Support Us

މާދަރީ ބަހާއެކު ވަގުތުކޮޅެއް

މާދަރީބަހަކީ މި ޤައުމުގެ އެންމެ އަގުބޮޑު ތަރިކައޭ
ހާދަފުރިހަމަކަން ގަވައިދާ ހަމަތަކުން ހެކި ދައްކައޭ

ދިވެހިބަހަކީ މީ ޤަދީމީ ދޮށި އެހާ މުއްސަނދިބަހެއް
ދިވެހިތާރީޚުން އެކަން ސާބިތުކުރަން މަގު ދައްކައޭ

އެންމެމޮޅު ކަމަކީ ބަހުގެ، ލިޔުމޭ އަމިއްލަ އަކުރުތަކުން
ފެންނަ ފަރުމާ ރީތިކަން އަދި ބަހުގެ ހައިބަތު ދައްކައޭ

ވީ އަމިއްލަ އަކުރުތަކެއް ލިބިފައި ވަރަށްމަދު ބަހަކަށޭ
ވީ މިދިވެހި ބަހަށްލިބޭ ފަޚުރާއި ޝަރަފެއް ކަމުގައޭ

ބަސްބަހީ މީހުންހަދާ އެއްޗެއްކަމަށް ނުވުމާއެކީ
ބަސްބަހެއް ހުރިހާމެ އުފެދުން ޤުދުރަތާ ވީ ގުޅިފައޭ

ދިވެހި އޮޑި ނައުފަހަރު ކަނޑުގައިދަތުރުކުރި ދުނިޔޭތެރޭ
ލިޔެވި އެކި ތަންތަނުގެ ތާރީޚް ފޮތްތަކުންވީ ފެނިފައޭ

ނެވި ދިވެހި މޮޅު މާލިމީން އިހުގާ ދަތުރުކުރި ގިނަގިނައިން
ދެވުނު އެކިއެކި ކަރަކަރައިގެ ބަހަށް އެމީހުން ފަރިތައޭ

ބަޙުރު ހިންދުގަ އޮތް މަޙަލްދީބު ދުނިޔެއަށް މަޝްހޫރުވީ
އިހުގެ ދިވެހިން ކަންކަމަށް ކުޅަދާނަވެފަ މޮޅު ވީމައޭ

ބޭރު އެކި ތަންތާނގެ ބަސްތައް ވަދެ ދިވެހި ބަހަކަށްވުމާ
އޭރު ދިވެހިންކުރި ދަތުރުފަތުރާ ގުޅުން އެކަށޭނައޭ

ކޮންމެ ބަޔަކަށް ވެސް އެބަޔަކު މޮށެއުޅޭ ބަސް މޮޅުވުމީ
އޮންނަ ހަމައޭ ދުނިޔެ ދެކެނީ މީ ހަޤީގަތް ކަމުގައޭ

ރަށްރަށަށް ވަކި ޚާއްސަ ބަހުރުވަ ހުރުމަކީ މުއްސަނދިކަމޭ
ރައްޔިތުންއެރަށެއްގެ ބަހުރުވަޔާ ވަނީ ލާމެހިފައޭ

ބަހުރުވައިން އެކިބަސް ބުނާ އަޑު އިވޭ ވަކި ރާގަކަށް
ފަޚުރަކަށް އެރަށުގެ ދެކޭކަމުގައި ވަނީވެސް ބާވައޭ

ޅެންބަހުން ބޭނުންވި އެއްޗެއް ދަތިކަމެއްނެތި ބުނެވެއޭ
އެންމެ އިހުމޮޅު ކާބަފައިންގެ ރައިވަރުން ހެކި ދައްކައޭ

ކޮންމެ ކަމަކަސް ކުރިއަރާނީ އުނގެނި ދަސްކުރުމުން މޮޅަށް
ގެންދަމުން ތަމްރީނު ކުރިއަށް ޝައުޤުވެރި ވެވުނީމައޭ

އެންމެ މިޒަމާނުގެ ވަސީލަތް ތަކުގެވެސް ބޭނުން ހިފައި
އެންމެ ފުރިހަމަޔަށް ދިރާސާކޮށް ބަލާ އުޅުނީމައޭ

ވާނެކިޔަވަން މާދަރީބަސް،މާސްޓަރާ، ޑިގްރީ ނަގަން
ދާނެ މަގުތައް ފަހިކުރަން އުޅުމަށް މިއަދުވީ ޖެހިފައޭ

ޚަބަރުފަތުރާ މީހުނާއި، ލިޔުންތެރިން އަދި ނޫސްވެރިން
އަބަދުވެސް ހަމަޔާ ގަވައިދުން ލިޔެކިޔަން ވީ ޖެހިފައޭ

ދާނެގޮތަކަށް ދާން މިބަސް ދޫކޮށްނުލާށޭ ޔާރުނޭ!
ވާނެ ދަމަހައްޓާދޭން، އެއީ ވާޖިބެއް ކަމު ވީމައޭ

ކޮންމެ މީހަކު ބަހުގެބޭނުން އެންމެ ހެޔޮގޮތުގައި ހިފާ
އޮންނަ ހަމަޔާ އަދި ގަވައިދަށް ބޯލަނބަންވީ ޖެހިފައޭ

ތާނަ އަވަހަށް ރީތިކޮށް އަދު ލިޔެވުނަސް ކޮމްޕިއުޓަރުން
ތާނަލިޔުމުގެ ފަންނު ކުރިއަރުވަން މިއަދުވީ ޖެހިފައޭ

ގިނަބަޔަކު ލެޓިނުންނެ ލިޔަނީ ނެޓުގަޔާ އަދި ފޯނުގާ
ބުނިކަމަކު އެއްޗެއް ނުރުހި، އެއަޑެއް މިހާރަކު ނާހައޭ

މުޖުތަމަޢުގެ ގިނަބަޔަކު ތާނައިން ނުލިޔުމީ ދެރަކަމެއް
ބަދަލު ކުރެވޭނޭ ފަރާތްތައް ހޭލުމަށް ވީ ޖެހިފައޭ

ދުރުވުމާ ލެޓިނުން ލިޔުން ހުއްޓާލުމޭ އަދު އެދުމަކީ
ފުރިހަމަވި ފަހި ތާނަ ލިޔުމުން މާރިވެތިކަން ދައްކައޭ

މާދަރީބަސް ދަރިފުޅަށް އިއްވާށެ އައުމުން ދުނިޔެއަށް
އާދެ މިކަމަށް ބާރުލާ މުޅިދުނިޔެވެސް އަޑު އުފުލައޭ

ތޫނުފިލިވާ ސިކުނޑިތާޒާވާ ކަމެއް ކަމުގައި ބުނޭ
ހާނުވަންވީ ޅަފަތުގައިކަން ތަޖުރިބާކޮށް އަންގައޭ

ހޭނެމުން ލޯހުޅުވެމުން ދާއިރު ދަރިންކޮޅު ދުނިޔެއަށް
ގޭގެ ތެރެއިން މާދަރީބަސް އަޑުއަހައި ދަސްކޮށްލައޭ

މަދަރުސީ ދައުރުގަ ޖެހޭނޭ ޝައުޤުވެރިކުރުވަން ބަހަށް
ޤަދަރުކުރުމާ ލޯބިވާނީ ދަރިވަރުން ހޭނީމައޭ

ދިވެހި ކިޔަވައިދޭ މުދައްރިސުނަށް ޝުކުރުވެރިވާންޖެހޭ
ދިވެހި ދަރިވަރުނަށް ވަރަށް ޚިދުމަތް އަދާކޮށް ދެއްވައޭ

ހިންގެވުން އެމުދައްރިސުން ތަމްރީނު ކުރާނޭ ކޯސްތައް
ކޮންމެހެން ބޭނުންކަމެއް ކަމުގައި އެކަންތައް ވީމައޭ

ދޭށެއުފުލާ ބަހުގެލޮބުވެތި ޤަދަރުފަޚުރާ ކުރިމަގަށް!
ދޭށެ ފުރިހަމަޔަށް ޙިމާޔަތް! އެދިގޮވާއަޑު ގުގުމައޭ

ދިވެހިޤައުމުގެ މާދަރީބަސް ދިރުވުމާ އާލާ ކުރަން
ދިވެހި ސަރުކާރުން ވަރަށް އިސްކަންއަބަދުވެސް ދެއްވައޭ

ހާދަ ގިނަވާހަކަ ލިޔެވެމުން، މިވަގުތަށް ނިންމާލަމޭ
މާދަރީބަސް ވުންއުޖާލާ އެދި ކުރާ އުންމީދުގައޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *