ސަނާ ލިބުމުގެ ނަސީބު އޮތީ ކަތީބުންނަށް ކަމަށް ވޭތާ؟
ފަނާވެ ހަލާކު ހިތްތައް ވެސް ވަނީ އެ ބަލިން ކަމަށްވޭތާ؟
ލިޔަސްހީ މީހަކަށް ދެރަވަރު ވެޔޭ ގިރިޓީގެ ކުލަވަރަކަށް
ލިޔަސް ފިރުމައި ލަނީ ވޯޓެއް ލިބުން ބޭނުން ޖެހޭހިނދުތާ؟
އަތުން އޮއްފަތި ނުކުރިޔަސްދޫ ނުވޭހާލިސް ހިތެއް އަމުދުން
ނަތުންމިން ދިރިއުޅޭ ނިކަމެތި ފަގީރުން ސާފު ހިތްވޭތާ؟
ހުކުރު ހުތުބާ އަރައި ތިބެ މިންބަރަށް ދެއްވާ ހަތީބުންވެސް
ސުކުރުގެ ބަހެއް މެތީންނަށް ނިކަ، ބުނުއްވުންވެސް ހުތުރުވޭތާ؟
އޮހޭ ވަރަކުން ތޮބީއީ ފޮދު، ވުޖޫދަށް އަންނަ އިންސަނާ
ގޮހޭ ވަޅު ބިންމަތީ ލެވެނީ، ތެރޭ ދެފިލައި ކަމަށްވޭތާ؟
ތިމާމެން 'މުގުތަދާ' ގެ ގޮތޭ ހިފައިއުޅެނީ ކިޔައި ހެދިޔަސް
ދިމާޔަށް ނިތްކުރީ ލިޔެފައި މުނާފިގު އޮތް ކަމަށް ވޭތާ؟
އިލާހީ ދީން އޮތީ ފޮތުގައި އެކަނި ކަމުގައި ބެލޭހައިވޭ
ހިލާ އަސަރެއް އެކަކު ކިބަޔަކު ކިލާފައިހޭ ވިޔަސް ނެތްތާ؟