Support Us

މިނިސްޓަރ އަމީން: ކޮވިޑްގެ ހާލަތު ރަނގަޅުވުމާއި ގޯސްވުން އޮތީ އާއްމުންގެ އަތްމަތީގައި

ވެންޓިލޭޓަރުތައް ހޯދުމުގައި މުޅިންވެސް އޮޅުވާލުމާއި ކޮރަޕްޝަން

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ހޯދަން މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ މަސައްކަތްތަކުގައި، އޮޅުވާލުމާއި މަކަރު ހަދައިފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް ޖުމްލަ 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ވަނީ ޙަވާލުކުރައްވައިފަ އެވެ. އެއީ:

1،213،665ރ. އަށް 4 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް ނާޑް ޕްރައިވެޓް ލިމިޓެޑަށް
14،445،700ރ. އަށް 50 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
7،031،541ރ. އަށް 20 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް ނާޑް ޕްރައިވެޓް ލިމިޓެޑަށް
34،502،250ރ. އަށް 65 އައިސީޔޫ ވެންޓިލޭޓު އަދި – 10 ޕޯޓަބަލް ވެންޓިލޭޓަރ ގަތުމަށް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) އަށް

ތިރީގައި މިވަނީ މި ކަމާ ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިއަދު ނެރުއްވާފައިވާ 27 ސަފުހާގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މުހިންމު ނުކުތާތަކުގެ ހުލާސާއެކެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަކީ ޑަބްލިއު.އެޗް.އޯ އާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން

  • އެ ފަރާތަކީ ޑަބްލިއު.އެޗް.އޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫން.
  • ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ޙިއްޞާކޮށްފައިނުވާ ކަމަށް ޑަބްލިއު.އެޗް.އޯ އިން މަޢުލޫމާތު ދީފައިވޭ.
  • އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ޤާބިލްކަން ވަޒަންނުކޮށް، އެ ފަރާތަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ، އެ ފަރާތަކީ ޑަބްލިއު.އެޗް.އޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާ ގޮތަށް، މިނިސްޓްރީ އޮފް ހެލްތުގެ ލިޔެކިއުންތަކުގަ އާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވޭ. އެއީ މިނިސްޓްރީ އޮފް ފިނޭންސް، ރައްޔިތުންގެ މަޖްލީހަށް ފޮނުވާފައި ހުރި ލިޔެކިއުންތައް.
  • ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ މި މަސައްކަތް ޙަވާލުކުރުމުގެ ހުއްދައަށް އެދި، މިނިސްޓްރީ އޮފް ހެލްތުން، މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވި ސިޓީގައި، އެ ކުންފުންޏަކީ ޑަބްލިއު.އެޗް.އޯގެ މަޝްވަރާގެ މަތިން، އެ އިދާރާގެ އެމަޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައި ކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް ބަޔާންކޮށްފައިވޭ
  • މިނިސްޓްރީ އޮފް ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް 1 އޭޕްރީލް 2020 ގައި ފޮނުވި މެމޯގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ހޮވާފައި ވަނީ، މިނިސްޓަރ އޮފް ހެލްތާއި ޑަބްލިއު.އެޗް.އޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި، ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުންޏެއްގެ ގޮތުގައި، މި ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީ-މެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވޭ.
  • މަތީގައިވާ ނުކުތާގައި ބަޔާންކުރާ އީ-މެއިލަކީ ޑަބްލިއު.އެޗް.އޯގެ ކަންޓްރީ އޮފީހުގެ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރ 31 މާރިޗް 2020 ގައި މިނިސްޓްރީ އޮފް ހެލްތުގެ ފައިނޭންސް އެގްޒެކެޓިވްއަށް ފޯވާރޑްކޮށްފައިވާ އީ-މެއިލެއް. ފޯވާރޑްކޮށްފައިވާ އީ-މެއިލްގެ އަސްލަކީ، ޑަބްލިއު.އެޗް.އޯގެ ކަންޓްރީ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޑަބްލިއު.އެޗް.އޯގެ ކަންޓްރީ ރެޕްރެޒެންޓެޓިވްއަށް ފޮނުވާފައިވާ އީ-މެއިލެކެވެ. މި އީ-މެއިލްގައި ވަނީ، Dr Tuckmachy ނަމަކަށް ކިޔާ ފަރާތަކުން ފޮނުވާފައިވާ ކަމަށް ބުނާ ވެންޓިލޭޓަރުތަކެއްގެ މަޢުލޫމާތު. މި މުޢާމަލާތް ފިޔަވައި، އިތުރު އެއްވެސް ލިޔެކިއުމެއް ޑަބްލިއު.އެޗް.އޯގެ ކަންޓްރީ އޮފީހާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ވެންޓިލޭޓަރު ހޯދުމާގުޅޭ ގޮތުން ބަދަލުކުރެވިފައި ނުވޭ
  • 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމާމެދު ގޮތެއް ނިންމުމަށް، 1 އޭޕްރީލް 2020 ގައި ބޭއްވުނު މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ ޔައުމިއްޔާގައި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ ހޮވާފައި ވަނީ ޑަބްލިއު.އެޗް.އޯ. އިން ދީފައި ހުރި ކުންފުނިތަކުގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވޭ. އަދި ބިޑް ކޮމިޓީގެ ޗެއަރ، ކޮމިޓީގެ ޖަލްސާ ކުރިއަށް ދަނިކޮށް، ޑަބްލިއު.އެޗް.އޯގެ ރާއްޖޭގެ ކަންޓްރީ އޮފީހުގައި މަސައްކަތްކުރާ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރަށް ފޯނުން ގުޅައި ވެންޓިލޭޓަރުތަކުގެ ލިސްޓެއް އޮންނާނެތޯ އާއި، މި ލިސްޓް ހޯދާފައިވާ ގޮތް އޮޅުންފިލުވިކަމަށާއި، މި ކަމާއި ގުޅިގެން ޑަބްލިއު.އެޗް.އޯގެ ރާއްޖޭގެ ކަންޓްރީ އޮފީހުގައި މަސައްކަތްކުރާ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރު، ޑަބްލިއު.އެޗް.އޯ އިން ވެންޓިލޭޓަރުތަކުގެ ލިސްޓެއް ދެއްވި ކަމަށް މަޢުލޫމާތު ދިން ކަމަށާއި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަކީ، ޑަބްލިއު.އެޗް.އޯ އަށް އެ ފަރާތަކުން ވެންޓިލޭޓަރު ފަދަ ތަކެތި ގަންނަ ފަރާތެއްކަން އަންގައިދިން ކަމަށް ބިޑްކޮމިޓީގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވޭ
  • މިނިސްޓްރީ އޮފް ހެލްތުން 28 އޭޕްރީލް 2020 ގައި ރައްޔިތުންގެ މަޖްލީހަށް ފޮނުވި ސިޓީގައި، 75 ވެންޓިލޭޓަރު ހޯދުމަށް ދިވެހިރާއްޖޭގެ ޑަބްލިއު.އެޗް.އޯގެ ކަންޓްރީ އޮފީހާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑަބްލިއު.އެޗް.އޯގެ ކަންޓްރީ އޮފީސް މެދުވެރިކޮށް އަގު ބެލިކަމަށް ބަޔާންކޮށްފައިވޭ
  • އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަކީ ޑަބްލިއު.އެޗް.އޯގެ ރިކޮމެންޑެޑް ސަޕްލަރޔަރެއްކަން ބަޔާންކޮށް، ޑަބްލިއު.އެޗް.އޯ އިން ދީފައިވާ އެއްވެސް ލިޔުމެއް މިނިސްޓްރީ އޮފް ހެލްތުގައި ނެތްކަން ފާހަގަކުރެވޭ
  • މާރިޗް މަހުގެ މެދުތެރޭގައި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގައި ބޭއްވުނު ބައްދަލުވުމެއްގައި، މިނިސްޓަރ އޮފް ހެލްތް، ޑަބްލިޔު.އެޗް.އޯގެ ކަންޓްރީ ރެޕްރެސެންޓެޓިވްގެ އަރިހުގައި، ވެންޓިލޭޓަރު ހޯދުމަށް ދަތިވެފައިވާ ކަމާއި، މިކަމުގައި އެހީތެރިކަމަށް އެދިފައިވާތީ، ޕްރޮފެޝަނަލް ކޮންޓެކްޓްސް މެދުވެރިކޮށް، ހޯދުނު ފަރާތެއްގެ މަޢުލޫމާތު ޑަބްލިއު.އެޗް.އޯގެ ކަންޓްރީ ރެޕްރެސެންޓެޓިވް ދީފައިވޭ
  • އަދި މި މަޢުލޫމާތު މިނިސްޓަރާ ޙިއްޞާކޮށްފައި ވާނީ ނުރަސްމީ ހައިސިއްޔަތަކުން ކަމާއި، ޑަބްލިއު.އެޗް.އޯ އިން އެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާ ކަމަށް ދިވެހިރާއްޖޭގައި ހުންނަ، ޑަބްލިއު.އެޗް.އޯގެ ކަންޓްރީ އޮފީހުން ބުނޭ.
  • ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ސަޕްލަޔަރުންގެ ލިސްޓެއް މިނިސްޓްރީ އޮފް ހެލްތާ، ޑަބްލިއު.އެޗް.އޯ އިން ޙިއްޞާކޮށްފައި ނުވާ ކަމާއި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ހިމެނޭ ގޮތުން، ވަކި ފަރާތަކުން ވެންޓިލޭޓަރު ގަތުމަށް ޑަބްލިއު.އެޗް.އޯ އިން މިނިސްޓްރީ އޮފް ހެލްތަށް އިރުޝާދުދީފައި ނުވާ ކަމަށް ދިވެހިރާއްޖޭގައި ހުންނަ، ޑަބްލިއު.އެޗް.އޯގެ ކަންޓްރީ އޮފީހުން ބުނޭ.
  • ޑަބްލިއު.އެޗް.އޯގެ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރ މަޢުލޫމާތު ދިންގޮތުގައި، މިނިސްޓްރީގެ ބިޑް ކޮމެޓީން މަޢުލޫމާތު ހޯދުމަށް ގުޅުމުން، އެ ފަރާތަކީ އެ ފަދަ ކޯލެއްގައި ބައިވެރިވާން އެންމެ އެކަށީގެންވާ ފަރާތް ނޫން ކަމަށާއި، ފައިނޭންސް އެގްޒެކެޓިވްއަށް ފޯވަރޑްކޮށްފައިވާ އީ-މެއިލްގައިވާ ފަރާތާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނޭނގޭ ކަމަށާއި، އޭގައިވާ ވެންޓިލޭޓަރުތަކަކީ ޑަބްލިއު.އެޗް.އޯ މެދުވެރިކޮށް ގަންނަ ވެންޓިލޭޓަރުތަކެއް ނޫން ކަމަށާއި، ޑަބްލިއު.އެޗް.އޯ އިން ރެކޮމެންޑްކުރާ ވެންޓިލޭޓަރުތަކެއް ނޫން ކަމަށް ބިޑް ކޮމިޓީއަށް މަޢުލޫމާތު ދިންކަމަށް ބުނޭ.
  • މަތީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކަށް ރިއާޔަތްކުރާއިރު، ޑަބްލިއު.އެޗް.އޯ.އިން އެއްވެސް އިރެއްގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއާއެކު، ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާކަން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެއްވޭ.
  • ޑަބްލިއު.އެޗް.އޯ ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް ޑަބްލިއު.އެޗް.އޯ އިން މިނިސްޓްރީ އޮފް ހެލްތާ ޙިއްޞާކޮށްފައި ނުވާކަން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެއްވޭ.
  • އަދި ޙިއްޞާކޮށްފައި ވަނީ، ޑަބްލިއު.އެޗް.އޯގެ ކަންޓްރީ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޑަބްލިއު.އެޗް.އޯގެ ކަންޓްރީ ރެޕްރެޒެންޓެޓިވްއަށް ފޮނުވާފައިވާ ވެންޓިލޭޓަރުތަކެއްގެ މަޢުލޫމާތު ހިމެނޭ އީ-މެއިލެއްކަމާއި އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިއު.އެޗް.އޯ އިން ރެކޮމެންޑްކުރި ފަރާތެއް ނޫންކަން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެއްވޭ.
  • މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ ޔައުމިއްޔާގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަކީ، ޑަބްލިއު.އެޗް.އޯ އަށް އެ ފަރާތަކުން ވެންޓިލޭޓަރު ފަދަ ތަކެތި ގަންނަ ފަރާތެއްކަން އަންގައިދިން ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރ އެކަން ނަފީކޮށްފައިވޭ
  • ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވި ސިޓީގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއަކީ ޑަބްލިއު.އެޗް.އޯގެ މަޝްވަރާގެ މަތިން، އެ އިދާރާގެ އެމަރޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައި ކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ޑަބްލިއު.އެޗް.އޯ އިން މިނިސްޓްރ އޮފް ހެލްތަށް އެފަދަ މަޢުލޫމާތެއް ބަދަލުކުރެވިފައި ނެތުމުން، އެ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއް ކަމަށް އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެއްވޭ.
  • ވަކި ސަޕްލަޔަރެއްގެ އަތުން ތަކެތި ގަތުމަށް ، އެއްވެސް ފަރާތަކުން ރެކޮމެންޑޭޝަން ލިބުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖްރާތުތައް (މާލީ އަދި ފަންނީ ޤާބިލުކަން ބެލުމާއި، ހޯދަންޖެހޭ ޕަރފޯމަންސް އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދުން) ފުރިހަމަ ނުކޮށް ދޫކޮށްލުމަށް ދެއްކޭ ނެ ހުއްޖަތެއް ނޫންކަން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެއްވޭ.
  • ދައުލަތުން ކުރިއަށް ގެންދާ ދެ ލައްކަ ފަންސާސް ހާސް ރުފިޔާއަށްވުރެ ބޮޑެތި މަސައްކަތްތަކާއި، ޚިދުމަތްތަކާއި، އަދި ހޯދާ ތަކެތީގެ ޕްރޮޖެކްޓްތަކަށް 2 އިންސައްތަ އާއި 10 އިންސައްތަ އާ ދެމެދުގެ ޕަރފޯމަންސް ގެރެންޓީއެއް ނަގަންވާނެ ކަމަށް މާލިއްޔަތު ގަވައިދުގައި އޮތް ނަމަވެސް، 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އާ އެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ޕަރފޯމަންސް ގެރެންޓީއެއް ނަގާފައި ނުވޭ. ނަތީޖާއެއްގެ ގޮތުން، އެއްބަސްވެފައިވާ ގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ބާރުއަޅައި، އެ ކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ހެލްތަށް ހޯދިފައި ނުވާކަން ފާހަގަކުރޭ.
  • އެޑްވާންސްގެ ގޮތުގައި އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތަ ފައިސާ ދޫކޮށްފައިވާއިރު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބަހައްޓާފައި ނުވޭ
  • އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާ ނުލައި 30.9 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކޮށްފައިވޭ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ، މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށް.
  • ނަމަވެސް، ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އާ އެކު ހެދި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ކަމުގައިވާ ތިރީސް މިލިއަން ނުވަ ލައްކަ އެގާރަ ހާސް ފަސްދޮޅަސް ތިނެއް ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވޭ.

އެޑްވާންސް ޕޭމަންޓް ދިނުމުގައި އާންމު ބުއްދީގެ ހަމަތަކަށް ވެސް ރިއާޔަތްކޮށްފައި ނުވޭ.

  • މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދިންގޮތުގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އެދުނުގޮތަށް، ޕްރޮޖެކްޓުގެ އަގުގެ 90 އިންސައްތަ އަށްވާ ފައިސާ އެޑްވާންސްކޮށް ދައްކާފައި ވަނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދުމަށް ވަގުތު ނަގާތީ އާއި، މި ތަކެތި ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވް ނުކޮށްފިނަމަ ތަކެތި ނުލިބޭނެ ކަމަށާއި، ވެއަރހައުސް ޗާރޖްގެ ގޮތުގައި ކޮންމެ ދުވަހަކު ފަންސަވީސް ހާސް އެމެރިކާ ޑޮލަރު އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އިން ދައްކަންޖެހޭ ކަމަށް އެ ކުންފުނިން ބުނުމާއި، އަދި އެ ކުންފުނީގެ ގުދަނުގައި ތަކެތި ސްޓޮކް ކުރެވިފައި ހުރި ކަމަށްވެސް އެ ކުންފުނިން ބުނެފައިވާތީ. އެހެން ނަމަވެސް، އާންމު ބުއްދީގެ ހަމަތަކަށް ރިއާޔަތްކުރާއިރު، ކުރިން އެ ފަރާތަކާ އެކު ވިޔަފާރީގެ މުޢާމަލާތެއް ކޮށްފައިނުވާ ފަރާތަކަށް، މާލީ އަދި ފަންނީ ޤާބިލްކަން ވަޒަންނުކޮށް، ގިނަ ޢަދަދެއްގެ ފައިސާ، ބޭންކު ގެރެންޓީއެއް ނުހޯދާ ނުވަތަ ބޭންކަކުން ލެޓަރ އޮފް ކްރެޑިޓް ފެސިލީޓީއެއް އިންތިޒާމްނުކޮށް، އެމީހެއްގެ އަމިއްލަ ފައިސާ އެޑްވާންސަށް ދުލެއް ނުކުރާނެކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާ.  ވެންޓިލޭޓަރު ފަދަ ސްޕެޝަލައިޒްޑް މެޑިކަލް އިކުއިޕްމަންޓްތަކަކީ، އެ ތަކެތީގެ ވިޔަފާރި ކުރާ އޭޖެންޓުން ގިނަ އަދަދަކަށް ސްޓޮކްކޮށްގެން ގެންގުޅޭ އެއްޗެއް ނޫންކަން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންނަށް އެނގޭނެ ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާ.  އެހެންކަމުން، އޭޖެންޓަކު، އެ ފަރާތުގެ ގުދަނުގައި ގިނަ އަދަދެއްގެ ވެންޓިލޭޓަރު (75 ވެންޓިލޭޓަރު ޝިޕްކުރެވޭ ޙާލަތުގައި) ހުރިކަމަށް ބުނުމުން، އެކަމަކީ، އެ މަޢުލޫމާތުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި، މަކަރާއި ހީލަތުން އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގަފާނެކަމަށް ސަމާލުވާންޖެހޭނެ ކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާ.
  • އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގެ ގުދަނުގައި 75 ވެންޓިލޭޓަރު ހުރި ކަމަށާއި، 14 ދުވަހުގެ ތެރޭގައި އެ ތަކެތި ފޯރުކޮށްދެވޭނެ ކަމަށް ބުނެފައި ވީނަމަވެސް، އެއްބަސްވުމުގައި ސޮއިކުރި ތާރީޚަށް ފަހު 4 މަސްދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު އެ ވެންޓިލޭޓަރު ހަމައަށް ލިބިފައި ނުވުމަކީ، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އިން މިކަމުގައި އޮޅުވާލާފައި ވާކަމަށް ތުހުމަތުކުރެވޭ ކަމެއްކަމުގައި އޮޑިޓް އޮފީހުން ފާހަގަކުރޭ.
  • އަދި ވެންޓިލޭޓަރުގެ ޑިމާންޑް މުޅި ދުނިޔޭގައިވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ހީލަތްތެރި އޭޖެންޓުންނާއި، އޭޖެންޓުން ކަމަށް ހެދިގެން އުޅޭ ހީލަތްތެރިން ގިނަވާނެ ކަމަށާއި އެހެންކަމުން، ދައުލަތުގެ މާލީ ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާ ފައިސާ ރައްކާތެރިކުރުމަށް، އިތުރަށް ސަމާލުވުމަކީ އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރޭ.
  • މި 75 ވެންޓިލޭޓަރު ހޯދުމާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ފިނޭންސް ހުއްދަ ދީފައި ވަނީ، އެއްބަސްވުމުގެ ޖުމްލަ އަގުގެ 75 އިންސައްތަ އެޑްވާންސްގެ ގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް ދިނުމަށް. އެހެންކަމުން، ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓް ދީފައިވަނީ، މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދަ ހޯދައިގެނެއް ނޫން.
  • މަޢުލޫމާތު ހުށަހަޅާފައިވާ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ބިޑްކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން، މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރު ފާހަގަކޮށްފައިވާ ކަންކަމަށް އެ ކޮމެޓީން ރިއާޔަތް ކުރިކަން އެނގޭކަށް ނެތް.
  • މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައިގެ ދަށުން ވެންޓިލޭޓަރު ގަތުމާމެދު ގޮތެއް ނިންމާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީން. ނަމަވެސް، ގަތުމަށް ހުށަހަޅާފައިވާ ވެއިންމަން WEINMANN އަދި ޑްރިގާ Dräger ބްރޭންޑުގެ ވެންޓިލޭޓަރުގެ ސްޕެސިފިކޭޝަނާ އެހެނިހެން މަޢުލޫމާތު، 30 މާރިޗު 2020 ގައި މިނިސްޓްރީ އޮފް ހެލްތުގެ ބަޔޯމެޑިކަލް އިންޖިނިއަރު ވަޒަންކުރުމަށްފަހު، ބައެއް ކަންކަން ފާހަގަކޮށްފައިވޭ. އެގޮތުން، ޑްރިގާ ބްރޭންޑުގެ އައި.ސީ.ޔޫ ވެންޓިލޭޓަރާ ގުޅޭ އެކްސެސަރީސްގެ މަޢުލޫމާތު އަދި ވޮރަންޓީގެ މަޢުލޫމާތު ހިމަނާފައި ނުވާތީ، ސަޕްލަޔަރާއެކު އިތުރަށް މަޝްވަރާ ކުރަންޖެހޭ ކަމަށާއި، ވެއިންމަން ބްރޭންޑްގެ ޕޯޓަބަލް ވެންޓިލޭޓަރަކީ ދިވެހިރާއްޖޭގެ މަތިންދާ ބޯޓުތަކަށް ނޭރުވޭ އެއްޗެއް ކަމަށް، ބަޔޯމެޑިކަލް އިންޖިނިއަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވޭ. ނަމަވެސް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކޮށްގެން މި މަސައްކަތް ކުރުމަށް ބިޑްކޮމިޓީން 1 އޭޕްރީލް 2020 ގައި ނިންމިއިރު، މިނިސްޓްރީގެ ބަޔޯ މެޑިކަލް އިންޖިނިއަރު ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްފައި ނުވޭ.

ބިޑްކޮމިޓީން ގަތުމަށް ނިންމި ވެންޓިލޭޓަރު ގެ ބްރޭންޑާއި އެއްބަސްވުމުގައި ހިމަނާފައިވާ ބްރޭންޑް ތަފާތުވުމާއި، ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއް ފޯރުކޮށްދީފައިވާއިރު އެ ވެންޓިލޭޓަރުތައް ބަލައިނުގަތުމަށް ފަންނީ ޓީމަކުން ލަފާދީފައިވުން

  • އެގްޒެކިޔުޓާރސް ޖެނެރަލް ޓްރޭޑިންގ އިން ސަޕްލައިކުރުމަށް ހުށަހަޅާފައިވާ ޕޯޓަބަލް ވެންޓިލޭޓަރަކީ ވެއިންމަން ކިޔާ ބްރޭންޑެއްގެ އެއްޗެއް ކަމާއި، އަދި ސަޕްލައިކުރުމަށް ހުށަހަޅާފައިވާ އައި.ސީ.ޔޫ ވެންޓިލޭޓަރަކީ ޑްރިގާ ކިޔާ ބްރޭންޑެއްގެ ތަކެތިކަން އޮޑިޓަށް ލިބިފައި ހުރި ލިޔެކިޔުންތަކުން ފާހަގަކުރެވުނު. މިގޮތުން، މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރުވެސް އިވެލުއޭޓް ކޮށްފައިވަނީ މި 2 ބްރޭންޑުގެ ވެންޓިލޭޓަރުކަމާއި، ބިޑްކޮމިޓީގެ ނިންމުމުގައާއި، އެގްޒެކިޔުޓާރސް ޖެނެރަލް ޓްރޭޑިންގ އިން ވެންޓިލޭޓަރުތައް ގަތުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވި ސިޓީގައި ވެސް އެއްކަރުދާސް ކުރެވިފައިވަނީ އިސްވެ ދެންނެވުނު ދެ ބްރޭންޑުގެ ވެންޓިލޭޓަރާއި ބެހޭ މަޢުލޫމާތުކަން ފާހަގަކުރެވުނު. ނަމަވެސް، އެގެޒެކިޔުޓަރސް ޖެނެރަލް ޓްރޭޑިންގް އާ އެކު ވެފައިވާ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމަނާފައިވާ ޕްރޮފޯމަރ އިންވޮއިސްގައި ހިމަނާފައިވާ އައި.ސީ.ޔޫ ވެންޓިލޭޓަރަކީ JIUJIUXIN ބްރޭންޑްގެJX100 މޮޑެލްގެ ވެންޓިލޭޓަރެއް ކަމާއި، ޕްރޮފޯމަރ އިންވޮއިސްގައިވާ ޕޯޓަބަލް ވެންޓިލޭޓަރ C 100-AR މޮޑެލްގެ ވެންޓިލޭޓަރެއްކަން ފާހަގަކުރެވުނު.
  • ކޮވިޑް19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހޯދާފައިވާ ބައެއް ސާމާނު ރައްކާކޮށްފައި ހުރި ގުދަނަށް ފިޒިކަލް އިންސްޕެކްޝަނަށް އޮޑިޓް އޮފީހުގެ އޮޑިޓަރުން ދިޔައިރު، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އިން ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ 11 ވެންޓިލޭޓަރެއް އޮޑިޓަރުންނަށް މިނިސްޓްރީގެ މުވައްޒަފުން ދައްކާފައިވާކަން ފާހަގަކުރެވޭ. އަދި މި 11 ވެންޓިލޭޓަރާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓަންޓް ބަޔޯމެޑިކަލް އިންޖިނިއަރު މަޢުލޫމާތު ދިން ގޮތުގައި، ލިބިފައިވާ 10 ޕޯޓަބަލް ވެންޓިލޭޓަރާއި 1 އައި.ސީ.ޔޫ ވެންޓިލޭޓަރަކީ، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އިން އަގު ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރު ނޫން ކަމާއި، ވެންޓިލޭޓަރު ތަކުގައި ހުންނަން ޖެހޭނެ ކަމަށް ދެފަރާތުން އެއްބަސްވެފައިވާ ގިނަ ޚާސިއްޔަތުތައް (ފީޗަރސްތައް) ލިބިފައިވާ ވެންޓިލޭޓަރު ތަކުގައި ނެތްކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާ.
  • މި ގޮތުން އައި.ޖީ.އެމް ހޮސްޕިޓަލުގެ 3 ޑަކްޓަރަކާއި 2 ނަރުހުން އަދި މިނިސްޓްރީގެ 2 ބަޔޯމެޑިކަލް އިންޖިނިއަރުން ހިމެނޭ ގޮތުން 7 މީހުންގެ ޓީމަކުން ތައްޔާރުކޮށްފައިވާ ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓުގައިވެސް މި ވެންޓިލޭޓަރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް ލަފާ ދީފައިވަނީ، މި ވެންޓިލޭޓަރުތަކުން، އެ ތަކެތި ގެނައުމުގެ ބޭނުން ނުހިފޭނެތީ، އެ ތަކެތި ބަލައިނުގަތުމަށްކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާ.
  • 75 ވެންޓިލޭޓަރު ސަޕްލައި ކުރުމާއި ބެހޭ ގޮތުން އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަންޖެހޭ. އެގޮތުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 2 އޭޕްރީލް 2020 ގައި ޕްރޮޖެޓްގެ 75 އިންސައްތަ އަދި 27 އޭޕްރީލް 2020 ގައި އިތުރު 15 އިންސައްތަ ދައްކާފައިވީ ނަމަވެސް، އޮޑިޓްކުރެވުނު ތާރީޚް (6 އޯގަސްޓް 2020) އާ ހަމައަށްވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވޭ. އަދި މިނިސްޓްރީ އޮފް ހެލްތުން އޯޑަރުކޮށްފައިވާ ތަކެތި ގުދަނުގައި ބެހެއްޓިފައިވާ ކަމަށް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގގެ ފަރާތުން 30  މާރިޗް 2020 ގައި، މިނިސްޓްރީ އޮފް ހެލްތަށް އީ-މެއިލްއިން އަންގައި، އެޑްވާންސް ޕޭމަންޓް 2 އެޕްރީލް 2020 ގައި އެ ފަރާތަށް ދައްކާފައި ވާއިރު، އޮޑިޓް ކުރެވުނު ތާރީޚް (6 އޯގަސްޓް 2020) އާ ހަމައަށްވެސް، ވެންޓިލޭޓަރުތައް ހަމައަށް މިނިސްޓްރީ އޮފް ހެލްތަށް ލިބިފައިނުވޭ.

ކޮވިޑް19 އާ ގުޅިގެން ދިވެހި ކުންފުނިތައް މެދުވެރިވެ ހޯދުމަށް އެއްބަސްވެފައިވާ އައި.ސީ.ޔޫ ވެންޓިލޭޓަރުތަކުގެ އަގަށްވުރެ ބޮޑު އަގެއްގައި ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައިވުން

  • އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައި.ސީ.ޔޫ ވެންޓިލޭޓަރުކަން. މި އައި.ސީ.ޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އާއެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް ފަސްލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް ރުފިޔާ އަކީ، އައި.ސީ.ޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން ފާހަގަކުރެވޭ.
  • އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގެ އިތުރުން އެހެން ފަރާތެއްވެސް މި މުޢާމަލާތުގައި ބައިވެރިވެރިވުން ހިމެނޭހެން ލިޔެކިއުންތައް ހުރި އިރު، އެ ފަރާތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް އާ އޮތް ގުޅުން އެނގެން ނެތުން.
  • 75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުޢާމަލާތްތަކުގައި، އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގެ ނަމުގެ އިތުރުން، އިމަރޖެންސީ ހެލްތު ކެއަރ ޓްރެއިނިންގ ސެންޓަރގެ ނަމުގައި މުޢާމަލާތް ކޮށްފައި ހުރިކަން ފާހަގަ ކުރެވޭ.  މިގޮތުން ފޮނުވާފައިވާ ޕްރޮފޯމަރ އިންވޮއިސްގައި މި ދެ ފަރާތުގެ ނަން އޮތްކަންވެސް ފާހަގަކުރެވޭ. ނަމަވެސް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގްއާއި އިމަޖެންސީ ހެލްތް ކެއަރ ޓްރެއިނިންގ ސެންޓަރއާ ހުރި ގުޅުން ލިޔެކިއުންތަކުންނާއި އެއްބަސްވުމުގައި ސާފުކޮށް އެނގެންނެތްކަން ފާހަގަކުރެވޭ.

އިޞްލާޙުކުރަން ލަފާ ދޭގޮތް

  • އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުޞޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހުށަހަޅާފައިވުމާއި، ޕަރފޯމަންސް އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާއިރު، މި ރިޕޯޓުގެ ތާރީޚާ ހަމައަށް ވެންޓިލޭޓަރު ލިބިފައި ނުވާތީ މިކަން ހިނގާފައިވާ ގޮތް ތަޙުޤީޤު ކުރުމަށް.
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ރިއާޔަތްކުރާއިރު، މިނިސްޓްރީގެ މާލީ މުޢާމަލާތްތައް މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ގެންދިއުމަށްޓަކައި، އެކަށީގެންވާ ނިޒާމެއް ޤާއިމްކުރުމަކީ މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތަކަށް ވާއިރު، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަކާ ނުލައި، އެޑްވާންސްގެ ގޮތުގައި ޕްރޮޖެކްޓްގެ އަގުގެ 90 އިންސައްތަ ދީފައި ވުމުންނާއި، މި މުޢާމަލާތާ ގުޅިގެން ޕަރފޮމަންސް ގެރެންޓީއެއް ބަހައްޓާފައި ނުވުމުން، މިކަމުގައި މާލީ ޒިންމާދާރު ވެރިޔާގެ ޒިންމާ އަދާކުރެވިފައި ނުވާ ކަމަށް ބެލެވޭތީ، މިކަން ތަޙުޤީޤު ކުރުމަށް. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ރިއާޔަތްކުރާއިރު، މި ފައިސާ ޚަރަދު ކުރުމަށް ޕޭމަންޓް ވައުޗަރު/ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ހުއްދަ ދީފައިވާ ފަރާތްތައް (އޮތޮރައިޒިންގ އޮފިސަރުން) ޒިންމާ އަދާ ކުރެވިފައި ނުވާކަމަށް ބެލެވޭތީ، މިކަން ތަޙުޤީޤު ކުރުމަށް.
  • މި މަސައްކަތް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއާ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ޙަވާލުކުރުމަށް ނިންމުމުގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގގެ މާލީ އަދި ފަންނީ ޤާބިލުކަން ވަޒަންކޮށްފައިވޭތޯ، ބިޑް ކޮމިޓީން ބަލައި ޗެކްކޮށްފައި ނުވުމުންނާއި، ގަތުމަށް ހުށަހަޅާފައިވާ ބްރޭންޑްގެ ވެންޓިލޭޓަރުތަކާ ގުޅިގެން ބަޔޯ މެޑިކަލް އިންޖިނިއަރު ފާހަގަކޮށްފައިވާ ކަންކަމަށް ބިޑް ކޮމިޓީން ރިއާޔަތްކޮށްފައި ނުވުމުން، މި ކަމުގައި ބިޑް ކޮމިޓީގެ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައި ވާކަމަށް ބެލެވޭތީ، މިކަން ތަޙުޤީޤު ކުރުމަށް.
  • ޕްރޮކިއުމަންޓްގެ ކަންކަން ކުރުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުއްލި ހާލަތެއް މެދުވެރިވެގެން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރުމަށް ދަތިވާ ހާލަތްތަކުގައި ވެސް، އެ ހާލަތެއްގައި ލިބެން އޮތް އެންމެބޮޑު ވާދަވެރިކަމެއް ހޯދައިގެން އެކަމެއް ކުރުމަށް.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން،  ސާދަ މިލިއަން ހަތަރު ލައްކަ ސާޅީސް ފަސް ހާސް ހަތް ސަތޭކަ ރުފިޔާއަށް، 50 ވެންޓިލޭޓަރު ހޯދުމުގައި، ވާދަވެރިކޮށް، ހަމަހަމަ ފުރުޞަތު ދީފައި ނުވާކަމާ ގުޅޭގޮތުން، އޮޑިޓުގައި ފާހަގަކުރެވުނު ކަންކަން

  • އަގު ހޯދުމަށް ދައުވަތު ފޮނުވުން ލަސްވުމާއި، އަގު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ނުދިނުން މި ވެންޓިލޭޓަރުތައް ހޯދާފައި ވަނީ ކޮވިޑް-19 އާ ގުޅޭގޮތުން ޕޮލިސީ ގްރޫޕުގެ ބޭފުޅުންނާއެކު 15 މާރިޗް 2020 ގައި މުލީއާގޭގައި ބޭއްވެވި ބައްދަލުވުމާ ގުޅިގެން ކަމަށް، 18 މާރިޗް 2020 ގައި ބޭއްވުނު ބިޑް ކޮމިޓީގެ ޖަލްސާގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވޭ. ނަމަވެސް، އިސްވެ ދެންނެވުނު ޕޮލިސީ ގްރޫޕުގެ ބައްދަލުވުން 15 މާރިޗް 2020 ގައި ބާއްވާފައިވާކަން ޕޮލިސީ ގުރޫޕުގެ ޔައުމިއްޔާއާއި، މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޔައުމިއްޔާއިން އެނގެން އޮތް ނަމަވެސް، މި މުޢާމަލާތާ ގުޅޭގޮތުން މިނިސްޓްރީން ފޯރުކޮށްދީފައިވާ ލިޔެކިއުންތަކުން އެނގޭ ގޮތުގައި، ވެންޓިލޭޓަރު ހޯދުމަށް އީ-މެއިލް މެދުވެރިކޮށް އަގުބެލި 3 ފަރާތަށް އަގު ހުށަހެޅުމަށް ފޮނުވާފައިވަނީ ކުރީގައި ދެންނެވުނު ބައްދަލުވުން ބޭއްވުމުގެ 2 ދުވަސް ފަހުން، 18 މާރިޗް 2020 ގައި ކަމާއި، އަދި މި ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ބިޑް ކޮމިޓީގެ ޖަލްސާ ބާއްވާފައި ވަނީވެސް ހަމަ އެދުވަހުކަން ފާހަގަކުރެވުނު. ނަތީޖާއެއްގެ ގޮތުން، ކޯޓޭޝަން ހުށަހެޅުމަށް ސަޕްލަޔަރުންނަށް ދެވިފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަން ފާހަގަކުރެވުނު.
  • ކޯޓޭޝަން ހުށަހެޅި އެހެން ފަރާތްތަކަށްވުރެ ކުޑަ ވަގުތުކޮޅެއް ކޯޓޭޝަން ހުށަހެޅުމަށް އެސް.ޓީ.އޯ އަށް ދީފައިވުން.
  • ވެންޓިލޭޓަރު ގަތުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ނާޑު ޕްރައިވެޓް ލިމިޓެޑް އަދި އެސް.ޓީ.އޯ އަށް ކޯޓޭޝަން ހޯދުމަށް 18 މާރިޗް 2020 ގައި، މިނިސްޓްރީ އޮފް ހެލްތުން އީ-މެއިލް ފޮނުވާފައި ވީނަމަވެސް، މި 3 ފަރާތުގެ ތެރެއިން މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ނާޑު ޕްރައިވެޓް ލިމިޓެޑަށް އެ ދުވަހުގެ 14:00 ގައި އީ-މެއިލްކޮށްފައި ވާއިރު، އެސް.ޓީ.އޯ އަށް އީ-މެއިލްކޮށްފައިވާ ކަމަށް ލިޔެކިއުންތަކުން ދައްކަނީ ކުރީގައި ބަޔާންކުރެވުނު ދެ ފަރާތަށް އީ-މެއިލްކުރިތާ 4 ގަޑިއިރަށްވުރެ ގިނައިރުވީ ފަހުން، އެ ދުވަހުގެ 18:24 ގައިކަން، އޮޑިޓަށް ފޯރުކޮށްދީފައިވާ ލިޔެކިއުންތަކުން ފާހަގަކުރެވުނު. އަދި އެސް.ޓީ.އޯ އިން މަޢުލޫމާތު ދިންގޮތުގައި، މިނިސްޓްރީ އޮފް ހެލްތުގެ ބައޯމެޑިކަލް އިންޖިނިއަރުން އެ ދުވަހުގެ 18:40 ގައި ފޯނުން ގުޅައި، ކޯޓޭޝަނެއް އެ ރޭގެ 19:00 ގައި ފޮނުވުމަށް އެދުނު ކަމަށާއި، ނަމަވެސް، ކޯޓޭޝަން ފޮނުވުމަށް އޮތް ވަގުތުކޮޅު (20 މިނެޓް) އަކީ އެކަން ކުރުމަށް އެކަށީގެންވާ ވަގުތު ކޮޅަކަށް ނުވާތީ، ކޯޓޭޝަނެއް ނުފޮނުވޭނެ ކަމަށް އެންގުމުން، އެ ރޭގެ 22:00 ގެ ކުރިން ކޯޓޭޝަން ފޮނުވުމަށް އެދުނު ކަމަށް، އެސް.ޓީ.އޯ އިން އޮޑިޓަށް މަޢުލޫމާތު ދީފައިވޭ.
  • އަދި މި ކޯޓޭޝަނަކީ އެހެން ފަރާތްތަކުން ހޯދާ ކޯޓޭޝަންތަކާއެކު ވާދަވެރި ގޮތެއްގައި ވަޒަންކުރުމަށް ހޯދާ ކޯޓޭޝަނެއްކަން އެނގިފައިނުވާ ކަމާއި، އެސް.ޓީ.އޯގެ ސަޕްލަޔަރުންނާ މުޢާމަލާތުކޮށް އެންމެ ރަނގަޅު އޮފަރ ހޯދަން ވަގުތު ލިބިފައި ނުވާ ކަމަށް ވެސް އެސް.ޓީ.އޯ އިން މަޢުލޫމާތު ދީފައިވޭ. އަދި ހަމަ އެ ދުވަހުގެ ރޭގަނޑުގެ 20:35 ގައި މި 50 ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރާނެ ފަރާތެއް ހޮވުމަށް ބިޑް ކޮމިޓީގެ ބައްދަލުވުން ބާއްވާފައިވުމުން، އެސް.ޓީ.އޯ އަށް ކޯޓޭޝަން ހުށަހެޅުމަށް ލިބިފައިވަނީ މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅި އެހެން ފަރާތްތަކަށްވުރެ ކުޑަ ވަގުތުކޮޅެއްކަން ފާހަގަކުރެވޭ. ނަތީޖާއެއްގެ ގޮތުން، އެންމެ އެދެވޭ ފަދަ އަދި މިނިސްޓްރީގެ ރިކްއަރޔަމަންޓްއާ އެއްގޮތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު އެސް.ޓީ.އޯ އަށް ލިބިފައިނުވާކަން.
  • ބިޑް ކޮމިޓީގެ ބައްދަލުވުމުގެ ކުރިން ހުށަހަޅާފައިވާ ކޯޓޭޝަން ބަދަލުކުރުމުގެ ފުރުޞަތު އެސް.ޓީ.އޯ ފިޔަވައި ދެންތިބި ފަރާތްތަކަށް ދީފައިވީ ނަމަވެސް، އެފަދަ ފުރުޞަތެއް އެސް.ޓީ.އޯ އަށް ދީފައި ނެތުން. މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ނާޑު ޕްރައިވެޓް ލިމިޓެޑުން އެކި ފަހަރު މަތިން، ހުށަހަޅާފައިވާ ކޯޓޭޝަން ބަދަލުކޮށްފައި ވާކަން އޮޑިޓަށް ފޯރުކޮށްދިން އީ-މެއިލްތަކުން ފާހަގަކުރެވުނުކަން. އަދި މީގެ ތެރެއިން މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކޯޓޭޝަން، ބިޑް ކޮމިޓީން ގޮތެއް ނިންމުމުގެ ފަހުންވެސް ބަދަލުކޮށްފައިވާކަން ފާހަގަކުރެވުނު. ނަމަވެސް، މި ފަރާތްތަކަށް ކޯޓޭޝަން ބަދަލުކުރުމަށް އެދި މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިއުމެއް ފެންނަން ނެތްކަމާއި، އެކި ފަހަރުމަތިން ބަދަލުކުރެވިފައިވާ ކޯޓޭޝަންތައް އޮޑިޓަށް ފޯރުކޮށްދީފައި ނުވުމުގެ ސަބަބުން، އެ ފަރާތްތަކުން ހުށަހަޅާފައިވާ ބްރޭންޑާއި، އަގާއި މުއްދަތަށް ގެނެސްފައިވާ ބަދަލުތައް އެނގެން ނެތްކަން ފާހަގަކުރެވޭ. އަދި 18 މާރިޗް 2020 ގައި ބޭއްވުނު ބިޑް ކޮމިޓީގެ ބައްދަލުވުމުގައި، އެސް.ޓީ.އޯ އިން ހުށަހަޅާފައިވާ އޮފަރ ތިނެއްގައިވާ ވެންޓިލޭޓަރުތަކަކީ ރާއްޖެއަށް ވަރަށް އައު ބްރޭންޑެއްކަމާއި، އެ ވެންޓިލޭޓަރުތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހުށަހާފައިނުވާތީ، މި ވެންޓިލޭޓަރުތައް ހޯދުމަށް ރިކޮމެންޑް ނުކުރާ ކަމަށް ބަޔޯމެޑިކަލުން މަޢުލޫމާތު ދިންކަމަށް ބަޔާންކޮށްފައިވާއިރު، އެސް.ޓީ.އޯ އިން ހުށަހެޅި ވެންޓިލޭޓަރުތަކާ ގުޅޭ ބްރޯޝަރއެއް ހުށަހަޅާފައިވާކަން މި ކަމާއި ގުޅިގެން އެސް.ޓީ.އޯ އިން ހުށަހެޅި އީ-މެއިލްއިން އެނގެންއޮތްކަން ފާހަގަކުރެވޭ. އަދި އެސް.ޓީ.އޯގެ މި ހުށަހެޅުމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަކުރުމަށް މިނިސްޓްރީން އެދިފައި ވަނީވެސް، މި 50 ވެންޓިލޭޓަރު ގަތުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް 18 މާރިޗް 2020 ގައި، ބިޑް ކޮމިޓީން ނިންމިފަހުން، 19 މާރިޗް 2020 ގައި ކަން ފާހަގަކުރެވޭ.
  • އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ގޮތަށް، އެސް.ޓީ.އޯ ފިޔަވައި ދެންތިބި ފަރާތްތަކަށް ކޯޓޭޝަން ބަދަލުކުރުމަށް މިނިސްޓްރީން އެދިފައިވާ ކަމަށް ބެލެވެން އޮތުމުން، އެސް.ޓީ.އޯ އަށް ކޯޓޭޝަން ފުރިހަމަ ކުރުމަށް އެކަށީގެންވާ ފުރުސަތެއް ދެވިފައި ނުވާކަން ފާހަގަކުރެވޭ.
  • އެކި ފަރާތްތަކުން އެކި އަދަދަށް ވެންޓިލޭޓަރު ހޯދުމަށް އެދިފައިވާ އުޞޫލު އެނގެން ނެތުން ވެންޓިލޭޓަރު ގަތުމަށް 18 މާރިޗް 2020 ގައި އަގު ހުށަހެޅުމަށް މިނިސްޓްރީ އޮފް ހެލްތުން 3 ފަރާތަކުން އެދިފައިވީއިރު، މި 3 ފަރާތަށްވެސް އަގު ހުށަހެޅުމަށް މިނިސްޓްރީން އެކި ފަރާތްތަކަށް އެކި އަދަދަށް ބަހާލާފައިވަނީ، ކޮންކޮން ކަންކަމަކަށް ބަލައިގެންކަން ލިޔެކިއުމުން އެނގެން ނެތްކަން ފާހަގަކުރެވޭ. އަދި މިގޮތަށް އެދިފައިވާއިރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 30 ވެންޓިލޭޓަރު، ނާޑް ޕްރައިވެޓް ލިމިޓެޑަށް 10 ވެންޓިލޭޓަރު އަދި އެސް.ޓީ.އޯ އަށް 15 ވެންޓިލޭޓަރު ބަހާލާފައިވޭ. މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 30 ވެންޓިލޭޓަރު ގަތުމަށް އަގުހުށަހަޅަން އެދުނު ނަމަވެސް، އެ ފަރާތަށް، ބިޑް ކޮމެޓީން ޙަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ހޯދުމަށްކަން ފާހަގަކުރެވިފައިވޭ.
  • އެސް.ޓީ.އޯ އަކީ، އެމް.އޯ.ޔޫ އެއްގެ ދަށުން މިނިސްޓްރީ އޮފް ހެލްތަށް ބަޔޯ މެޑިކަލް ސާމާނާއި ބޭސް ފޯރުކޮށްދެމުން އަންނަ ސަރުކާރުގެ އަޣްލަބިއްޔަތު ޙިއްޞާ އޮންނަ ކުންފުންޏަކަށް ވާއިރު، އެސް.ޓީ.އޯ އަށް ޢަދަދު މަދުކޮށް އަގު ހުށަހެޅުމަށް ނިންމާފައިވަނީ ކޮން ސަބަބަކާއި ހުރެކަން ލިޔެކިއުމުން އެނގެން ނެތްކަން ފާހަގަކުރެވޭ.

އެކި ފަރާތްތަކުގައި ކޯޓޭޝަން ހޯދުމަށް އެދުމުގެ ކުރިން، މެޑްޓެކު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 50 ވެންޓިލޭޓަރު ގަތުމަށް އަގު ހޯދާފައިވުން

  • ކޯޓޭޝަން ހުށަހެޅުމަށް އެދި މިނިސްޓްރީ އޮފް ހެލްތުން 18 މާރިޗް 2020 ގައި، އެކި ފަރާތްތަކުގައި އެދިފައިވާކަމަށް ފާހަގަކުރެވުނު ނަމަވެސް، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 16 މާރިޗް 2020 ގައި 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ކޯޓޭޝަން ހޯދާފައިވާކަން ފާހަގަކުރެވުނު. އަދި 18 މާރިޗް 2020 ގައި މިނިސްޓްރީން 30 ވެންޓިލޭޓަރަށް ކޯޓޭޝަން ފޮނުވަން އެދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުރި އީ-މެއިލްއާ ގުޅިގެންވެސް، 50 ވެންޓިލޭޓަރު ރިޒާވް ކުރެވިފައިވާ ކަމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީއަށް އީ-މެއިލް އިން އަންގާފައިވާކަންވެސް ފާހަގަކުރެވުނު. އެހެންކަމުން، އެހެން ފަރާތްތަކަށް އަގު ހުށަހެޅުމަށް ފޮނުވުމުގެ ކުރިންވެސް، 50 ވެންޓިލޭޓަރު ފޯރުދިނުމާ ގުޅޭގޮތުން މިނިސްޓްރީން، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މުޢާމަލާތު ކުރެވިފައިވާ ކަމަށް ބެލެވެން އޮތުމުން، މި ކަމާއި ގުޅިގެން އަގުބެލި ފަރާތްތަކާމެދު ހަމަހަމައަށް ޢަމަލުކުރެވިފައި ނުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވޭ. އަދި މިކަމުގެ ސަބަބުން، ވަކި ފަރާތަކަށް ފަހިވާ ގޮތަށް މި ޕްރޮކިއުމަންޓްގެ މަސައްކަތްތައް ގެންގޮސްފައިވާ ކަމަށް ބެލެވޭ.

އެސް.ޓީ.އޯ އިން 3 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، އެސް.ޓީ.އޯ ގެ 2 ވަނަ ހުށަހެޅުމަށް ބިޑް ކޮމިޓީން ބަލާފައި ނުވުން.

  • ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެސް.ޓީ.އޯ އިން 3 އޮފަރ އެއް ހުށަހަޅާފައިވާއިރު، އޮފަރ 2 ގެ ނަމުގައި އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށް ބިޑް ކޮމިޓީގެ ޔައުމިއްޔާގައި ބަޔާންކޮށްފައި ވީނަމަވެސް، އޮފަރ 2 ގެ ނަމުގައި އެސް.ޓީ.އޯ އިން ކޯޓޭޝަނެއް ހުށަހަޅާފައިވާކަން އޮޑިޓަށް ފޯރުކޮށްދިން ލިޔެކިއުންތަކުން ފާހަގަކުރެވުނު. އަދި މި އޮފަރ އަކީ ހުރިހާ ސަޕްލަޔަރުން ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިންވެސް ވެންޓިލޭޓަރަކަށް ޖެހޭ އަގު އެންމެ އަގުހެޔޮ އޮފަރ ކަންވެސް ފާހަގަކުރެވުނު. އެގޮތުން، މިއޮފަރގައި ވެންޓިލޭޓަރަކަށް ޖެހެނީ ދެ ލައްކަ ސާޅީސް އެއް ހާސް ހަތްސަތޭކަ ފަންސާސް ހަތަރެއް ރުފިޔާއެވެ. އެހެންކަމުން، އެސް.ޓީ.އޯގެ މި އޮފަރ އަށް ބިޑް ކޮމިޓީން ގޮތެއް ނިންމި އިރު ބަލާފައި ނުވާކަން ފާހަގަކުރެވުނު. އަދި މި އޮފަރގައިވާ ވެންޓިލޭޓަރަކީ މިނިސްޓްރީގެ ސްޕެސިފިކޭޝަނަށް ނުފެތޭ އެއްޗެއްކަން ބަޔާންކޮށް، ބަޔޯމެޑިކަލް އިންޖިނިއަރު ދީފައިވާ އެއްވެސް ލިޔުމެއް އޮޑިޓަށް ފޯރުކޮށްދީފައި ނުވޭ.

އައު ބުރޭންޑެއް ކަމަށް ބުނެ އެސް.ޓީ.އޯގެ އެއް އޮފަރ ޤަބޫލު ނުކުރި ނަމަވެސް، މެޑްޓެކް އަށް އެއްބަސްވެފައިވާ ބްރޭންޑް ބަދަލުކޮށްދީފައިވުން

  • 18 މާރިޗް 2020 ގައި ބޭއްވުނު ބިޑް ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާގައި، އެސް.ޓީ.އޯ އިން ހުށަހަޅާފައިވާ އޮފަރ 3 ގައިވާ ވެންޓިލޭޓަރުތަކަކީ، ރާއްޖެއަށް ވަރަށް އައު ބްރޭންޑެއް ކަމާއި، އެ ވެންޓިލޭޓަރުތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހުށަހާފައިނުވާތީ، މި ވެންޓިލޭޓަރުތައް ހޯދުމަށް ރެކޮމެންޑް ނުކުރާ ކަމަށް ބަޔޯމެޑިކަލުން މަޢުލޫމާތު ދިންކަމަށް ބަޔާންކޮށްފައިވާއިރު، 50 ވެންޓިލޭޓަރު ގަތުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން، 4 މެއި 2020 ގައި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވަނީ، ފޯރުކޮށްދިނުމަށް އެއްބަސްވުމުގައިވާ ބްރޭންޑްގެ ބަދަލުގައި، އެހެން ބްރޭންޑެއް ފޯރުކޮށްދިނުމަށް ހުށަހަޅާފައި. އަދި މިގޮތުގެ މަތިން ހުށަހެޅި އައު ބްރޭންޑް ފޯރުކޮށްދިނުމާމެދު އިޢުތިރާޒެއް ނެތް ކަމަށް މިނިސްޓްރީ އޮފް ހެލްތުން 13 މެއި 2020 ގައި ވަނީ މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން.

ވެންޓިލޭޓަރު ފޯރުކޮށްނުދެވި ލަސްވަމުންދިއުން

  • 18 މާރިޗް 2020 ގައި ބޭއްވުނު ބިޑް ކޮމިޓީގެ 31 ވަނަ ޖަލްސާގެ ޔައުމިއްޔާއިން، ވެންޓިލޭޓަރު ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި، އެންމެ އަވަހަށް އެ ތަކެތި ފޯރުކޮށްދޭ ފަރާތަށް އިސްކަން ދީފައިވާކަން ފާހަގަކުރެވުނެވެ. އެގޮތުން 10 ދުވަހުގެ ތެރޭގައި 50 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހުށަހަޅާފައިވާ މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ 19 މާރިޗް 2020 ގައި އެއްބަސްވުމުގައި ސޮއިކޮށް ޙަވާލުކުރެވިފައިވޭ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު އެއްބަސްވުމުގެ ދަށުން، 29 މާރިޗް 2020 ގައި މެޑްޓެކް މޯލްޑިވްސް ޕްރަވެޓް ލިމިޓެޑްގެ ފަރާތުން ވެންޓިލޭޓަރުތައް މިނިސްޓްރީއާ ޙަވާލުކޮށް އިންސްޓޯލްކޮށްދޭން ޖެހުނު ނަމަވެސް، މި މުއްދަތުގެ ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށްދެވިފައި ނުވާކަން ފާހަގަކުރެވޭ.  އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިގެން ދެ ފަހަރެއްގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައި ވާއިރު، މި މުއްދަތުގެ ތެރޭގައި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 10 މެއި 2020 ގައި 18 ވެންޓިލޭޓަރެއް ފޯރުކޮށްދީފައިވާކަން ވެސް ލިޔެކިއުންތަކުން ފާހަގަކުރެވޭ. އަދި ބާކީ ހުރި 32 ވެންޓިލޭޓަރު ފޯރުކޮށްދޭންޖެހޭ މުއްދަތު އިތުރުކުރުމަށް، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާއިރު، އެ ފަރާތުން އެދިފައިވާ މުއްދަތަށްވުރެ އިތުރަށް، މިނިސްޓްރީން މުއްދަތު އިތުރުކޮށްދީފައި ވާކަންވެސް ފާހަގަކުރެވޭ. އެގޮތުން ބާކީ ހުރި 32 ވެންޓިލޭޓަރުގެ ތެރެއިން އެންމެ ފަހުން ގެންނަ 6 ވެންޓިލޭޓަރު 15 ޖުލައި 2020 ގައި ފޯރުކޮށްދިނުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައި ވީނަމަވެސް، ބާކީ ހުރި 32 ވެންޓިލޭޓަރުވެސް 31 ޖުލައި 2020 އަށް ފޯރުކޮށްދިނުމަށް މިނިސްޓްރީން ނިންމާފައިވާކަމާއި، 31 ޖުލައި 2020 ގެ އިތުރަށް މުއްދަތު އިތުރު ނުކުރެވޭނެ ކަމަށްވެސް، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މިނިސްޓްރީން އަންގާފައިވޭ. އެހެންކަމުން، މި 50 ވެންޓިލޭޓަރު 10 ދުވަސްތެރޭ ސަޕްލައިކޮށްދިނުމަށް ފުރަތަމަ އެއްބަސްވި ނަމަވެސް، އެއްބަސްވުމުގެ މުއްދަތަށް އިތުރުކުރެވުނު ދުވަސްތައް ހިމަނައިގެން ޖުމްލަ 124 ދުވަސް އިތުރުކޮށް ދީފައިވާކަން ފާހަގަކުރެވޭ.
  • ހުށަހަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ވަޒަންކޮށްފައި ނުވުން އެންމެ އަވަހަށް ތަކެތި ފޯރުކޮށްދޭ ފަރާތަށް އިސްކަންދީގެން ވެންޓިލޭޓަރު ފޯރުކޮށްދޭނެ ފަރާތް ކަނޑައަޅާފައި ވީނަމަވެސް، އެ ތަކެތި ފޯރުކޮށްދިނުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރުމުގެ ކުރިން، އެ ފަރާތުން ހުށަހަޅާފައިވާ 10 ދުވަހަކީ، އެ ދުވަސްވަރު ވެންޓިލޭޓަރަށް އޮތް ޑިމާންޑް އިތުރުވެފައިވާ މިންވަރާއި، ދަތުރުފަތުރަށް އޮތް ގޮންޖެހުމަށް ބަލާއިރު، މިފަދަ ގިނަ އަދަދެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެކަށީގެންވާ މުއްދަތެއްތޯ ބިޑް ކޮމިޓީން ވަޒަންކޮށްފައި ނުވާކަން ފާހަގަކުރެވޭ. ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީގެ ކުރީގައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ބިޑްތަކަށް ބަލާއިރު، 4 ވެންޓިލޭޓަރެއް ފޯރުކޮށްދިނުމަށް 25 ފެބްރުއަރީ 2020 ގައި އެ ފަރާތުން 15 ދުވަހާއި 25 ދުވަހުގެ މުއްދަތެއް ހުށަހަޅާފައިވާކަން ފާހަގަކުރެވުނު. އެހެންކަމުން ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ ހާލަތު އިތުރަށް ގޯސްވެފައި ވާއިރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި، މި ތަކެތި ފޯރުކޮށްދެވިދާނެތޯ ބިޑް ކޮމިޓީން ވަޒަންކޮށްފައިވާކަން ލިޔެކިއުމުން އެނގެން ނެތުމުން، މި ތަކެތި ގަތުމަށް، އެންމެ އަވަހަށް ތަކެތި ފޯރުކޮށްދޭ ފަރާތަށް އިސްކަންދީގެން ޙަވާލުކުރެވިފައިވަނީ ހަމަހަމަ އަދި ޒިންމާދާރު އުސޫލަކުންކަން ޔަޤީންކުރެވެން ނެތުން

އިޞްލާޙު ކުރަން ލަފާ ދޭގޮތް

  • މި ޕްރޮކިއުމަންޓުގެ މަސައްކަތް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ހަމަހަމަކަމާއި، ހާމަކަންބޮޑު، ވާދަވެރި، އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި އަދި ޒިންމާދާރުގޮތެއްގެ މަތިންކަން ބެލެވެން ނެތުމުން، މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، ތަޙުޤީޤު ކުރުމަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނޭވާލާ ނިޒާމުން ވެސް ވައްކަން ކުރުމުގެ ޤާބިލުކަން ހުރިކަމައް ބެލެވޭ… ސާބަސް…. ސާބަސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *