Support Us

މާދަރީ ބަހާއި ސަގާފީ ހެދުމާ ހުރި ގުޅުން

ދިވެހީންގެ މާދަރީ ބަހަކީ ދިވެހީންގެ ބަހެވެ. ދިވެހި ބަހުގެ މައި ބަހަކީ މި ސަރަޙައްދުގައި ބޭނުންކުރާ އަދި ބޭނުންކޮށްފައިވާ އެހެނިހެން ބަސްތަކުގެ ވެސް މަންމަ ބަސްކަމަށް ދެންނެވުމަށްވުރެ އިންސާފުވެރި ގޮތެއްނެތެވެ. ސަންސްކިރިތު ބަހާއި ސިންހަޅަބަހާއި އެވޭލާ ޕާޅީ ބަހާއި ތަމަޅަ ބަހާއި ޕޮޝްތޫބަހާއި ފާރިސީ ބަހާއި ޢަރަބި ބަސްފަދަ ބަސްބަހާއި ދިވެހިބަހުގައި ހުންނަ އެއްގޮތް ކަމަކީ މި ހުރިހާ ބަހެއްގެ މަންމަ ބަހަކީ ދިވެހިބަހުގެ ވެސް މަންމަބަސް ކަމަށްވުމެވެ. ދިވެހި ބަހާއި މި ދެންނެވި ބަސްބަހާ ހުރި ހަގީގީ ގުޅުމަކީ މި ބަސްތަކުގެ މެދުގައި އޮތް ލޭގެ ގުޅުމެވެ.

މިކަންކަމުން އެނގެނީ ދިވެހީންނާއި ދިވެހީންގެ ރާއްޖެއާއި ދިވެހީންގެ މާދަރީ ބަހުގެ ދޮށިކަމެވެ. ދިވެހީންގެ ސަގާފަތާއި ދިވެހީންގެ ތާރީޚާއި ދިވެހީންގެ ޙަޟާރަތުގެ އެވޭލާކަމާއި މުއްސަނދިކަމެވެ. މި މުއްސަނދިކަން މިއީ ވަކިވަކި ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިއީ މިއިން އެއްބައެއް ބާއްވާފައި ނުވަތަ ދޫކޮށްލައިފައި އަނެއްބައެއް އިސްކޮށް އުފުލައި ދިރުވައި އާލާކުރެވޭނެ ކަމެއް ވެސް ނޫނެވެ.

މާދަރީ ބަހުގެ ދުވަހު ދިވެހި ސަގާފީ ހެދުން ލައިގެން ތިބެ އެ ދުވަސް ފާހަގަ ކުރުމާއި ޒަމާނީ ހެދުން ލައިގެން ތިބެ އެ ދުވަސް ފާހަގަކުރުމާ ތަފާތުތަކެއް ހުންނާނެއެވެ. ޚާއްޞަކޮށް ކިޔަވާ ދަރިވަރުންނަށް މިކަމުންކުރާ އަސަރު ތަފާތުވާނެވެ. ދިވެހި ދަރިވަރަކު އެހެން ވައްތަރެއްގެ ހެދުމެއް ނުވަތަ އާންމުކޮށް ލައިއުޅޭ ޔުނިފޯމުގައި ހުންނައިރާއި ދިވެހި ސަގާފީ ހެދުމެއްގައި ހުންނައިރު އުފެދޭ ޤައުމީ ލޯބީގެ ޝުޢޫރު ތަފާތުވާނެއެވެ. ހަމަ މިގޮތަށް ދިވެހި ސަގާފީ ހެދުމެއްގައި ހުރެގެން ރައިވަރެއް ނުވަތަ ދިވެހި އަދަބީ އުފެއްދުމެއް ހުށަހެޅުމުން އެ މަންޒަރު ބަލާމީހުންނާއި ހުށަހަޅާ މީހުންނަށްގެ ޖަޒުބާތަށް ކުރާ އަސަރު ތަފާތުވާނެއެވެ. ދިވެއްސެއް ނަމަ ޝުޢޫރާއި ޖަޒުބާތަށް ކުރާ އަސަރު ވެސް ތަފާތުވާނެއެވެ.

ދަރިވަރުންނަށް ކިޔަވައިދިނުމުގައި މާނަހުރިގޮތެއްގައި އުނގަންނައި ދިނުމުގެ އެއް އަސާސަކީ އުނގަންނައިދޭ ކޮންމެ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރި އެއްޗަކަށް ހެދުމެވެ. ދަރިވަރުންނަށް އެންމެ ފަސޭހަ ކަމާއެކު ދެނެގެނެވޭނީ އެ އުނގަންނައިދޭ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރި ނުވަތަ ފައިދާހުރި އެއްޗެއްކަމުގެ އިޙްސާސް ކުރެވިގެންނެވެ. ފިލާވަޅުތައް ވަރަށް ފުންކޮށް އުނގެނުމަށް (ޑީޕް ލާނިންގ އަށް) ފުރުސަތު ލިބި ހަނދާނުގައި ދިގު މުއްދަތަކަށް (ލޯންގ ޓާމް މެމޮރީގައި) ހަރުލެއްވުމަށް އެންމެ މުހިންމު އެއް މެތަޑަކީ "އެކްޓިވް ލާނިންގ" ނުވަތަ ހަރަކާތްތެރިކޮށް އުނގެނުމުގެ ނަޒަރިއްޔާތެވެ. މި ނަޒަރިއްޔާތު ބޭނުން ހިފުމުގެ ގޮތުންވެސް އެންމެ ރަނގަޅު ގޮތަކީ މާދަރީބަހުގެ ދުވަސް ދިވެހީންގެ ސަގާފީ ނުވަތަ ދިވެހީންގެ މާދަރީ ހެދުމުގައި ފާހަގަކުރުމެވެ.

  • ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *