Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އިތުރު އަނތްބަކު ހޯދުމުގެ މަސައްކަތް

ފިރިއަކު އިތުރު އަނތްބަކު ހޯދުމަށް ގަސްދުކުރިއެވެ. ދެން، ކާ މޭޒު ކައިރީ ތިބެ، ހިކުމަތްތެރި ގޮތެއްގައި އެވާހަކަ އޭނަގެ އަންހެނުން ގާތު ބުނަން ނިންމިއެވެ.

ތިރީގައި އެވަނީ އެ ދެމަފިރިންގެ ދެމެދުގައި ދެކެވުނު ވާހަކައެވެ.

ފިރިމީހާ: ކަނބުލޭގެ ބޭބެ އުޅެނީ ތިން މީހުންނާ އިނދެގެން ނޫން ހެއްޔެވެ؟

އަނބިމީހާ: އާނއެކެވެ!

ފިރިމީހާ: ކަނބުލޭގެ ފިރިހެން ކޮއްކޮ އުޅެނީ ދެމީހުންނާ އިނދެގެން ނޫން ހެއްޔެވެ؟

އަނބިމީހާ: އާނއެކެވެ!

ފިރިމީހާ: ކަނބުލޭގެ ބައްޕަ ހަތަރު އަނބިން ގެންގުޅުނު ނޫން ހެއްޔެވެ؟

އަނބިމީހާ: އާނއެކެވެ! (ދެން ކައިރީ ހުރި ރިހަ ބޯތައްޓެއް ނަގާފައި) ތިޔަ އުޅެނީ ކީކޭ ކިޔަން ހެއްޔެވެ؟

ފިރިމީހާ (ބިރުން ތުރުތުރު އަޅަމުން): މާ ބޮޑު އެއްޗެއް ކިޔާކަށް ނޫޅެމެވެ! ކަނބުލޭގެ އާއިލާގެ އެންމެންހެން އެކަކަށް ވުރެ ގިނަ މީހުންނާ އިނދެގެން އުޅޭ އިރު ކަނބުލޭގެ އެކަކާ އިނދެގެން އުޅެނީ ކީއްވެތޯ ހަމަ އަހާލާ ހިތްވީއެވެ!