Support Us

މީހަކު ބުނާ ވާހަކައެއް

"ރަސްރަސްކަލުން ބޮޑެތި ގަނޑުވަރުތައް ބިނާކުރެއެވެ. ތާރީޚުގެ ތެރޭގައި އެ މީހުންގެ ނަންތައް ހިމަނާލައި އެ މީހުންގެ ޒިކުރާ ދިރިއޮތުން އެދިގެންނެވެ. ނަމަވެސް، އެ ރަސްރަސްކަލުން ވެސް ނެތިދިޔައީއެވެ. ހަމަ އެހެންމެ، އެ މީހުން އެޅި ގަނޑުވަރުތައް ވެސް، އެ މީހުންގެ ހަށިތައް ފަދައިން ބިމުގެ ވެއްޔާ އެކުވެ، ނެތި ދިޔައީއެވެ."

މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ މީހަކު ނިމިދިޔުމަށް ފަހު، އޭނާގެ ހެޔޮ ޒިކުރާ ދެމިގެން ދަނީ އޭނަ އަތުގައި އޮތް ބާރެއްގެ މައްޗަށް ނޫނީ އޭނަ އަޅާ ގަނޑުވަރެއްގެ މައްޗަށް ބިނާވެގެން ނޫނެވެ. ނަމަވެސް، އޭނަ ހެޔޮ ޒިިކުރާ ދެމިގެންދަނީ އެހެން މީހުންނަށް ފައިދާ ކުރާނޭ ގޮތެއްގައި އެ މީހަކު ދޫކޮށްފައިދާ ހެޔޮ އަމަލެއްގެ ސަބަބުންނެވެ. މިސާލަކަށް، ދުނިޔޭގެ ތާރީޚަށް ބަލައިލާއިރު ވެސް، ގިނައިން އަޑު އިވެނީ އިލްމުވެރިންގެ ވާހަކައެވެ. އެ މީހުން ދޫކޮށްފައި ދިޔަ ފައިދާކުރުވަނިވި ފޮތްތަކާއި ލިޔުންތައް މެދުވެރިކޮށެވެ. އިމާމު އަބޫ ހަނީފާއާއި އިމާމު މާލިކު އިމާމު ޝާފިއީއާއި އިމާމު އަހްމަދު ބިން ހަންބަލް، މި ބޭބޭކަލުންގެ ވާހަކަ، މި ބޭބޭކަލުންގެ ދުވަސްވަރު ވެރިކަން ކުރެއްވި ވަރުގަދަ ވެރިންނާއި އެ ވެރިތަކުންގެ ގަނޑުވަރުތަކުގެ ވާހަކައަށް ވުރެ، ގިނައިން ދެކެވެއެވެ.

ޚުދް އަޅުގަނޑުމެންގެ އަމިއްލަ ތާރީޚަށް ބަލާލިއަސް މި ހަގީގަތް ފެނެއެވެ. މިސާލަކަށް މިހާރު ވެލާނާގެ ބިލްޑިން ހުރި ތަނުގައި ހުރި ގަނޑުވަރާއި، އަދި އެ ގަނޑުވަރު އެޅުނު އިރު އެއީ މުޅި ރާއްޖޭގައި ހުރި އެންމެ ބޮޑު އެންމެ ހައިބަތު ހުރި ގަނޑުވަރުކަން، މިއަދު ހަނދާން ހުންނަނީ ކިތައް މީހުން ބާވައެވެ؟ ތީމުގެއަކީ ވެސް، އެއްދުވަސްވަރެއްގައި، ރަސްކަލެއްހެން އުޅުއްވި ޝާހީ ވެރިއެއްގެ ޝާންޝައުކަތާއި ހައިބަތު ދައްކުވާލަދިން ތަނެއްކަން، ތާރީޚުގެ ދުންފިނީގެ ތެރެއަށް ގޮސް، އެ ހަނދާން ވެސް ފަނޑުވަމުން ފޭދެމުން ގެއްލެމުންދާތަން މިހާރު ފެންނަން ފަށައިފިއެވެ. ކޮރުބަންޑާރައިންނާއި މުސްކުޅިބަންޑާރައިންނާއި އެ ނޫންވެސް އިހުގެ ބަންޑާރަތަކުންނާއި ވެރިންނަކީ ކޮން ބައެއްކަން މިއަދު އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟ އެ ހަނދާންތަކަށް ހިރަފުސް އެޅި ވަޅުލެވި ހިނގައްޖެއެވެ. ނަމަވެސް، ޝައިޚު ސަލާހުއްދީނާއި ޝައިޚު ޖަމީލުގެ ޒިކުރާ، މާޒީގެ މިނަންގަތް ފަދަ ބާރުގަދަ ރަސްރަސްކަލުންގެ ހަނދާންތަކަށް ވުރެ ބޮޑަށް، މީސްތަކުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ވެއެވެ. މިޝައިޚުންގެ ހަނދާންތައް ދިރިދިރި އެބަހުއްޓެވެ. އެ ޝައިޚުން ކުރެއްވި ވެރިކަމެއް، އެޅުއްވި ގަނޑުވަރެއް ނެތްކަމަށް ވިޔަސް ވެހެވެ.