...

Support Us

ބޮޑު ގޮހޮޑާ ވާހަކަ އަޑުއެހިންތަ؟

މިސްރުގައި ރަސްކަލެއް އުޅުއްވިއެވެ. އެ ރަސްގެފާނުގެ ހަތް އަނބިކަނބަލުން ތިއްބެވިއެވެ. އޭގެ ތެރެއިން އެންމެ ހަގު ކަމަނާ އާލާސްވެ އިންނަވާ ވަރަށް ރީތި ފިރިހެން ބޭފުޅެއް ރައްކައުވިއެވެ. އެ ދަރިކަލުންނަށް ނުވަރޭނުވަދުވާ ވީތަނާ ގެއްލިވަޑައިގަތެވެ. މަންމާފުޅު ހައްމާމުން ނިކުމެ ވަޑައިގެންނެވިއިރު އެ ދަރިކަލުން ޖެހުނުތާ ލަކުނު ވެސް ނެތީއެވެ.

ރަސްގެފާނުގެ އެ ދަރިކަލުން ގެންދެވީ ހަވާ ބޮޑު އެދުރުކަލޭފާނެވެ. އެ ބޭފުޅާ ބޮޑުފުޅުވުމުން އާއިލާ ކައިރިއަށް މިސްރަށް ފޮނުއްވިއެވެ. ޖިންނީގެ އަސްގާޑިޔާ ކޮޅެއްގައެވެ. އޭރު މިސްރުގައި އެ ބޭފުޅާގެ އަންހެން ކޮއްކޯފުޅަކާއި ކުޑަކުޑަ މީދަލެއް ފިޔަވައި ދިރޭ ހިންޏެއް، މެއްސެއްހާވަރު ވެސް ނެތެވެ. ކޮއްކޯފުޅަކީ މިނިކާ އެއްޗެކެވެ. ކޮއްކޯފުޅު ވަނީ ހުރިހާ މީސްތަކުންނާއި ދިރޭ ހުރިހާ އެއްޗެއް ކައި ހުސްކޮށްފައެވެ.

ކޮއްކޯފުޅުގެ ހާލުކޮޅު ބައްލަވާލައްވަން ވަޑައިގަތުމުން ކޮއްކޯފުޅު އުޅުއްވީ ބޭބޭފުޅު ވެސް "ކޮށް" ކިޔާފައި ކާލާށެވެ. ސަލާމަތް ވީ މަރުނުވެ އެ ސަހަރުގައި އުޅުނު އެ ކުޑަކުޑަ މީދަލުގެ ސަބަބުންނެވެ. ބޭބޭފުޅު ކެއުމަށް އުޅުމުގެ ތެރޭގައި ނުކެވި ކޮއްކޮފުޅު މަރުވެއްޖެއެވެ. ދެން ބޭބޭފުޅު ރަސްކަމަށް އިސްވެވަޑައިގަތީއެވެ. އަދި އޭގެފަހުން މީހުން އަލުން މިސްރުގައި އާބާދުވީއެވެ.

މިސްރުގެ މި ރަސްގެފާނުގެ ވެސް ހަތް އަނބިކަނބަލުން ތިއްބެވިއެވެ. އެ ބޭފުޅުންގެ ތެރެއިން ހަގު އަނބިކަމަނާ ވަރަށް ރީތި ފިރިހެން ބޭފުޅަކާއެކު ރައްކައުވިއެވެ. އެ ދަރިކަލުން ބޮޑުފުޅު ވަމުން އައިއިރު ކިޔަވައިދެއްވައި ކަނޑިހެވިކަމާއި ބަޑިހެވިކަމާއި ހަނގުރާމައިގެ އުކުޅުތައް ދަސްކޮށް ދެއްވިއެވެ. ޒުވާން އުމުރަށް އެޅިތަނުން ޝިކާރައަށް ވަޑައިގަތުމަށް އެދިވަޑައިގަތެވެ. އިރު އޮއްސުމުގެ ކުރިން އެނބުރި ވަޑައިގަންނަވަން ވިދާޅުވެފައި ރަސްގެފާނު އެ ހުއްދަ ދެއްވިއެވެ. އަރިހުގައި ފޮނުއްވީ ކޮތަވާލިކޮޔާއި، ދޭވާނިކޮޔާއި، އިސް ވަޒީރުކޮޔާއި، ފަނޑިޔާރުކޮޔެވެ.

އެ ޒުވާން ކުދިން ޝިކާރަކުރުމުގެ މަޖަލުގައި ތިއްބައި އިރުއޮއްސި އެއްދަން ދިޔައިރު ވެސް ނޭނގުނެވެ. އެހެންވެ ގަނޑުވަރަށް ވަޑައިގަތުމުގެ ބަދަލުގައި ޖަންގަލީގައި ފޭލިގެއެއް ޖެއްސެވިއެވެ. ފޭލިގެ ޖެއްސެވިތަނުން ޖަންގަލީގެ ތެރެއިން މުސްކުޅި ގުދު ބޮޑު ދައިތައަކު ނުކުމެ އެ ފޭލިގޭގައި ބާއްވައިދިނުމަށް އެދުނެވެ. އެ ދައިތަ ފޭލިގޭގެ ހަތަރު ކަނުގެ ތެރެއިން ކަނެއްގައި ބޭއްވެވިއެވެ.

އެ ދައިތަ ފަހަރަކު ކުއްޖަކު ކަމުން ދިޔަތަން ބަލަން ކޮތަވާލިކޮއި އޮތެވެ. އެންމެފަހުން އެހެން އެންމެން ކައި ނިމިގެން ކޮތަވާލިކޮޔާ ޖެހުނީމާ އެ ކޮއި ފޭލިގޭގެ ބިތް ވައްޓާލާފައި ދުއްވައިގަތެވެ. އެ ދައިތަ ވެސް ފަހަތުން ދުއްވައިގަތެވެ. ކޯރެއް ހުރަސްކޮށްފައި ކޮތަވާލިކޮޔަށް ދެވުނީ މިސްރުގެ ބޮޑު ބާޒާރަށެވެ. އެތަނުން ދުއްކާނަކަށް ވަދެ މިނިކާ ދައިތަގެ ކިބައިން ސަލާމަތްކޮށްދިނުމަށް އެދުމުން އެ ދުއްކާނުގައި އިން މީހާ އޭނާ ފޮރުވައިދިނެވެ.

އެ މިނިކާ ދައިތައަށް ކޮތަވާލިކޮއި އަތުނުޖެހުމުން ޖަންގައްޔަށް ވަދެ އެ ދައިތަގެ ޖާދުލުން އެ ފޭލިގެ ގަނޑުވަރަކަށް ހަދައި، އެ ދައިތަ ވެސް ޒުވާން، ރީތި އަންހެން ކުއްޖަކަށް ބަދަލުވިއެވެ. އެހެން އެ ދައިތަ އިންދާ ރަސްގެފާނު ޝިކާރަށް ވަޑައިގެން ފެންފަރިއްކޮޅެއް ބޭނުންފުޅު ވެގެން އެ ގަނޑުވަރަށް ވަޑައިގަތެވެ. އެ ގަނޑުވަރުން އެ ޒުވާން ރީތި ކަމަނާ ފެނިވަޑައިގެން ކައިވެނިފުޅު ބައްލަވައިގަތެވެ.

އެ ކައިވެނިފުޅަށް ފަހު ފުރަތަމަ ވާންފެށި ގޮތަކީ ރަށްބޭރު ބޮޑުދޮރުއަށި ފާރައަށް ހުންނަ މީހާއަށް ވާނުވާ ނޭނގި ގެއްލެނީއެވެ. ވާގޮތަކީ އެ ކަމަނާ ކާލަނީއެވެ. މިކަން މިހެން ވާންފެށުމުން ރަސްގެފާނުގެ އަނެއް ހަތް އަނބިންނާއި ރަށުތެރޭގައި ވެސް ރަސްގެފާނުގެ އެންމެ ހަގު އަނބިކަމަނާއަކީ މިނިކާއެއްޗެކޭ ކިޔަން ފަށައިފިއެވެ.

މި އަޑު އިވިގެން މާބަނޑުވެފައި ތިބި އެ ހަތް އަނބިކަނބަލުން ގަތުލުކޮށް އެ ކަނބަލުންގެ ލޯ ނަގަން އެންގެވިއެވެ. މިކަން ކުރައްވަން އެއްވަނަ ވަޒީރާ ހަވާލުކުރެއްވުމުން އޭނާއަށް އެކަން އެ ވިދާޅުވި ގޮތަކަށް ކުރާކަށް ނުކެރުނެވެ. އެހެންވެ ދުރު ހިސާބެއްގައި ވަޅެގަނޑެއްކޮނެ އެ ވަޅުގަނޑަށް އެ ކަނބަލުން ލައި ލޯތައް ކޮނެ ފުޅިއަކަށް އަޅައިގެން ގެނައެވެ. ދެން އެ ވަޅުގަނޑު މަތިން ފިލާއަޅާ ފަސްލީއެވެ. އެ ލޯ ފުޅި ރަސްގެފާނުގެ އަނބިކަނބަލުންނަށް ދިނުމުން ކުނިނުވާ ބޭސް ޖަހާފައި ފޮނުވީ އެ ކަމަނާގެ ސަހަރަށެވެ. އެއީ ޓުކުނީގެ ރާއްޖެއަށެވެ.

ވަޅުގަނޑުގެ ތެރޭގައި ރަސްގެފާނުގެ ހަތް އަނބިކަނބަލުން ވެސް ބޭފުޅުން ރައްކައުވިއެވެ. އެތަނުން އެންމެ ހަގު އަނބިކަނބަލުން ރައްކައުވި ދަރިކަލުން ފިޔަވައި އެހެން ކުއްޖެއް ސަލާމަތެއް ނުވިއެވެ. އެ ދަރިކަލުން ބޮޑުވެ ވަޅުން އަރައިގެން އައުމުން ބޮޑު ދޮރުއަށީގެ ފާރަވެރިކަން ދެއްވިއެވެ. މަންމާފުޅުގެ ހުއްދަ ހޯދައިގެން އެ މަސައްކަތާ ހަވާލުވީ ރެއަކާއި ދުވާލަކަށް ރުފިޔާ ހާހަކަށެވެ. އެކަމަކު އެހެން މީހުން ކާހެން ރަސްގެފާނުގެ މިނިކާ އަނބިކަމަނާއަށް އެ ކޮއި ކައެއް ނުލެވުނެވެ. ކާލަން ދާއިރު ހުންނަނީ ނުނިދާ ކަނޑި އައްޑަނަ ކަންފަތްމައްޗަށް ދަމައިގެންނެވެ.

އެކަމާ ރުޅިއައިސްގެން ބަނޑެއްގައި ރިހޭކަމަށް ހަދައި އެ ރިހުން ރަނގަޅުވާނީ ޖާދޫގެ ބޮޑުބޭ ކަރައިން ގެންނަ ކަރައަކުން ފަރުވާކޮށްގެން ކަމަށާއި އެކަން ވާނީ ބޮޑު ދޮރުއަށީ ފާރައަށް ހުރި ކޮޔަކަށް ކަމަށް ރަސްގެފާނަށް އަނބިކަމަނާ ދަންނަވައެވެ.

ރަސްގެފާނު އެ ކޮއި ދުވާލަކަށް ރުފިޔާ ހާހަކަށް އެކަން ކުރަން ފޮނުއްވައެވެ. އެ ދިޔަ މަގުމަތީގައި ބޮޑު އެދުރުކަލޭފާނުގެ ދަރިކަނބަލުންނާ ބައްދަލުވެ އެ ކޮއި ކައިވެނިކުރިއެވެ. އަދި އެދުރުކަލޭފާނުގެ ކިބައިން ކިޔަވައި އެދުރުކަލޭފާނު ބުނެދިން ގޮތަށް ކަންތައް ކޮށްގެން ޖާދޫގެ ސަހަރުން ކަރާ ކަނޑައިގެން ގެންގޮސްދިނެވެ. ދެން ވެސް މިނިކާ އަނބިކަމަނާއަށް އެކޮއި ކާންއުޅެ ނުކެވުނެވެ. ދެން ފޮނުވީ ފަލަނގު ސަހަރު ބޮޑުގޮހޮޑާ ބަލައެވެ. އެއީ ރޮލުންކާ އެއްޗެކެވެ. އެ ސޮރު ކިޔަމަންކޮށްގެން ގެނައިމާ ދެން ފޮނުވީ އެ ކަމަނާގެ އަމިއްލަ ސަހަރުކަމަށްވާ ޓުކުނީގެ ރާއްޖެއަށެވެ. ފޮނުވީ މަންމާފުޅަށް ސިޓީއެއް ލިޔެފައެވެ. އެ ކޮއި ދިއުމުން އެ ކޮއިގެ ކަންތައް ނިންމާލަދިނުމަށް އެ ސިޓީގައި ލިޔެފައި އޮތެވެ. އެ ދިޔަ މަގުމަތީގައި އެ ކޮއިގެ އަނބިކަމަނާ އެ ސިޓީ ވީދާލައި އެހެން ސިޓީއެއް ދިނެއެވެ. އެ ސިޓީގައި އޮތީ މިއީ ތިމަން ކަމަނާގެ ދަރިކަލެއް ކަމަށާއި މި ދަރިކަލުންނަށް ހެޔޮކޮށް ހިތްތެވުމަށެވެ. އެ ކޮއި ޓުކުނީގެ ރާއްޖެ ދިއުމުން ސިޓީ ކިޔާ މާމައާއި ސަހަރުގެ އެންމެން ވެސް އުޅުނީ އެ ކޮޔާމެދު ވަރަށް ލޯބިން ވަރަށް ރަނގަޅަށެވެ.

ޓުކުނި ސަހަރުގެ މީހުން ޓުކުނިމަހަށް ބޯގަތާލައިގެން ތިއްބައި އެ އެންމެން މަރައި މަންމާފުޅާއި ދޮންމަންމާފުޅުމެންގެ ލޯފުޅިއާއި ބޭސްފުޅި އާއި މިނިކާ ދޮންމަންމާފުޅުގެ ފުރާނަ ކަމުގައިވާ ރަންގުރާ ހިފައިގެން އަދި ކޮތަވާލިކޮއި ވެސް ގޮވައިގެން މިސްރަށް އެ ކޮއި ވަޑައިގަތެއެވެ. މަންމާފުޅާއި އަނެއް ހަ ދޮންމަންމާފުޅުގެ ލޯތައް ޖަހައިދީ ބޭސްޖަހައި ފަސޭހަކޮށް ދެއްވިއެވެ. މިހިސާބަށް ދިޔައިރު ދެފަހަރުމަތިން ބައިތުލްމާލުން އުޖޫރަދެއްވައި ތިންވަނަ ފަހަރަށް ދެއްވާނެ އެއްޗެއް ނެތެވެ. މިހާރު އެންމެ މުއްސަނދީ އެ ފަގީރު ކޮއެވެ.

މިނިކާ ދޮންމަންމާފުޅު މަރާލަންވާނީ ސަހަރުގެ އެންމެން އެއްކޮށް މި ވީގޮތުގެ ވާހަކަ ކިޔައިދީފައި ކަމުގައި ކޮތަވާލިކޮއި ދެންނެވިއެވެ. ދެން އެންމެން އެއްކޮށް ކޮތަވާލިކޮއި މިނިކާ އަނބިކަމަނާގެ ހަގީގަތް އެކަމަނާއާއި ރަސްގެފާނު ބައިންދައިގެން ކިޔައިދީ ދޮންމަންމާފުޅުގެ ފުރާނަފުޅާ ގުޅިފައިވާ ގުރާގެ ކަރު އަނބުރާލައިފައި ކޮތަވާލިކޮއި އެއްލާލުމުން އެ މިނިކާ ދައިތަ މަރުވީއެވެ. ދެން ރަސްގެފާނުގެ އަނެއް ހަ އަނބިކަނބަލުންނާއެކު ގަނޑުވަރަށް ވަޑައިގަތީއެވެ. ހަގު އަނބިކަނބަލުން ދަރިކަލުންނާއި ކޮތަވާލިކޮތާއެކު ދަރިކަލުންގެ ގަނޑުވަރަށް ވަޑައިގަތީއެވެ.

 

ނޯޓު: މިއީ މަޝްހޫރު ބޮޑު ގޮހޮޑާ ވާހަކައިގެ ޚުލާސާއެކެވެ. ދިގު ވާހަކަ ކިޔަން ފޫހިވާ މީހުންނަށް ވާހަކައިގައި ވާގޮތް މިވަރުން އެނގޭނެ ކަމަށް ހީކުރަމެވެ. އަދި ބޮޑެތި މީހުންނަށް ޚާއްޞަ މި ވާހަކަ މިހާރު މި ވަނީ ހުރިހާ އުމަރަކަށް ފެތޭގޮތަށް ޢިބާރާތްތައް ބަދަލުކޮށްފައެވެ. ބޮޑު ގޮހޮޑާ ވާހަކައިގެ އެންމެ ޚާއްޞަ ކަމަކީ ކިޔުމުގެ ވައްޓަފާޅިއެވެ. މިއީ އަތާއި ފައިގެ ހަރަކާތާއެކު އަޑާއި ރާގަށް ބަދަލުގެނެސްގެން މަންޒަރު ދައްކަމުން ސިފަކޮށްދެމުން ކިޔާ ވާހަކައެކެވެ.

* ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.