Support Us

ކޮލަމް ކޯދު: އާ ފެށުމަކާ ކުރިމަތިލުމާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބަސްކޮޅެއް

 އާ އަހަރެކެވެ. އާ ފެށުމެކެވެ. އާ ހިއްވަރަކާ އެކު ބޭނުންވާ މަންޒިލަށް ދާން މަސައްކަތްކުރަން ފެށުމުގެ ނިޔަތް ގަތުމަށް ލިބޭ ފުރުސަތެކެވެ. މި މުނާސަބަތުގައި، މި އަހަރަކީ އެންމެނަށް ވެސް ހެޔޮ އަހަރެއް ކަމުގައި ލެއްވުމަށް އެދެމުން، މި ފަދަ އާ ފެށުންތަކާ ބެހޭ ގޮތުން މީސްމީހުން ބުނެފައިވާ ބުނުންކޮޅެއް ހުށަހަޅާލަމެވެ.

1. މާޒީގެ ދުވަސްތަކުގައި ކިތަންމެ ބޮޑު އުނދަގޫތަކާ ކުރިމަތިލާންޖެހި، އެ ދުވަސްތައް އިންތިހާއަށް އުނދަގޫވެފައި އޮތަސް، އަބަދުވެސް، އާ ފެށުމަކުން ފެށުމުގެ ފުރުސަތު ލިިބިފައި އޮވެއެވެ.

2. ތިމާ އެދޭ މަންޒިލަށް ވާސިލުވުމަށްޓަކައި އަޅަން އޮތް އެންމެ ފުރަތަމަ ފިޔަވަޅަކީ ކުރިއަށް ނުދެވި މިހާރު ހުރި ފިޔަވަޅު މަތިން ގުޑާލަން ނިޔަތް ގަނެ އެކަން ކުރުމެވެ.

3. ތިމާގެ ހާލާތު ހުރިހާ ގޮތަކުން ރަނގަޅުވެގެން ފައްޓަން ނުހުންނާށެވެ. ފެށުމުން، ތިމާގެ ހާލާތު ހުރިހާ ގޮތަކުން ރަނގަޅުވަމުން ދެއެވެ.

4. ނާކާމިޔާބުގެ މަގުގައި ހިނގުން ދޫކޮށްލައި، އަލުން ފެށުމަށް ހުރަސް އަޅާނޭ އެއްވެސް ބާރެއް ދުނިޔެއަކު ނުވެއެވެ.

5. އިނބަ ބޭނުން ކޮންމެ ހިނދެއްގައި ވެސް، އާ ފެށުމަކުން ފެށިދާނެއެވެ. ނާކާމިޔާބުގެ ވަޅުގަނޑަށް ވެއްޓުމަކީ ނާކާމިޔާބުވުމެއް ނޫނެވެ. ނާކާމިޔާބުވުމަކީ އެ ވަޅުގަނޑު ތެރޭގައި ހިތުން ރުހުމުން އޮތުމެވެ.

6. އެހެން މީހުންނެކޭ ވެސް އެއްފަދައިން، އިނބައަށް ވެސް ރަނގަޅު މުސްތަގުބަލެއް ހައްގުކަން އެނގި ގަބޫލުކުރެވޭ ހިސާބުން، ދެން ކުރަންޖެހޭ ކަމަކީ މާޒީގެ ނާކާމިޔާބުގެ މަގު ދޫކޮށްލައި ކާމިޔާބާ ހަމައަށް ވާސިލުވުމަށްޓަކައި އާ މަގެއް ކޮށައި އެ މަގުން ހިންގަން ފެށުމެވެ.

7. ކޮންމެ ކަމަކީ ވެސް ވުން އެކަށީގެންވާ ކަމެކެވެ. އެކަމެއް ކުރަން އޮންނަ މަގުން އެކަން ކުރަން އުޅުމުންނެވެ. މީގެ ތެރޭގައި މުސްތަހީލުކަމޭ ބުނާ ކަންކަން ވެސް ހިމެނެއެވެ. މިސާލަކަށް، ދާދި ފަހާ ޖެހެންދެން މާލެއާއި ހުޅުލެއާއި ހުޅުމާލެއާ ގުޅުވާލަން ފާލަމެއް އެޅުމަކީ މުސްތަހީލު ކަމެކޭ ބުނެވުނެވެ. ނަމަވެސް، އެކަން މިހާރު އޮތީ ހަގީގަތަކަށް ވެފައެވެ.

8. އެންމެ އަނދިރިކަން ގަދަ ރޭރޭ ވެސް ނިމެނީ ފަތިހުގެ އަލިވިލިގެންނެވެ. ފަތިހުގެ އަލިވިލުމަކީ އަލުން ފަށަމާ އުޅޭށޭ ގުދުރަތުން ބުނާ ބުނުމެއް ފަދަ ކަމެކެވެ. ގުދުރަތުގެ އެ ބުނުމަށް ކަނުލައި އަހައި އެ ގޮތަށް ކަންތައް ކުރާށެވެ!

9. މުސްތަގުބަލު ފެށެނީ މިއަދެވެ. އެހެންވެ، މުސްތަގުބަލު ބިނާ ކުރުމުގެ މަސައްކަތް ކުރަން މިއަދު ފަށަން ޖެހެއެވެ.

10. އަހަރުމެންގެ ކޮންމެ ހުވަފެނެއް ވެސް ހަގީގަތަކަށް ހަދާލެވިދާނެއެވެ. އެ ހުވަފެން ހަގީގަތަކަށް ހަދާލުމުގެ ހިއްވަރު އަހަރުމެންގެ ކިބައިގައިވާ ނަމައެވެ.