Support Us

ކޮވިޑާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު މިނިސްޓަރު އަމީން ރައީސުލްޖުމްހޫރިއްޔާ އަށް އަރުއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ގޮތެއް ނިންމާނީ އޮޑިޓް ރިޕޯޓް ދިރާސާކޮށްފައި، އަދި އޮޑިޓް ރިޕޯޓު ނުލިބޭ: ރައީސް ސޯލިހު

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ހޯދުމުގައި މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ މަސައްކަތްތަކުގައި، އޮޅުވާލުމާއި މަކަރު ހަދައިފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވައިިވާ މައްސަލައިގައި ހެލްތު މިނިސްޓަރުކަމުން އަބްދުﷲ އަމީން ވަކިކުރެއްވުމާ މެދު ގޮތެއް ނިންމަވާނީ އޮޑިޓް ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

"އޮޑިޓް ރިޕޯޓް ދިރާސާކޮށްފައި (ގޮތެއް) ނިންމާނީ. އަދި އޮޑިޓް ރިޕޯޓު ނުލިބޭ،" "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރަންސް" ކަމަށެވެ.

ވެންޓިލޭޓަރުތަކާ ބެހޭ އޮޑިޓް ރިޕޯޓުގައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57,193,156ރ. ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި މަކަރާއި އޮޅުވާލުން ހިމެނޭކަން ފާހަގަކޮށް، އެކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އަންގަވާފައިވެ އެވެ.

ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގައި ވަނީ ތިރީގައި މިވާ ކުންފުނިތަކާ އެކު މުއާމަލާތް ހިންގުމުގަ އެވެ.

    • 1،213،665ރ. އަށް 4 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް ނާޑް ޕްރައިވެޓް ލިމިޓެޑަށް
    • 14،445،700ރ. އަށް 50 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
    • 7،031،541ރ. އަށް 20 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް ނާޑް ޕްރައިވެޓް ލިމިޓެޑަށް
    • 34،502،250ރ. އަށް 65 އައިސީޔޫ ވެންޓިލޭޓު އަދި – 10 ޕޯޓަބަލް ވެންޓިލޭޓަރ ގަތުމަށް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) އަށް

 

މީގެ ތެރެއިން ޑުބާއީގެ ކުންފުނިން ވެންޓިލޭޓަރު ގެންނަނީ، އެ ތަނަކީ ޑަބްލިއު.އެޗް.އޯގެ ލަފާގެ މަތިން، ޑަބްލިއު.އެޗް.އޯ ރެކޮމެންޑް ކޮށްގެން ކަމަށް ތަކުރާރުކޮށް ހެލްތު މިނިސްޓްރީން ދިޔައީ ބުނަމުންނެވެ. އަދި އެގޮތަށް ރައްޔިތުންގެ މަޖިލީހަށާއި ފިނޭންސް މިނިސްޓްރީ އަށް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ފަރާތަކީ ޑަބްލިއު.އެޗް.އޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫން ކަމަށާއި ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ޙިއްޞާކޮށްފައިނުވާ ކަމަށް ޑަބްލިއު.އެޗް.އޯ އިން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިއަދު ނެރުއްވާފައިވާ 27 ސަފުހާގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މިނިސްޓަރު އަމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
312
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މެޑްޓެކް މީ ކާކުގެ ކުންފުންޏެއްތޯ ބަލާލަބަ؟ ވެބްސައިޓްގަނޑުވެސް އޮތީ ރޮލާ އިނގޭތޯ. ޔަގީން މީ ޖަރީމާކުންފުންޏެއްކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *