Support Us

ކޮލަމް ކޯދު: ޖިންނިއެއްގެ ބިރުވެރި ތަޖުރިބާ

ރާއްޖެ މަތިން ދަތުރުކުރި ޖިންނިއަކު، ރާއްޖޭގެ މަގެއް މައްޗަށް ތިރިކޮށްލިއެވެ. މަގުގެ ދެފަރާތް ބަލައިލިއިރު، އޭނަގެ ލޮލުގައި އަޅައިގަތީ އެއް ފަރާތުގައި ހުރި މަޖުލީސް ކުރާ ގެއެވެ. ދެން، އެ ޖިންނި އެ ގެއަށް ވަނެވެ. އެ ގެއިން މީހަކު މަގުފުރެއްދުމުގެ ނިޔަތުގައެވެ. ކޮންމެއަކަސް، ޖިންނި އެ މީހާއާ އަވަލައި އެ މީހާގެ ހަށިގަނޑު ތެރަށް ވަދެ އޭގެ ވަކިތައް ހިއްޕާލަން އުޅުނެވެ. ދެން، މާގިނައިރެއް ނުވެ، ހަމަ އެވަން ބާރުމިނުގައި ޖިންނި އެ މީހާގެ ހަށިގަނޑު ތެރެއިން ނިކުތެވެ.

ކޮންމެއަކަސް މިތަން ފެނިފައި އެ ޖިންނި ކުރެން އެ ޖިންނީގެ އަޚު ޖިންނިއަކު އެއްސެވެ. "ބަލަގަ އަޚާ ތިހެދީ ކިހިނެއް ހެއްޔެވެ؟ މަޖުލީހުގެ އެމީހާ މަގު ފުރައްދަން އުޅެފައި ތިހާ އަވަހަށް އޭނަ ދޫކޮށްލާފައި ތިޔަ ނިކުތީ ކީއްވެ ހެއްޔެވެ؟"

ދެން ޖިންނި ބުންޏެވެ: "އަހަންނަށް ފެނުނު މަންޒަރަކުން އަހަންނަށް އެނގުނީ އޭނަ މަގުފުރެދި ދިޔުމަށް އަހަރުމެންގެ ޖިންނި ޝައިތޯނުންގެ އަވަލެވުމާއި މަގުފުރެއްދުމުގެ ބޭނުމެއް ނުޖެހޭ ކަމެވެ!"

މިކަމާ ހައިރާންވެ، އަނެއް ޖިންނި ބުންޏެވެ: "އެކަން އަޚާއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟"

ޖަވާބުގައި ޖިންނި ބުންޏެވެ: "ހެނދުނު ފަތިސް ނަމާދަށް ފަހު، އޭނަ ވައްކަން ކުރެއެވެ. އެއަށް ފަހު، މެންދުރު ވަގުތުވީމައި އޭނަ މިސްކިތަށް މެންދުރު ނަމާދަށް ދެއެވެ. އޭނަގެ މަސައްކަތު މޭޒުމަތީ ޚަތިމެއް އޮވެއެވެ. ނަމަވެސް މޭޒުގެ ވަތްގަނޑު ހުޅުވާލުމުން ފެނުނީ ހުސް ބިޔަރު ދަޅެވެ. އަސުރުވީމައި އަސުރު ނަމާދަށް ދެއެވެ. އެއަށްފަހު އޭނަ އުޅެނީ ރިޝްވަތާއި ހަދިޔާބަދިޔާ ހޯދުމުގައެވެ. ރޭނގަޑުވީމައި ނަމާދުތައް ކޮށްގެން ދެން އޭނަ ދަނީ ނައިޓުކުލަބުތަކަށެވެ. ނެށުމާއި ރާބުއިމާއި މަޖާކޮށް މުނިފޫހިފިލުވުމުގައި އޭނަގެ ވަގުތުތައް ހޭދަކުރެއެވެ. މިފަދަ މުނާފިގުން އިތުރަށް މަގުފުރައްދަން އަހަރުމެންނަށް ކުރެވެން ދެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ އަހަންނަށް މިހާރު ޝައްކުވާ ދަރަޖައަށް ހިނގައްޖެއެވެ. އަހަރެން އޭނައާ އަވަލެވީތޯ ނޫނީ އޭނަ އަހަރެންނާ އަވަލަވައި އަހަރެންގެ ހަށިގަނޑުތެރޭ އޭނަ ވަކިހިއްޕާލައި އަހަރެން މަގުފުރައްދައިލީތޯއެވެ؟"