Support Us

ފަލަސްޠީނާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގި އެއަރލައިން- މޯލްޑިވްސް އެއަރވޭޒް

ފަަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ދިވެހި ސަރުކާރާ ގުޅިގެން 1984 އިން 1986 އަށް ރާއްޖޭން ވަނީ "މޯލްޑިވްސް އެއަރ ވޭޒް"ގެ ނަމުގައި އެއާލައިނެއް އޮޕަރޭޓްކޮށްފަ އެވެ. އޭރު ޕީއެލްއޯގެ ލީޑަރަކީ އައްސައްޔިދު ޔާސިރު ޢަރަފާތެވެ. އެމަނިކުފާނު ވަނީ 1984 ގައި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.

މޯލްޑިވްސް އެއަރވޭޒުގައި ދުއްވާފައި ވަނީ އެމެރިކާގައި އުފައްދާފައިވާ ޑަގްލަސް ޑީސީ-8 ގެ ދެ މަތިންދާބޯޓެވެ. އޭރު ދިވެހި ސަރުކާރުގެ އެއަރލައިން ކަމަށްވާ އެއަރ މޯލްޑިވްސްގައި އޮތީ ޝޯޓް ސްކައިވޭން މަރުކާގެ ކުޑަ އެންމެ ބޯޓެކެވެ.

މޯލްޑިވްސް އެއަރވޭޒް ހިންގީ އޭރު ފަލަސްތީނުގެ ސިވިލް އޭވިއޭޝަންގެ ވެރިއަކަށް ހުންނެވި ފާއިޒް ޒައިދާން އިސްކޮށް ހުންނަވައިގެންނެވެ. މޯލްޑިވްސް އެއަރވޭޒްގެ އިތުރުން ޕީއެލްއޯއިން ރާއްޖޭގައި ރިސޯޓެއް ވެސް ހިންގިއެވެ.

ހުޅަނގުގެ ބައެއް ޤައުމުތަކުން މި އެއާލައިން ސިފަކުރީ ޕީއެލްއޯގެ ސިއްރު ހަރަކާތްތަކުގެ ފަރުދާއެއްގެ ގޮތުގައެވެ. މޯލްޑިވްސް އެއަރވޭޒުގެ މަތިންދާބޯޓުތައް އޮޕަރޭޓްކުރި ދެ އަހަރު ތެރޭގައި އާންމުކޮށް ދަތުރުކުރި އެއް މަންޒިލަކީ ދުބާއީ (ޔޫއޭއީ) އެވެ.

ޕީއެލްއޯ އާއި ދިވެހި ސަރުކާރާ ގޮތް ގުޅުންތައް ބޮޑު ކަންތައްގަނޑަކަށް ހަދައި އެ ވާހަކަ ފެތުރީ ޖަރުމަނުވިލާތުންނެވެ. މޯލްޑިވްސް އެއަރވޭޒާއި ޓޫރިސްޓް ރިސޯޓުގެ ވާހަކަ ބިރުވެރި ކަމަކަށް ހަދައި ޖަރުމަނުގެ ނޫސްތަކުން ރިޕޯޓުކުރަންފެށިއެވެ. އޭރު ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަންފެށި ނޭދެވޭ އަސަރުތަކާއެކު 1986 ވަނަ އަހަރު މި އެއަރލައިން ހުއްޓާލައި 1987 ވަނަ އަހަރު ދެ ބޯޓު ވިއްކާލީއެވެ.

މޯލްޑިވްސް އެއަރވޭޒަކީ ގުދުސް މިނިވަންކުރުމަށް މަސައްކަތް ކުރަމުންދިޔަ ޕީއެލްއޯއަށް ފަންޑު ހޯދައިދިނުމަށް ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި މި ކުޑަކުޑަ ދިވެހިރާއްޖެއިން ނެގި ޖެހިލުންކުޑަ އިސްނެގުމެކެވެ.

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މަޢުލޫމާތާއި ފޮޓޯތައް:

އޭވިއޭޓަރސް މޯލްޑިވްސް (2019)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *