Support Us

މީހަކު ބުނާ ވާހަކައެއް: ޣައްދާރުންގެ ހިއްވަރު

މީހަކު ސުއާލުކުރިއެވެ: "ޣައްދާރުންނަށް، އެ މީހުންގެ އަމިއްލަ މީހުންނަށާއި ރާއްޖެއަށް ޣަދަރުވެރިވެ، ޚިޔާނަތްތެރިވާން އެ މީހުންގެ އަމިއްލަ ނަފްސަށް ހިއްވަރުދީ، ބާރުއަޅަނީ ކޮން ކަމެއް ހެއްޔެވެ؟

ޖަވާބުގައި އެހެން މީހަކު ބުންޏެވެ: "ތިފަދަ ކަންކަން ހިނގަން މައިގަނޑު ގޮތެއްގައި ދެ ސބަބެއް އޮވެއެވެ. ބައެއް ފަހަރު އެއީ ފައިސާއެވެ. 'ފައަރފްލައި' މި ފިލްމުގައި މިކަން ވަރަށް ރީތިކޮށް ތަމްސީލުކޮށްދެވިފައި ވެއެވެ. އެ ފިލްމުގައި މީހަކު އޭނަގެ ކެޕްޓަން ގާތު ބުނެއެވެ: 'އެ މީހުން ދޭން ބުނީ ވަރަށް ވެސް ބޮޑު އަދަދެއްގެ ފައިސާއެކެވެ.' އާދެ، ފައިސާގެ ސަބަބުން އެ މީހާގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން އޮންނަން ޖެހޭ ފަރާތް ދޫކޮށްލައި އެ ފަރާތަށް ޚިޔާނަތްތެރިވާން ނިންމީއެވެ.

މީގެ ތެރެއަށް، ޚިޔާނަތްތެރިވުމުން، ލިބިދޭނެ ކަމަށް ބެލެވޭ ޖާހާއި ބާރު އިތުރުކޮށްލެވިދާނެއެވެ. އާދެ، ލިބިދާނެ ވެރިކަމެއް، ނުވަތަ އެހެންވެސް ބޮޑު މަގާމެއްގެ ސަބަބުން ވެސް މީހާގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ވިއްކާލެވެއެވެ. މިފަދަ ހާދިސާތައް ސިޔާސީ ވެރިންގެ ކިބައިން ވަރަށް ގިނައިން ފެނިފައިވެއެވެ. އިންޑިޔާގެ މީރު ޖައުފަރު، ވެރިކަމެއް ލިބިދާނެތީ އިނގިރޭސީންނަށް އިންޑިޔާ ވިއްކާލި ހާދިސާއެވެ. ވިޑްކުއިން ކުއިސްލިންގެ އޭނާގެ ރާއްޖެ ކަމަށްވާ ނޯވޭ، ހީޓްލަރުގެ ނާޒީ ޖަރުމަނަށް ވިއްކާލި ހާދިސާއެވެ.

މިތަނުގައި ރާއްޖޭގެ ވާހަކައެއް ވެސް ނަންގަނެލުން އެންމެ ރަނގަޅެވެ. މީގެ ދެތިން އަހަރު ކުރިން އެންމެ ބާރަށް އިވުނު އެއް އަޑަކީ ރާއްޖޭގައި ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ނެތް ކަމެވެ. ނުވެސް ތިބޭނޭ ކަމެވެ. ނަމަވެސް، މިހާރު އެންމެ ބާރަށް އިވޭ އަޑަކީ ބޭރު ސިފައިންގެ ބަޔަކު ރާއްޖެ ދޫކޮށްފައި ދާން އުޅޭ ވާހަކައެވެ. ނެތް ބަޔަކު، ނުތިބޭނޭ ބަޔަކު ދާނީ ކިހިނެއް ބާވައެވެ؟ މިއީ އުފެދޭ ސުއާލެކެވެ. އެފަދަ ބަޔަކު ތިބަ ކަމަށް ވަންޏާ، އެ ބަޔަކު ގެނައި ބަޔަކު ވެސް އުޅޭނެއެވެ. އަދި، މިކަން ދިފާއުކޮށް ވާހަކަދައްކާ ބަޔަކު ވެސް އުޅޭނެއެވެ. ފަހަރެއްގައި ވެސް ތަނަށް ހެޔޮ އެދިގެންނޭ ބުނެވޭނެ ހެނެއް ހިޔެއް ނުވެއެވެ. ސަބަބަކީ އެފަދަ ބަޔެއް ތިބުން ލާޒިމުކުރާ އެއްވެސް ކަމެއް މިހިސާބަށް އައި އިރު ދެއްކިފައި ނެތީމައެވެ. އެހެންވެ، އެ ފަދަ ބޭރުގެ ބަޔަކު ގެނައި ބަޔަކު އެކަމެއް ކުރާނީ މީރު ޖައުފަރާއި ކުއިސްލިންގެ ވެސް އެ މީހުންގެ ރާއްޖެ ވިއްކާލި ސަބަބަށްޓަކައޭ ބުނެވިދާނެއެވެ. އަމިއްލަ ޒާތީ މާއްދީ ފައިދާއަށާއި މައުނަވީ، މަގާމާއި، ޖާހުގެ ފައިދާއަށެވެ!

ދެން، ޚިޔާނަތްތެރި ވުމަށް ސަބަބު މެދުވެރިކޮށް، އަމިއްލަ ނަފްސަށް ހިއްވަރު ދޭ ސަބަބަކީ ބިރެވެ. އިދިކޮޅު ސިޔާސީ ޕާޓީއަކަށް ވެރިކަމާއި ބަރު ލިބިއްޖެ ނަމަ، މެދުވެރިވެދާނޭ ގެއްލުމެއްގެ ބިރު ހީވެގެންނެވެ. މިކަން ޖޯޖް އޯވެލްގެ 1985، މިފޮތުގައި ދައްކާލާފައިވެއެވެ. އަދި، މީގެ މަދު އަހަރުތަކެއްގެ ކުރިން، މިކަން ތަމްސީލުވެގެން ދިޔަ ހާދިސާއެއް ރާއްޖެއިން ވެސް ފެނިފައި ވެއެވެ. ސިޔާސީވެރިޔަކު، ކުރިމަތިލާން ޖެހިދާނެ 'ބިރެއް’ގެ ސަބަބުން، ބޭރުގެ އެމްބަސީއެއްގެ ހިމާޔަތް ހޯދި މަންޒަރެވެ. އަދި އޭގެ އަހަރުތަކެއްގެ ކުރިން، ރާއްޖޭގައި ޣަދަރުވެރި އަމަލެއް ހިންގާލި ސިޔާސީވެރިޔަކު ބޭރު ބާރެއްގެ ހިމާޔަތް ހޯދައި ރާއްޖެ ދޫކޮށްލަން ޖެހުނު ހާދިސާއިން ވެސް މި ބިރުގެ މަންޒަރު ފެނިގެން ދެއެވެ."

ދެން، މިވާހަކަތައް އަޑުއަހާފައި ތިން ވަނަ މީހަކު ބުންޏެވެ: "ތި ވާހަކަތަކަށް ވުރެ ބޮޑަށް ހައިރާން ވަނީ، ތި ބުނި ފަދަ ޣައްދާރުންނަކީ ކޮބައިކަން އެނގޭ އިރު ވެސް، އެ މީހުންނަކީ ގައުމީ ބަތަލުންކަމަށް ހަދައިގެން، ކަނު ސިފައެއްގައި އެމީހުން ކިޔާހާ އެއްޗަކަށް އަތްޖަހައި އެމީހުންގެ ފަހަތުން ދުވާ އާންމުންގެ އެތައް ބަަޔަކު އުޅޭތީއެވެ! އަހަރެންގެ ހިތަށް އަރަނީ އެފަދައިން ދުވާ މީހުންގެ އަމިއްލަ ބޮލެއް، އަމިއްލަ ލޮލެއް ކަންފަތެއް ހަމަ ނެތީބާވައެވެ. ނޫނީ އެ މީހުންނަކީ ކީރިތި ގުރުއާން ސިފަކޮށްދޭ ފަދަ صم بكم عمي (ބީރު، މަންމަން، ކަނު)، ހެޔޮ ގޮތް ވިސްނައި ގަތުމުގެ ކުޑަ އެކަށޭނަކަމެއް ވެސް ނެތް ބަޔަކީ ބާވައެވެ! ބޭރު ބަޔަކު ތަނަށް ވެރިވެގަތުމަށް އެހީތެރިވެ، އެ ފަދަ ބަޔަކު ތަނަށް ވެރިވުމުން، ތަނުގެ އެއްވެސް ބަޔަކަށް ހަގީގީ އެއްވެސް ފައިދާއެއް ނުކުރެއެވެ. މީރު ޖައުފަރުގެ އަމަލުންނާއި އަދި ކުއިސްލިންގެ އަމަލުގެ ނަތީޖާއިން އެނގުނު ފަދައިންނެވެ. [މަތީގައި މި ދެމީހުންނާ ބެހޭ ވާހަކަކޮޅެއް އޮންނާނެއެވެ.]"