Support Us

ކޮލަމް ކޯދު: މާޔޫސީ ހާލަތްތަކާ ގުޅޭ ގޮތުން މީހުން ބުނެފައި ހުރި ބުނުންކޮޅެއް

ތިރީގައި މި ވަނީ މާޔޫސީ ހާލަތްތަކާ ގުޅޭ ގޮތުން މީހުން ބުނެފައި ހުރި ބުނުންކޮޅެކެވެ.

  1. މީހަކު ބުންޏެވެ: "އަހަރެންގެ އަބަދުގެ ދުއާއަކީ، އަހަރެން ދެކޭ ގޮތަކީ އެ ގޮތް އެކަކު ވެސް ގަބޫލު ނުކުރާނޭ މާޔޫސީ ގޮތެއް ކަމުގައި ވިޔަސް، އަހަރެން ގަބޫލުކުރާ ރަނގަޅު ގޮތުގެ މަތީގައި އަހަރެން ދެމިހުރުމުގެ ހިއްވަރު އަހަންނަށް މާތްﷲ ދެއްވުމެވެ."

މިބުނުން ފަސޭހައިން ވިސްނި ދިޔުމަށްޓަކައި އިތުރު އެއްޗެއް ބުނެލަން ޖެހެއެވެ. މިސާލަކަށް، ހުރިހާ ދިމާއަކުން އިވޭ އަޑަކީ ފަސާދައިގެ އަމަލުތައް ހިންގައިގެން މެނުވީ ކުރިއަށް ނުދެވޭނޭ ވާހަކައި އަޑެވެ. އަދި، ފުރުސަތެއް ލިބިއްޖެ ނަމަ، އެންމެން ވެސް، އާދެ، ހަމަ އެންމެން ވެސް، އެކަން ކުރާނޭ ކަމެވެ. މިވާހަކަ ބުނެދެނީ، މިފަދައިން ކަންތައް ކުރުން އޮތް ތަނެއްގައި، ކަންކަން ކުރުމުގެ ވަކި ކަހަލަ އާދައެއް، ސަގާފަތެއް އަށަގަނެ، ގާއިމުވެފައިވާ ކަމެވެ. އެހެންވެ، މި ފަދަ ސަގާފަތެއްގެ ތެރޭގައި ކުރިއަރަން މީހަކު ބޭނުން ވެއްޖެ ނަމަ، ބުއްދީގެ ހަމަތައް ނިޔާކުރަނީ، ގާއިމުވެފައި އޮތް އެ ސަގާފަތުގެ ތެރެއިން އެ މަސައްކަތް ކުރުމަށެވެ. އެއީ އަޚުލާގީ ހަމަތަކުގެ މަތިން ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ވިޔަސް ވެހެވެ.

ދެން، މި ނުރަގަނޅު ސަގާފަތް ބަދަލުކުރެވިދާނޭ މީހަކު ބުނެފި ނަމަ، އޭގެ ރައްދުގައި ބުނެވޭނީ ތިކަމެއް ނުވާނެއެވެ. ތި ނުރަނގަޅު ސަގާފަތް ބަދަލެއް ނުވާނޭ ކަމެވެ. ސަގާފަތް ބަދަލު ކުރުމުގެ ވާހަކައަކީ މޮޔަ ވާހަކައެއް ކަމެވެ. އެފަދަ ވާހަކަދައްކާނީ މޮޔައިން ކަމެވެ. މަތީގައި ބުނެފައި އެވާ މާޔޫސީ ނުވަތަ ނާއުއްމީދީ ހާލަތަކީ މިއެވެ. ކަމެއް ހެޔޮ މަގަށް އެޅުވުމުގެ އެއްވެސް އުއްމީދެއް ނެތް ކަމުގެ ވާހަކައެވެ. ދެން، އެ ބުނުމުގައި އެ ބުނަނީ މިފަދަ ހާލަތެއްގައި ވެސް، އޭނަގެ ދުއާއަކީ، އޭނަގެ ނަފްސު ދީލާ ނުލައި، އޭނަ ދެކޭ ރަނގަޅު ގޮތުގެ މަތީގައި ދެމި ހުރުމުގެ ކެރުމާއި ހިއްވަރު އޭނައަށް ދެއްވުމެވެ.

  1. ނާއުއްްމީދީ ހާލަތްތަކެއް ނުވެއެވެ. އުޅެނީ ހާލަތްތައް ބަދަލުކޮށްލުމުގެ ހިއްވަރާއި ކެރުމުން މަހުރޫމުވެފައިވާ މީހުންނެވެ.
  2. ހަނަފަސް ސަހަރާއަށް ވެސް ދިރުން ލިބެނީ އެ ސަހަރާ ހިކި، އޭގައި ދިރުމުގެ އެއްވެސް ނިޝާނެއް ވެސް ނެތިފައި އޮއްވައެވެ. އެ ސަހަރާގެ މައްޗަށް ވެހޭ ކުޑަ ވާރޭ ފޮދެއްގެ ސަބަބުން، އެ ސަހަރާއަށް ދިރުން ލިބި، ފެހިވެއެވެ. ހަމަ އެހެންމެ، ހާލަތްތައް ބަދަލުވެ، ހެޔޮ މަގަށް އެނބުރި، ފުރޮޅިގެން ދަނީ ނާއުއްމީދުގެ އެންމެ ދަށު ދަރަޖައަށް ދިޔުމަށް ފަހު، އެ ހާލަތްތައް ބަދަލުކޮށްލުމުގެ އެދުން ހުރި އެކެއް ދެމީހެއް ނިކުމެ އެކަން ކުރަން އުޅުމުގެ ސަބަބުންނެވެ.
  3. ތާރީޚުގައި، އެކިއެކި ދުވަސްވަރު، އުއްމަތްތައް ހަތަރު އަނގޮޅި މައްޗަށް އާދެވެއެވެ. އެއްކޮޅުން ފެންނަން އޮންނަނީ މާޔޫސްކަމާއި މުޅިން އުއްމީދު ގެއްލިފައިވާ ތަނެވެ. މިހެން ކަންތައް ދިމާވަނީ އުއްމަތް ފަސާދަވެ، ވަކިން ޚާއްސަ ގޮތެއްގައި، އުއްމަތުގެ ޖަމާއީ ހަޔާތުގައި ހެވާއި ނުބައި އޮޅުމެވެ. ދެން ވެސް ހަމަ އެ މަގުން ކުރިއަށް ގޮއްސި ނަމަ، ދެން ކުރިމަތިވަނީ އުއްމަތުގެ ހަލާކެވެ. ނެތި ދިޔުމެވެ. ނުވަތަ އުއްމަތުގެ މިނިވަންކަން ގެއްލި އެހެން ބައެއްގެ އަތް މައްޗަށް އުއްމަތުގެ ޖަމާއީ ބާރު ދިޔުމެވެ.

އަނެއްކޮޅުން ފެންނަން އޮންނަނީ ބަދަލުވުމުގެ މަގެވެ. މި މަގުގައި ހިނގަން ގަސްދުކޮށްފި ނަމަ، ކަންކަން އިސްލާހުވެ، ބަދަލުވާން ފަށައެވެ. މިއީ އަމިއްލައަށް ވާނޭ ކަމެއް ނޫނެވެ. މިއީ ކުރެވިދާނޭ ކަމަށް ދެކިގެން، ބަޔަކު އެ މަގު ޚިޔާރުކުރުމުން ހަގީގަތަކަށް ވާނޭ ކަމެކެވެ.

  1. އިންސާނާގެ ރޫހު މަރާލަނީ އޭނައަށް ލިބޭ އަނިޔާތައް މެދުވެރިކުރުވާ ވޭނުގެ ސަބަބަކުން ނޫނެވެ. ނަމަވެސް، ނާއުއްމީދުވެ، މީހާގެ މުޅި ނަފްސުގެ މައްޗަށް މާޔޫސްކަން ފެތުރުމުންނެވެ.
  2. މުއުމިނަކު ވެސް ނާއުއްމީދު ވެދާނެއެވެ. ނަމަވެސް، ބޭސަހާރީވެ، އެހީތެރިއަކު ނެތިފައި ހުންނާކަށް ނުޖެހޭނެއެވެ. އެހެނީ، އަބަދުވެސް، އޭނަގެ މައްޗަށް ބައްލަވާ ވޮޑިގެންވާ ރަހީމުވަންތަ އިލާހަކު ވެއެވެ.
  3. އަބަދުގެ އަބަދަށް ނާއުއްމީދުވެ، މާޔޫސްކަމުގެ އަނދިރި ކަމުގެ ތެރޭގައި އޮޔާ ދިއުމަށް ވުރެ ބޮޑު ހިތާމަވެރިކަމެއް އޮންނާނެ ހެއްޔެވެ؟ އެހެންވެ، ޅެންވެރިޔާ ބުނެފައި އޮންނަ ފަދައިން އުއްމީދަކީ ތިމާގެ އެކުވެރިޔާ ކަމުގައި ދެކިގެން، އުއްމީދުގެ ހުޅުކޮޅު ރޯކޮށްފައި ބެހެއްޓުން މުހިއްމެވެ:

"އުއްމީދުތާ މަގޭ އަބަދުމެ އެކުވެރި ޔާރަކީ * ކުށްހާ ޚިޔާލު ވަހުމަކާ ފިލުވާ ހިތުގެ އެ ބާރަކީ"

  1. އުއްމީދަކީ ކޮބައި ހެއްޔެވެ؟ އެއީ އެއްވެސް ކަމެއް ވުމުގެ އުއްމީދެއް ނެތުމުން ވެސް، ކަންކަން ވާނޭ ކަމަށް ބެލުމެވެ.
  2. ސިޔާސީ ނިޒާމެއްގެ އެންމެ އިސް ވާޖިބަކީ މުވާތިނުން ނާއުއްމީދުވެ ދިޔަ ނުދިނުމެވެ. މަސައްކަތްކޮށްފި ނަމަ، މުވާތިނުންނަށް އެމީހުންގެ އަމިއްލަ މުސްތަގުބަލު އުޖާލާކުރެވޭނެކަމުގެ ޔަގީކަން ދިނުމެވެ. މުވާތިނުން ނާއުއްމީދުވެއްޖެ ނަމަ، އަދި، އެ މީހުންނަށް އެއްވެސް ހެޔޮ މުސްތަގުބަލެއް ނެތްކަން ގަބޫލުކުރެވިއްޖެ ނަމަ، މިކަން ހަމަނުޖެހުމާއި ހައްދުފަހަނައަޅައި ދިޔުން އުފަންކުރުވައެވެ.
  3. އުއްމީދު މުޅިން ނަގައިލައިގެން ދިރިއެއް ނުހުރެވޭނެއެވެ. އުއްމީދާއި ނުލައި އުޅުމަކީ ދިރިހުރުމަށް ނިމުން ގެނައުން ކަހަލަ ކަމެކެވެ. ނާއުއްމީދުގެ ތަނަކީ ނަރަކައެވެ. އެހެންވެ، ޑާންޓޭ އޭނަގެ ނަރަކައިގެ ދޮރު މަތީގައި މިހެން ލިޔެފައި އޮވެއެވެ: "މި ނަރަކައަށް ވަންނަ މީހާ، މި ނަރަކައިގެ ދޮރާ ހަމައިން، ހުރިހާ އުއްމީދެއް ވެސް ދޫކޮށްލާށެވެ!"