Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މުޅީން ތަފާތު އަހަރެއް- ދެ ކޭތައިގެ ރޯދަމަހެއް

މި ރޯދަމަހަކީ، ދެ ކޭތައެއްގެ ރޯދަމަހެކެވެ. ވަގުތުގެ ތަފާތުން މި ރޯދަމަހުގައި ހިފާ ދެ ކޭތަ، ރާއްޖެއަށާއި ނުވަތަ ރާއްޖެ އޮންނަ ސަރަޙައްދަށް ނުފެންނާނެ ކަމުގައިވިޔަސް ދުނިޔޭގެ ހުޅަނގަށް މި ދެކޭތަވެސް ފެންނާނެއެވެ. އަދި އިރުކޭތަ ވަރަށް ފުރިހަމައަށް ފެންނާނެއެވެ.

މި ދެކޭތައިން ފުރަތަމަ ކޭތަ، ހިފާނީ މި މަހުގެ 25 ގައެވެ. ދެވަނަ ކޭތަ ހިފާނީ އޭޕްރީލް އަށެއްގައެވެ.

މި ދެކޭތައިން މިމަހު 25 ގައި ހިފާ ހަނދުކޭތަ، އެ ދުވަހު މާލޭގަޑިން 09:53 ގައި ހިފާން ފަށާނެއެވެ. އެވަގުތަކީ ރާއްޖެއަށް އެދުވަހު ހަނދު އޮއްސޭތާ 3 ގަޑިއިރާއި 49 މިނެޓުގެ ފަހުގެ ވަގުތެކެވެ. އެދުވަހު މާލެއަށް ހަނދު އޮއްސޭނީ ހެނދުނު 06:04 ގައެވެ. އެސަބަބަށްޓަކައި މިކޭތަ ފެނުމުގެ އެއްވެސް ބާވަތެއްގެ ފުރުސަތެއް ރާއްޖެއަކަށް ނުލިބޭނެއެވެ.

މިއީ، ފަނޑުހިޔަނި ހަނދުކޭތައެއް ކަމަށްވާތީ، ހަމަލޮލަށް މިކޭތަ ނުފެންނާނެކަމަށް ވިޔަސް، މިފަދަ ކަންތައްތައް ބަލައިހޯދާ މީހުން، ޒަމާނީ އާލާތް ބޭނުންކޮށްގެން ވިޔަސް އިލްމީ ނަޒަރުން މިފަދަ ކޭތަ ތަކުގައި ހަނދަށް އަންނަ ބަދަލުފަދަ ކަންތައް ތަކުގެ މައުލޫމާތު އެއްކުރުމަށްޓަކައި ބަލައި އުޅޭނެއެވެ.

މިކޭތަ ރަޝިޔާއާއި ޗައިނާއާއި އޮންޑޮނޭޝިޔާއާއި މި ތިން ގައުމުގެވެސް އިރުމަތީ ސަރަހައްދު ތަކުން ފެށިގެން މުޅި އެމެރިކާ ކޮންޓިނެންޓާއި އެޓްލާންޓިކް އޯޝަންވެސް ފަހަނަޅައި ޔޫރަޕާއި އެފްރިކާ ބައްރުގެ ހުޅަނގު ފަޅިޔަށްވެސް ހިފާނެއެވެ. މިކޭތަ އެދުވަހު މާލޭގަޑިން މެންދުރުފަހު 2:32  ގައި ވީއްލާނެއެވެ. މި ކޭތައިގެ ވަގުތު ހަތަރު ގަޑިއިރާއި 39 މިނެޓަށް ދެމިގެންދާނެއެވެ.

މި މަހުގެ ފުލްމޫންގައި ހަނދު ފެންނާނީ އެންމެ ކުޑަ ސައިޒުގައެވެ. ހަނދު ހުންނާނީ ހައްތުއިސްތިވާގެ ދެކުނު ފަޅީގައެއެވެ. ހަނދު ހިނގަމުން ދާނީވެސް ދެކުނަށެވެ.