...

Support Us

التَّسْبِيح، التَّحْمِيد، التَّهْلِيل، التَّكْبِيرގެ މާތްކަން

ހަތަރު ކަލިމައެއްގެ މާތްކަމާއެވެ! މަތިވެރިކަމާއެވެ! އޭގެ ސަވާބާއި ހެޔޮކަމުގެ ގިނަކަމާއެވެ! އެއިން ކޮންމެ ކަލިމައަކުން ތިބާ ފެށިކަމުގައި ވިޔަސް ތިބާއަށް ގެއްލުމެއް ނެތެވެ. އެއީ ((سُبْحَانَ اللَّهِ އާއި الْحَمْدُ لِلَّهِ އާއި لَا إِلَهَ إِلَّا اللَّهُ އާއި اللَّهُ أَكْبَرُ)) އެވެ. މި ހަތަރު ކަލިމަފުޅެވެ.

ޤިޔާމަތް ދުވަހުން މުސްލިމާއަށް ކަނޑަން ލިބޭނީ ދުނިޔެމަތީގައި އޭނާ ދުލުން ހެއްދި ރިވެތި ކަލިމަތަކާއި އޭނާގެ ނަފްސުން ކުޅަ ޞާލިޙު ޢަމަލުތަކެވެ.

މި ކަލިމަތަކުގެ މާތްކަމާބެހޭ ގޮތުން ކީރިތި ރަސޫލާ ﷺގެ އަރިހުން ވާރިދުވެފައިވާ ބައެއް ބަސްފުޅުތައް އައްސަވާށެވެ!

  • އެންމެ މާތް އެންމެ ރިވެތި އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ހަތަރު ކަލިމަ ކަމުގައިވުން: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((أَرْبَعٌ أَفْضَلُ الْكَلَامِ، لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ [1]– ހަތަރު ކަލިމައެއް އެންމެ މާތް ކަލާމުގެ ތެރޭގައި ވެއެވެ. އެއިން ކޮންމެ ކަލިމައަކުން ތިބާ ފެށިކަމުގައި ވިޔަސް ތިބާއަށް ގެއްލުމެއް ނެތެވެ. އެއީ ((سُبْحَانَ اللَّهِ، الْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللَّهُ، اللَّهُ أَكْبَرُ އެވެ.)) އެހެން ޙަދީސެއްގައި ވެއެވެ. ((أَرْبَعٌ مِنْ أَطْيَبِ الْكَلَامِ، وَهُنَّ مِنَ الْقُرْآنِ، لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ [2]– އެންމެ ރިވެތި ކަލާމުގެ ތެރޭގައި ހަތަރު ކަލިމައެއް ވެއެވެ.އެއީ ޤުރްއާނުގެ ކަލިމަތަކެކެވެ. އެއިން ކޮންމެ ކަލިމައަކުން ތިބާ ފެށިކަމުގައި ވިޔަސް ތިބާއަށް ގެއްލުމެއް ނެތެވެ.
  • ކީރިތި ރަސޫލާ އަށް އެންމެ ލޮބުވެތި ކަލިމަތައް ކަމުގައިވުން: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لَأَنْ أَقُولَ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ؛ أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ [3]– އޭގެ މައްޗަށް އިރު އެރި ކޮންމެ އެއްޗަކަށްވުރެ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ވިދާޅުވުން ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑުވެގެންވެއެވެ.))
  • ﷲ ތަޢާލާ އެ ކަލިމަތައް ހޮއްވަވާ އިޚްތިޔާރު ކުރެއްވުމާއި އެ ކަލިމަތަކުގެ ސަވާބު އިތުރުކުރެއްވުން: ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إِنَّ اللَّهَ اصْطَفَى مِنَ الْكَلَامِ أَرْبَعًا: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ. فَمَنْ قَالَ: "سُبْحَانَ اللَّهِ"؛ كُتِبَ لَهُ عِشْرُونَ حَسَنَةً، وَحُطَّ عَنْهُ عِشْرُونَ سَيِّئَةً. وَمَنْ قَالَ: "اللَّهُ أَكْبَرُ" فَمِثْلُ ذَلِكَ. وَمَنْ قَالَ: "لَا إِلَهَ إِلَّا اللَّهُ" فَمِثْلُ ذَلِكَ. وَمَنْ قَالَ: "الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ" مِنْ قِبَلِ نَفْسِهِ؛ كُتِبَتْ لَهُ ثَلَاثُونَ حَسَنَةً، وَحُطَّ عَنْهُ ثَلَاثُونَ سَيِّئَةً [4]– ހަމަ ކަށަވަރުން ﷲގެ ކަލިމަފުޅުތަކުގެ ތެރެއިން ހަތަރު ކަލިމަފުޅެއް ހޮއްވަވާ އިޚްތިޔާރުކުރެއްވިއެވެ. އެއީ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ އެވެ. ފަހެ سُبْحَانَ اللَّهِ ކީ މީހާއަށް ވިހި ހެޔޮކަން  ދެއްވައި ވިހި ނުބައި ކަންތައް ފުއްސަވާނެއެވެ. އަދި  اللَّهُ أَكْبَرُ ކީ މީހާއަށް ހަމަ އެފަދައިންނެވެ. އަދި لَا إِلَهَ إِلَّا اللَّهُ ކީ މީހާއަށް ހަމަ އެފަދައިންނެވެ. އަދި الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ކީ މީހާއަށް ތިރީސް ހެޔޮކަންދެއްވައި ތިރީސް ނުބައިކަން ފުއްސަވާނެއެވެ.))
  • މީޒާނުގައި އެންމެ ބަރު އެއްޗެހި ކަމުގައިވުން: ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((بَخٍ بَخٍ لِخَمْسٍ مَا أَثْقَلَهُنَّ فِي الْمِيزَانِ: لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَالْوَلَدُ الصَّالِحُ يُتَوَفَّى فَيَحْتَسِبُهُ وَالِدُهُ [5]– ފަސްކަމެއްގައި ހުރި އަޖައިބެއްގެ ބޮޑުކަމާއެވެ! މީޒާނުގައި އެ އެއްޗެހީގެ ބަރުކަމާއެވެ! لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِއާއި އޭނާގެ ކުޑަ ދަރިފުޅު ދުނިޔެ ދޫކޮށްދާއިރު ﷲގެ ޙަޟްރަތުން ސަވާބަށް އެދި ކެތްތެރިވާ ޞާލިޙު މީހާއެވެ.))
  • ކުޅަނދުރު ބޫން އަޑު ލައްވާގޮތަށް މި ކަލިމަތައް ޢަރްޝީގެ ވަށައިގެން އުދުހި އޭގެ ޞާހިބުމީހާގެ މަތިން ހަނދުމަކުރުން:ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إِنَّ مِمَّا تَذْكُرُونَ مِنْ جَلَالِ اللَّهِ: التَّسْبِيحَ وَالتَّهْلِيلَ وَالتَّحْمِيدَ، يَنْعَطِفْنَ حَوْلَ الْعَرْشِ لَهُنَّ دَوِيٌّ كَدَوِيِّ النَّحْلِ، تُذَكِّرُ بِصَاحِبِهَا، أَمَا يُحِبُّ أَحَدُكُمْ أَنْ يَكُونَ لَهُ- أَوْ لَا يَزَالَ لَهُ- مَنْ يُذَكِّرُ بِهِ [6]– ހަމަކަށަވަރުން ﷲގެ މަތިވެރިވަންތަކަން ހަނދުމަކުރުމަށް ތިޔަބައިމީހުން ކިޔާ ކަލިމަތަކުގެ ތެރޭގައި ތަސްބީޙައާއި ތަހްލީލާއި ތަޙްމީދު ވެއެވެ. އެކަލިމަތައް ކުޅަނދުރުތަކެއް ފަދައިން އެ ކަލިމަތަކުގެ ސާހިބުމީހާގެ މަތިން ހަނދުމަކުރަމުން ޢަރްޝީގެ ވަށައިގެން އެނބުރޭނެތެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު އެ ފަދަ މީހަކަށް ވުމަށް ހަނދުމަކޮށްދިނުމަށް ލޯބިނުކުރަމުހެއްޔެވެ؟ ނުވަތަ އެކަން މަތީ ދެމިހުރުމަށް ލޯބި ނުކުރާނަން ހެއްޔެވެ؟)) މި ބަސްފުޅު ގޮވައިލަނީ އެ ބަސްފުޅުތައް ކިޔުން މަތީގައި ދެމިހުރުމަށެވެ.
  • ފަރްޟު ފަސްނަމާދަށް ފަހު އެ ކަލިމަތައް ކިޔާމީހާ މާޔޫސްނުކުރެއްވުން: ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((مُعَقِّباتٌ لا يَخِيبُ قائِلُهُنَّ، أوْ فاعِلُهُنَّ، دُبُرَ كُلِّ صَلاةٍ مَكْتُوبَةٍ، ثَلاثٌ وثَلاثُونَ تَسْبِيحَةً، وثَلاثٌ وثَلاثُونَ تَحْمِيدَةً، وأَرْبَعٌ وثَلاثُونَ تَكْبِيرَةً [7]– ފަރްޟު ކޮންމެ ނަމާދެއްގެ ފަހުން މި ކަލިމަތައް ކިޔާ މީހާ މާޔޫސްވެގެން ނުދާނެތެވެ. އެއީ 33 ފަހަރު ސުބްޙާނަﷲ ކިޔުމާއި، 33 ފަހަރު  އަލްޙަމްދު ލިﷲ ކިޔުމާއި، 34 ފަހަރު ﷲ އަކްބަރު ކިޔުމެވެ.))
  • އެ ކަލިމަތައް މަތިވެރި ޞަދަޤާތެއް ކަމުގައިވުން: ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً[8]– ހަމަކަށަވަރުން ކޮންމެ ތަސްބީޙާއަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރާއަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދާއަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލާއަކީ ޞަދަޤާތެކެވެ.))
  • ފާފަތައް ފުހެދޭ ކަލިމަތަކެއް ކަމުގައިވުން: ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((مَا عَلَى الْأَرْضِ رَجُلٌ يَقُولُ: لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ؛ إِلَّا كُفِّرَتْ عَنْهُ ذُنُوبُهُ؛ وَلَوْ كَانَتْ أَكْثَرَ مِنْ زَبَدِ الْبَحْرِ[9] – "لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ" މި ބަސްފުޅުތައް ކީ މީހާގެ ފާފަތައް ކަނޑުގެ ލޮނުގަނޑުހާ ގިނަ ވިޔަސް ނުފުހެވި މި ބިންމަތީގައި ނުހުންނާނެތެވެ.)) އެއް ދުވަހަކު ކީރިތި ރަސޫލާ ﷺ ފަތްތައް ހިކިފައިވާ ގަހެއްގެ ކައިރިން ވަޑައިގަންނަވަމުން އެކަލޭގެފާނުގެ އަސާކޮޅުން އެ ގަހުގައި ޖެއްސެވުމުން އެ ގަހުގެ ފަތްތައް ބިންމައްޗަށް ފޭބިއެވެ. އެހިނދު އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((إِنَّ الْحَمْدَ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، لَتُسَاقِطُ مِنْ ذُنُوبِ الْعَبْدِ؛ كَمَا تَسَاقَطَ وَرَقُ هَذِهِ الشَّجَرَةِ[10]– ހަމަކަށަވަރުން الْحَمْدَ لِلَّهِ އާއި سُبْحَانَ اللَّهِ އާއި لَا إِلَهَ إِلَّا اللَّهُ އާއި اللَّهُ أَكْبَرُ މި ކަލިމަތަކަކީ މި ގަހުގެ ފަތްތައް ވެރުނުފަދައިން އަޅާގެ ފާފަތައް ފުހެ ނައްތައިލަދޭ ކަލިމަތަކެކެވެ.))
  • ސުވަރުގޭގައި އިންދޭ ގަސްތަކެއްކަމުގައިވުން: ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނު އިސްރާކުރެއްވުނު ރޭގައި އިބްރާހީމުގެފާނާ ބައްދަލުވެވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނޭވެ! ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ކަލޭގެފާނުގެ އުންމަތަށް ސަލާމް ވިދާޅުވެ ދެއްވާށެވެ. އަދި އެބައިމީހުންނަށް ޚަބަރުދެއްވާށެވެ. ހަމަ ކަށަވަރުން ސުވަރުގެއަކީ ވަރަށް ފެން މީރު ފަސްގަނޑު ރަނގަޅު ދަނޑުތަކެކެވެ. އެތާނގެ ގަސްގަހާގެއްސަކީ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ކިޔުމެވެ.)) [11] މި ބަސްފުޅުގެ މުރާދަކީ ސުވަރުގޭގެ ގަސްގަހާގެހި މި ކަލިމަތަކުން ކާދު ލިބިގެން ވަރަށް ބަރަށް ހެދިބޮޑުވެއެވެ.
  • އެންމެ ރަގަނޅު މުއުމިނަކީ ޢުމުރު ދިގުވެ މި ކަލިމަތައް ގިނައިން ކިޔާއުޅޭ މީހާ: ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لَيْسَ أَحَدٌ أَفْضَلَ عِنْدَ اللَّهِ مِنْ مُؤْمِنٍ يُعَمَّرُ فِي الْإِسْلَامِ؛ لِتَكْبِيرِهِ وَتَحْمِيدِهِ وَتَسْبِيحِهِ وَتَهْلِيلِهِ[12]– ﷲގެ ޙަޟްރަތުގައި ތަކްބީރު ތަޙްމީދު ތަސްބީޙަ ތަހްލީލު ގިނައިން ކިޔާއުޅޭ ޢުމުރުން ދުވަސްވީ މުއުމިނަކަށް ވުރެ ރަނގަޅު އެކަކު ވެސް ނުވެއެވެ.)) މި ބަސްފުޅުން ހެޔޮ ޢަމަލުތައް ކުރަމުންދާ ޢުމުރު ދިގު މީހާގެ ހެޔޮކަން ބޮޑުކަން އެނގެއެވެ. އޭނާގެ ދޫ އަބަދުވެސް ތެމިފައި އޮންނާނީ މި ކަލިމަތައް ކިޔުމުންނެވެ.
  • ޢުމުރުން ދުވަސްވީ މީހުންނަށް ކީރިތި ރަސޫލާ ﷺ ކުރެއްވި ވަޞިއްޔަތްޕުޅު: މާތްﷲ ރުއްސުންލެއްވީ أُمِّ هَانِئٍ بِنْتِ أَبِي طَالِبٍ ވިދާޅުވިއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ﷺ ތިމަންކަމަނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެހިނދު ދެންނެވީމެވެ. "އަޅުގަނޑު މި ވަނީ ޢުމުރުން ދުވަސްވެ ބަލިކަށިވެފައެވެ. އަޅުގަނޑަށް އިށީނދެގެން ކުރެވޭނެ ހެޔޮ ޢަމަލެއް ވިދާޅުދެއްވާނުތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((سَبِّحِي اللَّهَ مِائَةَ تَسْبِيحَةٍ؛ فَإِنَّهَا تَعْدِلُ لَكِ مِائَةَ رَقَبَةٍ تُعْتِقِينَهَا مِنْ وَلَدِ إِسْمَاعِيلَ، وَاحْمَدِي اللَّهَ مِائَةَ تَحْمِيدَةٍ؛ فَإِنَّهَا تَعْدِلُ لَكِ مِائَةَ فَرَسٍ مُسْرَجَةٍ مُلْجَمَةٍ تَحْمِلِينَ عَلَيْهَا فِي سَبِيلِ اللَّهِ، وَكَبِّرِي اللَّهَ مِائَةَ تَكْبِيرَةٍ؛ فَإِنَّهَا تَعْدِلُ لَكِ مِائَةَ بَدَنَةٍ مُقَلَّدَةٍ مُتَقَبَّلَةٍ، وَهَلِّلِي اللَّهَ مِائَةَ تَهْلِيلَةٍ؛ تَمْلَأُ مَا بَيْنَ السَّمَاءِ وَالْأَرْضِ، وَلَا يُرْفَعُ يَوْمَئِذٍ لِأَحَدٍ مِثْلُ عَمَلِكِ إِلَّا أَنْ يَأْتِيَ بِمِثْلِ مَا أَتَيْتِ بِهِ [13]– ކަމަނާ ސަތޭކަ ފަހަރު ތަސްބީޙަ ވިދާޅުވާށެވެ. ފަހެ ހަމަކަށަވަރުން އެއީ އިސްމާޢީލުގެފާނުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ސަތޭކަ އަޅުން މިނިވަންކުރެއްވުމާ އެއްވަރު ކަމެކެވެ. އަދި ކަމަނާ ސަތޭކަ ފަހަރު ތަޙްމީދު ވިދާޅުވާށެވެ. ފަހެ އެއީ ސަތޭކަ އަހުގައި އަސްދާނުގޮނޑިއާއި ލަގަން އަޅުވައި ﷲގެ މަގުގައި ޖިހާދުކުރުމަށް ނެރުއްވުމާ އެއްވަރު ކަމެކެވެ. އަދި ކަމަނާ ސަތޭކަފަހަރު ތަކްބީރު ވިދާޅުވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ސަތޭކަ ޖަމަލުގައި ގިލަފަތި އަޅުވައިގެން ގެފުޅަށް ހަދިޔާކުރެއްވުމާ އެއްވަރު ކަމެކެވެ، އަދި ކަމަނާ ސަތޭކަފަހަރު ތަހްލީލު ވިދާޅުވާށެވެ. އެއީ އުޑާ ބިމާ ދެމެދު ފުރައިލާނެ ކަމެކެވެ. އެ ދުވަހު އެހެން މީހެއްގެ ކިބައިން ކަމަނާއާ އެއްވަރު ޢަމަލެއް ނޫފުއްލޭނެތެވެ. ކަމަނާ ކުރެއްވި ޢަމަލު ކުރުން ފިޔަވައެވެ.))

  • ނަރަކައިން ރައްކައުތެރިވުމަށް ލިބިގެންވާ އައްޑަނައެއް: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((خُذُوا جُنَّتَكُمْ مِنَ النَّارِ، قُولُوا: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ؛ فَإِنَّهُنَّ يَأْتِينَ يَوْمَ الْقِيَامَةِ مُقَدِّمَاتٍ، وَمُعَقِّبَاتٍ، وَمُجَنِّبَاتٍ، وَهُنَّ الْبَاقِيَاتُ الصَّالِحَاتُ [14]–  ތިޔަބައިމީހުންނަށް ނަރަކައިން ރައްކައުތެރިވުމަށް ލިބިގެންވާ އައްޑަނައިގައި ހިފާށެވެ! ތިޔަބައިމީހުން سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ކިޔާށެވެ. ފަހެ މި ކަލިމަތައް ޤިޔާމަތްދުވަހުން ތިޔަބައިމީހުންގެ ކުރިމަތިންނާއި ފުރަގަހުންނާއި އަރިއަރިމަތިން ތިޔަބައިމީހުންގެ ގާތަށް އަންނާނެތެވެ. އެއީ ދެމިހުންނަނިވި ޞާލިޙު ޢަމަލުތަކެކެވެ.))
  • ޤުރްއާން ކިޔަވަން ނޭނގޭ މީހާއަށް ލިބިގެންވާ ބަދީލެއް: އެއްދުވަހަކު މީހަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ. ޤުރްއާނުން އެއްޗެއް ލިބިގަތުމަށް އަޅުގަނޑު ނުކުޅެދުންތެރިވެފައިވާތީ އެކަމަށް ފުދިގެންވާ އެއްޗެއް އަޅުގަނޑަށް ދަސްކޮށް ދެއްވާށެވެ. ޙަދީސް ކުރެއްވިއެވެ. ތިބާ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّه ކިޔާށެވެ!)) [15]

ކީރިތި ރަސޫލާ ﷺ ގެ މި ބަސްފުޅުތަކުން މި ކަލިމަފުޅުތަކުގެ މަތިވެރިކަމާއި މާތްކަމާއި އޭގެ ފައިދާތައް އެނގިއްޖެކަން ކަށަވަރެވެ. އެކަމުގެ ސިއްރަކީ މި ހަތަރު ކަލިމަފުޅުގެ ދަށުގައި ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތައް ހިމެނޭކަމެވެ.

سُبْحَانَ اللَّهِ މި ކަލިމަފުޅުގެ ދަށުގައި الْقُدُّوسِ، السَّلَامِ ފަދަ ﷲގެ ހުސްޠާހިރުވަންތަކަމުގެ ހުރިހާ އިސްމުފުޅުތަކެއް ވެއެވެ.

الْحَمْدُ لِلَّهِ މި ކަލިމަފުޅުގެ ދަށުގައި ﷲ ތަޢާލާގެ ފުރިހަމަވަންތަކަމުގެ ހުރިހާ އިސްމުފުޅުތަކަކާއި ސިފަފުޅުތަކެއް ވެއެވެ.

اللَّهُ أَكْبَرُގައި އެކަލާނގެ މަތިވެރިކަމާއި ޢަޡަމަތްވަންތަކަމުގެ ހުރިހާ އިސްމުފުޅުތަކަކާއި ސިފަފުޅުތަކެއް ވެއެވެ. އެކަލާނގެއަށް ކުރަން ޖެހޭ ތާރީފާއި ސަނާއަކީ ގުނާ ޢަދަދު ކުރެވޭނެ އެއްޗެއްނޫނެވެ. އަޅުކަން ޙައްޤުވެގެންވާ އެހެން ފަރާތެއް ނުވެއެވެ. މިހެންވެ لَا إِلَهَ إِلَّا الله ކިޔާ އެކަމަށް ހެކިވަން ޖެހެއެވެ.

 

[1]  – أخرجه ابن ماجه (٣٨١١)  والبزار (٤٥٣٥)

[2]  – أخرجه مسلم (٢١٣٧)

[3]  –   أخرجه مسلم (٢٦٩٥)

[4]  – أخرجه النسائي في ((السنن الكبرى)) (١٠٦٧٦)، وأحمد (٨٠١٢)

[5]  –  الألباني، صحيح الترغيب  ( ١٥٥٧ )

[6]  – صحيح ابن ماجه ( ٣٠٨٦ )

[7]  –  أخرجه مسلم (٥٩٦)

[8]  – صحيح مسلم (١٠٠٦)

[9]  – أخرجه الترمذي (٣٤٦٠)، والنسائي في ((عمل اليوم والليلة)) (١٢٤)، وأحمد (٦٤٧٩)

[10]  – سنن الترمذي ( ٣٥٣٣ )

[11]  – أخرجه الترمذي (٣٤٦٢)، والطبراني (١٠/٢١٤) (١٠٣٦٣)، والخطيب في ((تاريخ بغداد)) (٢/٢٩٢)

[12]  – رَوَاهُ أَحْمَدُ

[13] – أخرجه النسائي في ((السنن الكبرى)) (١٠٦٨٠)، وابن ماجه (٣٨١٠)، وأحمد (٢٦٩١١)

[14]  – أخرجه النسائي في ((السنن الكبرى)) (١٠٦٨٤)، والطبراني في ((المعجم الأوسط)) (٤٠٢٧)

[15]  –  أخرجه أبو داود (٨٣٢)  والنسائي (٩٢٤)  وأحمد (١٩١١٠)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *