Support Us

ކޮލަމް: ދިނަށަ

ރައިވަރު ހަދަން ދަސްކުރަން ބޭނުންތަ؟- 2

• ރައިވަރުގެ ބަސްމަގު: ރައިވަރު ހަދަނީ ސާދާ ޖުމްލައިގެ ގޮތުގައެއް ނޫނެވެ. ލަފުޒު ފުރޮޅައިގެނެވެ. އެއީ ރައިވަރުގެ ޢާއްމު ގޮތްވެސް މެއެވެ.

މިސާލު 1-: ޖުމްލަ، 'ފުރީ އަމުދުން ނުތިބޭށެ' މި ޖުމްލަ ރައިވަރުގައި ބޭނުން ކޮށްފައިވަނީ 'ދުންފުރީ ނުތިބޭށެ އަމު' މިގޮތެވެ. އެއީ، ރައިވަރުގެ ވަންތަކަމާއި އަސަރު އުފެދޭ ގޮތެވެ. އެއީ، ލަފުޒު ފުރޮޅުމެވެ.

މިސާލު -2: ޖުމްލަ، 'ކާކައްތަ ކުލަދާނައީ' މި ޖުމްލަ ރައިވަރުގައި ބޭނުން ކޮށްފައިވަނީ 'ކާކައްތަ ދާނައީ ކުޅަ' މިގޮތެވެ. އެއީ، ރައިވަރުގެ ވަންތަކަމާއި އަސަރަށްޓަކައެވެ. އެއީ، ލަފުޒު ފުރޮޅުމެވެ.

މި ގޮތްތަކަށް ލަފުޒު ފުރޮޅުމުގައިވެސް، ރައިވަރުގެ ވަޒަނުން ބޭރު ވެގެނެއް ނުވާނެއެވެ. ލަފުޒު ފުރޮޅާ ޢާއްމު ގޮތަކީ، ފުރޮޅައިލައިފައިވާ ލަފުޒެއް، ތަކުރާރު ކުރުމުން އެ ލަފުޒެއްގެ އަސްލު ފާޅުވާ ގޮތަށް ފުރޮޅުމެވެ.

މިސާލު 1-: 'އަމުދުން' މި ލަފުޒު ފުރޮޅާނީ 'ދުންއަމު' މި ގޮތަށެވެ. އެހެންކަމުން، 'ދުންއަމު' 'ދުންއަމު' 'ދުންއަމު' މިގޮތަށް ކިޔުން ތަކުރާރު ކޮށްލުމުން ލަފުޒުގެ އަސްލު ކަމުގައިވާ 'އަމުދުން' މި ލަފުޒުގެ އަސްލު ފާޅުވާނެއެވެ.

• ރައިވަރުގެ ގަވާއިދުގެ ގިނަކަމާއި ލަފުޒު ފުރޮޅުމުގެ ހަމަތަކާއި ގޮތްތަކުގެ ގިނަކަމަކީ، މިފަދަ ޞަފްޙާއަަކުން ބަޔާން ކުރެވޭ ވަރަށްވުރެން މާ ފުޅާ ތަނަވަސް ކަމެކެވެ. އެހެނަސް އެކަންކަން އެންމެ ކުރު މަގަކުން ބަޔާންކޮށްފައި މިވަރުން، ރައިވަރު ހެދުމުގެ އަސާސީ މިންވަރު އެނގޭނެ ކަމަށްވާތީ ކުރުކުރަމެވެ. އެކަންކަން މޮޅަށް ދަސްކުރުމަށްޓަކައި އިހުގެ ރައިވަރު ފޮތްތައް ބަލައި ކިޔައި ރައިވަރުގެ ލަފުޒު ފުރޮޅާފައި ހުންނަ ސަބަބުތަކަށް ވިސްނި ވަރަކަށް އަންނާނީ ދަސްވަމުން މޮޅުވަމުން އޮޅުން ފިލަމުންކަން ދަންނަންވާނެއެވެ. މަދު ވަގުތުކޮޅެއްގެ ކުލާހެއްގައި އެ ކަންކަމުގެ މެދާހަމައިގެ ބަޔަކަށްވެސް ފީނުމަކީ ނުވާނެ ކަމެކެވެ.

• ރައިވަރުގެ ގަތްބަހާއި ފަހުބަހުގެ ފަހު 3 ފިލި އަކުރާއެކު އެއްގޮތް ކުރުން: ރައިވަރުގެ ގަތްބަހާއި ފަހުބަހުގެ ފަހު 3 ފިލި އަކުރާއެކު އެއްގޮތް ކުރުމަކީ ރައިވަރުގައި ލާޒިމުކަމެކެވެ. އަދި ރައިވަރުގެ ބަސްބަހުގެ ފިލި، ބަސްބަހަށް ކަނޑައެޅިފައި ހުރި މިންވަރަށް ވުރެން އުނި އިތުރު ކުރުމަކީވެސް ކޮށްގެން ނުވާނޭ ކަމަކެވެ. ސަބަބަކީ، ރައިވަރަކީ، ދިވެހި އަދަބިއްޔާތުގެ ވަޒަން ބަހުރުވަ ތަކުގައި އެންމެ މަތީ ދަރަޖަ ލިބިގެންވާ އެންމެ ބާރުގަދަ ބާވަތް ކަމަށް ވާތީއެވެ. އެ ދަރަޖައިގައި ރައިވަރު އެހެން ޖީލުތަކަށް ފޯރުކުރުމަކީ ރައިވަރު ހަދާ މީހުންގެ މައްޗަށް އޮތް އަދަބީ ވާޖިބެކެވެ. އެގޮތާ ޚިލާފަށް ބައެއް މީހުން ހަދާފައި ހުންނަ ރައިވަރު ނުވަތަ ރައިވަރުތައް ފެންނާާނެއެވެ. އެކަމަކު އެއީ، ފުރިހަމަ ނޫން ރައިވަރު ކަމުގައި ގަބޫލުކުރީމާ ފުދުނީއެެވެ. ކަންކަމުގެ ރަނގަޅުގޮތް ފެންނާން ހުއްޓައި އަދި އެނގޭން ހުރިއިރު، ރަނގަޅުގޮތް ނޫން ގޮތްގޮތް ހިފުމަކީ ރަނގަޅު މީހުން ކަންކުރާންވީ ގޮތެއް ނޫނެވެ.

• ފަހު ދެބަހުގެ ފަހު 3 ފިލި: މި ތިން ފިލި އޮންނާންވީ އަކުރާއެކު އެއްގޮތަށެވެ.

މިސާލު 1-: ގަތްބަހުގައި އޮތީ، 'ރީތި ނަލަ އަޑުފުޅުން ލެއްގޮ' މި 3 ފިލި އަކުރާއެކު އެއްގޮތަށް ފަހުބަހުގައި އެއްގޮތް ކުރުމަކީ، 'ވީމާ ނޫންތަ ހާލެއްގޮ' މި ގޮތަށް "ލެއްގޮ" "ލެއްގޮ" މި 3 ފިލި އަކުރާވެސް އެކުގައި 2 ބަހުގެ ނިމުމުގައިވެސް އެއްގޮތް ކުރުމެވެ. އެއީ، ރައިވަރުގެ ހަމައެވެ. ރައިވަރުގައި ލާޒިމު ކަމެެއްވެސް މެއެވެ. ރައިވަރުގެ އަސަރު ހުންނަނީ ވެސް އެގޮތުގައެވެ.

• މިސާލު 2-: ފަހު ދެބަހުގެ ފަހު 3 ފިލި: މި ތިން ފިލި އެއްގޮތް ކުރުމުގެ އެހެން މިސާލަކީ، ގަތްބަހުގައި އޮތީ، 'ނޭނގިހުއްޓައި އަނދައިދާނެ' މިހެން ކަމުގައިވާތީ ފަހުބަހުގައި 'ގޭމަ ކޮޔާ ފިހިދާނެ' މި ގޮތަށް "ދާނެ" "ދާނެ" ފަހު ދެ ބަހުގައި އެއްގޮތް ކުރުމަކީ، ކޮންމެހެންވެސް ރައިވަރުގައި ކުރުން ލާޒިމު ކަމެކެވެ. މި ދެ ބަހުގެ ފަހު 3 ފިލި އަކުރާއެކު އެއްގޮތް ކުރުމަށް ވަރަށް ގިނަ އުކުޅުތަކާއި ހަމަތައް އެބަ ހުއްޓެވެ. އެކަމަކު، ސަފްޙާއެއްގެ މަޢުލޫމަތު ކޮޅެއްގައި އެކަން ނުކޮށް ދޫކޮށްލާފައި، އެކަންކަން ދެނެގަތުމަށްޓަކައި އިހުގެ ރައިވަރުތައް ބަލައި ކިޔައި ހެދުމަށް ނަސޭހަތްތެރިވަމެވެ.

• އިރުޝާދު: ރައިވަރު ބަލައި ކިޔައި ހެދުމުގައި ބަލަން އިސްކަން ދޭންވާނީ ބަނޑޭރި ޙަސަން މަނިކުފާނު ހައްދަވާފައިވާ 'ދިވެހި އަރުމާދު' ރައިވަރުބަޔަށާއި 'ދިޔޯ' ރައިވަރު ބަޔަށެވެ. ދެން ނައިބުތުއްތޫގެ ރައިވަރުތަކަށެވެ. ފަހަކަށް އައިސް ނެރެފައިހުރި 100 ރައިވަރުގެ ފޮތްތައް ކިޔައިގެން ދަސްކުރާން އުޅެފިނަމަ އެ މީހަކަށް ދާނީ ކަން އޮޅި މަގު ގެއްލިގެންނެވެ. އެހެނީ އެ ތަކެތި ހުރީ އެއްވެސް އިސްލާހެއް ކުރުމެއްް ނެތި ހުރިގޮތަށް ރޯކޮށް ހިތިވެސް ނުފިލުވައި ކަމަށް ވާތީއެވެ. ރައިވަރު ދަސްކުރުމަށްޓަކައި، "ކަންޒުލް އަދަބު" އާއި، "ޝައިޚްޒުބައިރު" ބެލުމުން ފެންނާނީ ފުރިހަމަ ރައިވަރުތަކެވެ. އޭގައި ހުންނާނީ ފުރިހަމަ މޮޅު ރީތި ރައިވަރުތަކެވެ.

• މި މިންވަރު މުދައްރިސުން ދަރިވަރުންނަށް ރަނގަޅަށް ބަޔާންކޮށްދީ ފިލުވައި ދިނުމުން ރައިވަރު ހަދަން އެނގޭނެއެވެ.

ރައިވަރުގެ ހަމަތަކާއި ގަވާއިދު ތަކަކީ، ބަޔާންކޮށްދީ ކޮޅުންލާ ވަރަށް ވުރެން މާ ތަނަވަސްވެގެންވާ ހަމަތަކެކެވެ.