Support Us

ކުރު ވާހަކަ: ފޯނުގެ ރަނގަބީލު

ޚިޔާލު ތަފާތުވެ، ދެ ބަސްވެ، ދުވަސްތަކެއް ވަންދެން، ވާހަކަ ނުދައްކާ ތިބީމެވެ. ދެން، އެއް ރޭ، އެންމެން ނިދައި، ދުނިޔޭގެ މައްޗަށް ހަމަހިމޭންކަން ވެރިވެފައި ވަނިކޮށް، ހަމަ ކުއްލިއަކަށް އަހަރެންގެ ފޯނުގެ ރަނގަބީލުވާން ފެށިއެވެ. ފޯނަށް ބަލާލި އިރު ފޯނުކުރަނީ އަހަރެންގެ ލޯބިވެރިއާއެވެ. އަހަރެންގެ ހިތް ގެންދިޔަ އަހަރެންގެ ދިލްރުބާއެވެ!

ހިތާހިތާ އަހަރެން ބުނީމެވެ. އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ފޯނަށް ޖަވާބު ދޭނީ ހެއްޔެވެ؟ ފޯނު ނަގައި، ސަލާން ގޮވާލުމަށްފަހު، އޭނާ ގާތު ޝަކުވާކުރާނީ ހެއްޔެވެ؟ ނޫނީ ރަނގަބީލުވާން ދޫކޮށްލާފައި ނިދާނީ ހެއްޔެވެ؟

އަހަރެންގެ ހިތް ބުނަނީ މިހެންނެވެ. ފޯނަށް ޖަވާބު ދޭށެވެ! އަދި، އޭނަގެ ގޮތްދޫ ނުކުރުމުގެ މަތިންނާއި އޭނައަށް އަހަރެން ފޮނުވި މެސެޖުތަކާއި އެއާ އަޅާނުލިކަން ވެސް، ހަނދާން ނައްތާލާފައި ލޯބިން އޭނައާ ވާހަކަ ދައްކާށެވެ! އަހަރެންގެ ވެސް ގޮތް ދޫނުކުރުން އެއްކިބާކޮށްފައި، އަހަރެންގެ ދެ އަތް ހުޅުވާލާފައި "އަހަރެންގެ ހިތަށް އަނިޔާދޭ ޒާލިމާއޭ އަހަރެން ކައިރިއަށް އަންނާށޭ" މިހެން ބުނެ، އޭނައަށް މަރުހަބާ ކިޔާށެވެ. އަދި، އެއަށް ފަހު، އަނެއްކާ ވެސް އަހަރުމެންގެ ލޯބީގެ ވާހަކަ ފެށުނު ގޮތުގެ ވާހަކަ ކިޔައިދީ އެކަން އޭނައަށް ހަނދާންކޮށްދޭށެވެ!

ނަމަވެސް، އަހަރެންގެ ގޮތް ދޫނުކުރާ ސިކުނޑި ބުނަނީ އަޅާނުލުމަށެވެ. ފޯނު ނުނެގުމަށެވެ. އޭނާގެ ގޮތް ދޫނުކުރުމާއި، ލޯބިން އެއްޗެއް ބުނާއިރު ވެސް، އޭނާ ވާހަކަ ދެއްކުމުގައި ހަރުކަށިކަމެއް ހުންނަ ކަމާއި، އާތިފީ ޝުއޫރުތައް އޭގެ ގޮތުގައި ފާޅުނުކުރެވޭ ކަން ހަނދާން ކުރުމަށެވެ.

ނަމަވެސް، މި ހުރިހާ ބަހަނާއަކީ ވެސް، އަހަރެންގެ ވެސް ހުންނަ ގޮތް ދޫނުކުރުމުގެ ސިފަ ފެނިގެންދާ ކަމެއްކަން އަހަރެންގެ ހިތް، އަހަރެން ގާތު، ބުންޏެވެ. އަދިވެސް އަހަރެންގެ ހިތް ބުންޏެވެ. ލޯބީގެ މައިދާނުގައި ގޮތް ދޫނުކުރުމަކީ އޮވެގެންވާނޭ ކަމެއް ނޫނެވެ. ލޯބީގެ މައިދާނުގައި، ލޯބީގެ ގޮވުމަށް، އަޑުއަހަން ޖެހޭނީ ހިތް ބުނާ ވާހަކަތަކެވެ. ސިކުނޑި ދައްކާ ބަހަނާތަކެއް ނޫނެވެ. ޝައްކެއް ނެތެވެ: ލޯބީގެ މައިދާނުގައި ސިކުނޑި ބުނާނީ ގޮތް ދޫނުކޮށް ޅެންވެރިޔާ ބުނާހެން މިފަދައިން ބުނުމަށެވެ:

ހިތުގެ މޮޔަކަން އެއީ ތިޔަ މެހެފިލަށް ގޮސް ނޭނގި ވަދެވުނުކަން
ބިމުގެ ހިރަފުސް ކަމަށްވާ އިރު، އުޑާ ހަމައަށް މި ހިތް ދިޔަކަން.

ނަމަވެސް މީގެ ޖަވާބުގައި ހިތުގެ ވާހަކަތައް ޅެންވެރިޔާ ބުނަނީ މިހެންނެވެ:

"ވާހިޔާތެއް މެތޯ ނާ އެ ފެންނަ ނޫރަކީ އާހުގައި އެ ފިޔަ ޖަހާ ތަރިތަކެއްގެ އަސްލަކީ
ގުޅި ކަނޑާ ކޯރު މިލްޖުލް ވަމުން އެ ދާ ގޮތުން ގުޅުވަމުން ހިތާއި ހިތްދާ އެ ފުން ޣަރާމަކީ
ހިތްތަކަށް ފޮނި ނުހަނު ލައްޒަތާ އުފާ ދެމުން ހިތް އެއިން ކަތިލަމުން ޒަޚަމްކުރާ އެ އިޝްގަކީ"

ޝައްކެއް ނެތް ގޮތުގައި ޅެންވެރިޔާ އެބުނަނީ ތެދު ހަގީގަތެކެވެ. އުޑުމަތީ ފިޔަޖަހާ ތަރިތަކުން ފެންނަ އަލި ނޫރަކީ ހަމަ ހަގީގަތެކެވެ. ވާހިޔާތެއް، ޚިޔާލެއް، ނޫނެވެ. އެހެންވެ، ހިތާއި ހިތް ގުޅުވާ އެ ގުޅުވުމަކީ، އެއަށް ކޮންމެ ނަމެއް ކީކަމުގައި ވިޔަސް، ވާހިޔާތެއް ނޫނެވެ. ހަގީގަތެއް ނެތް ޚިޔާލަކަށް އެ ނުވެއެވެ. އަދި ކިއެއް ހެއްޔެވެ؟ އެއީ ހަމަ ހަގީގަތެކެވެ. އެހެން ކަމަށްވާ އިރު، ސިކުނޑިގެ ވާހަކަތައް އަޑުނާހައި ހިތް ގޮވާ ގޮވުމަށް އިޖާބަދީ ނަފްސު ދީލާލާން ޖެހެއެވެ.

ދެން، މަޑުމަޑުން އޮވެ، ފޯނަށް އޭނާ ޖަވާބު ދިނެވެ.