ފާޅުވާ ހިނދުގައި ހަނދުން ހުޅެވީގެ އަލިކަން ރޯޝަނީ
ފާޅުކޮށް އެއް އުއްމަތެއްކަން މުސްލިމުންނީ ވަކިވަނީ
ހިތްވަރާ ހެތްތެރިކަމާ އިސްކޮށް ނަފުސު ހިފަހައްޓަމުން
ހިތް އެދޭ އެދުމަށް ނުލެނބި ތިބެ ރޯދަ ފުރިހަމަ ކޮށްލަނީ
ރުއްސެވުން ރައްބީގެ އެދިގެން ފާފަތައްއެކި ހަނދުމަކޮށް
ފުއްސެވުން އެދި ދެރަވެ އިސްތިޣުފާރުކޮށް ގިސްލާ ރޮނީ
ފުރުޞަތަށް ލިބިގެން އައިސް ބައްދަލުކުރާ މައްސަރުގެ މާތް
ޙުރުމަތެއް ކެނޑިދާނެ ކަމަކާ ކައިރިނުވެ އުޅެމުންދަނީ
ފޯރުވައި ދީލަތިކަމުގެ އަތް ނިކަމެތީންނަށް ރަޙުމުގައި
ކޯރުގައި ފެންގަނޑު ދެމޭހައި ހިތްތަކެއް ދީލަތިވަނީ
ތަދު ހިތަށް ވެރިވޭވެ އެހެނަސް ހުރި ޒަޚަމެކޭ ވޭން ލިބޭ
އަދު ފަލަސްޠީނުގެ އަޚުން އުޚުތުންގެ ޙާލަތުގައިވަނީ
ނަޞްރު ދެއްވުން އެދި ފަލަސްޠީނަށް ދުޢާގައި ޚާއްޞަކޮށް
މައްސަރުގެ މަތިވެރި ވަގުތުކޮޅު ވޭތުކުރުމޭ ހެޔޮވަނީ