ކެވޭއެތި ނުބައި ނަމަ ހަޖަމު ގޯސްވެދާނޭ
ލެވޭ ނޭވަޔަށް އޭގެ ދަތިކަން ލިބޭނޭ
ހިނގާ ޚިލްޠުތައް ޖިސްމުގައި ވަކިވެގެންވާ
ޢިގާބުގެ ބަލިން ލިބެޔެ ވޭން ގަދަވެގެންވާ
ރިޤާބެއްގެ ޒަޚަމުން ފަނާ ނުވެ ނުދާނޭ
އެތެރެހަށި ނުބައިވާ މިޒާޖުގެ ބަލީގައި
ކެތެއްނުވެ ފުށަށް ބޭރު ބަލި ފާޅު ވެވިފައި
ފެތެން ފުންކަނޑަށް ނުޖެހިއެއް ހަމަ ނުދާނޭ
ހަމާ މަސްގަނޑާ ނިޔަފަތީން ނޮޅަނޮޅާފައި
ތަމާމުވެ މަރުވެ ނިމިދިއުން އެދި ގޮވާހައި
ސަމާލުވެ ދިމާޔަށް ހަލާކާ ދެވޭނޭ
ފޮށީ ހުރި ކަމަކު ބޭސްތަކެއް ސުންބުލީގައި
އޮށީ ދިޔަފެލައި އޮޑިހަނަކު ގައިލެވޭހައި
ދޮށީ މޮޅު ހަކީމަކު ނެތޭ ބޭސް ހެދޭނޭ
ގުނަންތައް ނަގައި ބޭރުކޮށް ޖިސްމު އުނިކޮށް
ފުނަށް ބަނޑުފަޅައި މޭގަނޑާއެކުމެ ކުދިކޮށް
ބުނަންވެސް ބަހެއް ހަމަހިލައިނުމެ ލިބޭނޭ
ވިޔަސް ހިތްނިކަން ކާ ބަލަންވީ މިހެންވޭ
ލިޔަސް މީރުރަހަ ދަހި ނުވަންވީ އެހެންވޭ
ހިޔަނިވެސް ހުތުރުކޮށް ގެނެއް ބަލަ ނުވާނޭ