Support Us

ކުރު ވާހަކަ: އެކަނިވެރިކަމުގެ ބަލި

އައްޔުބެ ކުޑަކޮށް ރޯގާ ޖެހިގެން ޑަކްޓަރަށް ދައްކާލަން ޑަކްޓަރު މަސައްކަތްކުރައްވާ ކުލިނިކަށް ދިޔައެވެ. ޑަކްޓަރު ބައްލަވާފައި އައްޔުބެ ގާތު ބުންޏެވެ:

"އައްޔުބޭއެވެ. އައްޔުބެގެ ރޯގާ ތިހުރީ ނިއުމޯނިޔާއަށް ބަދަލުވެފައެވެ. އެހެންވެ، ޚާއްސަ ގޮތެއްގައި އައްޔުބޭގެ އުމުރުގެ މީހުން، ތިހާލަތަށް ދިޔައިމާ ހޮސްޕިޓަލަށް ދާންޖެހޭނެއެވެ. ދެން، ހޮސްޕިޓަލުގައި ދެތިން ދުވަސް މަޑުކޮށްލައި، ޑަކްޓަރުންނާއި ނަރުހުންގެ ބެލުމުގެ ދަށުން، ފަރުވާލިބި، ރަނގަޅުވުމުން ގެއަށް ދެވިދާނެއެވެ."

ޑަކްޓަރުގެ ވާހަކަ އައްޔުބޭ ގަބޫލުކުރިއެވެ. ދެން، ކުލިނިކުގެ ރިސެޕްޝަނުން ޑަކްޓަރުގެ އަންހެން ދަރިފުޅަށް ގުޅިއެވެ. އައްޔުބޭގެ ހާލުގެ ވާހަކަ އަންގާލުމުގެ ގޮތުންނެވެ. ދެން، އަންހެން ދަރިފުޅު ބައްޕަ ހޮސްޕިޓަލަށް ގެންދަން ޚުދް އޭނަ އަންނާނެ ވާހަކަ ބުނުމުން، ގޮނޑިއެއްގައި އިށީނދެލައިގެން އައްޔުބެ ރިސެޕްޝަންގައި އިނެވެ.

އެހެން އިން އިރު، އައްޔުބެ ޚިޔާލުގެ އަސް މާޒީގެ ތެރެއަށް ދުވަން ފެށިއެވެ. އެންމެ ފުރަތަމަ ވެސް ޚިޔާލަށް އައީ 40 އަހަރު ކުރީގެ ހަނދާނެކެވެ. އެ ހަނދާނަށް 40 އަހަރު ވެފައި އޮތަސް އިއްޔެގެ ހާދިސާއެކޭ އެއްފަދައިން އެ ހަނދާން ހިތުގައި ބިންވަޅު ނެގިފައި އޮވެއެވެ. އައްޔުބެގެ ފުރަތަމަ އަނބިމީހާއާ ވަކިވާން ޖެހުނު ހާދިސާއެވެ. މަސައްކަތް ނިންމާފައި ގެއަށް އައި އިރު އަންހެން މީހާ އުޅެނީ އޭނަގެ ލޯބިވެރިޔާއާއެކު އައްޔުބެގެ ކޮޓަރީގައެވެ. އެ ހާދިސާވީ އައްޔުބެގެ ފުރަތަމަ ކައިވެނި ރޫޅެން ދިމާވި ސަބަބަށެވެ.

ދެން، ތަންކޮޅެއް ފަހުގެ ހަނދާނެކެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިއެވެ. އައްޔުބެ ދެވަނަ އަނބިމީހާ ކެންސަރު ބަލީގައި ނިޔާވެ ދިޔަ ހާދިސާއެވެ. އެއަށް ފަހު، އައްޔުބެގެ ހަޔާތަށް އަނދިރިކަން އައެވެ. ހަޔާތުގެ ދުވަސްތައް ގުނަމުން، އައްޔުބެ އުމުރުން އަށްޑިހައިގެ އަހަރުތައް ގުނަން ފެށުނު އިރު، އައްޔުބެގެ އެންމެ ބޮޑު ބައްޔަކަށްވީ އައްޔުބެ އެކަނިވެރިކަމެވެ. ބޮޑު ގެއެއްގައި ދުވާލުދާ ހަތަރުދަމު އެކަނިމާއެކަނި ހޭދަކޮށްލަންޖެހޭ ޖެހުމެވެ. އައްޔުބެ މިހާރުގެ ހަމައެކަނި ބައިވެރިޔަކީ އައްޔުބެ އެކޯޑިއަމްއެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މުސްކުޅިވުމުގެ އަސަރުތައް ވެސް އައްޔުބެ ގައިން ފެންނަން ފެށިއެވެ. އަތް ތުރުތުރު އެޅުމާއި ހަނދާންނެތެން ފެށުމެވެ. އެހެންވެ، އައްޔުބެ އެކަނިވެރިކަން ފިލުވާލަދޭނޭ އެއްވެސް ކަމެއް ނެތެވެ. އައްޔުބެ ދަރިފުޅު އުޅެނީ އައްޔުބެ އުޅޭ ހިސާބާ ދުރު ހިސާބެއްގައި އޭނަގެ އަމިއްލަ އާއިލާއާ އެކުގައެވެ. ގިނަވެގެން މަހަކު އެއްފަހަރު ނޫނީ އައްޔުބެއަށް ޒިިޔާރަތް ކުރާކަށް އެ ދަރިފުޅަށް ވަގުތެއް ނުވެއެވެ. ވާނީ ވެސް އެހެން ނޫންތާއެވެ. އައްޔުބެ ހިތާހިތާ ބުންޏެވެ. ދަރިފުޅުގެ ފިިރިއަކާއި އަދި ކުޑަ ތިން ކުދިން ތިބެއެވެ. އެ އެންމެނަށް ވެސް އަޅާލައި ގެއެއް ބަލަހައްޓަން ޖެހެއެވެ.

ކޮންމެއަކަސް މި ޚިޔާލުތަކުގައި އިންދާ، ބައްޕާއޭ ގޮވާލި އަޑު އިވިގެން ބަލާލިއިރު އައްޔުބެގެ އަންހެން ދަރިފުޅު އައިޝާ އައިސް ކައިރީ ހުއްޓެވެ. އަދި، ހޮސްޕިޓަލަށް ދަމާ އަންނާށޭ ބުނުމުން، ދެ މީހުން އެކުގައި ކުލިނިކުން ނިކުތެވެ.

އައިޝާ ބައްޕަގާތު ބުނީ އޭނަގެ ކާރަށް އެރުމަށެވެ. ނަމަވެސް، ބައްޕަ ބުނީ ބައްޕަގެ ކާރު ގެންދަން ޖެހޭނޭ ކަމެވެ. އެހެންވެ، ބައްޕަ ދާނީ ބައްޕަ ކާރުގައި ކަމެވެ. އަދި، ދަރިފުޅު ބައްޕަ ފަހަތުން އަންނަން އައިޝާ ގާތު ބައްޕަ ބުންޏެވެ.

އައްޔުބެ ކާރަށް އަރައި ދުއްވާލިއެވެ. އައްޔުބެގެ ފަހަތުން އާއިޝާ ވެސް އޭނަގެ ކާރު ދުއްވާފައި ދިޔައެވެ. އިރުކޮޅަކުން އާއިޝާއަށް ފާހަގަވީ ބައްޕަ ކާރު ދުއްވާފައި ދަނީ ހޮސްޕިޓަލަށް ދާން އޮތް މަގަކުން ނޫންކަމެވެ. ނަމަވެސް، މީހުން ނޫޅޭ، ގަސް ބޯ ދިިމާލަކަށެވެ. މީގެ އިތުރުން، ބައްޕަ މާ ބާރަށް ކާރު ދުއްވަމުންދާ ކަން ވެސް އާއިޝާއަށް ފާހަގަވިއެވެ. ކޮންމެއަކަސް އާއިޝާއަށް މާ ބޮޑު ކަމެއް ކުރެވޭކަން ނެތެވެ. އާއިޝާއަށް އޮތީ ބައްޕަ ފަހަތުން ދެވޭތޯ މަސައްކަތް ކުރުމެވެ.

ދެން މާގިނަ އިރުތަކެއް ނުވެއެވެ. ބައްޕަ މަގުގެ އެއްފާރަތަށް އަރައި ބާރު އިސްޕީޑުގައި ދުއްވަމުން ދިޔައެވެ. އިރުކޮޅަކުން ފެނުނީ މަގުގެ އެއްފަރާތުގައި ހުރި ބިޔަ ގަހެއްގައި ބާރަށް ދުއްވާފައި ދިޔަ ބައްޕަގެ ކާރު ޖެހުނު ތަނެވެ. އައިޝާ ވަގުތުން ކާރު ހުއްޓާފައި ބައްޕަގެ ކާރު ދޮށަށް ދިޔައެވެ. އޭރު ކާރު އޮތީ ފުނޑުފުނޑު ވެފައެވެ. އަދި، ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ވެސް ކާރުތެރޭގައި އޮތެވެ. އައްޔުބެގެ ނަޒަރުގައި އައްޔުބެގެ އެކަނިވެރިކަން ފިލުވެން އޮތީ އޭނަގެ ނިޔާވެފައިވާ އަންހެނުން ގާތަށް ދެވިގެންނެވެ. އެކަން، އައްޔުބެ ނަޒަރުގައި ހަގީގަތަކަށް ހަދާލެވެން އޮތީ އައްޔުބެ ވެސް މަރުވެގެންނެވެ!

(ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް)