Support Us

ކުރު ވާހަކަ: ދޮން ދެމަފިރިއަކަށް ލިބުނު ހަމުގެ ކުލަ ތަފާތު ކުއްޖެއްގެ ވާހަކަ

މިވާހަކައަކީ ވަރަށް އިހުގެ ވާހަކައެކެވެ. މިހާރުގެ ވާހަކައެއް ނޫނެވެ. އިހުގައި ހިނގައި ދިޔަ ހާދިސާއަކާ ބެހޭ ވާހަކައެކެވެ. މިޒަމާނުގައި ހިނގާފާނެ ހާދިސާއަކާ ބެހޭ ވާހަކައެއް ނޫނެވެ!

އިހުގެ މިވާހަކައިގެ ބަތަލަކީ ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރީގައި އަވަދިނެތި އުޅެން ޖެހިފައިވި ވިޔަފާރިވެރިއެކެވެ. އަދި، ވަރަށް ގިނައިން އޭނާގެ ރާއްޖެއިން ބޭރަށް ދަތުރުކުރަން ވެސް ޖެހުނު ވިޔަފާރިވެރިއެކެވެ. އޭނާއަށް އުޅެން ޖެހިފައި އޮތް އަވަދިނެތި ދިރިއުޅުމުގެ ސަބަބުން، އޭނާގެ އަންހެނުންނާ އަޅާލަންވާ ވަރަށް އަޅާނުލެވެއެވެ. އެކަމާ ޚުދް އޭނާ ވެސް އިއުތިރާފުވެއެވެ.

މި ގޮތުގައި ދެމަފިރިންގެ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް، ވިޔަފާރިވެރިޔާއަށް ދެކުނު އެފްރިކާއަށް ވިޔަފާރި ދަތުރެއްގައި ދާން ޖެހިއްޖެއެވެ. މިފަހަރު، ވިޔަފާރިވެރިޔާ ގަސްދުކުރީ އަންހެނުން ވެސް ގޮވައިގެން ދާށެވެ. އޭނާއަށް އިތުރުކަމެއް ކޮށްލަދީ ހިތް ހަމަޖައްސާލަދިނުމުގެ ގޮތުން، އެފްރިކާ ދައްކާލުމުގެ ބޭނުމުގައި ވެސް މެއެވެ.

ދެމަފިރިން އެކުގައި ދެކުނު އެފްރިކާއަށް ދިޔައެވެ. ނަމަވެސް، ފިރިމީހާއަށް އުޅެންޖެހުނީ އޭނާގެ ވިޔަފާރީގެ މަސައްކަތުގައެވެ. އަންހެންނުންނަށް އަޅާލައި އޭނާ ގޮވައިގެން ތަންތަން ބަލާލަން ދެވޭ ގޮތެއް ނުވިއެވެ. ދެން، އަންހެނުން ފޫހިވެ، އެމީހުން ތިބޭ ގޭގެ ބެލްކަނީއަށް ނިކުމެ ކުޅިބަލަން އިނދެއެވެ. މަގުމަތީގައި ހިނގާބިނގާ ކަންތައްތައް ބަލައި ފޫހިފިލުވިއެވެ. އެހެން، އެކަނި ކުޅިބަލަން އިންނައިރު، މަގުމަތިންދާ ޒުވާން ރީތި ފިރިހެނުން ވެސް ފެނެއެވެ. އަދި، ބައެއް ފަހަރު، ސަލާން ގޮވާލައި ހާލުއަހުވާލު ބަލައިލައި ހަދައި، ބައެއް މީހުންނާ ރަށްޓެހިކަން ވެސް އުފެދުނެވެ.

ކޮންމެ އަކަސް ވިޔަފާރިވެރިޔާގެ ދަތުރު ނިންމައި، ދެމަފިރިން އެކުގައި އެމީހުންގެ ރާއްޖެއަށް އެނބުރި ދިޔައެވެ. ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އަންހެނުން ބަލިވެ އިންކަން އެނގިއްޖެއެވެ. މިކަމާ ދެމަފިރިން ވެސް އިންތިހާއަށް އުފާކުރިއެވެ. އަލަތު ދަރިއެއް ލިބެން އުޅޭތީވެ އެކަމުގެ އުފަލެވެ.

ދުވަސްފުރައި، ވަރަށް ލޯބިލޯބި ފިރިހެން ދަރިއަކު ދެމަފިރިންނަށް ލިބުނެވެ. ދެމަފިރިންނަކީ ވެސް ވަރަށް ވެސް ދޮން ދެމީހުން ކަމުގައިވީ އިރުވެސް، ދަރިފުޅުގެ ހަމުގެ ކުލަ، ދެމަފިރިންނާ ވަރަށް ވެސް ތަފާތެވެ. ދަރިފުޅުގެ ހަމުގެ ކުލައޮތީ ގަދަ މުށިކުލައިގައެވެ. ކޮންމެއަކަސް، ފިރިމީހާ ދުށް ގޮތުގައި މިއީ އެއްވެސް މައްސަލައެއް ނޫނެވެ. އެދަމަފިރިންގެ ކާބަފައިންގެ ތެރޭގައި ހަމުގެ ކުލަ އެހާ އަލި ނޫން މީހަކުވެސް ހުރެދާނެތީއެވެ. އެހެން ނަމަވެސް، ސަމާސާކޮށްލުމުގެ ގޮތުން، ފިރިމީހާ، އަންހެނުން ކުރެން އަހާލިއެވެ.

"އަހަރުމެންގެ ދަރިފުޅުގެ ހަމުގެ ކުލަ އަހަރުމެންގެ ހަމުގެ ކުލައާ ތަފާވީ އަޅެ ކީއްވެ ބާވައޭ އަހަރެންގެ ހިތަށް އަރައެވެ. މި ސުއާލުގެ ޖަވާބުގައި އަންހެނުން ބުންޏެވެ. "އެކަން ގުޅެނީ މާތްރަސްކާލނގެ ކުޅަދުންވަންތަކަމާއި އަދި އެކަލާނގެ ދީލަތިވަންތަކަމާއެވެ. އަހަރުމެން ދެކުނު އެފްރިކާގައި އުޅުނު އިރު، ވަރަށް ވެސް ރީތި ޒުވާން ފިރިހެން ކުދިން އަހަރުމެން ތިބި ގޭގެ ކުރިމަތިން ދާތަން އަހަރެން ދުށީމެވެ. އަދި، އެކުދީންގެ ކުލަ އަހަންނަށް ވަރަށް ވެސް ރީތިވިއެވެ. ދެން، އަހަންނަށް އެދެވުނީ އެފަދަ ރީތި ކުލައެއްގެ ކުއްޖަކު އަހަންނަށް ލިބުމަށެވެ. ކުޅަދުންވަންތަ، ދީލަތިވަންތަ މާތްރަސްކަލާނގެ އަހަރެންގެ އެދުން ފުއްދަވައިފިއެވެ." އަނބިމީހާގެ މި ޖަވާބު އަޑުއަހައި ފިރިމީހާ ވަރަށް އުފާވިއެވެ. އޭނާ ދުށްގޮތުގައި މިކަމުން އެނގެނީ އޭނާގެ އަންހެނުންނަކީ ވަރަށް ވެސް ބަރަކާތްތެރި އަންހެނެއްކަމުގައެވެ.

ކޮންމެއަކަސް، މާ ގިނަ ދުވަސްތަކެއް ނުވެ، ފިރިމީހާގެ މަންމަ އުޅޭ ރަށަށް ޒިޔާރަތެއް ކޮށްލަން ނިންމެއެވެ. ފިރިމީހާގެ މަންމަ އޭނާގެ ފުރަތަމަ މާމަ ދަރިފުޅު ދެކޭ ހިތުން ހުންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ފިރިމީހާގެ އަވަދިނެތި ދިރިއުޅުމުގެ ސަބަބުން އެދަތުރު ނުކުރެވިފައި އޮތީއެވެ.

ދެ ދުވަހުގެ ދަތުރަކަށް ފަހު، މާމަގެ ރަށަށް، ކުޑަކުޑަ އާއިލާއަށް ދެވުނެވެ. މާމައަށް ދަރިފުޅު ފެނުމުން އުފަލުން ރޮވުނެވެ. އެހެން ވިޔަސް، މާމައަށް ވެސް ދަރިފުޅުގެ ހަމުގެ ކުލައިގައި އަޅައިގަތެވެ. އެ ކުލަ ގޯސްވެގެންނެއް ނޫނެވެ. ނަމަވެސް، ކަންކަން ވާން ދިމާވާ ސަބަބުތައް ހޯދުމަކީ އިންސާނީ ތަބީއަތުގައި ލެއްވިފައިވާ ކަމަކަށް ވާތީއެވެ. ކޮންމެއަކަސް، މާމަވެސް މާމަގެ ފިރިހެން ދަރިފުޅު ގާތު މާމަގެ މާމަ ދަރިފުޅުގެ ކުލަ ތަންކޮޅެއް އަނދިރިވާންވީ ކީއްވެގެން ބާވައޭ މާމަގެ ހިތަށް އަރާ ވާހަކަ ބުންޏެވެ. ދެން އެކަންވީ ކިހިނެއް ކަން، ދަރިފުޅުގެ އަންހެނުން ކިޔައިދިން ގޮތަށް އޭނާގެ މަންމަ ގާތު ބުންޏެވެ. އަންހެނުންގެ ކުރިމަތިން ހިނގި ރީތި ކަޅު ފިރިހެނުން ފެނި، އެފަދަ ކުއްޖަކަށް އަންހެނުންނަށް އެދެވުމުން، އެކަން މިންވަރުކުރެވިގެން ދިޔަ ވާހަކަ މަންމަ ގާތު ބުންޏެވެ.

މަންމަ ކުޑަކޮށް މަޑުޏޤ އިނދެ ވިސްނާލުމަށް ފަހު ބުންޏެވެ. "ތި ވާހަކަ ބުނުމުން މަންމައަށް ވެސް އެއްޗެއް ހަނދާން ވެއްޖެއެވެ. ދަރިފުޅަށް މަންމަ ބަލިވެއިން ދުވަސްވަރު، މަންމައާއި ބައްޕަ އުޅުނީ ގޮވާންކޮށް ދަނޑު ހެއްދުމުގައެވެ. މަންމަމެންގެ ދަނޑު ކައިރީ ވަރަށް ގިނަ ހިމާރު އުޅުނެވެ. އަދި އެ ހިމާރުތައް އަބަދު ފެންނަން ފެށުމުން މަންމައަށް ވެސް ހިމާރެއް ލިބުމުގެ އެދުން މަންމަގެ ހިތުގައި އުފެދުނެވެ. މަންމަގެ އެދުން ފުދި ދިޔަކަން މިއަދު އެނގިއްޖެއެވެ."