...

Support Us

ކޮލަމް ކޯދު: މީހަކު ބުނި ވާހަކައަކާ އަދި އެ ވާހަކައާ ބެހޭ ވާހަކައެއް

"ރާއްޖޭގައި އަމިއްލަ ބޮޑު އަސްކަރިއްޔާއެއް ގާއިމުކޮށް، ދެމެހެއްޓުމުގެ އެކަށޭނަކަމެއް ނެތެވެ. އެހެންވެ، ބޭރުގެ އަސްކަރީ ބާރެއް ރާއްޖޭގައި އޮންނަން ޖެހެއެވެ."

މި ބުނުމާ ބެހޭ ގޮތުން ދެތިން އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.

އެންމެ ފުރަތަމަ ބުނަން ޖެހެނީ މިއީ މި ބުނުން ބުނި މީހާގެ އަމިއްލަ ރައުޔެއް ކަމެވެ. އެ ބުނުން ބިނާވެފައި އޮތީ ހެއްކީގެ މައްޗަށް ނޫން ކަމަށްވާ ނަމަ، އެ ބުނުމަކީ ހަގީގަތަކަށް ނުވާނެއެވެ. މީހާގެ މަގާމުގެ ގޮތުން ނުވަތަ އޭނަގެ އިލްމީ ގާބިލުކަމެއް ހުރުމަކުން، އޭނަ ބުނާ ކޮންމެ ބުނުމަކީ ހަގީގަތެއް ނޫނެވެ.

މި ހަގީގަތް ވަރަށް ސަރީހަ ގޮތެއްގައި، އިނގިރޭސިވިލާތުގެ އިލްމުވެރިޔަކު ކަމުގައިވާ ޕްރޮފެސަރ ޖޯން ލެނޮކްސް ބުނެފައި އޮވެއެވެ. އިލްމުވެރިޔަކު ވެސް ތާކުންތާކު ނުޖެހޭ އެއްޗެއް ބުނެފި ނަމަ އެވާނީ ތާކުންތާކު ނުޖެހޭ އެއްޗަކަށެވެ. އޭނާ މިހެން ބުނެފައި ވަނީ މިދިޔަ ގަރުނުގައި އުފެދުނު އެންމެ ބޮޑެތި ފިސިކްސްގެ އިލްމުވެރިންގެ ތެރޭގަައި ހިމެނޭ ޕްރޮފެސަރ ސްޓީވަން ހޯކިން، ކައުނު އުފެދުނީ ޖާޒުބިއްޔަތުގެ ބާރުގައި ކަމަށް ބުނާ ބުނުމަށް ފާޑުކިޔަމުންނެވެ.

އެހެންވީމާ މަތީގައި އެވާ ބުނުމަކީ، ކޮންމެ މަގާމެއްގައި ހުރި މީހަކުކަމުގައި ވިޔަސް، އަދި ކޮންމެ ފަދަ އިލްމުވެރިޔަކު ކަމުގައި ވިޔަސް، އެކަށީގެންވާ ހެއްކާއި ގަރީނާ، އެ ކަން ސާބިތުކޮށްދޭން ހުށަނޭޅޭ ނަމަ، އެ ވާނީ އޭނަގެ އަމިއްލަ ރައުޔަކަށެވެ. އޭނަ އެދޭ އެދުމަކަށެވެ. އާދެ، އެހެން ބުނި މީހާގެ އެދުމަކީ ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް އޮތުމެވެ. ކޮންމެހެން އެކަން ޒަރޫރަތްތެރިކުރުވާ ސަބަބުތަކެއް ހުރެގެންނެއް ނޫނެވެ. މިވަގުތު އެހެން ބުނުމަކީ އޭނަގެ އަމިއްލަ ފައިދާއާއި މަސްލަހަތާ ގުޅޭކަމަކަށް ވީމަ ވެސް ކަންނޭނގެއެވެ. މިހެން ވިޔަސް ނުވަތަ ނުވިޔަސް، އާޚިރުގައި ބުނެވޭނީ އޭނަ ފާޅުކޮށްފައި އެ އޮތީ އޭނަގެ ރައުޔެއް ކަމެވެ.

ދެ ވަނަ ނުކުތާއަކީ މި ވާހަކައަކީ ތަފާތު އެތައް ގޮތަކަށް ދެކެވެމުން ބަދަލުވަމުން އައިސްފައިވާ ވާހަކައެވެ. ދެ ހާސް އަހަރުތަކުގެ ފުރަތަމަ ދިހަ އަހަރު ފަހުކޮޅު، އެންމެ ފުރަތަމަ މިފަދަ ވާހަކަތައް ދައްކައި އެ ގޮތަށް ވަކާލަތު ކުރި މީހުން ބުނާ އަޑު އިވުނީ މުޅިން އެހެން ގޮތަކަށެވެ. ރާއްޖޭގައި އަސްކަރިއްޔާއެއް އޮތުމުގެ ބޭނުމެއް ނެތް ކަމުގެ ވާހަކައެވެ. ބޭރުގެ ބަޔަކާ އެކަން ހަވާލުކުރުމުން ޚަރަދުކުޑަވާނޭ ކަމެވެ. އާދެ، ބޭރުގެ އަސްކަރިއްޔާއެއް ގެންނަން ވެގެން ބަޔަކު އެންމެ ފުރަތަމަ ފައި ނެގިއިރު އެކަން އެންމެ ރަނގަޅުކަމަށް ހަދަން ދެއްކި ބަހަނާއަކީ މިއެވެ.

ދެން، ކޮންމެ ވެސް އެއްބަސްވުން ތަކެއްގެ ދަށުން ބޭރުގެ އަސްކަރިއްޔާއެއް ތަނުގައި ގާއިމު ކުރެވޭ ގޮތް ވިއެވެ. އެ އެއްބަސްވުންތަކެއް އޮތީ ދޭތެރެދޭތެރެއިން އާކުރަން ޖެހޭ ގޮތަކަށެވެ. ދެން އަނެއްކާ ވެސް ދުވަސްކޮޅެއް ފަހުން، އިވުނީ ބޭރުގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނެތް ވާހަކައެވެ. އަދި ތިބެގެން ވެސް ނުވާނޭ ވާހަކައެވެ. ނަމަވެސް، ހަމަ އެހެން ބުނަމުން ގެންދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވެ، އެވާހަކަގައި ރާގު ބަދަލުވިއެވެ. ބޭރުގެ އަސްކަރިއްޔާއެއް އޮންނަން ޖެހޭނޭ ކަމެވެ. އެކަމުގެ ފައިދާ ވެސް ބޮޑު ކަމެވެ. ރާއްޖެ ކުރިއަރައި ތަރައްގީވުން ވެސް އޮތީ އެފަދަ އަސްކަރިއްޔާއެއް އޮތުމުން ކަމެވެ. އަދި، މިކަމުގެ އެންމެ މޮޅު ބަހަނާއަކަށް ފެނުނީ، ރާއްޖެ އިންޑިޔާ ކަނޑޭ ކިޔުނު ކަނޑުގައި އޮތުން ވެސް، ރާއްޖޭގައި އެފަދަ އަސްކަރިއްޔާއެއް އޮތުން ލާޒިމުކުރެޔޭ ބުނި ބުނުމެވެ.

އެކި ފަހަރު، އެކި ގޮތް ގޮތަަށް ވާހަކަ ބަދަލުވަމުން ދިޔުމަކީ އެއްބައެއްގެ ކައިރީގައި މައްސަލައަކަށް ނުވެދާނެއެވެ. އެއީ ސިޔާސީ މޮޅު އުކުޅެއް ކަމުގައި ވެސް އެފަދަ ރައުޔުގެ މީހުން ބުނެފާނެއެވެ. އަނެއް ބަޔަކު މިކަން އެހެން ގޮތަކަށް ވެސް މާނަކޮށްފާނެއެވެ. މިފަދައިން ވާހަކަ ދައްކާނީ ތަނަށް އެއްވެސް އިޚުލާސްތެރިކަމެއް ނެތް، އަމިއްލަ ފައިދާއާއި މަސްލަހަތުގެ އެދުމުގައި ތަނަށް ޚިޔާނަތްތެރިވާން ކުޑަވެސް ޖެހިލުމެއް، ފަސްޖެހުމެއް ނެތް މީހުންނެވެ. ކުއްތާއަކަށް ހިކި ކަށިގަނޑެއް ދިނުމުން، އޭތީގެ ސާހިބާގެ ގައިގައި ދޫލާ ގޮތަށް، ކީރިތި ގުރުއާނުގެ އިބާރާތެއް ބޭނުން ކުރާ ނަމަ، މަދު ފައިސާ ފޮތިކޮޅަކަށް، ގައުމާއި ދީނާއި ޚުދް އަބުރު ވެސް ވިއްކާލާ މީހުންނެވެ. ކޮންމެ އަކަސް، މިހެން ބުނާ މީހުން ވެސް އެ ފާޅުކުރަނީ އެމީހުންގެ ރައުޔެވެ.

ތިން ވަނަ ނުކުތާއަކީ، އެއްބައެއްގެ ނަޒަރުގައި، ގައުމީ ސިޔާދަތާއި މިނިވަންކަމަށް ފުށު އަރާ މިފަދަ ބުނުންތައް ބުނަން ކެރޭނީ އެ ބުނުންތަކަށް ތާއީދުކުރާ ގިނަ ބަޔަކު ތިބީ މައެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި ތައާރުފުވެގެން ދިޔަ، ޒާތީ ތައައްސުބުގެ، ބައިބައި ކުރުވަނިވި ގިނަ ޕާޓީގެ ޑިމޮކުރަސީއެވެ. އެކަން، ނިޔާކުރީ، ތިމާގެ އިދިކޮޅު މީހާއަކީ ޖާނީ ދުޝްމަނަކަށްވެ، ތިމާގެ އިދިކޮޅު މީހާގެ އިދިކޮޅު މީހާ ތިމާގެ ގާތް ޖިގްރީ ދޯސްތަކަށް ވުމެވެ. ހިތާ ހިތުގެ ގުޅުމުން ގުޅިފައިވާ އެންމެ ގާތް ރަހުމަތްތެރިޔާއަށް ވުމެވެ. މިކަން މިހެން ވުމުން، ކޮންމެ ފަދަ ކަމަކަށް ވަކާލަތުކުރި ކަމުގައި ވިޔަސް، ތިމާގެ ޕާޓީގެ މީހާ ތިމާއަށް ތާއީދުކުރާނެތީ، އެ ތާއީދުގެ އެހީގައި މުހިއްމު މަގާމުތައް ލިބޭ ގޮތް ވެއެވެ.

ދެން، ފަހު ނުކުތާއަކަށް ފާހަގަކޮށްލަން ބޭނުން ވަނީ، މަތީގައި އޮތް ބުނުމާ، ޖަދަލީ ގޮތުން، އެއްބަސްވެ ބުނާ ބުނުމެކެވެ. އެންމެ ރަނގަޅެވެ. ރާއްޖެ އޮތީ އެފަދަ ބޭރުގެ އަސްކަރިއްޔާއަކަށް ބޭނުން ވެފައެވެ. ދެން، ބަލާލަން ޖެހޭނީ، ރާއްޖޭގެ މިނިވަންކަމާ ތޮޅެން އައުމަށް އެންމެ އެކަށީގެން ވަނީ ކޮން ބައެއްތޯއެވެ. މިސުވާލުގެ ޖަވާބު ހޯދަން ދާން ޖެހޭނީ ތާރީޚަށެވެ. ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު އެކަން ގެއްލިގެން ދިޔައީ ކޮން ދިމާއަކުން އައި ބައެއްގެ ސަބަބުންތޯއެވެ. މީގެ އިތުރުން، ތާރީޚަށް ބަލާލާއިރު، ރާއްޖޭގެ ބައެއް ވެރިން ހިފާ ހައްޔަރުކޮށްގެން އެތަނަކަށް ގެންދިޔައީ ކޮން ބައެއްތޯއެވެ. ރާއްޖޭން ބައެއް، އިހުގައި ގެއްލިގެން ދިޔައީ ކޮން ބައެއްގެ އަތްމައްޗަށްތޯއެވެ؟ ބޭރު އަސްކަރިއްޔާއެއް ގާއިމު ކުރަން ބޭނުން ނަމަ، މިކަން ދެނެގަންނަން ޖެހެއެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔުމުގެ ބިރު ކުރިމަތި ވަނީ ކޮން ދިމާއަކުންތޯ ދެނެގަންނަން ޖެހެއެވެ. އެކަން ދެނެގަތުމަށް ފަހު، ބޭރުގެ އަސްކަރިއްޔާއެއް ގާއިމުކުރަންޏާ ގާއިމުކުރަން ވާނީ އެ ނޫން އެހެން ބައެއްގެ އަސްކަރިއްޔާއެއް ކަމުގައި ބުއްދީގެ ހަމަތައް ދައްކުވައެވެ. އާދެ، ކަންބަޅިތަކަށް ހަމަލާދިނުމުގެ ބިރު އޮތީ މިނިކާވަގެއްގެ ކިބައިން ކަމަށްވާ ނަމަ، ކަންބަޅިކޮށީގެ ފާރަވެރިޔަކަށް މިނިކާވަގެއް ބާއްވަފާނެ ހެއްޔެވެ؟ ބުއްދީގެ ހަމަތައް ނިޔާކުރަނީ އެފަދަ ފާރަވެރިޔަކަށް މިނިކާ ވަގަކު ނުބާއްވާނޭ ކަމެވެ.

ނަމަވެސް، މަތީގައި ފާޅުކޮށްފައިވާ ރައުޔު ބުނަނީ އެކަން އޮންނަނީ އެހެން ނޫންކަމެވެ. މިނިކާވަގު އޭގެ މައްޗަށް ކަންބަޅީގެ މަސްކެއުން ހަރާންކޮށްފި ކަމެވެ. މީދާ މަސް ކެއުން، ބުޅާ އޭގެ ނަފްސުގެ މައްޗަށް ހަރާންކުރި ފަދައިންނެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.