...

Support Us

ކޮލަމް: ދިނަށަ

ކޮލަމް: ދިނަށަ: މުލަރޯދަ ވާނީ ކޮން ދުވަހަކަށް؟

ރޯދަޔަށް ހަނދުބެލުމަކީ، އިސްލާމީ އާދަކާދައިގެ އިތުރުން، ދިވެހީން ވެސް ވަރަށް ޚާއްޞަކަމެއް ދެމުން އަންނަ އާދައެކެވެ. ވަރަށް އިސްކަމެއްދޭ ކަމެކެވެ. ޒަމާނީ ބަދަލުތަކާއެކު، އިރު އޮއްސޭ ވަގުތަށް މީހުން އަތިރިމައްޗަށް ނުކުމެ ހަނދުފެނޭތޯ ނޫޅުނުކަމުގައި ވިޔަސް، ޝަޢުބާންމަހުގެ 29 ވަނަ ދުވަހުގެ ރެޔަކީ، ޝަޢުބާންމަހުގެ 30 ވިލޭރޭތޯ ނުވަތަ މުލަރޯދަ ވިލޭރޭތޯ، ނުވަތަ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރެޔަކީ، ރަމަޟާން މަހުގެ 30 ވިލޭރޭތޯ ނުވަތަ ޢީދުވިލޭރޭތޯ ޔަޤީން ކުރުމަށެވެ.

އެގޮތުން ހަނދާބެހޭ ރަސްމީ ނިންމެވުމަށް އެންމެންވެސް އިންތިޒާރު ކުރެއެވެ. އެއީ، ހަނދުގެ ޚަބަރަށް ދެވޭ ސަމާލުކަމަކުންނެވެ.

ހަނދުބެލުމޭ ބުނާ ބުނުމުގެ ދޭހަޔަކީ، ރޯޔަދަށާއި ޢީދަށް ހަނދުބަލާރޭ، އިރު އެރަށަކަށް އޮއްސުމުގެ ފަހުން، ހަނދުގެ ހުޅެވި ހަމަލޮލަށް ފެނިގެން ސާބިތުވުމެވެ. ނުވަތަ އެފަދަ ދުވަހެއްގެ އިރު އޮއްސުމުގެ ފަހުން ހަނދު ފެންމަތީގައި (ސަތަހައިގެ މަތީގައި) ހުރިކަން ނުވަތަ ނޫންކަން ނިޔަމިކަމުގެ (ސެލެސްޓިއަލް ނެވިގޭޝަން) ގެ ޙިސާބަށް ކަށަވަރުވާ ގޮތުން، އެރެއަކީ މުލަރޯދަ ވިލޭރޭކަމަށް ނުވަތަ ނޫންކަމަށް، ނުވަތަ ޢީދުވިލޭރޭކަމަށް ނުވަތަ ނޫންކަމަށް، ދައުލަތުންގެ ފަރާތުން ރަސްމީގޮތެއްގައި ކަނޑައަޅުއްވާ އެޅުއްވުމެވެ.

އަދި ފަލަކީ ގޮތުން (އިރާއި ހަނދުގެ ފަލަކުން އެދޭތި ހުންނަތަން ދެނެގަންނަ ޢިލްމުން ބަލައިގެން) ވެސް، އެފަދަ ދުވަހެއްގެ އިރު އޮއްސުމުގެ ފަހުން، ހަނދު ސަތަހައިގެ މަތީގައި ހުންނާނޭކަން ނުވަތަ ނޫންކަން ކަށަވަރުކޮށް ދެނެގަނެވޭނެއެެވެ. ފަލަކީ ގޮތުން އެކަން ދެނެގަންނަ ގޮތަކީ، އިރާއި ހަނދުން ކުރެ ކޮންމެ އެއްޗެއްވެސް، އެއެއްޗެއް ހިނގާ މަގު (ފަލަކު) ގައި، ހިނގުމުގައި، މައްސަރަކަށް އެއްއުއިވުމުގެ (އިޤްތިރާންވުމުގެ) ފަހުން، އެފަދަ ދުވަހަކު، ރަށަކަށް އިރު އޮއްސޭ ވަގުތުގެ ފަހުން، އިރާއި ހަނދު ހުންނާނޭ ތަފާތު ނަކަތް (ނުވަތަ މަންޒިލުގެ) ގޮތުން، ނުވަތަ ރާހީގެ (ނުވަތަ ބުރުޖުގެ) ދަރަޖަ ދަގީގުން ދެނެގަނެ، އެދޭތިން ކުރެ ކުރިން އޮއްސޭނޭ އެއްޗެއް ކަށަވަރު ކުރެވޭ ކުރެވުމެވެ. އެހެނަސް އެއީ، މިޒަމާނަށް އުވިގެން ގޮސްފައިވާ ގޮތެކެވެ. މަދުބަޔަކު ނޫނީ ދަންނަ ގޮތެއްވެސް ނޫނެވެ.

އެކަމަކު، އަންނަ ރޯދަމަހަށް ހަނދު ބެލުމުގައި ނިޔަމިކަމުގެ ގޮތުންނާއި ފަލަކީގޮތުންވެސް ކަން ހުންނާނޭ ގޮތް، ކިޔުންތެރީނަށް މި ލިޔުމުގައި ހުށަހަޅައިލާނަމެވެ.

ފުރަތަމަ ބަލައިލާނީ ރާއްޖޭގެ ފަލަކީކޮމިޓީން ހަނދުބަލައި އުޅޭ ގޮތްކަމުގައިވާ ނިޔަމިކަމުގެ ހަމައިން، މި ޝަޢުބާން މަހުގެ 29 (10 މާރިޗް) ވާ އާދީއްތަ ދުވަހު އިރު އޮއްސުމުގެ ފަހުން ރާއްޖެއަށް ނުވަތަ ރާއްޖޭގެ ރަށަކަށް ހަނދު ސާބިތުވާ މިންވަރަށް ސަތަހައިގެ މަތީގައި ހަނދު ހުންނާނޭކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

އެގޮތުން ނިޔަމިކަމުގެ ޙިސާބުގެ އަލީގައި މާރިޗް 10 ވަނަ ދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް އިރު އޮއްސޭ ވަގުތުގެ ފަހުން، ސަތަހައިގެ މަތީގައި ހަނދު ހުންނާނޭ ނަމަ ހުންނާނޭ މިންވަރެއްގެ މައްޗަށެވެ. ނޫންނަމަ ނުހުންނާނޭ މިންވަރެއްގެ މައްޗަށެވެ.

މި ލިޔުމުގައި އެރަށަކަށް އިރު އޮއްސޭ ވަގުތުކަމަށް ލިޔެފައިވާނީ ސީދާ އެރަށަކަށް އެދުވަހު އިރު އޮއްސޭ ވަގުތަށެވެ. މަޣްރިބު ނަމާދު ވަގުތުކަމަށް ކަނޑައަޅާފައި އޮންނަ ވަގުތަކަށް ނޫނެވެ. އެހެނީ، ނަމާދު ވަގުތުތައް ކަނޑައަޅާފައި ހުންނަނީ، މެންދުރު ވަގުތު ފިޔަވައި، ކޮންމެ ވަގުތަކަށްވެސް 2 މިނެޓުގެ މިންވަރު އިތުރުކޮށްގެން ކަމަށްވާތީއެވެ.

މިފަހަރު ރޯދަމަސް ފެށުމަށް، އެއްއުއިވާ (ނުވަތަ އިޤްތިރާނުވާ) ވަގުތާއި ފަލަކުގެ ތަނަކީ، އެދުވަހު (މާރިޗު 10 ގައި) މާލޭގަޑިން 13:58 ގައި މީންޏަ ރާހީގެ 20 ދަރަޖަ 16 ދަގީގެވެ. އެއީ، ހިނގަމުންދާ ޝަޢުބާން މަހަށް އެއްއުއިވި، ފަލަކީ ތަނުން (ޕޮޒިޝަނުން) ފެށިގެން އިރަށްވުރެ ކުރިއަރައި، ހަނދު ހިނގަމުން ގޮސް، އަލުން އިރާ ބައްދަލުކުރާ ވަގުތާއި ތަނެވެ.

ރާއްޖެއަށް ހަނދު  

  1. 1. އެދުވަހު މާލެއަށް އިރު އޮއްސޭނީ 18:19 ގައެވެ. ހަނދު އޮއްސޭނީ 18:27 ގައެެވެ. އެއީ، އިރު އޮއްސުމުގެ 8 މިނެޓްގެ ފަސްވުމެކެވެ.
  2. 2. އެދުވަހު ކުޅުދުއްފުށްޓަށް އިރު އޮއްސޭނީ 18:20 ގައެވެ. ހަނދު އޮއްސޭނީ 18:28 ގައެެވެ. އެއީ، އިރު އޮއްސުމުގެ 8 މިނެޓްގެ ފަސްވުމެކެވެ.
  3. 3. އެދުވަހު މާމިގިއްޔަށް އިރު އޮއްސޭނީ 18:21 ގައެވެ. ހަނދު އޮއްސޭނީ 18:30 ގައެެވެ. އެއީ، އިރު އޮއްސުމުގެ 9 މިނެޓްގެ ފަސްވުމެކެވެ.
  4. 4. އެދުވަހު ލާމު ގަމަށް އިރު އޮއްސޭނީ 18:19 ގައެވެ. ހަނދު އޮއްސޭނީ 18:28 ގައެެވެ. އެއީ، އިރު އޮއްސުމުގެ 9 މިނެޓްގެ ފަސްވުމެކެވެ.
  5. 5. އެދުވަހު ގދ.ތިނަދޫއަށް އިރު އޮއްސޭނީ 18:22 ގައެވެ. ހަނދު އޮއްސޭނީ 18:30 ގައެެވެ. އެއީ، އިރު އޮއްސުމުގެ 8 މިނެޓްގެ ފަސްވުމެކެވެ.
  6. 6. އެދުވަހު ފުވައްމުލަކަށް އިރު އޮއްސޭނީ 18:20 ގައެވެ. ހަނދު އޮއްސޭނީ 18:29 ގައެެވެ. އެއީ، އިރު އޮއްސުމުގެ 9 މިނެޓްގެ ފަސްވުމެކެވެ.
  7. 7. އެދުވަހު ސީނު ހިތަދޫއަށް އިރު އޮއްސޭނީ 18:22 ގައެވެ. ހަނދު އޮއްސޭނީ 18:30 ގައެެވެ. އެއީ، އިރު އޮއްސުމުގެ 8 މިނެޓްގެ ފަސްވުމެކެވެ.

އެދުވަހު އިރަށް ވުރެން ހަނދު އޮއްސޭ ވަގުތު މުޅި ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް ފަސްވާ މިންވަރު ހުރީ 8 މިނެޓާއި 9 މިނެޓްގެ ތަފާތެއްގައެވެ.

އެދުވަހު އިރު އޮއްސޭ ވަގުތު، އިރާއި ހަނދު ހުންނާނީ ޚައްޠުއިސްތިވާގެ ދެކުނުން 3º ދަރަޖައާއި 4º ދަރަޖައާ ދެމެދުގައެވެ. އުތުރު ދެކުނުގެ ގޮތުން 56 ދަގީގުގެ މިންވަރުގެ ދުރުމިނެއްގައި އިރަށް ވުރެން ހަނދު ދެކުނުގައެވެ. އެވަގުތު ހަނދުގެ ހުޅެވި އަރިވެފައި ހުންނާނީ ދެކުނަށެވެ.

ދެވަނައަށް މި ބަލައިލަނީ، ފަލަކީގޮތުން (އިރާއި ހަނދު ފަލަކުގައި ހިނގާ މަގުގެ ގޮތުން) އެދުވަހު އެ ދޭތީގެ ފަލަކުގައި، އެވަގުތު ހުންނަ ތަނުގެ ގޮތުން، އެދުވަހު މާލޭގަޑިން 18:19 ވާއިރު، އިރާއި ހަނދު ހުންނާނެ ތަފާތުގެ މައްޗަށެވެ. އެދުވަހު އިރާއި ހަނދުވެސް ހިނގާނީ މީންޏަ ރާހީގެ (ޙޫތުގެ/ ޕީސީޒް) ގައެެވެ. އެދުވަހު މާލެއަށް އިރު އޮއްސޭ ވަގުތު ހަނދު ހުންނާނީ މީންޏަ ރާހީގެ 23º 01’.00” ގައެވެ. އިރު އެވަގުތު ހުންނާނީ މީންޏަ ރާހީގެ 20º 27’ 00” ގައެވެ. އެއީ، އިރަށް ވުރެން ރާހީގެ ގޮތުން ފަލަކުގައި ހަނދު 2º 34.00’ (2 ދަރަޖަ 34 ދަގީގު) ކުރިއަށް ހިނގާފައި ހުންނާނެ މިންވަރެވެ. އެއިން އަންގައިދެނީ، އެދުވަހު ހަނދަށް ވުރެން ކުރިން އިރު އޮއްސޭނެކަމެވެ.

އަދި މަންޒިލު ނުވަތަ ނަކަތުގެ ގޮތުން ބަލާއިރު، އެދުވަހު މާލެއަށް އިރު އޮއްސޭ ވަގުތު، އިރު ހުންނަނީ، ފުރަބަދުރުވަ ނަކަތުގެ 11º 52’ 48” ގައެވެ. އެހެންކަމުން އެ ނަކަތުން އިރު ހިނގާން ބާކީ އޮންނަނީ00º 58’ 48” އެވެ. އެވަގުތު ހަނދު ހުންނާނީ ފަސްބަދުރުވަ ނަކަތުގެ 01º 35’ 12’ ގައެވެ. އެއީ، އިރަށް ވުރެން ހަނދު ކުރިއަރައިގޮސް ފަސްބަދުރުވަ ނަކަތަށް ވަދެހުރި މިންވަރެވެ. އެ ދެ ޢަދަދު އެއްކޮށް ލުމުން ނުކުންނަ ނަތީޖާއަކީވެސް 02º 34’ 00” (2 ދަރަޖަ 34 ދަގީގު) އެވެ. އެއިންވެސް އެނގެނީ، މާރިޗު މަހުގެ 10 ވަނަ ދުވަހު ހަނދަށް ވުރެން ކުރިން ރާއްޖޭގެ ހުރިހައި ރަށަކަށް ވެސް ހަނދަށް ވުރެ ކުރިން، އިރު އޮއްސޭނެ ކަމެވެ.

އިސްލާމީ ބައެއް ގައުމުތަކަށް ހަނދު

ރާއްޖޭގެ އިތުރުން އިސްލާމީ ބައެއް ގައުމުތަކުގެ މައި ރަށްރަށަށާއި ގައުމުތަކަށް އެދުވަހު އިރާއި ހަނދު އޮއްސުމުގެ ތަފާތުގެ މައްޗަށްވެސް ބަލައިލުމަކީ، އޮތްކަމަކަށްވާތީ އެ ނަޒަރުން ކުޑަކޮށް ބަލައިލައި ފެންނަ ގޮތްވެސް ޙިއްސާކޮށްލާނަމެވެ.

އެގޮތުން، ފުރަތަމަ މި ބަލައިލަނީ އިސްލާމީ އެންމެ އިސްގައުމު ކަމަށްވާ ސަޢޫދީ ޢަރަބިއްޔާއަށެވެ. ޚާއްޞަކޮށް މައްކާއަށާއި ޖިއްދާއަށެވެ.

މައްކާއަށް އެދުވަހު އިރު އޮއްސޭނީ މައްކާ ގަޑިން 18:29 ގައެެވެ. ހަނދު އޮއްސޭނީ 18:42 ގައެވެ. އެއީ، އިރަށްވުރެ 13 މިނެޓް ފަސްވުމެކެވެ.

ޖިއްދާއަށް އެދުވަހު އިރު އޮއްސޭނީ 18:31 ގައެވެ. ހަނދު އޮއްސޭނީ 18:45 ގައެވެ. އެއީ، އިރަށްވުރެ 14 މިނެޓް ފަސްވުމެކެވެ.

މިޞްރުގެ ޤާހިރާއަށް އެދުވަހު އިރު އޮއްސޭނީ އެތާނގެ ގަޑިން 18:00 ގައެވެ. ހަނދު އޮއްސޭނީ 18:15 ގައެވެ. އެއި އިރަށްވުރެ 15 މިނެޓް ފަސްވުމެކެވެ.

މޮރޮކޯގެ ކަސަބުލަންކާއަށް އެދުވަހު އިރު އޮއްސޭނީ އެތާނގެ ގަޑިން 18:35 ގައެވެ. ހަނދު އޮއްސޭނީ 18:57 ގައެވެ. އެއީ، އިރަށް ވުރެ 22 މިނެޓް ފަސްވުމެކެވެ.

ސެނެގޯލްގެ ޑާކާރަށް އެދުވަހު އިރު އޮއްސޭނީ އެތާނގެ ގަޑިން 19:20 ގައެެވެ. ހަނދު އޮއްސޭނީ 19:43 ގައެވެ. އެއީ އިރަށްވުރެ 23 މިނެޓް ފަސްވުމެކެވެ.

ދެކުނު އެފްރިކާގެ ކޭޕްޓައުނަށް އެދުވަހު އިރު އޮއްސޭނީ އެތާނގެ ގަޑިން 19:11 ގައެވެ. ހަނދު އޮއްސޭނީ 19:26 ގައެވެ. އެއީ، އިރަށް ވުރެ 15 މިނެޓް ފަސްވުމެކެވެ.

އިންޑޮނޭޝިޔާގެ ޖަކާޓާއަށް އެދުވަހު އިރު އޮއްސޭނީ އެތާނގެ ގަޑިން 18:08 ގައެެވެ. ހަނދު އޮއްސޭނީ 18:13 ގައެވެ. އެއީ އިރަށް ވުރެ 5 މިނެޓް ފަސްވުމެކެވެ.

ދިވެހީން ދިރިއުޅޭ ބައެއް ގައުމުތަކަށް ހަނދު

މެލޭސިޔާގެ ވެރިރަށް ކުއާލަމްޕޫރަށް އެދުވަހު އިރު އޮއްސޭނީ އެތާނގެ ގަޑިން 19:26 ގައެވެ. ހަނދު އޮއްސޭނީ 19:31 ގައެވެ. އެއީ އިރަށް ވުރެ 5 މިނެޓް ފަސްވުމެކެވެ.

ސްރީލަންކާގެ ކޮލޮމްބޯއަށް އެދުވަހު އިރު އޮއްސޭނީ އެތާނގެ ގަޑިން 18:23 ގައެވެ. ހަނދު އޮއްސޭނީ 18:30 ގައެވެ. އެއީ އިރަށް ވުރެ 7 މިނެޓް ފަސްވުމެކެވެ.

އިންޑިއާގެ ޓްރިވެންޑްރަމަށް އެދުވަހު އިރު އޮއްސޭނީ 18:34 ގައެވެ. ހަނދު އޮއްސޭނީ 18:41 ގައެވެ. އެއީ، އިރަށް ވުރެ 7 މިނެޓް ފަސްވުމެކެވެ.

އެހެންކަމުން، ނިޔަމިކަން (ސެލެސްޓިއަލް ނެވިގޭޝަން) ގެ ޙިސާބުގެ އަލީގައި، މި މާރިޗް މަހުގެ 10 ވަނަ ދުވަހު އިރަށް ވުރެ، އޮއްސުމުގައި ހަނދު ފަސްވާކަން، ޝައްކެއްނެތި އެނގޭން އޮންނާތީ، އަންނަ ރަމަޟާން މަހުގެ މުލަރޯދަ ދުވަހަކީ، ގިނަ ގައުމުތަކަށް، މި މާރިޗު މަހުގެ 11 ވާ ހޯމަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ.

މި އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އެއީ ކަމަށް އިސްލާމީ ދައުލަތްތަކުން ކަނޑަ އެޅުއްވޭނެ މިންވަރަށް އެދުވަހު އިރު އޮއްސުމުގެ ފަހުން ސަތަހައިގެ މަތީގައި ހަނދު ހުންނާނެކަމާމެދަކު ޝައްކެއް ކުރާނެ ތަނެއް ޖާގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. މި އާޓިކަލް ލިއުއްވި ފަރާތަށް ބައްދަލު ކޮށްލަން ވވވ. ބޭނުން. އެއީ މިކަން ދަސްކުރުމުގެ ބޭނުމުގައި. މަގުފަހި ކޮށްދެއްވާނެ ކަމަށް އުއްމީދުކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.