Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

ތިރީގައި އެވަނީ ޕިލިޕް ޚޫރީ ހިއްތީގެ ބަސްކޮޅެކެވެ. އޭނާއަކީ ލުބްނާނީ ދަރިކޮޅުގެ އެމެރިކާގެ އިލްމުވެރިއެކެވެ. މެދުއިރުމަތީގެ ތާރީޚާއި އިސްލާމް ދީނާއި އަދި ސާމީ ބަސްތަކުގެ އިލްމުވެރިއެކެވެ. ޕުރޮފެސަރެއްގެ ގޮތުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވަސިޓީގައްޔާއި ހާވަޑް ޔުނިވަސިޓީގައި އޭނާ މަސައްކަތް ކުރެއްވިއެވެ. އަރަބި ދިރާސާތުތައް އެމެރިކާގެ ޔުނިވަސިޓީތަކަށް ތައާރުފުކުރި އިލްމުވެރިޔަކީ ޕިލިޕް ހިއްތިއެވެ. އޭނާގެ އެންމެ މަޝްހޫރު އެއް ފޮތް ކަމުގައި އަރަބިންގެ ތާރީޚާ ބެހޭ ގޮތުން އޭނަ ލިޔުއްވި ފޮތް ހިމެނެއެވެ. އޭނާ ނިޔާވީ 1978 ވަނަ އަހަރުއެވެ. އޭނަ ލިޔުއްވާފައި އޮވެއެވެ.

"މެދު އަސްރުތަކޭ ކިޔޭ ދުވަސްވަރުގައި [މީލާދީ ސަނަތުން ހަވަނަ ގަރުނާއި 12 ވަނަ ގަރުނު ހިސާބު] އިންސާނީ ކުރިއެރުމަށް، އަރަބިން ޚިދުމަތް ކުރި ފަދައިން އެހެން އެއްވެސް އުއްމަތެއްގެ ބަޔަކު ޚިދުމަތް ކޮށްފައެއް ނުވެއެވެ. މިތަނުގައި އަރަބިންނޭ ބުނެ އިޝާރަތްކުރަނީ، އަރަބި ބަހަކީ އެމީހުންގެ މައިވަންތަ ބަސްކަމުގައި ހިމެނުނު މީހުންނަށެވެ. އަރަބި ކަރައިގައި ހަމައެކަނި އުޅުނު މީހުންނަކަށް ނޫނެވެ. [އާދެ، ނަސްލުގެ ގޮތުން އަރަބިންނަށް ނުވިޔަސް، އެ މީހުންގެ ބަހަކީ އަރަބި ބަސްކަމުގައިވި މީހުންނެވެ. މައިގަނޑު ގޮތެއްގައި އެއީ އެދުވަސް ވަރުގެ މުސްލިމުންނެވެ.] އެތައް ގަރުނެއް ވަންދެން، އަރަބި ބަސް ހިމެނިފައި އޮތީ ކިޔަވައި އުނގެނުމުގެ ބަސްކަމުގައެވެ. އަދި، އިލްމީ ސަގާފަތާއި ޒިހުނީ ކުރިއެރުމުގެ ބަސް ވެސް ކަމުގައެވެ. ހަމައެކަނި އަރަބި ނޫނީ މުސްލިމު ދުނިޔެއަށް އެކަނި އޮތް ބަހެއް ވެސް ނޫނެވެ. ނަމަވެސް، އެ ދުވަސް ވަރުގައި އަރަބި ބަސް ވެފައި އޮތީ، ދުރު އިރުމަތި ފިޔަވައި، މުޅި ދުނިޔޭގެ ވެސް އިލްމީ ބަސް ކަމުގައެވެ. މީލާދީ ސަނަތުން ހަވަނަ ގަރުނުން ފެށިގެން ބާރަ ވަނަ ގަރުނާ ހަމައަށް، ފަލްސަފާއާއި ބޭސްވެރިކަމާއި ތާރީޚާއި ދީނާއި ފަލަކީ އިލްމާއި ޖޯގުރަފީއާއި، މި ދާއިރާތަކުގައި އަރަބި ބަހުން ލިޔެވުނު ފަދަ ލިޔުންތަކެއް އެހެން އެއްވެސް ބަހަކުން ލިޔެވިފައެއް ނުވެއެވެ."