Support Us

ކުރު ވާހަކަ: ދަހި ސައުދާގަރު

ރަށުގެ ގަބުރުސްތާނު ވަށައިގެން ފާރެއް ރާނަން ރަށު ރައްޔިތުން ނިންމިއެވެ. މި މަޝްރޫއު ހިންގާލަން ފައިސާ ހޯދުމުގެ ގޮތުން ރަށު ރައްޔިތުން ގަސްދުކުރީ އެންމެން އަތުން ޗަންދާއެއް ނަގާށެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ދެވުނު ވަރަކަށް ފައިސާކޮޅެއް ދޭށެވެ.

މިސްކިތުގައި ފާރުލުމުގެ ކަންތައް ހިންގާލުމަށްޓަކައި އުފެދުނު ކޮމިޓީގެ ފަރާތުން ރަށުގެ އެކި ގޭގެ މީހުން ގާތަށް ގޮސް ފައިސާ އެއްކުރަމުން ދިޔައެވެ. ރަށުގެ އެންމެންގެ ފަރާތުން ވެސް އެ މަޝްރޫއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. ރަށުގެ އެންމެ މީހެއް ފިޔަވައެވެ. އެއީ، ރަށު މީހުން ކިޔާ ގޮތުން ނަމަ ރަށުގެ ދަހި ސައުދާގަރެވެ.

ރަށުގެ ދަހި ސައުދާގަރަކީ ވަރަށް ވެސް މުއްސަނދި، ފައިސާވެރި، މުދާވެރިއެކެވެ. ދެ ފިހާރައަކާއި ތިން އޮޑި ވެސް ދަހި ސާދައުގަރު އަތު އޮވެއެވެ. މިސްކިތުގެ ފާރު ކޮމިޓީގެ ފަރާތުން ފައިސާއަށް އެދިގެން ދަހި ސައުދާގަރު ގެއަށް ވެސް ދިޔައެވެ. ދެން، ދަހި ސައުދާގަރަށް މަޝްރޫއުގެ ވާހަކަ ކިޔައިދިނެވެ. މިސްކިތު ގަބުރުސްތާނުގެ ވަށައިގެން ފާރެއްލުމަށްޓަކައި ފައިސާ އެއްކުރާ ވާހަކައާއި އަދި ރައްޔިތުންގެ އެންމެން ވެސް މިކަމަށް ވަރަށް ބޮޑު ތަރުހީބެއްދޭ ވާހަކައާއި ސައުދާގަރު އަތުން ވެސް ޚައްރާތަކަށް އެދި އައިސް ތިބި ވާހަކަ ކޮމިޓީގެ މެމްބަރު ސައުދާގަރަށް ނަންގަތެވެ.

ދެން، ދަހި ސައުދާގަރު ބުންޏެވެ. "ގަބުރުސްތާނު ވަށައިގެން ފާރެއް ލުމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް އަހަރެން ނުދެކެވެ. އެހެނީ، ގަބުރުސްތާނުގައި ވަޅުލާފައި ތިބި މީހުންގެ ތެރެއިން އެކަކުވެސް ފުންމައިގެން ތެދުވެ، ފިލަން ދުވި ވާހަކައެއް އަހަރެން ދުވަހެއްގައި ވެސް އަޑެއް ނާހަމެވެ. އެހެންވީމާ، ބޭކާރު ކަންކަމަށް ފައިސާ ޚަރަދުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ."