...

Support Us

ކޮލަމް: ދިނަށަ

މާދަމާ ރޭ ވަރަށް ޚާއްސަ: މި އަހަރުގެ ފުރަތަމަ ފުލްމޫން

މިއަހަރުގެ ފުރަތަމަ ފުލްމޫން އުދަވާނީ މާދަމާ، ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ހަނދުގެ އަލިކަން ފުރިހަމަވާނީ އެރޭ މާލޭގަޑިން 10:52 ގައެވެ. އެވަގުތު ހަނދު ހިނގަމުންދާނީ އަހުލިހަ ނަކަތުގެ 5 ދަަރަޖަ 14 ދަގީގުގައެވެ. އެއީ، އިރުވެސް ހަނދުވެސް އެ އެއްޗެއްގެ ފަލަކުގައި ހިނގަމުންދާ ދިއުމުގައި ދުނިޔެ، އެ ދޭތީގެ މެދުގައި ހުންނަ އަދި އެ ދޭތި ދުނިޔޭގެ ދެކޮޅުގައި ހުންނަ ހިނދުކޮޅެކެވެ.

ހަނދުގެ އަލިކަން ފުރިހަމަވި (ފުލްމޫންވި) ނަމަވެސް، ހަނދު ފެންނާނީ ދުނިޔެއަށް ޢާއްމުކޮށް ހަނދު ފެންނަ ސައިޒުތަކުން ކުޑަ ސައިޒެއްގައެވެ. ނުވަތަ މައިކްރޯ ފުލްމޫނެއްގެ ސައިޒުގައެވެ.

މިއީ، ހުވަންނަކަތުގައި އިރު ހިނގާ ދުވަސްކޮޅަކަށް ވާތީ މޫސުން ރީތިކޮށް އޮތުމުގެ ސަބަބުން ރޭގަނޑު ހަނދު ސާފުކޮށް ފެންނާން ހުންނަމަވެސް، އެންމެ ޗާލު ފުލްމޫން ހަނދެއް އުދަވެފައި ހުންނައިރު ދޭފަދަ، ރަންހަނދުވަރެއް އެ ރެއަކު ނުދޭނެއެވެ. އަދި އެރޭ ހަނދު އުތުރަށް ޖެހިފައި ހުންނާނެ މިންވަރަކީ 23 ދަރަޖަ ކަމަށްވާތީ އެއީ، މާލޭގެ ނިސްބަތުން 19 ދަރަޖަ އުތުރު ދުރުމިނެއްކަމަށް ވުމުން، ހަނދު ހިނގަމުންދާ ދުރުމިނުގެ ގޮތުންވެސް ހަނދުގެ އަލިކަން، ސީދާ ބޯމަތީން ހިނގާ ރޭރޭ، ދޭ މިންވަރަށް ވުރެ، އެރޭ ދޭ ހަނދުވަރުގެ އަލިކަން ފަނޑުވާނެއެވެ.

މާދަމާ މާލެއަށް ހަނދު އުދަވާނީ ހަވީރު 6:06 ގައެވެ. އެއީ، އިރު އޮއްސުމުގެ އަށް މިނެޓު އަވަސް ހިނދުކޮޅެކެވެ. މާދަމާ މާލެއަށް ހަނދު އުދަވާނީ ސިމާގު އީރާނު (ސަމުގާގެ 65° ދަރަޖަ) ވީ ދިމާއިންނެއެވެ.

ދެން ފުލްމޫނެއް އެންމެ އަވަށް ފެންނާނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. އެކަމަކު، އެރޭ ފެންނާނީ މިއަހަރު ފެންނާނެ އެންމެ ސައިޒުން ކުޑަ (މައިކްރޯ ފުލްމޫން) ހަނދުތަކުން ހަނދެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.