Support Us

ކޮލަމް: ދިނަށަ

ރައިވަރު ހަދަން ދަސްކުރަން ބޭނުންތަ؟- 1

ރައިވަރަކީ ވެސް ވަޒަން ބަހުރުވައިގެ ބާވަތެކެވެ. އެހެންކަމުން ރައިވަރުވެސް ވަޒަނުގައި އޮންނަނީ ފިލިތަކެއްގެ މައްޗަށް ހަމަޖެހިގެންނެވެ.

• ފިލީގެ ހުރީ 4 ބާވަތެކެވެ. އެއީ، (ހ) ކުރުފިލި. (ށ) ދިގުފިލި ނުވަތަ ދެމޭފިލި. (ނ) ސުކުނަށް ނިމޭފިލި. (ރ) ސުކުން ފިލި.

މިސާލު: 1- ކުރުފިލި، ހަ، ށަ، ނަ، ރަ. = ވަޅު، ބެރު، އިހި، މިފަދަ ފިލިތަކެވެ.

2- ދިގުފިލި، ހާ، ށާ، ނާ، ރާ، = ދޯ، މީ، ނޫ، މިފަދަ ފިލިތަކެވެ.

3- ސުކުނަށް ނިމޭ ފިލި، އުން، ޅެން، މަސް، މިފަދަ ފިލިތަކެވެ.

4 ސުކުން ފިލި. ސުކުން ފިއްޔަކީ ކޮންމެ މަގާމެއްގައި އޮތްނަމަވެސް އަކުރެއްގައި ޖެހިފައިވާ ކޮންމެ ސުކުނެކެވެ. ރައިވަރުގެ ވަޒަން ހަމަ ކުރުމުގައި ސުކުނަކީ ފިއްޔެގެ ގޮތުގައި ހިމެނޭ ފިއްޔެކެވެ.

އެކަމަކު ވަޒަން ބަހުރުވައިގެ އެހެން ބާވަތްތަކުގައި ދެމޭފިއްޔެއްގެ ފަހަތުގައި އޮންނަ ސުކުނެއް ވަޒަން ހަމަ ކުރުމުގައި ނުހިމެނެއެވެ. އެއިން ރައިވަރު އިސްތިސްނާވަނީއެވެ.

• ރައިވަރުގައި އޮންނަނީ 3 ބަސް ރައިވަރާއި 6 ބަސް ރައިވަރެވެ.

• ތިން ބަސް ރައިވަރުގައި 36 ފިއްޔެވެ. 6 ބަސް ރައިވަރުގައި 70 ފިއްޔެވެ. އެކަމަކު މި 2 ބާވަތުގައި ވެސް ފަހުބަހުގައި 1 ފިލި އިތުރު ކުރުމަކީ ހަދާ ރައިވަރެއްގެ ގޮތުން ހުރިހައި އަދީބުން ވެސް އިތުރު ކުރައްވާ ފިއްޔެކެވެ.

• ތިންބަސް ރައިވަރުގެ އޮނިގަނޑު: ފުރަތަމަ ބަހުގައި 12 ފިލި، ދެވަނަ ބަހު (ގަތްބަހު) ގައި 13 ފިލި. ފަހު ބަހުގައި 11 ނުވަތަ 12 ފިލި.

• ހަބަސް ރައިވަރުގެ އޮނިގަނޑު: ފުރަތަމަ ބަހުގައި 10 ފިލި، ދެވަނަ ބަހުގައި 12 ފިލި، ތިންވަނަ ބަހުގައި 12 ފިލި، ހަތަރުވަނަ ބަހުގައި 12 ފިލި، ފަސްވަނަ ބަހު (ގަތްބަހު) ގައި 13 ފިލި، ފަހު ބަހުގައި 11، ނުވަތަ 12 ފިލި.

• ވަޒަން: ތިން ބަހުގައި:

ހޯދަން އެކީ ހިނގާ ބަލަ

ހޯދަން އެކީ ދަމާ ހެއްޔެ

ހޯދަން ދާ ނަން ހެއްޔެ

 

ވަޒަން: ހަބަހުގެ:

ހޯދަން ނުދާނެހޭ

ހޯދަން އެކީ ދާނެހޭ

ހޯދަން އެކީ ދާނެހޭ

ހޯދަން އެކީ ދާނެހޭ

ހޯދަން އެކީ ދަމާ ހެއްޔެ

ހޯދަން ދާ ނަން ހެއްޔެ

މި ޞަފްޙާ ވަރަށް ރަނގަޅަށް ދަރިވަރުންނަށް ޝަރަޙަކޮށްދީ ދޭހަކޮށްދޭން ވާނެއެވެ.

+++