Support Us

އަބޫ ޖަހްލުގެ ވިސްނުމާއި ފިކްރު

ޖަރްމަނުގެ މަޝްހޫރު އަދީބެއް ކަމުގައިވާ Wolfgang von Goethe Johann (ޔޯހަން ވުލްފްގޭންގް ވޮން ގޫތޭ) ވިދާޅުވެފައިވާ ގޮތުގައި އެއްޗެއްގެ ޙަޤީޤަތް ނޭނގޭތީ އެ އެއްޗެއް ހޯދައި ދެނެގަތުމަށް މަސައްކަތްކުރާ މީހަކީ ބުއްދިވެރި އިންސާނެކެވެ. މިއާ ޚިލާފަށް އެއްޗެއްގެ ޙަޤީޤަތް އެނގި އެ އެއްޗެއް ވަންހަނާ ކުރުމަށާއި އޮޅުވައިލުމަށް މަސައްކަތް ކުރާ މީހަކީ ޤާތިލެކެވެ.

ކީރިތި ރަސޫލާ ﷺ ގެ ރަސޫލުކަމުގެ ކުރީކޮޅުގައި އަބޫޖަހްލަކީ މިފަދަ މީހެކެވެ. އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ޤައުމު ކަތިލި ޤާތިލެކެވެ. ވަރުގަދަ ބުރްހާނުތަކާއި ދަލީލުތަކާއެކު ކީރިތި ރަސޫލާ ﷺގެ ރިސާލަތުގެ އަލިގަދަ ޙަޤީޤަތް އޭނާއަށް އެނގި މި ޙަޤީޤަތް އޮޅުވައިލަން އޭނާ މަސައްކަތް ކުރިއެވެ. މި ރިސާލަތުގެ ވެރިޔާ މުޙައްމަދު ﷺގެ ތެދުވެރިކަން އޭނާ ޤަބޫލު ކުރިއެވެ. އެހެނަސް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ކީރިތި ރަސޫލާ ﷺގެ ނަބީކަމާއި ރަސޫލުކަން ބަލައިގަތުމާ ދެކޮޅުހެދީއެވެ. އޭނާ ދުށްގޮތުގައި އެ ކަން ލިބެންޖެހޭނީ އޭނާއަށެވެ. އޭނާގެ މުއްސަނދިކަމާއި ތަނަވަސްކަން ބޮޑުކަމުންނެވެ.

ﷲ ތަޢަލާ ކަންހިންގަވާ ގޮތަށް (ސުންނަތަށް) ބަލާއިރު އެކަލާނގެ ފޮނުއްވާ ރަސޫލުންނާ ދުޝްމަނުވާ ބަޔަކު ވެއެވެ. އެމީހުން ޙައްޤާ ދެކޮޅުހަދައި އެ ބޭކަލުންނާ ހަތުރުވެރިވެފައި ވެއެވެ.

އެބައިމީހުން ރަސޫލުންނާއި ނަބީންނާ ދެކޮޅުހަދައި ދުޝްމަނުވަނީ އެތައް ސަބަބުތަކަކާ ހެދިއެވެ.

އެމީހުން ދެކޭ ގޮތުގައި ތައުޙީދުގެ ދަޢުވަތަކީ އެމީހުން އޭގެ މަތީގައި ބޮޑުވެފައިވާ ޝިރްކުގެ ތަރިކައާ އަރާރުންވާ ކަމެކެވެ. އެކަމުގެ ސަބަބުން އެމީހުންގެ ޝިރްކުގެ މީރާސުގައި ބައުގަނޑުތައް ހަދާކަމެކެވެ. މިހެންވެ އެމީހުން ހެއްކާއި ދަލީލު ދައްކަން އެދެތެވެ. މާތްﷲ އެމީހުންނަށް ހެކިތަކާއި މުޢުޖިޒާތްތައް ދެއްކެވުމުން ވެސް ދެނީ ފުރަގަހެވެ.

އެ މީހުންގެ ތެރޭގައި އެ ވަގުތު އޮތް ޙާލަތުން އަނަފާ ނަގާ މީހުން ވެއެވެ. އެމީހުންގެ ތެރޭގައި އޮތް އާދަކާދައާއި ޢުރްފުގެ ސަބަބުން އެމީހުންނަށް ލިބިފައިވާ މާއްދީ ތަނަވަސްކަމާއި އިޖްތިމާޢީ ޤަދަރު ގެއްލިގެން ހިނގައިދާނެތީ ބިރުގަތުން ވެއެވެ. މި އައު ދަޢުވަތަކީ އެމީހުންނަށް ލިބިފައިވާ ފައިދާތައް ނަގައިލައިފާނެ ކަމެއް ކަމަށް ދެކެއެވެ. މުޖްތަމަޢުގައި އެމީހުންގެ އަތްގަދަކުރުން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމުގައި ދެކެއެވެ.

އެމީހުންގެ ތެރޭގައި ހަސަދަވެރިންނާއި ނުނިޔަތްލާ މީހުން ވެއެވެ. އޭނާ ދެކޭގޮތުގައި އެ ކަން ލިބެންޖެހޭނީ އޭނާއަށެވެ. އޭގެ ޙައްޤުވެރިއަކީ އޭނާއެވެ. ހިތްވަރުގަދަކަމާއި މުއްސަނދިކަމާއި ޒަޢާމަތްތެރިކަން ފަދަ އެކަމަށް އަހްލުވެރިކުރުވާ ސިފަތައް އޭނާގެ ކިބައިގައި ހުރީތީއެވެ. އެމީހުން ޙަޤީޤަތް ޤަބޫލުކުރުމާ ދެކޮޅުހަދައެވެ. އެމީހުން އިސްކަންދީފައި ވަނީ ﷲގެ ރިސާލަތަށާއި ދަޢުވަތަށް ގޮވައިލައްވާ ކޮންމެ ބޭކަލަކު ނައްތައިލެވޭތޯއެވެ.

ތާރީޚުގެ ތަފާތު ޢަޞްރުތަކުގައި ވަނީ ބާޠިލަށް ނަޞްރުދޭ މީހުންނާއި ކާހިނުން ރަސޫލުންނާއި ނަބީންނާ ދެކޮޅަށް ތެދުވެފައެވެ. އޭގެތެރޭގައި ނަމްރޫދާއި ފިރްޢައުނު ވެއެވެ. އެމީހުންނަށް ވާގިދީ ހިތްވަރުދިން މީހުންގެ ތެރޭގައި ޤާރޫނާއި ހާމާން ވިއެވެ. ރަސޫލު ބޭކަލުންނާއެކު އުޅެމުން މީސްތަކުން މަގުފުރެއްދުމުގައި އުޅުނު ސާމިރީ ފަދަ މީހުން ވިއެވެ.

އަބޫޖަހްލަކީ ފިރްޢައުނު ފަދަ ކާފަރެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ މި އުންމަތުގެ ފިރްޢައުނުގެ ލަޤަބުންނެވެ. މައްކާގައި ކީރިތި ރަސޫލާ ﷺ އަށާއި އެކަލޭފެފާނުންގެ މިތުރު ޞަޙާބީންނަށް ގޯނާކޮށް ދުއްތުރާކުރުމުގެ ކޮންމެ ޙާދިސާއަކީ މި ކަލޭގެއާ ގުޅިފައިވާ ކަމެކެވެ. ބައެއް ފަހަރަށް އޭނާ އެތާނގައި ހުރެ ކީރިތި ރަސޫލާ ﷺ އަށް އެއްޗެހިކިޔައި އެކަލޭގެފާނަށް ދުއްތުރާ ކުރެތެވެ. އަނެއްބައި ފަހަރަށް އެކަލޭގެ ހުންނަނީ ފަރުދާގެ އަނެއް ފަރާތުގައެވެ. މީސްތަކުންނަށް ހިތްވަރުދިނުމަށެވެ. ޖާހިލިއްޔަތުގެ ބަލިގަނޑު ކައްކުވާ އުތުރި އެރުވުމަށެވެ. ޤުރައިޝުންގެ ވަފްދުތަކާއެކު ރަސޫލާގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނުގެ އަރިހަށް ގޮސް ޝަކުވާކުރާށެވެ. ޝަކްވާ ހުށައަޅާށެވެ.

ބައެއް ފަހަރަށް ޢާންމުންނާއި ސޭކުން ނެރެގެން ރަސޫލާއަށް ގޯނާކުރެތެވެ. ބާޒާރުމައްޗަށް ގޮސް ކީރިތި ރަސޫލާ ﷺގެ ބަސްފުޅުތައް އަޑު ނޭހުމަށް ގޮވަތެވެ. ބޭރުން އަންނަ މީހުން އެކަލޭގެފާނާ ބައްދަލުކުރުމަށް ހުރަސް އަޅަތެވެ. ތައުޙީދުގެ މައިދާނާ ކުރިމަތިލުމަށް ޓަކައި ކުފްރުގެ މައިދާނެއް ޤާއިމުކުރިއެވެ.

އަބޫ ޖަހްލުގެ މި ޢަދާވަތްތެރިކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟ އެއީ ހަމަ ކާބަފައިންގެ ބާޠިލު ދީން ދިފާޢުކުރުމަށް ޓަކައި ހެއްޔެވެ؟ ނުވަތަ އެއީ ކީރިތި ރަސޫލާ ﷺގެ ރަސޫލުކަމުގެ ކުރިއްސުރެ އޮތް ނަސްލީ ޢަދާވަތްތެރި ކަމެއްތޯއެވެ؟

ސީރަތު ފޮތްތަކުން އެނގޭ ގޮތުގައި އަބޫޖަހްލު އެއްބަސްވާ ގޮތުގައި ކީރިތި ރަސޫލާ ﷺ އަކީ ތެދުވެރިއެކެވެ. އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ ފަރާތްޕުޅުން ދޮގު ބަސްފުޅެއް އިވިފައެއް ނުވެއެވެ. އެހެނަސް އޭނާ ބުނިގޮތުގައި މުޙައްމަދުގެފާނު އުޑުން މި ގެންނެވި ވާހަކަތައް ތެދެއް ނުކުރެވޭނެއެވެ. އެއީ މައްކާގެ މުޅި މުޖްތަމަޢު ރޫޅިގެން ހިނގައިދާނެތީއެވެ. އޭނާއަށް މައްކާއާއި ޢަރަބިންގެ ތެރޭގައި ލިބިފައިވާ މަޤާމު ގެއްލިގެން ހިނގައިދާނެތީއެވެ.

މާތްﷲ ރުއްސުންލެއްވި އަލްމިސްވަރު ބިން މަޚްރަމަތުގެފާނު އަބޫ ޖަހްލާ ސުވާލު ކުރެއްވިއެވެ. "މުޙައްމަދުގެފާނު މިހާރު އެ ވިދާޅުވާ ބަސްފުޅުތައް ވިދާޅުވާން ފެށްޓެވުމުގެ ކުރިން އެކަލޭގެފާނު އިތުރުފުޅު ހައްދަވައިފައިވާ ކަމަށް ތިޔަބައިމީހުން ތުހްމަތުކުރިންހެއްޔެވެ؟" އެހިނދު އަބޫޖަހްލު ބުންޏެވެ. "މަގޭ އުޚްތުގެ ދަރިފުޅާއޭވެ! މާތް ﷲ ގަންދީ ބުނަމެވެ. މުޙައްމަދުގެފާނު އެކަލޭގެފާނުންގެ ޒުވާން ދުވަސްވަރު އަހުރެމެންގެ ތެރޭގައި އެކަލޭގެފާނަށް އަމީނޭ ކިޔުނެވެ. އިތުރުފުޅު ނަހައްދަވާތީއެވެ. އަމާނަތްތައް އަދާކުރައްވާތީއެވެ. ދުވަހަކުވެސް އެކަލޭގެފާނު އިތުރުފުޅެއް ހައްދަވައިފައެއް ނުވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ބޮޑުބޭބޭ! އެހެންވިއްޔާ ތިޔަބައިމީހުން އެކަލޭގެފާނާ ތަބާނުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބުންޏެވެ. މަގޭ އުޚްތުގެ ދަރިފުޅާއޭވެ! އަހުރެމެންނާ ބަނީ ހާޝިމު ވަންހައިގެ މީހުންނަކީ ޝަރަފުވެރިކަމުގައި ވާދަވެރި ބަޔަކީމުއެވެ. އެމީހުން ކާންދޭތީ އަހުރެމެންވެސް ކާންދެމެވެ. އެމީހުން ފެންދޭތީ އަހުރެމެން ވެސް ފެންދެމެވެ. އެމީހުން ޙިމާޔަތްދޭތީ އަހުރެމެން ވެސް ޙިމާޔަތް ދެމެވެ. އަހުރެމެން ދެބައިމީހުން އަހަށް އަރާ ދުއްވާއިރުގައި ވެސް އަހުރެމެން ދެބައިމީހުންނަކީ ވާދަވެރި އަސްތަކެކެވެ. އެބައިމީހުން ބުންޏެވެ. ނަބިއްޔާ ހުންނެވީ އަހުރެމެންގެ ތެރޭގައެވެ. އަހުރެމެންނަށް މި ހިސާބަށް ދެވޭނެހެއްޔެވެ؟"

އަޚްނަސް ބިން ޝަރީޤުގެ ކިބައިން މިފަދަ ވާހަކަތައް ބަދްރު ހަނގުރާމައިގެ ދުވަހުގައި ފާޅުވެފައިވެއެވެ. އޭނާ ބުންޏެވެ. ޤުޞައްޔު ދަރިކޮޅުގެ މީހުންނަށް ދިދަ އުފުލުމާއި ޙައްޖުގެ ކަންތައްތައް ބެލެހެއްޓުމާއި ފެންދިނުމުގެ މަސައްކަތްކުރުމާއި ނަބީކަން ލިބުމުން، ޤުރައިޝު ވަންހައިގެ އެހެން ދަރިކޮޅުތަކަށް އޮންނާނީ ކޮން ކަމެއް ހެއްޔެވެ؟

މިއިން އެނގެނީ މަސްއަލައަކީ ޤުރައިޝުންގެ އިޖްތިމާޢީ ފަސްމަންޒަރާ ގުޅިފައިވާ ކަމެއް ކަމެވެ. ގެފުޅާ ގުޅިފައިވާ ދީނީ ވަޒީފާތަކާ ގުޅިފައިވާ ކަމެއްކަމެވެ. އެހެންކަމުން މުޙައްމަދުގެފާނުގެ ނަބީކަން ޤަބޫލުކުރުމަކީ ﷲގެ ގެފުޅުގެ ދީނީ ސިޔާދަތު ހާޝިމުގެ ދަރިފަސްކޮޅަށް ދިނުމެވެ. އެކަން ޤަބޫލުކުރުމެވެ.

މިއިން އެނގެނީ އަބޫ ޖަހްލު، ކީރިތި ރަސޫލާ ﷺ ގެ ރަސޫލުކަމާއި ނަބީކަން ޤަބޫލުކުރުމާ ދެކޮޅުހެދީ އެ ރިސާލަތުގައި ހިމެނޭ ކަންތައްތަކާ ހެދިއެއް ނޫނެވެ. އެހެނެއް ކަމަކު މުޙައްމަދުގެފާނުގެ ރިސާލަތުގެ ސަބަބުން މައްކާގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ވިޔުގައަށް އަންނާނެ ހަލަބޮލިކަމަކާ ހެދިއެވެ. އަބޫޖަހްލުގެ މަޤާމު ވެއްޓިގެން ހިނގައިދާނެތީ ގަންނަ ބިރަކާ ހެދިއެވެ. އިސްލާމްދީނުގެ ސަބަބުން އޭނާގެ ޢިއްޒަތާއި ޤަދަރު ކުޑަވެދާނެތީއެވެ. އެހެންކަމުން ހުރިހާ ވަސީލަތްތަކަކުން ރަސޫލާގެ ޝަޚްޞަށް ޙަމަލާ ދޭން ފެށީއެވެ. އެކަލޭގެފާނުގެ ކޮންމެ ފިޔަވަޅުފުޅަކަށް ހުރަސްއަޅައިގެންނެވެ. މައްކާގެ އެތެރޭގައްޔާއި ބޭރުގައި އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސްދިނުމަށް ގޮވައިލައިގެންނެވެ. އަބޫ ޖަހްލަށް ވިސްނުނުގޮތުގައި ރަސޫލުﷲގެފާނު ދޮގުކޮށްގެން މި މަސްއަލަ ޙައްލެއް ނުކުރެވޭނެއެވެ.

ޖާހިލީ ނިޒާމުން މުޙައްމަދުގެފާނުގެ ތެދުވެރިކަމާއި އަމާނަތްތެރިކަމާއި ޚުލްޤުފުޅު ހެޔޮކަން ޤަބޫލުކޮށްފައިވާތީއެވެ. އެކަލޭގެފާނަށް އަލްއަމީނުގެ ލަޤަބު އަރުވައިފައިވާތީއެވެ. ސާޅީހަކަށް އަހަރުގެ މި ބަލައިގަތުން މައްކާގެ މުޖްތަމަޢުގައި ވަނީ ވަރަށް ވަރުގަދައަށް މޫލައި ހަރުވެފައެވެ. އަލްއިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ޛިލް މަޖާޒު ބާޒާރަށް ވަޑައިގެން "ތިޔަބައިމީހުން لا إله إلا الله ކިޔާށޭ އޭރުން ތިޔަބައިމީހުން ބާއްޖަވެރިވާނެއޭ" ޙަދީސްކުރައްވާއިރަށް އަޖޫ ޖަހްލު އެކަލޭގެފާނުގެ ގައިކޮޅަށް ވެލި އުކައި ބުންޏެވެ. މި ހުންނެވި ކަލޭގެފާނު ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދެއްވާށެވެ. އެކަލޭގެފާނު ބޭނުންފުޅުވަނީ ތިޔަބައިމީހުންގެ ކަލާނގެތަކާ ތިޔަބައިމީހުން ދުރުކުރައްވާށެވެ. ތިޔަބައިމީހުން ލާތައާއި ޢުއްޒާ ދޫކޮށްލާށެވެ. އަބޫޖަހްލު މިވަރަކުން ފުއްދައެއް ނުލައެވެ. މި ބަޒާރަށް ދާ މީހުންނަށް ފާރަލައި ރަސޫލާގެ އަރިހަށް ގޮސް ވާހަކަ ދައްކާ ހަދައިތޯ ބަލައެވެ.

ޢިއްޒަތްތެރި ބޭކަލަކު އިސްލާންވެވަޑައިގަތްފިނަމަ އަބޫޖަހްލު އެ ބޭކަލެއްގެ އަރިހަށް ގޮސް "ތިބާ ތިބާގެ ކާބަފައިންގެ ދީން ދޫކޮށްލީހޭ ކިޔާ މަލާމަތް ކުރެތެވެ. އަހުރެން ތިބާގެ ޝަރަފާއި ޢިއްޒަތް ނަގާލަނަމޭ ބުނެ ބިރުދައްކަތެވެ. ތިބާ މޮޔައަކަށް ހަދާނަމޭ ބުނެ އިންޒާރުދެތެވެ."

ވިޔަފާރިވެރިއަކު އިސްލާންވެއްޖެނަމަ އެމީހާގެ ގާތަށް ގޮސް އޭނާގެ ވިޔަފާރި ބަރުބާދުކޮށްލާނެ ކަމަށް ބުނެ އިންޒާރުދޭނެތެވެ. ތިބާގެ މުދާތައް ޚަރާބުކޮށްލާނަމޭ ބުނާނެތެވެ. ނިކަމެތި މީހަކު އިސްލާންވެއްޖެނަމަ އެ މީހަކަށް މަލާމާތްކޮށް އިހާނެތިކޮށް ހަދައި އެމީހަކަށް އަދަބުދޭނެތެވެ.

ކީރިތި ރަސޫލާ ﷺ އާއި މުސްލިމުންނާ ދެކޮޅަށް އެބަޔަކާ އެކަށީގެންވާ ގޮތަށް ނަފްސާނީ ހަނގުރާމަ ވެސް އަބޫޖަހްލު ކޮށްފައިވެއެވެ. އޭނާގެ އިޖްތިމާޢީ ޙާލަތާއި މަޞްލަޙަތާ ގުޅޭ ހަނގުރާމައެކެވެ. މި ފިއްތުންތައް ބޮޑުވެގެން ގިނަ ބަޔަކު އެ ދުވަސްވަރު އުޅުނީ ކީރިތި ރަސޫލާ ﷺގެ ވާހަކަފުޅުތައް އަޑުއިވިދާނެތީ ކަންފަތަށް ކަފަޖަހައިގެންނެވެ. އެ ވާހަކަފުޅުތަކުން އަސަރުކޮށްފާނެތީއެވެ. އައްޠުފައިލު ބިން ޢަމްރުއްދައުސީ އަކީ އިސްލާންވެވަޑައިގަތުމުގެ ކުރިން މިފަދަ ޙާލުކޮޅެއްގައި އުޅުއްވި ބޭކަލެކެވެ.

ކީރިތި ރަސޫލާ ﷺގެ މުޢުޖިޒާތަކީ ކީރިތި ޤުރްއާން ކަމުގައިވާތީ އަބޫޖަހްލު އެންމެ އިސްކަން ދީފައިވަނީ ޤުރްއާނުގެ އާޔަތްތައް މީހުންނަށް އިވުނަނުދިނުމަށާއި މި އާޔަތްތަކުގެ މާނަތައް ފުރޮޅައި އޮޅުވައިލުމަށެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރުމަށެވެ. ކީރިތި ޤުރްއާނުގައި ނަރަކައިގެ އަހްލުވެރިންގެ ކާނާއެއް ކަމުގައި ޒައްޤޫމު ލައްވައިފައިވާކަން ބާވައިލެއްވުމުން އަބޫޖަހްލު މީސްތަކުންނަށް ބުންޏެވެ. "މުޙައްމަދުގެފާނު ތިޔަބައިމީހުންނަށް ބިރުދައްކަވާ ޒައްޤޫމަކީ ކޮން އެއްޗެއްކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ އެއީ މަދީނާގެ ޢަޖްވާ ކަދުރާއި ބަޓަރެވެ. މާތް ﷲ ގަންދީ ބުނަމެވެ. އަހުރެމެންނަށް އެ ލިބިއްޖެނަމަ ބަނޑުފުރައި ކާނަމެވެ." އެހިނދު އެކަލޭގެއަށް ރައްދުދެއްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ شَجَرَتَ ٱلزَّقُّومِ ‎﴿٤٣﴾‏ طَعَامُ ٱلْأَثِيمِ ‎﴿٤٤﴾‏ كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ ‎﴿٤٥﴾‏ كَغَلْىِ ٱلْحَمِيمِ ‎﴿٤٦﴾ – سورة الدخان:43- 46- ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ. ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ. ކެކިކެކި ހުންނަ ފެން ކެކޭ ފަދައިންނެވެ.))

އަބޫޖަހްލަކީ ޤިޔާމަތް ދުވަހުގެ މަންޒަރުތަކަށް ހަޖޫ ކިޔައި ނަރަކައިގެ މަލާއިކަތް ބޭކަލުންނަށް މަލަމާތްކުރި ކާފަރެކެވެ. އޭނާ ހީކުރި ގޮތުގައި އެއީ 19 ބޭކަލުންނެވެ. އޭނާ ޤުރައިޝުންނަށް ބުންޏެވެ. އަހުރެމެންގެ ޢަދަދު މާގިނައެވެ. ތިޔަބައިމީހުންގެ ސަތޭކަ މީހުންނަށް އެއިން މަލާއިކަތަކު ބަލިކޮށް ނުލެވޭނެ ހެއްޔެވެ؟

އަބޫޖަހްލުގެ ޝިރްކުގެ ލާދީނީ ޢަމަލުތައް ކުރިއަށް ގެންދިޔަނަމަވެސް މައްކާއާއި މައްކާއިން ބޭރުން ކީރިތި ރަސޫލާ ﷺގެ ރިސާލަތު ޤަބޫލުކުރާ މީހުން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އަބޫޖަހްލު ގެންގުޅުނު މަލާމާތްކުރުމާއި ނަފްސާނީ ގޯނާތަކުގެ ސިޔާސަތުން ފައިދާއެއް ނުކުރިއެވެ. މިކަމާ ހެދި އޭނާގެ ރުޅި އިތުރަށް ގަދަވިއެވެ. ދަތްކުނޑި ވިކުން ބޮޑުވިއެވެ. މިކަމާ ހެދި އޭނާގެ ވަޙްޝިއްޔަތާއި ޖަނަވާރުކަން އިތުރުކޮށް ނިކަމެތި މުސްލިމުންނަށް ގޯނާކުރަން ފެށިއެވެ. އޭނާގެ ނުލަފާކަމުގެ ލޭގެ ޞަފްޙާތައް ހުޅުވައިލިއެވެ. މުސްލިމުން އިމާންކަމުން ބޭރަށްލުމަށް ޓަކައި އެމީހުންނަށް ތޫނު އެއްޗެހިން އަނިޔާކޮށް  ޒަޚަމުކުރުމުގެ ޞަފްޙާތައް ހުޅުވައިލިއެވެ. އަބޫޖަހްލުގެ ޖާހިލުކަމާއި އަނިޔާވެރިކަމުގެ އެންމެ ހަޑިހުތުރު މަންޒަރު ފެނިގެން ދިޔައީ މައްކާގެ މުސްކުޅި އަންހެނަކަށް ދިން ވަޙްޝީ އަނިޔާތަކުންނެވެ. މިއީ ޖާހިލީ ޒަމާނުގެ ޢުރުފާވެސް ޚިލާފު ކަމެކެވެ.

މާތް ﷲ ރުއްސުންލެއްވި ޢައްމާރު ބިން ޔާސިރުގެ ލޮބުވެތި މައިކަމަނާ ސުމައްޔާއަށް ދިން އިންސާނިއްޔަތުކަމެއް ނެތް ޙަމަލާއަކީ އަބުޖަހްލުގެ ޖާހިލުކަން ކަޅު އަކުރުން ކޮނެ ނަގައިދިން މަންޒަރެކެވެ. އެކަމަނާއަށް އަނިޔާކުރަމުން ގޮސް އެކަމަނާގެ ފުރަގަސްފަރާތަށް ލޮންސިއެއް ހަރައިލާ ޝަހީދުކޮށްލި މަންޒަރެވެ. އިސްލާންދީނަށް ޓަކައި އެންމެ ފުރަތަމަ ޝަހީދުވުމުގެ ޝަރަފު އެކަމަނާއަށް ލިބިވަޑައިގަތް މަންޒަރެވެ. މިކަމާ ވިދިގެން އަބޫޖަހްލަށް އަބޫޖަހްލުގެ ލަޤަބު ލިބުނެވެ. އޭގެ ކުރިން އޭނާ މަޝްހޫރުވެފައިވަނީ އަބުލްޙަކަމު (ޙިކްމަތްތެރި ވިސްނުންތެރިޔާ) ގެ ލަޤަބުންނެވެ. މިހެންވެ އޭނާއަށް ޢުމުރުން 25 އަހަރުގައި ދާރުއްނަދްވާއަށް ގޮސް ޤުރައިޝުންގެ ބޮޑުންގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރްޞަތު ލިބުނެވެ.

އަބޫ ޖަހްލު ޚުދް ކީރިތި ރަސޫލާ ﷺ އަށް ގޯނާކުރަން ދިމާކުރިއެވެ. ކީރިތި ރަސޫލާ ﷺ ސަޖިދައިގައި އޮންނަވަނިކޮށް މައްކާގެ މޮޔައިން ލައްވައި، އެކަލޭގެފާނުގެ ބައިމަތިފުޅު މައްޗަށް ޖަމަލު ގޮހޮރު ވަށްޓެއް އޮއްސައިލިއެވެ. ޙަރަންފުޅު ތެރޭގައި ދެން ނަމާދުފުޅު ކުރައްވައިފިނަމަ އެކަލޭގެފާނު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުވެސް ދިނެވެ. އެކަލޭގެއަށް ﷲގެ ޢިނާޔަތާއި ރިޢާޔަތުގެ ސަބަބުން ކީރިތި ރަސޫލާ ﷺގެ އަރިހަށް ދާކަށް ނުކުރެނެވެ. މި ކަމުގެ ސަބަބުން އޭނާގެ ހިތުގައިޖެހުމާއި ޙަސަދަ އިތުރުވެގެން ދިޔައެވެ. މީސްތަކުންގެ ކުރިމަތީގައި އޭނާ ފަޟީޙަތްވުމުންނެވެ.

މީސްތަކުންނަށް އަބޫޖަހްލުގެ ބޭޤަރާރު ޝަޚްޞިއްޔަތު ފާޅުވެގެން ދިޔައެވެ. މި ޝަޚްޞިއްޔަތުގެ ބިންގަލަކީ ހަރުދަނާކަމެއް ނެތްކަމާއި ފާޖިރުކަމާއި ސާފު ތެދު ޙައްޤަށް ފުރަގަސްދިނުމާއި އޭނާގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނެތުމެވެ. އޭނާ ވެފައިވަނީ ޙުއްޖަތެއް ދަލީލެއްނެތި ކާފަރުކަމުގައި ބޯހަރުކަންމަތީ ދެމިހުރި މީހަކަށެވެ. ޝިޢުބު އަބޫޠާލިބުގައި ރަސޫލާއާއި ބަނީ ހާޝިމުން ބަންދުކޮށް ޙިޞާރުކުރުމުން މުޝްރިކުންގެ ޝުޢޫރުތައް ހަމްދަރްދީން ފުރިގެން ދިޔައިރުގައި ވެސް އަބޫޖަހްލުގެ ހިތުގައި އަނދަމުންދިޔައީ ޢަދާވަތްތެރިކަމާއި ހަތުރުވެރިކަމުގެ ގަދަ އަލިފާނެވެ.

ބަދްރު ހަނގުރާމައިގެ ދުވަހުގައި ކުޑަކުޑަ ދެ ބަޠަލުންގެ އަތުން އަބޫޖަހްލު ޒަޚަމުވެ މަރަށް ޙާޒިރުވެފައި އޮތްއިރުގައި ވެސް އިސްލާންދީނަށް އޮތް އޭނާގެ ޢަދާވަތްތެރިކަން މަރެއްނުވެއެވެ.

މިއަދު ވެސް އަބޫޖަހްލުގެ ބަފައިވަންތަކަމުގެ ދަރިންނާއި ކާފަދަރިންތައް އުފަންވުން ހުއްޓިގެން ނުދެއެވެ. އެފަދަ މީހުން ޙައްޤަށް ޖެއްސުންކުރުމާއި ތައުހީނުކުރުން ހުއްޓައެއް ނުލައެވެ. ބާޠިލަށް ވާގިވެރިވުން ހުއްޓައެއް ނުލައެވެ. ތެދުމަގު ވަންހަނާކުރުން މަތިން ފިލައިނުދެތެވެ.

މަޢުލޫމަތު ހޯދީ:-

  • މުޙައްމަދުލް ޣަޒާލީ ގެ ފިޤްހުއްސީރާ ފޮތް
  • ސަޢީދު ޙައްވާ ގެ އަލްއަސާސު ފިއްސުންނަތި ވަ ފިޤްހިހާ ފޮތް
  • އަލްބަލާޛަރީގެ އަންސާބުލް އަޝްރާފު ވޮލިޔުމް :1

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *