Support Us

ކޮލަމް ކޯދު: ޅެމަކާއި އެ ޅެމުގެ މާނަކޮށްލުމެއް- ޅެންވެރިޔާގެ ލޯބީގެ ޝުއޫރު

وما استسلمْتُ قَبلُ لفارسٍ
مالي أمام عيونها مستسلِمُ!؟
މީގެ ކުރިއަކުން، އަހަރެން ދީލާލައި، ހަނގުރާމަވެރި އަސްވާރެއްގެ ކުރިމަތީގައި ވެސް އަމާންނެއް ނުދެމެވެ. ނަމަވެސް، އެކަނބުލޭގެ ލޯ ކުރިމަތީގައި، ދީލާލައި އަހަރެން އަމާން ދިނީ ކީއްވެ ބާވައެވެ؟
أأعودُ منتصِرا بكل معاركي
وأمام عَيْنيها البريئة أُهْزَمُ!؟
އަހަރެންގެ ހުރިހާ ހަނގުރާމަތަކުގައި ވެސް އެނބުރި އަންނަނީ ކާމިޔާބު ހޯދައިގެންނެވެ. ނަމަވެސް، އެކަނބުލޭގެ މައުސޫމު ދެ ލޯ ކުރިމަތީގައި އަހަރެން ބަލިވީ ހެއްޔެވެ؟
أنا شاعرٌ ما أسعفتْه حروفه
الحبُّ من لغة المشاعر أعظمُ
އަހަންނަކީ ޅެންވެރިއެކެވެ. ނަމަވެސް (އަހަރެންގެ ލޯބިވެރިޔާ ކުރިމަތީގައި އަހަރެން ބުނަން ބޭނުންވި ވާހަކަ ބުނުމަށް، ބަހުގެ) އަކުރުތައް އެހީއެއް ނުވިއެވެ. (ލަފްޒުތަކެއް މެދުވެރިކޮށް، ލޯބީގެ) ޝުއޫރުތައް ފާޅުކުރެވޭ ވަރަށް ވުރެ ލޯބި މާ މަތިވެރިއެވެ.
لي ألف بيتٍ بالفصيح أجدْتُها
لكنني في حبها أتلعثمُ!
އެތައް ހާސް ބައިތެއް، ރީތި ފަސީހަ ބަހުން، މޮޅަށް އަހަރެން ހެދީމެވެ.
ނަމަވެސް، އެކަނބުލޭގެ ދެކެވާ ލޯބި ބަޔާން ކުރަން އުޅުމުން އަހަރެން އާގަންނަ ގޮތްވެ، އެއްޗެއް ނުބުނެވެއެވެ!