Support Us

ގިރިފުށީގައި އުޅުނު ޖިންނިތައް ތަނބުރުދުއަށް ހިޖުރަކުރި ހާދިސާ

މާލެ އަތޮޅު ގިރިފުށްޓަކީ ސިފައިންގެ އެންމެ ގިނަ ދުވަސްވީ ތަމްރީނު މަރުކަޒެވެ. ނުވަދިހައިގެ އަހަރުތަކުގައި ސިފައިންގެ ރެކްރޫޓް ޓްރޭނިން އާއި ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިން އާއި އެންސީއޯ ކޭޑަރ ޓްރޭނިން ފަދަ ސިފައިން މަރުކަޒީ ފެންވަރުގައި ހަދަމުންދިޔަ ހުރިހާ ޓްރޭނިންތަކެއް ވެސް ހަދަމުން ދިޔައީ ގިރިފުށީ ޓްރޭނިން ސެންޓަރުގައެވެ. ސިފައިން ތަމްރީނު ހަދަމުންދާ ބައެއް މަރުކަޒުތަކުން ރޫޙާނީ ކަންތައްތައް ބައެއް މީހުންނަށް ދިމާވާ ކަމަށް ކިޔައިއުޅެއެވެ. ގިރިފުށީގައި އުޅުނު ޖިންސި ޝައިޠާނުންގެ ވާހަކައަކީ ވެސް މި ބާވަތުގެ ވާހަކައެވެ. އެ ޖިންނިތައް ގިރިފުށި ދޫކޮށް ހިޖުރަކުރި ކަމަށް ބުނެވެނީ ގިރިފުށީ ކައިރީގައި އޮންނަ ތަނބުރުދޫއަށެވެ.

މި ވާހަކަ ތުންތުންމަތިން ކިޔަމުން އަންނަ ގޮތުގައި ޖިންނި ޝައިތާނުންގެ ކަންތައްތައް އެންމެ ފުރަތަމަ ފާހަގަވާން ފެށީ ހުކުރު ދުވަހަކު ހުކުރު ވަގުތު ބަޑިޖެހި ދުވަހެއްގެ ފަހުންނެވެ. އެ ދުވަހަށްފަހު ގިރިފުށީގައި މާގިނައިން ބަޑިޖަހައި ތަމްރީނުތަކުގައި ގޮވާތަކެތި ބޭނުންކުރަން ފަށާއިރަށް ގިރިފުށީ އިންޖީނަށް ކޮންމެ ވެސް މައްސަލައެއް ދިމާވެ ކަރަންޓް ކެނޑެނީއެވެ. މިކަން މިގޮތަށް ހިނގާކަން ފާހަގަވެ އެ ވާހަކަ ދައްކަން ފެށުމުން މިއީ ޖިންނި ޝައިޠާނުންނާ ގުޅޭ ރޫޙާނީ ކަމެއް ކަމަށް ގިރިފުށީގައި ތިއްބެވި ވެރިންނަށް ވެސް ގަބޫލު ކުރެވުނެވެ.

ރޭގަނޑަށް ބަޑިޖަހައި، ގޮވާތަކެތި ގޮއްވައި ހަދަން ދަތިވާ ވަރަށް މި މައްސަލަ ބޮޑުވުމުން ގިރިފުށީގައި ތިއްބެވި ކޮމާންޑަރުން ނިންމެވީ ރޫޙާނީ ކަންތައްތަކާ ބެހޭ ފަންޑިތަވެރިއަކު ގިރިފުށްޓަށް ގެންނަވައިގެން ވާގޮތެއް ބެއްލެވުމަށެވެ.

އެ މީހަކު ގެންގޮސްގެން ބެލި ބެލުމުން އެނގުނީ ހީކުރެވިގެން އުޅެނީ ހަމަ ރަނގަޅު ހީއެއްކަމާއި އިންޖީނަށް ދިމާވާ މައްސަލަތަކާއި ޖިންނި ޝައިޠާނުންނާ ގުޅުން އޮތް ކަމަށެވެ. އެކަން ހައްލުކުރުމުގެ ގޮތުން ފަންޑިތަވެރިޔާ ނިންމީ ޖިންނީންނާއި ގިރިފުށީގެ ކޮމާންޑަރުންނާ ތިބެގެން ވާހަކަ ދެއްކުމަށެވެ. ވާހަކަ ދައްކަނީ ފަންޑިތަވެރިޔާ މެދުވެރިކޮށެވެ.

މި މުހިންމު ބައްދަލުވުމުގައި ޖިންނީންގެ މައްސަލައަކަށް އެ މީހުން ބުނީ ގިރިފުށްޓަކީ ސިފައިން އެރަށުގައި ތަމުރީނުތައް ހަދަން ފެށުމުގެ މާ ކުރިންވެސް އެ މީހުން ވަޒަންވެރިވެ އުޅޭ ރަށެއް ކަމަށާއި މި ފަހަކަށް އައިސް މާގިނައިން ބަޑިޖަހައި ބޮންގޮއްވައި ހަދަން ފެށުމުން އެ މީހުންނަށް ވަރަށް ބޮޑަށް ދަތިވެ އުނދަގޫވާ ކަމަށެވެ. އިންޖީނާ ކުޅެ ކަރަންޓް ދުއްވާލަނީ ކުދި ޅަ ދަރިންނަށް ނިދިފިޔައެއް ވެސް ޖެހޭވަރު ނުވާތީ ކަމަށެވެ.

ޖިންނީންގެ މި ޝަކުވާއާ ގުޅިގެން ގިރިފުށީގެ ކޮމާންޑަރުން ވިދާޅުވީ އެ ބޭފުޅުންނަށް އެކަން އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ސިފައިން ބަޑިޖަހައި ބޮން ގޮއްވައި ހަދަނީ ޖިންނީންނަށް އުނދަގޫކުރަން ނޫން ކަމަށެވެ. މި ވާހަކަ ތަކުގައި ޖިންނީ ތަކުރާރުކޮށް އެދެމުން ދިޔައީ ގިރިފުށީގައި ބަޑިޖެހުން ހުއްޓާލުމަށެވެ. ގިރިފުށީގެ ކޮމާންޑަރުން ވިދާޅުވަމުން ގެންދެވީ ސިފައިންނަށް އެހެން ހެދެން ނެތް ކަމާއި ސިފައިންގެ އެހެން ތަމުރީނު މަރުކަޒެއް ވެސް ނެތް ކަމަށެވެ. ސިފައިން ތަމުރީނު ހަދަނީ ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދުކުރަން ކަމަށާއި ބަޑިޖަހަން ދަސްކޮށް މި ތަމުރީނުތައް ހަދަން ސިފައިންނަށް މަޖުބޫރުކަމަށެވެ. އެތައް އިރަކު ވާހަކަ ދައްކައިގެން ވެސް ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން ގޮތެއް ދުލެއް ނުކުރިއެވެ. ސިފައިންނަށް ބަޑި ނުޖަހާ ވާކަށް ނެތެވެ. ޖިންނީން ތިބީ ބަޑިޖަހަން ފުރުސަތު ދޭގޮތަކަށް ނޫނެވެ.

ދެ ފަރާތުގެ ވާހަކަތައް މި ހިސާބަށް ދިޔަތަނާ ގިރިފުށީ ކޮމާންޑަރުން ވިދާޅުވިއެވެ. "ކައިރީގައި މިއޮތް ތަނބުރުދޫއަކީ ސިފައިންގެ ރަށެކެވެ. ގިރިފުށީގައި މި ޖަހާވަރާ ގާތަށް ވެސް ބަޑިޖެހުމެއް އެރަށަކު ނޯންނާނެއެވެ. ކަލޭމެން ޖިންނީންތައް އެ ރަށަށް ދާންވީ ނޫންހެއްޔެވެ؟" މިހެން ވިދާޅުވުމާއެކު ޖިންނީގެ ބޮޑުންގެ ތެރޭގައި މަޝްވަރާކޮށް ސިފައިންނަށް ގިރިފުށި ދީފައި ހުރިހާ ޖިންނީންތައް ތަނބުރުދުއަށް ހިޖުރަކުރަން އެއްބަސްވިއެވެ. މި ގޮތަށް އެއްބަސްވެގެން ބައްދަލުވުން ނިންމާލީއެވެ. އޭގެފަހުން ގިރިފުށީގައި ބަޑިޖަހައި ގޮވާތަކެތި ގޮއްވާ ހަދަންފެށުން އިންޖީނަށް ކުއްލިއަކަށް ދިމާވާ މައްސަލަތައް ނުޖެހޭ ކަމަށް ވެއެވެ. އަދި އޭގެފަހުން ރޫޙާނީ އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެއެވެ.

އަޅުގަނޑު ރެކްރޫޓް ޓްރޭނިން ހެދީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު ގިރިފުށީގައެވެ. އަދި ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިން (އެސްޓީއެފް) ހެދީ 1990 ގެ އަހަރުތަކުގެ މެދުތެރޭގައި ހަމަ ގިރިފުށީގައެވެ. މި ކަހަލަ ވާހަކައެއް މީހަކު ކިޔާތީއެއް ނާހަމެވެ. އަދި ރޫޙާނީ ކަމެއް ވެސް ނުދެކެމެވެ. އަދި އަޅުގަނޑާއެކު ތަމުރީނު ހެދި މީހަކަށް ވެސް މި ބާވަތުގެ ކަމެއް ދިމައެއް ނުވެއެވެ. މިހާރު މި ބާވަތުގެ ވާހަކަތައް ބުންޏޭބުންޏޭ ކިޔައިގެން ދެކެވެނީ ކީއްވެގެންބާވައެވެ؟ އަޅުގަނޑަކަށް ނޭނގެއެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *