Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ގައުމުގެ ލޮބުވެތި ޒުވާން ދަރީންނޭވެ!

ގައުމުގެ ލޮބުވެތި ޒުވާން ދަރީންނޭވެ! ތިޔައިން ކޮންމެ ކުއްޖަކީވެސް މިހާރު ނުވަތަ މާދަމާ ޅަދަދަރީންގެ ބަފައިންނެވެ. ނުވަތަ މަންމައިންނެވެ. އެހެން ކަމަށްވާތީ، އެ ޅަދަރީންނީ ގައުމަށާއި އެ ދަރީންގެ ދުނިޔެވީ އަދި އުޚުރަވީ ޙަޔާތަށްޓަކައި ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ބިނާ ކުރެވިފައިވާ ދަރީންނަށް ހެދުމުގެ މަސްއޫލިއްޔަތު އުފުލާން ތިބީ ތިޔަ ކުދީންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާން އެބަ ޖެހެއެވެ.

ތިޔަ ކުދީންނީ، ހެޔޮ މައިންބަފައިންނަށް ވެގެން މެނުވީ ތިޔަ ކުދީންގެ ޅަދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ބިނާއެއް ނުކުރެވޭނެއެވެ! އެކަން ކުރެވޭކަށް ނުވެސް އޮންނާނެއެވެ! އެހެންކަމުން، ތިޔަ ކުދީން ވިސްނާންވީ، މުހިއްމު ނުކުތާއެއްގެ މައްޗަށް އިރުޝާދީ ނަޒަރަކުން ނަސޭހަތެއްދީ އަބަދުމެ ހޭވެރިވާންވީ ނުކުތާއެއް ހާމަކޮށް ހަނދާންކޮށްލައި ދޭނަމެވެ.

އޭތް! ގައުމުގެ ޒުވާން ދަރީންނޭވެ! ދުނިޔެވީ ހަޔާތުގައި ތަނަވަސް ހާލަތާއި ދަތި ހާލަތުތައް ކުރިމަތިވުމަކީ، ދުނިޔެވީ ތޮބީއަތެކެވެ. އެކަން ތިޔަ ކުދީންވެސް ހަމަ ރަނގަޅަށް ދަންނާނެއެވެ. އެހެންވީމާ، އެފަދަ ދަތި ހާލަތެއްގައި ހަމަމަގުން ތިޔަ ކުދީންގެ ފައިތިލަތައް ކައްސައިލިޔަ ދީގެނެއް ނުވާނެއެވެ.

އެފަދަ ވަގުތު ތަކަކީ، އެ އެކުވެރީންގެ ހަގީގަތް ތިޔަ ކުދީންނަށް ފޮރުވިފައި އޮތްނަމަވެސް، ނުރަނގަޅު ފިކުރުގެވެރި އެކުވެރީންނާއި، ތިޔަ ކުދީންގެ ޒަމީރުގެ ހެއްލުންތެރި ނުބައި ވަސްވާސްތައް، ތިޔަ ކުދީންނަށް ބާރު އަޅައިގެން ނުރަނގަޅު ކަމެއް ކޮށްގެން ތަނަވަސްކަން ހޯދިދާނެކަމަށް، ހުވަފެންތައް ދައްކައިގެން، ކޮންމެވެސް ނުބައި ކަމެއް ކުރުމުގެ މައްޗަށް ތިޔަ ކުދީން ލަންބައިލައިގެން ގެންގޮސް ފުން އަނދަވަޅަކަށް ތިޔަ ކުދީން ވައްޓައިލައި، ތިޔަކުދީން ބިނާކުރަމުން ގެންދާ ހަޔާތް (ލައިފް) ހަލާކުކޮށްލާން އެންމެ ފުރުސަތު ފަހި ދަނޑިވަޅުތަކެވެ!

އެހެނަސް، ކަން ހުންނާނީ އެހެންނަކުންނެއް ނޫނެވެ! ނުރަނގަޅު ކަމަކުން ހޯދޭނީ ތަނަވަސްކަމެއް ނޫނެވެ. އެފަދަ ކަންކަމުން، ހަގީގަތުގައި ތިޔަ ކުދީން ވެއްޓޭނީ ޢުމުރަށްވެސް އެއިން ސަލާމަތް ނުވެވޭނޭ ފުން އަނދަވަޅު ތަކަށެވެ.

އެހިނދު، ތިޔަ ކުދީންގެ ދަރީންނަށް މަގުދައްކައި ތަރުބިއްޔަތު ކުރުމަށް، އެ ދަރީންގެ ގާތުގައި ހުރުމުގެ ފުރުޞަތު ތިޔަ ކުދީންނަށް ދާއިމަށްހެން ގެއްލުމުގެ ފުރުސަތުވެސް ބޮޑުވާނެކަން ދަންނާން ވާނެއެވެ.

ޅެންވެރިޔަކު ކިޔުއްވާފައިވަނީ ހަގީގަތުގައިވެސް ހަމަ ތެދެކެވެ!

"ވިސްނުމެއްނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގައި

ގިސްލަމުން ހިތި ކަރުނަ އޮހޮރަން ޖެހިދެޔޭ އުމުރަށް މުޅީން"