އަހާށޭ އުޚުތުނާ އަޚުނޭ ނަތީޖާ އަނދިރިވި ފަސާނާ
ކިހައި ހިތްދަތިވި ވޭނެއްހޭ ދިނީ ރޫޙަށް މި އިންސާނާ
މުދާތައް އެއްކުރިން ފައިސާ ޖަވާހިރު ރިހި ރަނާ އުޅަނދާ
ނުދާނޭ ހީކުރީމޭ ގެއްލި ނެތިގެން ބީވެ އެޚަޒާނާ
ހިތަށް އަރަނީ ކުރާ މަޖަލޭ މިލިބިދާ އެންމެ ފޮނި އުފަލޭ
ހިތަށް ނާރައެ ބަޔަކު ތިބިކަން ނުލިބި ކާނޭ ދެއިރު ކާނާ
ނުބަލަމޭ އޭރު އަމުރުފުޅެއް ނަހީއެއް ދީނުގައި އޮތްތޯ
އަބަދު ވިސްނީ ކުރާ ހުރިހައި ކަމެއް ގުޅުވާށެ އެޒަމާނާ
މިޙާލަތު ފަހިވެގެން މިއައީ ނިހާޔަތުގައިވެ މުއްސަނދިކަން
ޖަހާލަތު ވެރިކުރީ ނަފުސަށް މަ ހުންނާތީ ވެ ދީވާނާ
ޙަޔާތުގެ ކަނޑުތެރޭ ދުއްވަން ނުކުމެ ހުއްޓާ ޒުވާން ކަމުގައި
ވަޔާއެކު އައި ވިލާގަނޑަކުން ބިނދިއްޖެ ކުނބާއި ފަރުމާނާ
ތަޅާތީ ރާޅު ދޯނީގައި ހިފަން މިސްރާބު ބެލި އިރުގައި
ފަޅައިގެން ދިޔަ މުލައްގަނޑުގައި ނެތޭ ހުންގާނު ހަޅިބައިނާ
މިހިތި ޙާލާމެދަށް ވިސްނައިލުމުން ގިސްލައި ކަރުނަ އޮހުނޭ
އެހިނދު ބުނެލިއެ "މިއީނިމުމޭ" މަގޭ ރޫހާ ހިތާ ޖާނާ
މަރަށް ތައްޔާރުވީހިނދު ކުރިމަތިން މަރުއައިސް އަމުރު ކުރިޔޭ
ފުރަން ތައްޔާރުވާށޭ ދެން ނުދެއްކޭނޭ އިތުރު ބަހަނާ
ހަނދާނަށް ވެރިވިޔޭ އެވަގުތު އިލާހީ އަމުރުފުޅު ދީނާ
އަނދާނެ ގޮތާ ޢަޒަބާ މަޙުޝަރާ އަދި ނަރަކަ އަލިފާނާ
ދަނީ ދޫކޮށްފައޭ ހުރިހައި މުދާތައް، ނަފުސު ހުސް ދެއަތާ
ވަނީ ފުރިފައެ ޚަޒާނާގައި ޖަވާހިރުތައް ރަނުގެ ގަހަނާ
ރޮމުން ގިސްލައި ކަރުނަ އަޅަމުން ޙަޔާތުގެ އިއްޔެއާ މިއަދާ
ނިމުން އައި ގޮތް ކިޔައި މިދިނީ ނަތީޖާ އަނދިރި މިފަސާނާ
