...

Support Us

ކޮލަމް ކަލާވެހި: މިތަނަށް ވެގެން މިއުޅެނީ ކޮންކަމެއްބާވައޭ މުދިންބޭ ހިތަށްއެރިއެވެ.

މާލޭގެ މައްޗަންގޮޅީގެ ކޮންމެވެސް ހިސާބެއްގައި ހުރި މިސްކިތެއްގައި ވަރަށް ގިނަ ދުވަސް ވަންދެން އިމާމުވެ ނަމާކޮށްލައި އުޅުނު، އިހުގެ ބަހުރުވައިންނަމަ މުދިމެކެވެ. މިއަދު އޭނާޔަކީ މުސްކުޅިވެ، ގައިބާރު ކުޑައިކޮށް ދެރަވާނޭ ކަމަށް ބަޔަކަށް އަދި ހީވިޔަސް، ހަމައިސްކޮޅަށް ހަށިގަނޑު ދަމައިލައިގެން މަގުމަތީގައި ހަމަ ނުހަނު ހަލިކޮށް ހިނގައިލައި، މާރުކޭޓަށް ގޮސް މަސްގަނެލައި، މިހެން އުޅެލެވޭ މީހެކެވެ. މުދިންބޭގެ އުޅުމާއި، އަޚުލާޤާއި، ފޭރާމުންވެސް ފެންނަނީ މީގެ ތިރީހަކަށް ސާޅީހަކަށް އަހަރު ކުރީގެ ގޮތްތަކެވެ. ރީތި އެކަމަކު ސާދާ، ސާފު އެކަމަކު ކުޑައިކޮށް ބައުވެލައިފައިވާ، ގޮޅިޖެހި މުންޑެކެވެ. އެޔާ ވާނޭ، އާދައިގެ ބުސްގަމީހެކެވެ. ބޮލުގައި މަޑުފެހިކުލައިގެ ފޮތި ތާކިހަލެއް އޮތްއިރު، ފައިގައި އާދައިގެ ވަދުޖެހި ފައިވާނެކެވެ. 

މުދިންބޭގެ ހިތުގައި ޢަދާވަތަކަށް ބަދުނިޔަތަކަށް ޖާގަޔެއް ނޯވެއެވެ. ފަޅަކަށް، ފަޅުރަށަކަށް، ފިނޮޅަކަށް، ހަލަކަށް، ލޯބިލޯބި ގިރިޔަކަށް ވިޔަސް ކުޑައިވެސް ލާލަޗެއް، ހޯސެއް، ޚުވާހިޝެއް ނޯވެއެވެ. އަވަށްޓެރިޔާގެ ފޯރުންތެރިކަމަކަށް، ދެކެފަރިތަ ސޭޓުންގެ އަންބޮނޑީގެ މަސްފަލަކަމަކަށް ހަސަދަލައި ހެދުމެއްވެސް ނޯވެއެވެ. ވެހޭތާ ފެންނެގުމަކީ ދިވެހީންގެ މައްޗަށް އާދަކާދަޔާއި ހަރުބަހުގެ ޚަޒާނާއިން ލާޒިމްކުރާ، މުރުއްވަތްތެރީންގެ އަަތު ހަތިޔާރެއް ކަމަށް ޤަބޫލު ކުރެވުނަސް، އެ ހަރުބަހުގެ ނުއަތު ފުރޮޅުމަކުން ނެރެވޭ، "ކައްވައިލުން، ޗަލުވާލުން، ކަޓުވައިލުން، ސުމާޓުކަމުން ދަމައިގަތުން" މިހިރިމިހިރީ މުދިންބެޔަކަށް އެހައި ކަމުދާ ގޮތެއްގައި ބަލައިގަނެވޭ  ލަފުޒުތަކެއްވެސް ނުމެނޫންމެއެވެ. މުދިންބޭގެ ޙަޔާތުގެ ބޮޑު ބައި ހޭދަކޮށްލީ މުދިންބޭގެ އަަވަށްޓެރީންނާއި ހިސާބުގަނޑުގައި ދެންވެސް އުޅޭ އެންމެހައި ކަތުންގެ ޚިދުމަތުގައެވެ. ވަކީން ޚާއްޞަކޮށް، ގަޑީންގަޑިޔަށް ބަންގިގޮވައި، އިމާމުވެ ނަމާދުކުރުމުގެ އިތުރުން މިސްކިތާއި މިސްކިތުގެ ހަރިންމަޔާއި، މިސްކިތުގެ ހަރިންމައިގެ ދެފަރާތަކުން އޮންނަ މަގަކާއި ގޯޅިޔަކުން މިސްކިތަށް ވާ ބަޔަށް ދާންދެން ފޮޅައި، ސާފުކޮށް، ކުނިކަހައި ހެދުމުގައެވެ. 

މުދިންބޭގެ ރަސްމީ ޙާލަތު އިހަކަށް ދުވަހަކު އަދި ބަދަލުވިޔަސް، މުދިންބޭގެ މާކަ ބޮޑު ޝަކުވާއެއް އެކަމުގައިވެސް ނެތެވެ. ކަން ހިނގާނީ މިންވަރުފުޅުން ކަމުގެ ޔަޤީންކަމުގައި ހިތަށް ފިނިކަންކަން ގެނެސް، ޝުކުރުކޮށްލައިގެން ހުންނަނީއެވެ. ރާއްޖޭގެ ރަސްކަމުގައި އިންނެވި ފުރަދާނަ މަހާރަދުންގެ ވިދާޅުބަސްފުޅަށް ކިމަންގަތުމުގެ މަގުން ތިމާމީހާގެ އަމިއްލަ ބަފައިމީހާވެސް މުދިންކަން ކުރި ހަމަ އެމިސްކިތުގައި،  އެ ބަފައިމީހާގެ އިރުޝާދުގެ ދަށުން، ޢުމުރުން އެންމެ ފަނަރަ އަހަރުގައި މުދިންކަން ކުރާން ފެށި މުދިންބެޔަށް ޢުމުރުން ފަންސަހައްޓި އަހަރު ފުރުމާއެކު، ފަހުން އައި ރަންޒަމާނުގެ ޖުމްހޫރިއްޔަތުގެ ވުޒާރާޔަކުން މުދިންބޭ މުދިންކަމުން ވަކިކުރެއްވީއެވެ. އެހެންނަމަވެސް، ވަކިކުރެއްވި ވަޒީފާޔަކީ ފަހުގެ ރަސްމީ ދަފުތަރުގައި އޮންނަ ވަޒީފާޔަކަށް ނުވާތީ، މުދިންބެޔަކަށް ޕެންޝަނެއް ނުދެއްވިއެވެ. އަދި އެހެން މަޢީޝަތެއްވިޔަސް ނުދެއްވިއެވެ. ނެތް ވަޒީފާޔަކުން މުސްކުޅިކުރެއްވި ގޮތެއް އަދި ނޭނގުނަސް، އެއީވެސް ކަން އޮތް ގޮތޭ ހީކޮށްލައިފައި، މުދިންބޭ މިހައިރު ނަމާދަށް ދަނީވެސް ތަންކޮޅެއް ދުރުގައި ހުންނަ އެހެން މިސްކިތަކަށެވެ.

މީގެ ހަމަ ދެދުވަހެއް ކުރިއެވެ. މުދިންބޭ ޢަޞުރު ނަމާދު ކޮށްލައިގެން ގެޔާ ދިމާޔަށް ބަހައްޓައިފައި ހުއްޓައި، ކުރިމަތީން އައި ޒުވާން ފިރިހެންކުއްޖަކު މުދިންބޭ ގައިގައި އެބަހަރަ ލައިގަތެވެ. އޭނާ އައީ އޭނާގެ އަތުގައި އޮތް، ފުރަގަހުގައި އެއްބައި ވާކައިފައި އޮތް އާފަލެއް ޖެހި، އަގުބޮޑު ޒާތުގެ ފޯނަކަށް އޭނާގެ މުޅި ނަޒަރާއި، ސަމާލުކަމާއި، ހިތާއި ރޫޙުވެސް ހުސްކޮށްލައިގެން ކަން މުދިންބެޔަށް މާ ދުރުން ފެނި، ރެކެން މަސައްކަތް ކޮށްކޮށް ހުއްޓައި، ހިމަ ކަންވާރެއްގައި ގަންނަ ކުޑަވަރެއްގެ ކޮރަކައްޔެއްހެން އެކި ފަހަރު އެ ދިމާޔަށް ކައްޗާދުއްވަމުން އައި އެ ސޮރު މުދިންބޭގައިގައި ލައިގަތީ މުދިންބެޔަށް ކުޑައިކޮށް ހާނީއްކަވެސް ވާ ވަރަށެވެ. އެހެންކަމާވެސް އެކު، އަދި ބޭއިޚްތިޔާރަކީ ބައެއްފަހަރު ނަމަވެސް އިޚްތިޔާރުގެ މައްޗަށް ބާރުފޯރުވާ އެއްޗަކަށްވެސް ވާތީ، މުދިންބެޔަށް އައްދިއްޔޯއޭވެސް ބުނެލެވުނެވެ. 

އަސްތާ، އެ ހިސާބުން އެފެށުނީއެވެ! ޒަމާނުގެ ތަޢުލީމާއި ތަރުބިއްޔަތު، ތަރައްޤީއާއި ތަހުޒީބު، އަދި މުޖުތަމަޢުގެ މިސްރާބާއި މިސާލުގެ ނަމޫނާތައް މުދިންބޭގެ ކުރިމަތީގައި އެހެރަގެން ތަމްސީލުވާންފެށީ އެ ހުރިހައި ކަމެއްގެ އެންމެ މަތީ ފަންތީންނެވެ. 

އެ ޒުވާނާޔަކީ މުދިންބޭ ދަންނަ ޢާއިލާއެއްގެ ކުއްޖެކެވެ. ހަމަ ދާދި އިހަކަށްދުވަހު، ބާޒާރުމަތީ ގާޑިޔާ ދަމައިގެން ތިންއިރު ކޮއްތު ގެޔަށް ވައްދައި، ބާޒާރުމަތީގެ މުޖުތަމަޢުގެ އިޞްޠިލާޙަށް ބަސްމަގު ހަމަކުރި ބަފައެއްގެ ދަރި، ހަމަ އެ ބަސްމަގާއެކު ސިޔާސީ ގާޑިޔަލެއް މަގުމަތީގައި ދަމައިގެންް މަތިފަޑިމަތީން ޖާގަހޯދައިގެން ހެދި ހާއްޔަކަށް އުފަންވި ކުއްޖެކެވެ. އެހައި ތަރުތީބުކޮށް ނޫން ނަމަވެސް، މުދިންބޭ އިމާމުވެ ނަމާދުކޮށް އުޅުނު މިސްކިތަށް ކުޑައިރު އަރައިއުޅުނު، މުދިންބެޔަކީ ކާކުކަންވެސް ހަމަ ރަނގަޅަށް ދަންނާނޭ  ކުއްޖެއް މެއެވެ. އެހެންނަމަވެސް، އޭނާޔަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޔުނިވަރސިޓީއިން ބޮޑު ފާހެއް ހިފައިގެން އިހަކަށްދުވަހު ރާއްޖެއައި ކުއްޖަކަށް ވިޔަސް، އޭނާ މުދިންބޭ ގައިގައި ލައިގެންފައި ދެން އެ ފެށީ މުޅީން އެހެން ފޮތަކުންނެވެ. 

އޭނާ މުދިންބެޔަށް ދިން މަގުމަތީ ދަރުސް ފެށީވެސް މުދިންބެޔަކީ ބޮލުރޮދި ކެނޑިފައިހުރި ގަމާރެކޭ، ގަބިޔާއެކޭ، ޒަމާނަށް ނުފެތޭ ޖާހިލެކޭ ގޮވަމުންނެވެ. ބާކީވެ، ބޭކާރު ވީމައިވެސް އެވަރުވެސް ނޭނގި، މަރުވާންދެން ގޭގައި އޮންނާން ނޭނގިގެން އެހެން މީހުންގެ މިނިވަންކަމަށް އަރިގަންނަން މަގުމައްޗަށް ނިކުމެ، އިހަށް ހިނގައި އުޅުނު ގޮތަށް މުޅި މަގުގައި ހުސްފަޔާ ހިނގާން ކަމަށް ނިކުމެ އުޅޭ އުނދަގުލެކޭވެސް ގޮވަމުންނެވެ. މުދިންބެޔާ މުޚާޠަބްކޮށް އޭނާ ދެން އެ ގޮވިހައި އެއްޗިއްސާއި، އިއްވި ބަސްތަކުން މުދިންބޭގެ ހިތަށް ވައްދައިދޭން އުޅުނު ނިކަމެތި ކަމާއި، އެ ސޮރުގެ ބަސްމަގުގައި ހުރި ފުށަތު ބަލާޢާތްތެރިކަމަކީ މި ޞަފުޙާޔާ އެހައި އެކަށީގެން ނުވާ ބަސްތަކަކުން ގެތިފައިވާ ހާރަކަށް ވާތީ އެ ހާރު މިތާނގައި އިސްތިހާރު ނުކޮށް މަގުމައްޗަށް ދޫކޮށްލީމެވެ. އަދި ތިކަހަލަ މީހުންނާ ހެދި އުޅެވޭކަށް ނެތޭ، ޒަމާނުގެ ތަހުޒީބާ އެއްގޮތަށް އުޅޭން ދަންނަ މީހުންނަށް ޖާގަ ދީފައި ފަޅުރަށަކަށް ދާންވީ ނޫންހޭވެސް އަހަމުން ދަރުސު ނިންމައިލި ވާހަކަ ދަންނަވާފައި ހުއްޓައިލާނަމެވެ.

މުދިންބެޔަކީ އެ ސޮރުގެ ބަހުރުވަޔަށް އެހައި ފަރިތަ މީހަކަށް ނުވާތީ އޭނާ ފުއްދައިލީ އެންމެ އެއްޗެއް ބުނެލަމުންނެވެ. އޭނާ ބުނި އެތީގެ ފުރިހަމަ މާނަ އެ ސޮރަށް މުޅީން ދޭހަނުވިޔަސް ހެޔޮކަމަށެވެ.

"ދަރިފުޅާއެވެ! ދަރިފުޅުންމެން ގޭދޮށު މީހުން ނުކިއްސަރު ގޮތަކަށް އަތްދަށުނުލާ ފަޅުރަށެއް އޮޑިފޯރާފަށުގައި އޮތިއްޔާ ބޭބެ ހަމަ އުފަލުން ތިޔަބުނާ ކަހަލަ ފަޅުރަށަކަށް ހިނގައިދާނަން! އެކަމަކު…ދޯ؟" މުދިންބޭ މިހެން ބުނެލައިފައި ދުރަށް ހިނގައިގަތީ ކުރިމަތީގައި ހުރި މީހާގެ ކިބައިން ސަލާމަތްވުމުގެ ނިޔަތުގައެވެ. ކުރިމަތީގައި ހުރި އެ ސޮރުގެ ލޮޮލުން ހުޅުފަޅައި، ވައިމައްޗަށް އެރީމައި ފަރުހަކި ވަސް އަދި ނުދުވިޔަސް، އެހެންވެސް ވެދާނޭތީއެވެ.

މިތަނަށް ވެގެން މިއުޅެނީ ކޮންކަމެއްބާވައޭ މުދިންބޭ ހިތަށްއެރިއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.