Support Us

"ލާރިއަކަށް ދެކުރޮޅި"

ގަސްދޮށު މިސްކިތަކީ ޗާންދަނީމަގާއި އަމީރުއަޙުމަދު މަގާ ގުޅޭ ކަންމަތި (މިހާރު ކަޅުވަކަރު މިސްކިތް އަލުން ރާވައިފައި އެ ހުރި) ސަރަހައްދުގައި ހުންނަ މިސްކިތެކެވެ. ވަރަށް ފިނި އަރާމު ރީތި މިސްކިތެކެވެ. މިއަދު އެ މިސްކިތާ ގުޅޭ ހާދިސާއެއް ހިތްމައްޗަށް އައީއެވެ. މި އުޅެނީ އެ ވާހަކަ ދަންނަވާން ކަމަށެވެ.

މުތަވާތިރު ނޫން ގޮތެއްގައި ރިވާވެގެންވެއެވެ. އެއް ދުވަހަކު ސޭކުކަލޭފާނު އެ މިސްކިތަށް ޢަޞްރު ނަމާދަށް އަރުއްވައި، ކުރެއްވުނު ވަރަކަށް ރަކުޢަތްތައް ކުރައްވައި ނިމިލައްވައިގެން ދާލަމަތީގައި އިންނަވައި، ވަރަށް އަވަސް އަވަހަށް "ތަސްބީހައެއް" ކިޔުއްވާން އެބަ އިންނެވިއެވެ. މިހެން އިންނަވަނިކޮށް "ޙައްޤާނިއްޔާ" މިސްކިތުން ނިމިވަޑައިގެން ނުކުމެވަޑައިގަންނަވަމުން ސޭކު ކަލޭފާނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލޭފާނު މާ އަވަސްއަވަހަށް ތިޔަ ކިޔުއްވަނީ ކޮން އެއްޗެއް ތޯއެވެ؟" ސޭކުކަލޭފާނު ޖަވާބުދެއްވިއެވެ. "ތަސްބީހައެއް ކިޔައިލަނީއެވެ."

ޙައްޤާނިއްޔާ ސުވާލުކުރެއްވި ކަމަށް ވެއެވެ. "ތިޔަ ކިޔުއްވަނީ ކޮން ތަސްބީޙައެއް ތޯއެވެ؟"

ސޭކުކަލޭފާނު ދެންނެވިއެވެ. "މި ކިޔަނީ 'ލާރިއަކަށް ދެކުރޮޅި' މިހެންނެވެ."

ޙައްޤާނިއްޔާ ކުޑަކޮށް ހިނިތުންވެވަޑައިގެން ވިދާޅުވި ކަމަށް ވެއެވެ. "ތިޔައީ ތަސްބީޙައެއްތޯއެވެ؟ ތިޔަހެން ކީމާ ތަސްބީޙައަކަށް ވާނެތޯއެވެ؟ ސުބްޙާނަﷲ، އަލްޙަމްދު ލިﷲ، ﷲ އަކުބަރު ފަދަ ތަސްބީޙައެއް ކިޔުއްވާންވީ ނޫންތޯއެވެ!"

ސޭކުކަލޭފާނު ކުޑަކޮށް ނުރުހުންވެލައިވައި އެކަމަކު އަދަބުވެރިކަމާއެކު ދެންނެވިއެވެ. "އަޖާއިބެކެވެ. 'ކުރުޅޯކުރޮޅޯ' ކީމާ ތަސްބީޙައަކަށް ވާނަމަ، 'ލާރިއަކަށް ދެކުރޮޅި' ތަސްބީޙައަކަށް ނުވާންވީ ކީއްވެގެންތޯއެވެ؟ އެ މީހުންގެ ތަސްބީޙަ ވެސް އައްސަވައި ވޮޑިގެންވާ ކަލާނގެ، އަޅުގަނޑުގެ ތަސްބީޙަ ވެސް އައްސަވައިވޮޑިގެންވާނެ ނޫންތޯއެވެ!"

ސޭކުކަލޭފާނު 'ކުރުޅޯކުރޮޅޯ' އޭ މި ދެންނެވީ، ބައެއް މީހުން މާ އަވަސްއަވަހަށް 'ﷲ އަކުބަރު" ކިޔާއިރު ސޭކުކަލޭފާނަށް އިވިލައްވާ ގޮތެވެ.

ޙައްޤާނިއްޔާ ކުޑަކޮށް ހިނިފުޅުވަޑުވަމުން މިސްކިތުން ނުކުމެވަޑައިގެން ގެޔަށް ވަޑައިގަތީއެވެ. ޖާހިލުންނަށް ރައްދު ދިނުމަކީ ފައިދާއެއް ކުރާނޭ ކަމަކަށް ނުވާތީއެވެ.

ސޭކުކަލޭފާނު އެ ބުނުއްވީ ވެސް ތެދެކެވެ. 'ކުރޮޅޯކުރޮޅޯ' ކިޔުމެކޭ، 'ލާރިއަކަށް ދެކުރޮޅި’އޭ ކިޔުމެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އެހެންނަމަވެސް ލަސްލަހުން ހެޔޮކޮށް ތަސްބީހަކިޔައި ޒިކުރުކުރުމަކީ ސަބާބު ގިނަ، ދޫމައްޗަށް ލުއި، މީޒާނުގައި ބުރަ، ޢަމަލުތަކެކެވެ. ހެޔޮ ނިޔަތެއްގައި ﷲގެ ޙަޟުރަތުން ސަވާބާއި ދަރުމައަށް އެދިގެންނެވެ.

އަޅުގަނޑު މި ވާހަކަ މި ދެންނެވީ ސަބަބެއް އޮވެގެންނެވެ. އަޅުގަނޑުމެންގެ ތެރޭގައި މުސްލިމުންނޭ ކިޔައިގެން އުޅޭ މީހުންގެ ތެރޭގައި، އެއް ގޮތަކަށް ވެސް މިސްކިތަސް ނުދާ މީހުންނާއި ބައެއް ފަހަރު ނަމާދުކޮށްލާ މީހުން އުޅެޔޭ ކިޔާ އަޑު އިވެއެވެ. އަދި ސަބަބެއް ނެތި ރޯދަ ދޫކޮށްލައިގެން ކައިބޮއި ހަދާ މީހުން އުޅޭ ވާހަކަ ވެސް އަޑު އިވެއެވެ. އަދި ޒަކާތް ނުދައްކާ މީހުން އުޅޭ ކަމަށް ވެސް ވެއެވެ. އަދި ޒަކާތް ދެއްކުމަށް ފަހު، ހަމަ ތަނަވަސް މީހުންގެ ތެރެއިން ބައެއް މީހުން ފަގީރުންގެ ލިސްޓުގައި ނަން ޖަހައިގެން ޒަކާތުގެ ބެހެނިވެރީންނަށް ވެގެން ބައިހޯދާ މީހުން އުޅޭ ވާހަކަ ވެސް އަޑު އިވެއެވެ. މި ފަދަ މީހުން ހޭލުންތެރިކުރުމަށްޓަކައި މަސައްކަތް ކުރުމަށް ވުރެ ބޮޑަށް ފެންނަނީ ނަމާދުކުރާ މީހުން ނުވަތަ ރޯދަ ހިފާ މީހުންގެ މެދުގައި އިޚުތިލާފު ހުންނަ ކުދިކުދި ފަރުޢީ މައްސަލަތަކާ މެދު ބަހުސްކޮށް ފާޑުކިޔޭ ތަނެވެ. ޙަރަމް ބަންނަ ގޮތަކީ މާ ބޮޑު ކަމަކަށް ހަދައިގެން އެ ކަން ބޮޑު ފަރުބަދައަކަށް ހަދައިގެން ވާހަކަ ދައްކައިފާނެއެވެ. ބާރަށް ނުވަތަ މަޑުން ބަސްމަލާ ކިޔުމާއި ނުކިޔުމާ މެދު ބޮޑު ބަހުސެއް ކޮށްފާނެއެވެ. ބުރުގާ ނާޅައި އުޅޭ މީހުންގެ ވާހަކަ ނުދައްކައި، އަޅާ ބުރުގާއާއި ބުރުގާ އަޅާ ގޮތާމެދު މާ ބޮޑަށް ފާޑު ކިޔައިފާނެއެވެ. ރޯދަ ހިފައިގެން އެހެން އަޅުކަންތައް ކުރާ މިންވަރު މަދުކަމުން އެ ވާހަކަ މާގިނައިން ދައްކައިފާނެއެވެ. "މާތްރަސްކަލާނގެ" ކިޔާތީ، ކިޔާންވާނީ "އިލާހު" ކަމަށް ބަހުސްކޮށްފާނެއެވެ. 'އައްސަލާމުޢަލައިކުމް' ނުވަތަ 'އިންޝާﷲ' ކިޔާ ގޮތާ މެދު ބަހުސްކޮށްފާނެއެވެ. ތެދުފުޅެކެވެ. ގޯސްކޮށް ކަމެއް ކުރާ ނަމަ، އެކަމެއް ރަނގަޅުކުރާން މަސައްކަތްކުރުމަކީ ކުރާންޖެހޭނެ ކަމެކެވެ.

އެހެންނަމަވެސް، ނަމާދު ނުކުރުމަށް ވުރެ ނަމާދުކުރުން ރަނގަޅުތާއެވެ. ރޯދަ ނިހިފުމަށްވުރެ ހިފުން ރަނގަޅުތާއެވެ. އަދި ހެޔޮ އެއްޗިހި ކިޔައި އުޅުން ވެސް، އެއް ގޮތަކަށް ނުކިޔާ މީހުންނަށް ވުރެ ރަނގަޅުތާއެވެ. ބުރުގާ ނޭޅުމަށްވުރެ ބުރުގާ އެޅުން ވެސް ރަނގަޅުތާއެވެ. އެކަންކަން ކުރަނީ ފުރިހަމައަށް ނޫނަސް އެ މީހުން އެ ވަނީ އެކަމުގެ ފުރަތަމަ ފިޔަވަޅު އަޅައިފައެވެ. އެ ކަމުގެ އާދަ އެ ފަދަ މީހުންގެ ކިބައިގައި އެ ވަނީ އަށަގަނެފައިތާއެވެ! ދެން އޮތީ ރަނގަޅުކޮށް ފުރިހަމަ ކުރާންޖެހޭ މަރުޙަލާތާއެވެ!

ނަމަވެސް މިއިން ކަމެއް ޢަމުދުން ނުކުރާ މީހުންގެ ވާހަކަ ނުދައްކައި، އުނިކޮށް ނަމަވެސް ހެޔޮ ނިޔަތުގައި އެކަމެއް ކުރާ މީހުންނަށް ޙިކުމަތާއި ވަޢުޡާ އެކީގައި ވިސްނައިދިނުމުގެ ބަދަލުގައި އެ ފަދަ މީހުން ފޫހިވާ ގޮތަށް ފާޑުކިޔުމަށް ވުރެ، މިއިންކަމެއް ދުވަހަކު ނުކުރާ މީހުންނަށް މަގުދައްކާން މަސައްކަތްކުރިއްޔާ މާ ރަނގަޅު ނޫންބާވައޭ ހިތަށް އެރީއެވެ.

އިސްވެ ދަންނަވައިލި ނާޑުކަތާގައި އެވާ ފަދައިން ސޭކުކަލޭފާނު ވެސް އޭނާއަށް ވިސްނޭ ފަދައަކުން ﷲއަށް ތަސްބީޙަ ކިޔައިލަ ކިޔައިލައި އެއިނީ ހެޔޮ ނިޔަތުގައި ކަމަށް ވެދާނެއެވެ. ވީމާ މި ފަދަ ކަމެއް އެއް ގޮތަކަށް ވެސް ނުކުރާ މީހަކަށް ވުރެ، އެ މީހަކަށް އެނގިފައި އޮތް މިންވަރަކުން، އެނގިފައި އޮތް ގޮތަކަށް، ހެޔޮ ނިޔަތުގައި ހެޔޮ ޢަމަލުތައް ކުރުމުގެ ފައިދާ ބޮޑުވާނެތާއެވެ. ވީމާ ހެޔޮ ނިޔަތުގައި ހެޔޮ ޢަމަލުތައް ކުރުމުގެ އާދަ އަށަގެންނެވުމަށްޓަކައި މަސައްކަތްކޮށް އެ އާދަ އަށަގަތުމުން ދެން އެކަން އިޞްލާޙުކޮށް ފުރިހަމަކުރުމަށް މަސައްކަތްކުރުމުގެ ފައިދާ ބޮޑެއް ނުވާނެބާއޭ ހިތަށް އެރީއެވެ. ޙައްޤާނިއްޔާ ވެސް، ސޭކުކަލޭފާނުގެ ހެޔޮ ނިޔަތުގެ މައްޗަށް ދޫކުރައްވައި އެކަމާ އިތުރަށް ފާޑުވިދާޅުވެ ބަހުސް ނުކުރެއްވީ ސޭކުކަލޭފާނުގެ ނިޔަތް ރަނގަޅުކަމަށް ވިސްނިވަޑައިގަތީމާ ކަމަށް ވެދާނެއެވެ. އެންމެ ފުރިހަމައަށް ކަމެއް ކުރާން ނޭނގޭތީ ނުކޮށް ހުރުމަށްވުރެ، އެނގޭ މިނަވަރަކުން ހެޔޮ ނިޔަތުގައި އަޅުކަންކުރުމުގެ ފައިދާ ބޮޑުވާނެތާއޭ ހިތަށް އެރީއެވެ. އެންމެ ކުޑަމިނުން އެކަމުގެ މައްޗަށް އޭނާ ހިތްޖެހި އެކަންކުރާން އާދަވުމުން އިޞްލާޙުކުރުމުގެ ފުރުޞަތު ބޮޑުވާނީ ވެސް އޭރުންތާއެވެ!