ބަސް އަހާށޭ އަޑު އަހާށޭ ލޯބިވާ ކުޑަ ދަރިފުޅާ
ދަސްކުރާށޭ ރީތި ޚުލުޤާ އަދަބުވެރިކަން ދަރިފުޅާ
މަދަރުސާޔާ ގޭތެރޭގައި ލިބިދެވޭ ތަރުބިއްޔަތާ
ބަދަލުވާނޭ އެއްކަމެއްވެސް ލިބިނުގަންނަނި ދަރިފުޅާ
މަންމަމެން އުއްމީދަކީ ދަރިފުޅުގެ ކުރިމަގު ހެޔޮވުމޭ
ފަންނުތަކުގައި ޢިލްމުގައި މޮޅު ކުއްޖަކަށްވޭ ދަރިފުޅާ
އަދަބު ސަދަބާ ރީތި ބަސްމަގު ދަސްކުރާށޭ އުނގެނިގެން
ޤަދަރުކުރެވޭ ދަރަޖަވެރި މީހުން ތެރޭން ވާން ދަރިފުޅާ
އަޅިބުރާނޭ ކަނބުރުގެއަކަށް ވަދެއުޅެންޏާ ދަރިފުޅާ
މަޅިމަޅީބެދި އަބުރުގެއްލޭން ނުދެނި ފުރުސަތު ދަރިފުޅާ
އަތަރުވިއްކާ މީހަކާ އެކުގައި އުޅޭނަމަ ހަމަތެދޭ
އަތަރުލެވި ހެދުމާއި ގައިގައި ވަސް ހިފާނޭ ދަރިފުޅާ
އެކުއުޅެންވާނީ ދޮށީ މީހުންކުރެން ހެޔޮ މީހުނޭ
އެކުވެރީން ހަގުނަމަ ރަނގަޅު ހެޔޮބުއްދި ނުލިބޭ ދަރިފުޅާ
މިތުރަކަށް ނުހިފާށެ އުޅުމާ ޢަމަލު ހެޔޮނޫން އެކަކުވެސް
މިތުރަކަށް ގޯސް އެކުވެރީން ހިފުމީ ހަލާކޭ ދަރިފުޅާ
ގޭ ވެށިންނާ އަދި ސުކޫލުން ދަސްވިހައި ހެޔޮ އާދަޔާ
ފޭވެގެންދާން ޖައްސުވަތެ ގޯސް އެކުވެރީން ބަލަ ދަރިފުޅާ
މަންމަމެންނަށް ދަރިފުޅުގެ ކިބައިން ލިބޭން ހުރި އުފަލަކީ
މަންމަމެން އުއްމީދު ކުރިފަދަ ކުއްޖަކަށް ވުމެ ދަރިފުޅާ
މަޙުޝަރުގެ މައިދާނުގައި ނާކާމިޔާބީ ކުއްޖަކަށް
އަހުރެމެންގެ ދެލޯފަދަވި ދަރިފުޅު ނުވާށޭ ދަރިފުޅާ
ވަކިވެގެން ހައްޓާ ފުރާނަ ނުދާ ހިނދެއްގައި މަންމަމެން
ވަކިނުވާނަމެ ދަރިފުޅަށް މަގު ދެއްކުމާ ކުޑަ ދަރިފުޅާ