Support Us

މަތިވެރި ހިއްމަތް

އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. "ހިއްމަތްތަކުގެ ތެރޭގައި ހިމެނޭ މަތިވެރި ހިއްމަތުގެ މިސާލަކީ ދޫނިތަކުގެ ތެރޭގައި އެންމެ އުހުގައި އޮންނަ ދޫނީގެ މިސާލެވެ. އޭއްޗާ ހަމައަށް އާފަތްތަކަކަށް ނާދެވޭނެތެވެ. ހިއްމަތް މަތިވެރިވިވަރަކަށް އާފަތްތަކާ ދުރުވާނެތެވެ. ހިތްމަތް ތިރިވިވަރަކަށް އާފަތްތަކާ ކައިރިވާނެތެވެ. "ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّما الدُّنيا لأربعةِ نفرٍ: عبدٌ رزقَه اللَّهُ مالًا وعِلمًا فهوَ يتَّقي ربَّهُ فيهِ ويصلُ بهِ رحِمَهُ ويعلَمُ للَّهِ فيهِ حقًّا فَهَذا بأفضلِ المَنازلِ. وعبدٍ رزقَهُ اللَّهُ علمًا ولم يرزُقهُ مالًا فَهوَ صادقُ النيَّةِ يقولُ: لَو أنَّ لي مالًا لعَمِلتُ فيه بعَملِ فلانٍ فهو بنيَّتهِ فأَجرُهُما سواءٌ. وعَبدٌ رزقَهُ اللَّهُ مالًا ولَم يَرزُقهُ عِلمًا يخبِطُ في مالِهِ بغيرِ عِلمٍ لا يتَّقي فيهِ ربَّهُ ولا يَصلُ فيهِ رحمَهُ ولا يعلَم للهِ فيهِ حقًّا فهو بأخبَثِ المنازلِ، وعبدٌ لم يَرزُقْهُ اللَّهُ مالًا ولا عِلمًا فَهوَ يقولُ: لَو أنَّ لي مالًا لعَمِلْتُ فيهِ بعمَلِ فلانٍ فَهوَ بنيَّتِهِ فوزرُهُما سواءٌ – ހަމަކަށަވަރުން ދުނިޔެ ލިބިގެން ވަނީ ހަތަރު މީހަކަށެވެ. (ފުރަތަމަ މީހަކީ) ﷲ އެ މީހަކަށް މުދަލާއި ޢިލްމު ދެއްވި މީހާއެވެ. ފަހެ އޭނާ އެއިން ﷲއަށް ބިރުވެތިވެ އޭނާގެ ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވާނެތެވެ. އަދި އޭގައި ﷲއަށް ޓަކައި އަދާކުރަން ޖެހޭ ޙައްޤެއްވާކަން އޭނާ ދަންނާނެތެވެ. އެއީ އެންމެ މާތް މަންޒިލުގައިވާ މީހާއެވެ. (ދެވަނަ މީހަކީ) ﷲ އޭނާއަށް ޢިލްމު ދެއްވި އެހެނަސް މުދާ ނުދެއްވާ މީހާއެވެ. ފަހެ އެއީ ނިޔަތް ތެދުވެރި މީހެކެވެ. އޭނާ ބުނާނެތެވެ. ﷲ އޭނާއަށް މުދާ ދެއްވި ގޮތަށް މަށަށް މުދާ ދެއްވިނަމަ އޭނާ ޢަމަލު ކުރާގޮތަށް މަ ވެސް ޢަމަލު ކުރާނަމެވެ. ފަހެ އޭނާވަނީ އޭނާގެ ނިޔަތާ އެއްގޮތަށެވެ. ފަހެ އެ ދެމީންނަށް ދަރުމަ ހަމަހަމަވެގެން ވެއެވެ. (ތިންވަނަ މީހަކީ) ﷲ އެ އަޅާއަށް މުދާ ދެއްވި އެހެނަސް އެކަމުގައި ﷲއަށް ބިރުވެތިވާނެ ޢިލްމެއް ނުދެއްވާ މީހާއެވެ. އޭނާ ނޭނގި ހުރެ އެ މުދާ މަސްހުނިކޮށް ބޭނުންކުރާނެތެވެ. އޭނާ އެ މުދަލުން އޭނާގެ ގާތްތިމާގެ މީހުންނަށް ހެޔޮ ނުފޯރުވާނެތެވެ. އަދި އަދާކުރަންޖެހޭ ﷲގެ ޙައްޤެއްވާ ކަމެއް އޭނާ ނުދަންނާނެތެވެ. ފަހެ އޭނާ ވަނީ އެންމެ ނުބައި މަންޒިލުގައެވެ. (ހަތަރުވަނަ މީހަކީ) ﷲ އޭނާއަށް މުދަލެއްވެސް އަދި ޢިލްމެއް ވެސް ނުދެއްވާ މީހާއެވެ. އޭނާ ބުނާނެތެވެ. ﷲ މަށަށް މުދާ ދެއްވިނަމަ އެވެނި މީހާފަދައިން މަ ވެސް ޢަމަލު ކުރާހުށީމެވެ. ފަހެ އޭނާވަނީ އޭނާގެ ނިޔަތާ އެއްގޮތަށެވެ. ފަހެ އެ ދެމީހުން ފާފައިގައި ހަމަހަމަވެގެން ވެއެވެ.))

މި ބަސްފުޅުން އެނގޭ ގޮތުގައި ހިއްމަތުގެ މަންޒިލާއި ދަރަޖަ ތަފާތެވެ. ބައެއް މީހުން ހިއްމަތް ކުރަނީ ހަމައެކަނި ދުލުންނެވެ. އަނެއް ބަޔަކު ހިއްމަތް ކުރަނީ އާދައިގެ ކަންކަމަށެވެ. ތިންވަނަ ބަޔަކީ އެއްވެސް ހިއްމަތެއް ނުކޮށް އެމީހުންގެ މައިންބަފައިންގެ ބެލެނިވެރިކަމުގައި ދިރިއުޅޭ ބަޔެކެވެ. ހަތަރުވަނަ ބަޔަކީ ހިއްމަތް މަތިވެރި މީހުންނެވެ. އެމީހުން އެމީހުންނަށް ﷲ ދެއްވައިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ލަނޑުދަނޑިއަށް ވާޞިލުވުމަށް މަސައްކަތް ކުރާނެއެވެ.

ނިކަން ވިސްނައިލަމާތޯއެވެ! ކީރިތި ރަސޫލާ صلى الله عليه وسلمގެ ޞަޙާބީއެއް ކަމުގައިވާ ރަބީޢަތު ބިން ކަޢުބުލް އަސްލަމީ ރަސޫލާއަށް ދެންނެވިއެވެ. ((ކަލޭގެފާނުގެ އަރިހުގައި ސުވަރުގޭގައި ވުމަށް އަޅުގަނޑު އެދެމެވެ.)) ކިހާ މަތިވެރި ހިއްމަތެއްތޯއެވެ؟ މާތްﷲ ރުއްސުންލެއްވި އަބޫބަކްރުއްޞިއްދީޤު  ދެންނެވިއެވެ. ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތަކުން ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ ކާކަށްތޯއެވެ؟

އެބޭކަލުންގެ ތެރޭގައި ޤުރްއާން ހިތުދަސް ޙާފިޡުންނާއި ކީރިތި ރަސޫލާގެ ސުންނަތް ރައްކައުތެރި ކުރުމަށް ރެއާއި ދުވާލު މަސައްކަތްޕުޅު ކުރެއްވި ޢާލިމުން ވެއެވެ. މިއީ މަތިވެރި ހިއްމަތުގެ އަހްލުވެރީންނެވެ. މިއީ މުސްލިމު ޒުވާނުންނަށް ލިބިގެންވާ ހެޔޮ ރަނގަޅު މިސާލުތަކެކެވެ. މަތިވެރި ހިއްމަތުގެ ވެރީންނަކީ އުއްމަތަށް ލިބިގެންވާ ބޮޑު ބާރެކެވެ. އެމީހުންނަކީ ވަޠަނަށް ބޭނުންވާ ފަރުވާއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހިއްމަތަކީ އަޅުގަނޑުމެންގެ ނަފްސުގައި ފޮރުވިފައިވާ ހަކަތައެކެވެ. ޙަރަކާތްތެރިވުމަށާއި މަސައްކަތް ކުރުމަށް ގޮވައިލަނީ މި ބާރުންނެވެ. މި ހަކަތަ ރަނގަޅު ގޮތުގައި ބޭނުންކުރެވިއްޖެނަމަ އެއީ ފައިދާހުރި ބާރެކެވެ. މިއާ ޚިލާފަށް މި ހަކަތަ ނުބައި ކަންކަމަށް ހުސްކޮށްލެވިއްޖެނަމަ އެއީ ޝައިޠާނާގެ މަގަށް ފަހިކޮށްދެވުނު ބޮޑު މަގެކެވެ.

އިބްނުލް ޖައުޒީ އެކަލޭގެފާނުގެ މަޝްހޫރު ފޮތެއް ކަމުގައިވާ "ޞައިދުލް ޚާޠިރު"ގައި ވިދާޅުވެފައިވާ ގޮތުގައި ހިއްމަތް މަތިވެރިވުމަކީ ވިސްނުން ރަނަޅުކަމުގެ ޢަލާމަތެކެވެ. އިބްނުލް ޤައްޔިމު އެކަލޭގެފާނުގެ މަޝްހޫރު ފޮތެއް ކަމުގައުވާ "އަލް ފަވާއިދު"ގައި ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ޢިއްޒަތާއި އާޚިރަތުގެ ޢިއްޒަތް ލިބޭނީ މަތިވެރި ހިއްމަތާއި ޚާލިޞް ނިޔަތާއި ހަރުދަނާ ޢަޒްމުންނެވެ.

ރަސޫލާ صلى الله عليه وسلم އަކީ މަތިވެރި ހިއްމަތުގެ ނަމޫނާއެވެ. މައްކާގެ މުޝްރިކުން ތަފާތު ވަސީލަތްތަކުން އެކަލޭގެފާނު ހައްލައިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަސްފުޅަކީ "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ކަނާތްޕުޅަށް އިރު އަދި ވާތްޕުޅަށް ހަނދު ލައިދީފައި މި މަސައްކަތް ހުއްޓައިލުމަށް އެދުނުކަމުގައި ވިޔަސް ތިމަންކަލޭގެފާނު މި މަސައްކަތް ދޫކޮށް ނުލައްވާހުށީމެވެ. މި މަސައްކަތް ކާމިޔާބު ވަންދެންނެވެ. ނުވަތަ ތިމަންކަލޭގެފާނު މި ކަމުގައި ހަލާކުވެ ނެތިގެންދާންދެނެވެ. "މި ހަރުދަނާ ސާބިތު ހިއްމަތުގެ ކުރިމަތީގައި ޤުރައިޝުން އިނދަޖެހިގެން ދިޔައެވެ. މި ހިއްމަތުގެ މަތިވެރިކަމުގެ ސަބަބުން އެކަލޭގެފާނު ދެކެ ލޯބިފުޅުވާ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނަށް ޖެހިވަޑައިގަތީ އެކަލޭގެފާނަށް މަގުފަހިކޮށް ދެއްވާށެވެ.

ރަސޫލާގެ މާތް ޞަޙާބީންނާއި އެންމެ ހެޔޮކަން ބޮޑު ސައްތަތަކުގެ ބޭކަލުން ރަސޫލާ صلى الله عليه وسلمގެ މި އަސަރަށް ތަބާވެވަޑައިގަތުމުގެ ސަބަބުން އެބޭކަލުން ތާރީޚުގައި ކަނޑައި ބިންވަޅު ނެގުނު ބޮޑެތި އަރުތަތަކަކާއި ކާމިޔާބުތަކެއް ޙާޞިލުކުރައްވައިފައިވެއެވެ. މި އުއްމަތް މަތިވެރި އުއްމަތަކަށް ހައްދަވާދެއްވިއެވެ. ހިއްމަތާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ. ((ހަމަކަށަވަރުން ހެޔޮ ކަންތަކަށް ޝައުޤުވެރިވެފައިވާ ނަފްސެއް މަށަށް ލިބިގެންވެއެވެ. އޭގެތެރެއިން އެއް ކަމެއް ޙާޞިލުވާއިރަށް އެއަށްވުރެ މަތިވެރިކަމެއް ޙާޞިލު ކުރެވޭތޯ މަސައްކަތް ފަށަމެވެ. މަށަށް މި ވަނީ ޚަލީފާ ކަމަށް އާދެވިފައެވެ. މިހާރު ޝައުޤުވެރިވަނީ ސުވަރުގެއަށެވެ.))

އަންދަލުސްގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވި ޢަބްދުއްރަޙްމާނުއްދާޚިލަށް ވަރަށް ރީތި ޖާރިޔާއެއް ވެދުމަށް އެރުވުނެވެ. އެހިނދު އޭނާ ވިދާޅުވިއެވެ. ((އަހުރެން އޭނާއާއެކު މަޝްޣޫލުނުވެއްޖެނަމަ އޭނާއަށް އަހުރެން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އަހުރެން އޭނާއާއިގެން އަވަދިނެތިވެއްޖެނަމަ އަހުރެންގެ ނަފްސަށް އަނިޔާވެރިވެއްޖެކަން ކަށަވަރެވެ.)) އެހިނދު އެ ޖާރިޔާ އެ ކުއްޖާގެ ސާހިބު މީހާއަށް ރައްދު ކުރައްވަން އަމުރު ކުރެއްވިއެވެ.

ހިއްމަތް މަތިވެރި ކުރެވޭނީ އިޚްލާޞްތެރިކަމާއެކު ގަދައަޅައި މަސައްކަތްކޮށްގެންނެވެ. ގަދައަޅައި މަސައްކަތް ކުރެވޭނީ ލަނޑުދަނޑި ސާފުކޮށް އެނގި ވަގުތުގެ މުހިއްމުކަން ދަނެގެންނެވެ. އަދި ޙާޞިލުކުރަން އެދޭ އަމާޒުފަތްގަނޑަކީ ދަތި އުދަނގޫ ކަމެއް ކަން ޤަބޫލު ކޮށްގެންނެވެ. ޝިކާރަވެރިޔާއަށް ޝިކާރަކުރުމުން ލައްޒަތު ލިބޭނީ އެ ޝިކާރަ ދުރުގައިވާނަމައެވެ. އެ ޝިކާރައާ ހަމައަށް ދިޔުން ބުރަކަމަކަށް ވާނަމައެވެ. އެ ކަމަށް ހޭދަވާ ވަގުތު ގިނަ ނަމައެވެ.

މީގެ އިތުރަށް ހިއްމަތް މަތިވެރި ކުރެވޭނީ މަތިވެރި ހިއްމަތުގެ ވެރީންނާއެކު އުޅެވިގެންނެވެ. ކުރަން ހުރި މަސައްކަތްތައް ވަގުތަށްވުރެ ގިނަކަމަށް ބުނާ މީހުންނަކީ ހިއްމަތްތެރީންނެވެ. ހިއްމަތްތެރީންނަށް އޭނާއަށް ކުރަން ޖެހިފައިވާ މަސައްކަތުގެ ބިޔަކަމާއި ބުރަކަން އެނގި އެކަމަށް އޮތް ތަނަވަސް ދަރުމައާއި ސަވާބު ތަޞައްވުރު ކުރެވޭނެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((إن سِلْعَةَ اللهِ غاليةٌ، أَلا إن سِلْعَةَ اللهِ الجنةُ – ހަމަކަށަވަރުން ﷲގެ މުދަލަކީ އަގު ބޮޑު އެއްޗެކެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ ސުވަރުގެއެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *