ނިސްބަތުން ދުނިޔޭގެ ބިމުގައި ފެންފަށަލަ ތުންޏޭ ނިކަން
ވިސްނިޔަސް ޢިލްމާނުލައި ދެނެ ނުގަނެވޭ ހުއްޓޭ އެކަން
ކަން އެހެން ހުރިއިރު ދިރޭ އެއްޗެތި ފެނުންކަން ހެއްދެވީ
ވަންހަނާ އެއްނެތި މޮޅަށް ޤުރުއާން ބަޔާންކޮށްދޭ އެކަން
ނޫރުސޫރަތު ފަންސަޔާޅީސް މިވަނަ މަތިވެރި އާޔަތުން
ނޫރު ޢިލްމީ ހިތްތަކަށް ދޭ ފޯރުވައި އަލިކަން ނިކަން
ދޮރުމަތީ ކޯރެއް އޮތަސް އިސްރާފު ނުކުރަން އެންގެވީ
ފޮރުވުމެއް ނެތް މާތް ޙަދީސްފުޅަކުން ބަޔާންވާހެން އެކަން
ވެއްސަވާ ވާރޭގެ ޢަދަދުގެ މިންވަރެއްވެސް ވާކަމުން
ލެއްވި ފެންފޮދުގައިވި ޙުރުމަތް ދެނެގަތުން ލާޒިމު ނިކަން
ފެނުގެ ދުވަހެއް ދުނިޔެއިން ފާހަގަކުރާ ސަބަބަށް ޓަކައި
ފެނުގެމައްޗަށް ފިކުރު ހިންގަން އިސްކަމެއް ދޭންވީ ނިކަން
ބިމުގެ ފެންބޮއިގެން އުޅުނު ދިވެހީންގެ ރަށްރަށު ގޯސްވެ ފެން
ބިމުއަޑިން ނެގިޔަސް ބޮވެންނެތް ސަބަބުތައް ގިނައޭ ނިކަން