Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އަގު ބޮޑު ތަޅުދަނޑި

މަނިކުބޭ: ޖުހާއެވެ. މިއީ މިހާރު މަދުން ނަމަވެސް އިވޭ ވާހަކައެކެވެ. ފިރިހެނަކު ދޭއް، ތިނެއް، ހަތަރު މީހަކާ ވެސް އިނދެފާނެއެވެ. އެކަންވެގެން ދަނީ އެ ފަދަ މީހެއްގެ ކެރުމާއި ކުޅަދާނަކަން އަންގައިދޭ ކަމެކެވެ.

ދެން، މިކަމާ ވިދިގެން މަދުން ނަމަވެސް، އިވޭ އަޑެކެވެ. އަންހެނަކު، ދޭއް، ތިނެއް، ހަތަރު މީހުންނާ ހިތާވެގެން އުޅެފި ނަމަ، އައިބަކަށްވާންވީ ކީއްވެ ހެއްޔެވެ؟ ފިރިހެނުންނަށް ކުރެވެން އޮންނަ ހުރިހާ ކަމެއް ވެސް އަންހެނުންނަށް ކުރެވެން އޮންނަންވާނެ ނޫން ހެއްޔެވެ؟ ފިރިހެނުންނަށް ވަކި ގޮތެއް، އަންހެނުންނަށް ވަކި ގޮތެއް އެއީ ހަމައަށް ވެދާނެ ހެއްޔެވެ؟

ޖުހާ: ތިޔައީ، އޭގެ ބޭރުފުށަށް ބަލާލާއިރު، ތިބުނާ ކަހަލަ، ހަމަ ނެތް ކަމަކަށް ފެނިދާނެއެވެ. ނަމަވެސް އޭގެ ހަގީގަތަށް ބަލާލާއިރު، އެކަން އޮތީ އެހެން ނޫންކަން އެނގޭނެއެވެ. ތިކަން އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން، އިތުރު އެއްޗެއް ބުނާކަށް އަހަރެން ނެތީމެވެ. ކުޑަކުޑަ މިސާލެއް ބުނެފައި ފުއްދާލާނަމެވެ.

މިސާލަކަށް، ތަޅުދަނޑިއެއް ނަގާބަލާށެވެ. އެ ތަޅުދަނޑިން އެތައް ތަޅެއް ހުޅުވާލެވޭ ކަމަށް ވަންޏާ އެ ތަޅުދަނޑީގެ އަގު ބޮޑުވެއެވެ. ނަމަވެސް، ކޮންމެ ތަޅުދަނޑިއަކުން ހުޅުވާލެވޭ ތަޅެއްގެ އަގެއް އޮވޭ ހެއްޔެވެ؟ އެފަދަ ތަޅެއް މީހަކު، އޭނަގެ ހުރިހާ ކަމެއް އެ ތަޅުގެ ނިވަލުގައި ރައްކާކޮށްފައި ބާއްވަން، ބޭނުން ކޮށްފާނެ ހެއްޔެވެ؟

މަނިކުބޭ: ނޫނެކެވެ! ދެން، ތިބުނި ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟

ޖުހާ: ބަލަންވީ، ކޮންމެ މީހެއްގެ އަތުގައި އޮންނަ ތަޅުދަނޑިއަކުން ހުޅުވޭ ކަހަލަ ތަޅެއް ނުގެންގުޅެ، ކޮންމެ ތަޅެއް ވެސް ހުޅުވޭ ފަދަ އަގު ބޮޑު ތަޅުދަނޑިއެއް ލިބޭތޯއެވެ!