Support Us

ކޮހުންގެ ރާއްޖޭގެ ވާހަކަ

އެއް ރެއަކު ވަގަކު ވައްކަންކުރަން ގެއެއްގެ ފުރާޅުމައްޗަށް އަރައިގެން އުޅެނިކޮށް ވެއްޓި މަރުވިއެވެ. މި ވަގުކަލޭގެ ވެއްޓުނީ ފުރާޅުމަތީގައި ޖަހާފައި ހުރި އީޓުގަނޑެއް ބިންދައިގެންގޮސް، ބިންމައްޗަށް ވެއްޓިގެންނެވެ. މި މައްސަލަ ބަލައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކޮހުންގެ ރާއްޖޭގެ ރަސްގެފާނު އަމުރު ނެރުއްވިއެވެ.

މައްސަލައިގެ ބޮޑުކަމުން މައްސަލަ ބަލަން ނިންމެވީ ސީދާ ރަސްގެފާނުގެ ދަރުބާރުގައި ރަސްގެފާނުގެ ވެސް ހާޒިރުގައެވެ. މައްސަލައިގެ ތަހުގީގަށް ފެނުނީ ގޭގެ ވެރިމީހާ ކުށްވެރިވާ ކަމަށެވެ. ވަގުކަލޭގެ މަރުވުމުން އެކަމުގެ ޒިންމާ ގޭގެ ވެރިމީހާ ނަގަން ޖެހޭނެ ކަމަށެވެ. އެހެންވެ އެ ކަލޭގެ ހާޒިރުކޮށް ސުވާލުކުރަން ފަށައިފިއެވެ.

ގޭގެ ވެރިމީހާ ކުށްވެރިވީ ގޭގެ ފުރާޅުގައި މާ ބަލި އީޓު ޖަހާފައި ހުރުމުންނެވެ. ފުރާޅު ހަދަންވާނީ އަރާއުޅޭ މީހުން ނުވެއްޓޭ ގޮތަށް ކަމަށާއި އެހާ ބަލި އީޓު ޖަހައިގެން ފުރާޅު ހެދުމަކީ ކުށްވެެރިވާނެ ކަމެއްކަމަށް ރަސްގެފާނު ވެސް ގަބޫލުފުޅު ކުރެއްވިއެވެ.

ގޭގެ ވެރިމީހާ ރޮއި ހޭރިގަތްފައި ދެންނެވިއެވެ. މާތް ސާހިބާއެވެ. އަޅުގަނޑަށް ގޭގައި ޖެހޭނީ ވިއްކަން ހުރި އީޓެއް ނޫންތޯއެވެ. އެ އީޓު ބަލިވުމުން އަޅުގަނޑު ކުށްވެރިވާނީ ކޮން ގޮތަކުންތޯއެވެ؟

ރަސްގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. އެއީ ތެދެކެވެ. ކުށްވެރިވާނީ އީޓު ވިއްކި މީހާއެވެ.

އީޓު ވިއްކި މީހާ ގެނެސް އޭނާ ކުށްވެރިވާކަން އެނގުމުން އޭނާ ރޮއިހޭރިގަތްފައި ދެންނެވިއެވެ. މިކަމުގައި އަޅުގަނޑު ކުރާނީ ކީއްތޯއެވެ؟ އަޅުގަނޑަށް އީޓު ހެދޭނީ އީޓު ހަދަން ބޭނުންވާ ވެއްޔާއި ކިސަޑު ގެންނަ ބަޔަކު ގެންނަ އެއްޗަކުން ނޫންތޯއެވެ؟ ރަނގަޅު މޮޅު އީޓު ހެދޭނީ ރަނގަޅު މޮޅު ވެލިންނޫންތޯއެވެ؟

ރަސްގެފާނު ވިދާޅުވިއެވެ. އެއީ ތެދެއެކެވެ. ކުށްވެރިވަނީ އީޓު ހަދަން ބޭނުންވާ ވެއްޔާއި ކިސަޑު ނަގާ މީހުންނެވެ.

ކޯރުތަކަށް ފީނައި އީޓު ހަދާ ވެއްޔާއި ކިސަޑު ނަގަން އެ ދުވަހު އުޅުނީ އެންމެ މީހެކެވެ. އެ މީހާ ހައްޔަރުކޮށްގެން ގެނައިއިރު އޭނާގެ ދެ ލޯ ހުރީ ފީނަން އުޅެއުޅެ ރަތްވެފައެވެ. މީހާގެ ގައިގެ ހަން ވަނީ ކަށީގައި ތަތްލާފައެވެ. އޮރިޔާން ނިވައިކުރަން އަނދެގެން ހުރި ފޮތިކޮޅު ނޫނީ ގަޔަކު އެއްޗެއް ވެސް ނެތެވެ. ފަނޑިޔާރުންގެ ބެންޗުން ވަރަށް ބަލާޣާތްތެރި އިބާރާތަކުން މިކަލޭގެ އުލުބައިންދަން ހުކުމް އިއްވިއެވެ. އެތަންވަޅު ރަސްގެފާނު ވިދާޅުވިއެވެ. ތިޔަ ހުކުމް ރަނގަޅެވެ. އެކަމަކު މިހާ ބަލިކަށި މީހަކު އުލުބެއިންދުމުން އަހަރެމެންނަށް އޮތީ ކޮން އުފަލެއް ހެއްޔެވެ؟ މީހުން ދައްކާނެ ވާހަކައާ މެދު ވެސް ވިސްނާލަންވާނެއެވެ. އެހެންވީމާ ތަންކޮޅެން ޖާނުން ވަރުގަދަ މީހަކު މީނާގެ ބަދަލުގައި އުލުބައިންދަން ހޯދައިގެން ގެންނާށެވެ. އެހެން ވިދާޅުވުމުން އަސްކަރުން ނުކުމެ ސަހަރު ތެރޭގައި ރަދުން އެ ވިދާޅުވާ ކަހަލަ މީހަކު ފެނޭތޯ އުޅެމުން ދަނިކޮށް ގައިބާރުހުރި މީހަކު ދަރުބާރަށް ދާން އެއްބަސްވެއްޖެއެވެ. އެއީ އެ ދުވަސްވަރު ކޮހުންގެ ރާއްޖެއަށް ވިޔަފާރިކަމު އައިސްއުޅުނު އެހެން ސަހަރެއްގެ ސައުދާގަރެއްގެ ނޯކިރީއެކެވެ.

މިކަލޭގެ ގެނެސް ވެގެން އުޅޭގޮތް ކިޔައިދިނުމަށްފަހު އުލުބައިންދަން ނިންމި ވާހަކަ އަންގައިފިއެވެ. އުލުބައިންދާ ވާހަކަ ބުނުމުން ވެސް މި ކަލޭގެ މޫނުމަތިން ކުޑަ ވެސް ނުތަނަވަސް ކަމެއް ނުފެނެއެވެ. އުލުބައިންދަން ހުރިހާ ކަމެއް ތައްޔާރުވުމުން މިކަލޭގެ ބާރުބާރަށް ހޭން ފަށައިފިއެވެ. ހެނީއެވެ. ހަމަ ހެނީއެވެ. ހީވަނީ މާ ބޮޑު އުފަލެއް ލިބެން އުޅޭ ހެންނެވެ. އެތަން ފެނިވަޑައިގެންފައި ރަސްގެފާނު އެއްސެވިއެވެ. ކަލޭގެއަށް ތިޔަވަނީ ކީއްހެއްޔެވެ؟

އެކަލޭގެ ދެންނެވިއެވެ. ނުހޭންވީ ކީއްވެތޯއެވެ؟ އުފާ ނުކުރާންވީ ކީއްވެގެންތޯއެވެ؟ އުލުބޭންދުމަކީ ހާދަހާވާ އަރާމަކާއި އުފަލެއް ހުރި ކަމެކެވެ. މިގޮތަށް މަރުވެއްޖެއްޔާ އެވެނިމިވެނި އަރާމާއި އުފާތައް އަދި އިތުރަށް ވެސް ލިބުން އޮތީއެވެ. މި އަޑު އައްސަވާފައި ރަސްގެފާނު ވިދާޅުބަސްފުޅު އިއްވެވިއެވެ. އެހާ އުފަލާއި އަރާމު ހުރިކަމެއް އެހެން މީހަކަށް ޙައްޤެއް ނުވާނެއެވެ. އެކަން ޙައްޤުވާނީ ތިމަން ރަސްގެފާނަށެވެ. އަވަހަށް ތިމަން ރަސްގެފާނު އުލުބައިންދާށެވެ. މިހެން ރަސްގެފާނު ވިދާޅުބަސްފުޅު އިއްވެވުމާއެކު ދަރުބާރުގައި ތިބި އެންމެން ވެގެން އެ އުފަލާއި އަރާމު ރަސްގެފާނަށް ހޯދައިދިނުމަށް އަވަސްއަވަހަށް ރަސްގެފާނު އުލުބައިންދައިފިއެވެ.

(ނިމުނީ)

 

ނޯޓު: މި ވާހަކަ މި ލިޔުނީ އަޅުގަނޑުގެ ބައްޕަ ވިދާޅުވެ ދެއްވިގޮތަށް ކުދިކުދި ބަދަލުތަކާއެކު އަޅުގަނޑުގެ އަމިއްލަ ޢިބާރާތުންނެވެ. މި ނޫން ގޮތްގޮތަށް ވެސް މި ވާހަކަ ކިޔާ އުޅެއެވެ. މި ވާހަކައިގެ ފިކުރީ ޙައްޤުވެރިކަން ލިބިގެންވަނީ އަސްލު އުފެއްދުންތެރިޔާއަށެވެ. އެއީ ކޮން ބޭފުޅެއްކަމެއް ނޭނގެއެވެ.

  • ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *