Support Us

ކޮލަމް: ދިނަށަ

ޤާނޫނު ހަދާ މަޖިލީހަށް ވަންނާންވީ ކޮންބައެއް؟

ބައެއް މީހުން ހީކުރާ ގޮތުގައި ނުވަތަ ބުނެއުޅޭ ބުނުމުގައި، ރައްޔިތުންގެ މަޖިލީިހަށް ކުރިމާތިލާންވީ ނުވަތަ ހޮވޭންވީ ޝަރުޢީ، ޤާނޫނީ ތަޢުލީމުގެ މީހުން އެކަންޏެވެ. ސަބަބަކީ، އެއީ ޤާނޫނު ހަދާ މާޖިލިހަކަށް ވާތީޔޯލައެވެ. އެހެނަސް އެއީ، ހީވެފައި އޮންނަ ވަރަށް ބޮޑު ކުށްހީއެކެވެ. ރައްޔިތުންގެ މަޖިލީހަކީ، ހަމައެކަނި ޤާނޫނު ހަދާ މަޖިލީހެއް ނޫނެވެ. އެއީ، މުޅި ދައުލަތުގެ ހުރިހައި ކަމަކަށް ފާރަވެރިވެ ދައުލަތުން ކުރާ ކަންކަމަށް އިޒުނަދީ ޖަވާބުދާރީ ކުރުވުންމަތީގައި އޮންނަ އަދި ޤާނޫނު ވެސް ހެދުމާއި ބަދަލު ކުރުމުގެ ބާރުތައް އޮންނަ މަޖިލީހެކެވެ.

ދައުލަތުގެ ވެރިކަން އޮތް ނިޒާމުގެ ބާވަތުން މަޖިލީހުން ކުރާ ހުރިހައިކަމެއް ކުރާނީ ވަކިވަކި މެންބަރަކަށް ފެންނަ ގޮތަކަށް ނޫނެވެ. ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕުތަކުން ނިންމާ ގޮތެއްގެ މަތީން މުޅި މަޖިލީހުގެ އަޣްލަބިއްޔަތުގެ މައްޗަށެވެ.

އެ މަޖިލީހުން ޤާނޫނެއް ހަދާނަމަ އެކަން ކުރަނީ މަޖިލީހުގައި ތިބޭ މެންބަރުންނަށް ޤާނޫނު އެނގޭ މިންވަރެއްގެ މަތީންނެއް ނޫނެވެ. މަޖިލީހުން ކަމަކާބެހޭ ގޮތުން ޤާނޫނެއް ހަދާނަމަ ނުވަތަ އިޞްލާޙެއް ގެންނަނަމަ އެކަންކަން ކުރަނީ ކަމާ ގުޅޭ ދާއިރާ ތަކުގެ ލަފާގެ މަތީން ރާއްޖޭގައި ތިއްބަވާ ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި ބޭރުގެ އެފަދަ މާހިރުންގެ ވެސް ބައިވެރިވުމެއް އޮވެގެން، ރާއްޖޭގެ ޤާނޫނީ ލޯފާމެއް ފަދަ ފަރާތެއް މެދުވެރިކޮށެވެ. އެގޮތުން އެކުލަވައިލާ ޤާނޫނެއް ނުވަތަ އިސްލާޙެއް ފާސްކުރަނީ ސީޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕުތަކުން ބުރަވާ ގޮތްތަކެއްގެ މަތީން މަޖިލީހުގެ އަޣްލަބިއްޔަތާއެކު ރައީސުލްޖުމްހޫރިއްޔާގެ ވެސް ބައިވެރިވެވަޑައިގަތުން އޮވެގެންނެވެ. ބައެއް ޙާލަތުތަކުގައި ސުޕްރީމް ކޯޓުގެ ލަފާވެސް ހޯދައިގެންނެވެ. އެހެން އެކަން ހުރުމުން މަޖިލީހަށް ވަންނާން ޖެހޭނީ ޤާނޫނީ ތަޢުލީމުގެ މީހުން ކަމުގައި ވާކަށް ނުޖެހެއެވެ. އެހެނީ، ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވުމަށް ނުވަތަ މަސައްކަތް ކުރުމަށް ބައިވެރިވާން ޖެހޭނީ ހުސް ސިވިލް އިންޖިނިއަރުން ކަމަށް ވާކަށެއް ނުޖެހެއެވެ. ދަތުރެއް ކުރުމަށް ބައިވެރިވާން ޖެހޭނީ ހުސް މާލިމީން ކަމަށް ވެސް ވާކަށް ނުޖެހެއެވެ. އެފަދަ ކަންކަމަކީ، އެކަންކަން ކުރަން ދަންނަ އެކަކު ހުއްޓަސް ކުރެވޭ ކަންކަމެވެ. އެހެންކަމުން ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ދަނެގެން ނޫނީ ދައުލަތުގެ ކަންކަމުގެ މައްޗަށް ފާޑު ކިޔުމަކީ އެމީހަކު ދައުލަތުގެ ނިޒާމުތުކުގެ މައްޗަށް ބީރައްޓެވި ވެގެންވާ މިންވަރު ހާމަވާ ކާމަކަށް މެނުވީ ނުވާނެއެވެ.