...

Support Us

ކޮލަމް ކަލާވެހި: ޝުކުރުގެ ކޮޅުނެތްކޮޅަށް ޝުކުރުހުއްޓެވެ!

ޤައުމީ ރޫހުގެ އެންމެ އުޖާލާ އެއް ދުވަސްވަރު، ކޮންމެވެސް އިސް އެދުރަކު ޒަމާނުގެ ރޫޙުގެ ޖޯޝާއި ފޯރީގައި މުޅީން ދަރުމަޔަށް ހެއްދެވި ޅެމެއް، ހަމަ އެ ރޫޙުގައި ހަމަ އެބީދައިން ދަރުމަޔަށް ކިޔުއްވި ލަވަޔަކުން އިވުނު "މިއައި ފާގަތި ރަބީޢު" އަލުން އިޢާދަވި ކަހަލައެވެ. އިޖްތިމާޢީ، އިންފިރާދީ، އިސްތިރާޖީ، އަދި އިޤްތިޞާދީ ގޮތުން ދިވެހީންނާއި ދިވެހީންގެ ރާއްޖެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވާން ފަށައިފި ކަމުގެ ޚަބަރުތައް ރާއްޖޭގެ އެކި ކުލައިގެ ނޫސްމަޖައްލާތަކުގެ ފަލަސުރުޚީއިން މިހައިރު ނުހަނު ތިޔާގިކޮށް ފެންނާން ފަށައިފި، ދޮގެއްތޯއެވެ! އަދި އެ ފަތްފުށްތަކުގައި އެހުންނަ ލިޔުންތަކުން ބުނާ ކަހަލަޔޭ، އެންމެ ދެރަ ނިކަމެތި އާދައިގެ ރައްޔިތު މީހާވެސް މިހައިރު ނެތް ތަނަވަސްކަމަކަށް އުންމީދުކުރަމުން، މުލައްދަނޑީގެ ކަށިގަނޑު ކުޑައިކޮށް ކަމީނާވެލައިފައި އޮތަސް އެ ކަށިގަނޑަށްވެސް އަލުން އައު ބާރެއްލައި، ޢަޒުމަށް އައު ހިތްވަރެއްލައި، އެކަމުގައި ބައިވެރިވާން ވެއްޖެޔޭ، އަޅެ އެހެންނޫންތޯއެވެ؟

އެންމެ ދެރަ، އާދައިގެ، ނިކަމެތި މީހާވެސް ކޮންމެވެސް ރަސްމީ ތާކު ރަސްމީ ވަޒީފާޔެއް އަދާކުރަންޏާ އެ މީހާގެ މުސާރަވެސް ބޮޑުވެއްޖެއެވެ. އަދި ހަމަ އެހެންމެ، ޖީބުގެ ހުސްކަމާހެދި އެހެން ކަމެއް ނުކުރެވިގެން ތިމާމެނަށް ވުރެ އެތައް ގޮތަކުން ވަޞީލަތްތަކާ ގާތް މުއްސަނދީންގެ ހިޔަނީގައި މަގުމަތީގައި އެކި ޒާތްޒާތަށް ދާދި އިހަކަށްދުވަހާ ޖެހޭންދެން އުޅޭން މަޖުބޫރުވި އެތަކެއް ޒުވާނުންނަށްވެސް އެދުވަސް މާޒީވެ ހިނގައްޖެއެވެ. ވަޒީފާތައް ލިބިއްޖެއެވެ. އަދި އެ ވަޒީފާތަކުގެ މުސާރަތައްވެސް ބޮޑުވެއްޖެ މެއެވެ. ދެން އެކަމާ ޝުކުރުގެ ކޮޅަށް ޝުކުރުވެރިވުން ނޫން ގޮތެއް ހަމަ އެބައޮތްތޯއެވެ؟

ދެން އޮތީ، ފަށަމުންވެސް ދެންނެވި އެ ފާގަތި ރަބީޢުގެ ދުވަސްވަރު، އެދުވަސްވަރުގެ ދަރުމަވެރި ރޫޙައިގެން ފެށި ގޮތަށް ދާދި އިހަކަށް ދުވަހާ ޖެހޭންދެން ޤައުމު ބިނާކުރުމުގެ އެކި ފަންތީގެ، އެކި ފަޑިމަތީގައި ނުހަނު ބުރަކޮށް މަސައްކަތްކޮށް، މިއަދު މުސްކުޅިވެ، ލޯބޯ ކޮށިވެ، ގައިބާރު ދެރަވެ، މިކޮޅަށް ވުރެ އެކޮޅު ގާތްވުމުގެ އެކި ބަލީގެ އުނދަގޫތައްވެސް ތަޙައްމަލް ކުރާން ޖެހިފައިވާ މީހުންގެ ވާހަކައެވެ. މިހައިރުގެ ޢިއްޒަތްތެރި ނަމުންނަމަ، އިސްރަށްވެހީންގެ ވާހަކައެވެ. ޤާނޫނުތަކާއި ޤަވާޢިދުތައް އަދި ހުރި ގޮތުން، ނުވަތަ ނެތް ގޮތުން ނަމަވެސް، އެމީހުންނަށް މާލީގޮތުން ދެވޭނޭ މާކަ ބޮޑު އެއްޗެއް ނިޒާމުގެ ތެރޭގައި އަދި ނެތަސް، އެމީހުން ފޫހިފިލުވައިލާން ވަދެލާނޭ މަރުކަޒުތަކާއި، ވައިޖައްސައިލާން މަޑުކޮށްލާނޭ މައިޒާންތައް ހެދެމުން އެބަދޭ، އަޅެ އެހެން ނޫންތޯއެވެ؟ ޝުކުރު ހުއްޓެވެ!

ތެދުފުޅެކެވެ! ބައެއް ފަހަރު އަނގަޔާ އަތާ ދިމާވުމުގެ އަމާޒުކަން ކުޑައިކޮށް ކަސިޔާރުވިޔަސް، ބޯހިޔާވަހިކަމުގެ ތަރަހައިގައި މާއްދީ ކުލަ ޖެހުމުގައި ކުދިކުދި ކުނިޖެހުނަސް، ޝުކުރުކޮށްލައިގެން ތިބުން ލާޒިމުތާއޭ، ކަންކަން އެނަ ބަދަލުވޭ ވިއްޔާއެވެ! ދެ ގޯއްޗާއި ހަ ބުރީގެ އެއްމެދު ޢިމާރާތެއްގެ މިލްކުވެރިކަން އަތުގައި އޮތަސް، އަލަށް ހިއްކާ ތަނުން ގޯތި ލިބޭނޭކަން ޔަޤީންވީ ޒާތުގެ ދުނިޔެ ފަސޭހަ މީހުންނާއެކު ކުރީން މިދެންނެވި ޒާތުގެ ނިކަމެތީންނަށްވެސް ހަމަ އެ ސަފުން ގޯތި ލިބޭނޭ ކަން މާ ސާފުކޮށް ކަށަވަރުވެގެން ދިޔުމަކީވެސް ކުޑަކަމެއް ތޯއެވެ؟ އެކަމަށްޓަކައި އެމީހުން ހަމަ ގައިމުވެސް ޝުކުރުކުރާނެއެވެ!

ދެން މިހެންގޮސް ދައްކައިފައި ނުދައްކާނޭކަ ވާހަކަޔެއް ހަމަ ނެތެވެ. މިލްކިއްޔާތުގައި ހައެއްކަ މިލިޔަން ރުފިޔާ ނުވަތަ ބޮޑު ޢިމާރާތެއްގެ ރަޖިސްޓަރީ ނެތް މީހާޔަށް ނޫނީ އެހެން ޢިމާރާތެއް ހަދާނޭ ލޯނެއްވެސް ނުލިބޭ ގޮތަށް އެތައް ޒަމާނެއް ވަންދެން އޮތް ޤައުމެއްގައި އެދުވަސްވެސް ނުލާހިކު އަވަހަށް މާޒީވެދާނެޔޭ ބުނާ އަޑުވެސް ހައުދަހައި ބާރަކަށް މިހައިރު އެބަ އިވެއެވެ. އަތުގައި އޮންނަ ގޯތިގަނޑުވެސް މަހުޖަނުންގެ ކުންފުންޏަކަށް ތިރީސް އަހަރަށް ހިތަކަށް ދީގެން މެނުވީ ދެ ފަންގިފިލާގެ އަމިއްލަކަމެއް އެތާވެސް ނޯންނަ ދުނިޔެއަކަށް ނޭވާލާން އެތަކެއް ދުވަހު މަޖުބޫރުވި އެތައް ބަޔަކަށް އެނޫން ދުވަހެއްވެސް ނުހަނު އަވަހަށް ފެނިދާނެޔޭ ބުނާ އަޑުވެސް އެބަ އިވެއެވެ! ނުވަތަ، ޢުމުރުން ފަންސާސް އަހަރަށްވުރެ މައްޗަށް ދިޔައިމާ ބޯހިޔާކޮށްލާނޭ ފިޔަފާޅިގަނޑެއް އަޅައިލާނޭ ލޯނުގަނޑެއް، ނުވަތަ ފޫވެއްޓުނު ފުރާޅުގަނޑު އައުކޮށްލާނޭ ފައިސާކޮޅެއް ރިބާގެ ދަރަންޏަކާވެސް އެކު އެންމެ ކުޑަ މިނުން ނުލިބި ތިބި މީހުންގައި އެޅުވިފައި އެހެރަ ޢުމުރުގެ ދާއިމީ ކަސްތޮޅުވެސް އިސާހިތަކު ނެއްޓޭނެޔޭ، އެހެން ވީމައި ތާއީދު ކުރާށޭ ބުނާ އަޑު އިވިފައިވެސް …އަސްތާ، އެހެން ތާށިވެފައި ތިބި އެތަކެއް ނަޒާހަތްތެރި ނިކަމެތީންވެސް ނިކަމެތި ފިޔަފާޅިތައްވެސް ކޮޅަށް ޖެހުމުގެ އުންމީދު އައުވެގެން އެ އަންނަ ގޮތުން… ހިތް ޝުކުރުން ފުރޭހައި ވެއެވެ!

ދެން އޮތީ މިހުރިހައި ޙަޤީޤީ ކުރިއެރުމަކާއި ތަރައްޤީއަކާއި ތަނަވަސްކަމެއްގެ މުގުލުގައި އޮންނާންޖެހޭ މާލީ ތަނަވަސްކަން ޤައުމަށް ހޯދާނޭ ގޮތަކާ ބެހޭގޮތުން ބައެއް މީހުން ކުޑައިކޮށް އިދިކީލިކޮށް ނަމަވެސް ކޮށްލާ އެ ސުވާލެވެ. ޖަވާބުގައި ދަންނަވަމެވެ. ނޫސްތަކުގެ ސުރުޚީތައް ބައްލަވާ ލައްވާށެވެ. ރާއްޖޭގެ ކަނޑުތަކަށް މަސްފަލަ ގޮދާ އައިންވެސް މީން ދުވަހަކު ތިލަނުވާވަރަށް އަހަރުގެ މިހައިތަނަށް މިރާއްޖެޔަށް ފަތުރުވެރީން އައި ވާހަކަ ނޫސްތަކުން އެހެރީ ފެންނާށެވެ. އެހެން ކަމަށް ވެފައި، އެ ފަތުރުވެރީން މިތަނަށް އަންނަމުން ގެންނަ، ނިސްބަތުން މިހައިރު މަދު ޑޮލަރުކޮޅުގެ އިތުރުން، އެ މީހުން މިތާނގެ އެކި ފެންވަރުގެ އަގުބޮޑު ރިސޯޓުތަކަށް ކޮޓަރިކުލީގެ ގޮތުގައި ސިންކުން، މަހާ ސިންކުން، އަރަބުން، ކަރަބުން ދައްކާ ޑޮލަރުތަކާއި، ޕައުންޑުތަކާއި، ރިޔާލަޔާއި ޕޭސޯޔަށް ދާންދެން ސުވިސް ބެންކުތަކަށް ނުގޮސް މިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން އެތެރެވުމުގެ ހަރުދަނާ ޙިކްމަތުޢަމަލީގެ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދި، ތަންފީޒުވާން ފަށާކަށްވެސް ގިނަދުވަހެއް ދެނެއް ނެތޭ ހިތަށް އަރުވައިލައިފައި، ޝުކުރުވެރިވުން ނޫން އެހެން ގޮތެއް ހަމަ އެބައޮތްތޯއެވެ؟

ދެން ފަހެ، މިދެންނެވިހައި ކަންކަން ޙަޤީޤަތަށް ވެގެން ލޯމައްޗަށް ފެންނަ ދުވަހު އެންމެހައި ދޫތަކުން އަނެއްކާވެސް ކިޔާނީ އެއްކަލަ ކަހަލަ ލަވަޔެއް، އެހެން ނޫންތޯއެވެ؟ ދިވެހި ޅެންވެރީންގެ ގަލަމުން، ދިވެހި ފަންނާނުންގެ އަޑުން އެކަންޏެއް ނޫނެވެ! އެ ދުވަހާއި ޚިލާފަށް، ދިވެހި ފަންނާނުންގެ އަމިއްލަ ރާގުގައިވެސް މެއެވެ. އެ ފަދަ ފާގަތި ރަބީޢެއް ސާބިތުވެ ކަށަވަރުވެގެން، ދެކޭ ހުވަފެނާއި ދައްކާ ހުވަފެން، ކުރެވޭ އުންމީދާއި ކުރުވާ އުންމީދުގެ ދުނިޔެއިން ނިކުމެގެން ޙަޤީޤަތުގެ ދުނިޔެއަށް އައިސް ކުރިމައްޗަށް ހުއްޓިލާ ދުވަހު އެންމެންނަށްވެސް ބުނެވޭނީ ޝުކުރުގެ ކޮޅެނެތްކޮޅަށް ޝުކުރު ހުއްޓޭ، އަޅެ އެހެން ނޫންތޯއެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.