެދިގެން އައިއިރު ގާއިމު ކުރެވުނު އަލްމާނީ ގާނޫނު އަސާސީ މުގުރާލަން މޯދީ އާއި ބީ.ޖޭ.ޕީން ކުރި މަސައްކަތުގެ ނަތީޖާއެވެ.

މޯދީ އާއި ބީ.ޖޭ.ޕީ އަށް ފާޑު ކިޔާ ފަރާތްތަކުން ބުނަނީ މުސްލިމުންނާ ދެކޮޅަށް މީހުން ދައްކާ ނަފުރަތުގެ ވާހަކަތައް ފަހަކަށް އައިސް އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުގައި އާއްމު ވެއްޖެ ކަމަށެވެ. މީގެ އިތުރުން މުސްލިމުންގެ ތަންތަނާއި މުދާ ވެސް މިހާރު ވެފައިވަނީ ހިންދޫން ދޭ ގެއްލުންތަކުގެ އަމާޒު ފަތްގަނޑަކަށް ކަމަށެވެ.

ނަމަވެސް ބީ.ޖޭ.ޕީ.އިން މި ކަން ދޮގު ކުރަމުން ބުނަނީ އެ ޕާޓީން އިންޑިއާގެ ހުރިހާ ރައްޔިތުންނާމެދު އަމަލު ކުރަމުން އަންނަނީ ހަމަހަމަ ގޮތެއްގައި ކަމަށެވެ.

ބީ.ޖޭ.ޕީން މިހެން ބުނި ނަމަވެސް، 2020 ގެ ޑިސެމްބަރު މަހު އިރުމަތީ އުތުރު ސްޓޭޓެއް ކަމަށްވާ އަސާމްގެ ކޯޓަކުން ވަނީ ހުރިހާ އިސްލާމީ މަދްރަސާތައް އަލްމާނީ ސްކޫލްތަކަށް ބަދަލު ކުރަން ގޮވާލާ ގާނޫނެއް ފާސް ކޮށްފައެވެ.

އެއިރު އަސާމްގެ ތައުލީމީ ވަޒީރަކަށް ހުންނެވި، މިހާރު އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމަށްވާ ހިމަންތަ ބިސްވަ ސަރްމަ އެއިރު ވިދާޅުވީ "ހަމަހަމަ ތައުލީމެއް ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދޭނެ ކަމަށާއި މި ކަމުގެ ސަބަބުން މަތީ ތައުލީމު އެ ކުދިންނަށް ހޯދަން ފަސޭހަ ވެގެންދާނެ" ކަމަށެވެ.

ނަމަވެސް ހިމަންތަގެ މި ވާހަކައަށް ރައްދު ދެމުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނީ މި ކަމުން ދޭހަ ކޮށްދެނީ ހިންދީންގެ އާބާދީ ބޮޑު އިންޑިއާގައި މުސްލިމުންނާ ދެކޮޅު ހިޔާލުތައް ވަރުގަދަ ވަމުންދާ ކަމަށެވެ. އެ ފަހަރު އިންޑިއާގެ އިދިކޮޅު ލީޑަރު ޑެބަބްރަޓާ ސައިކިއާ ވިދާޅުވީ އަސާމުގެ ސްޓޭޓް ސަރުކާރުން މި ނިންމުން ނިންމީ ބީ.ޖޭ.ޕީ.އިން ހިންދޫންގެ ވޯޓު ހޯދުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *