Support Us

ކޮލަމް ކޯދު: އިބްރާހީމު އަލްޢައްޠާރު- އަންދަލުސްގެ އަސްކަރީ ޝަޚްސިއްޔަތެއް

މަތިން އެ ފެންނަނީ އިސްޕޭނުގެ ގްރަނާޑާ ސަރަހައްދުގެ ރަށެއް ކަމުގައި ލޯޜާ (ލޯޝާ) ގައި ބެހެއްޓިފައި ހުރި އިބްރާހީމް އަލްޢައްޠާރުގެ ތިމްސާލެކެވެ.

އިބްރާހީމު އަލްޢައްޠާރު އަކީ އަންދަލުސްގެ- މުސްލިމް އިސްޕޭނުގެ- އެންމެ ފަހުގެ ދުވަސްވަރުގެ އަސްކަރީ ޝަޚްސިއްޔަތެކެވެ. އާދެ، އަންދަލުސްގެ އެންމެ ފަހުގެ މުސްލިމު ދައުލަތް ކަމަށްވި ޣަރްނާޠާ ދިފާއުކުރުމަށް ހަނގުރާމަކުރި ގާއިދެކެވެ.

މީނާއަކީ މުސްލިމުންގެ އަތުން އިސްޕޭނު އަތުލުމުގެ ހަނގުރާމަ ކުރަމުން ދިޔަ އިސްޕޭނުގެ އެދުވަސްވަރުގެ ކުރިސްޓިއަން ލަޝްކަރާ އިދިކޮޅަށް ހަނގުރާމަކުރި މުސްލިމުންގެ އުސްތޫރީ ބަތަލެއްގެ ގޮތުގައި އެ ދުވަސްވަރުގެ އިސްޕޭނުގެ ކުރިސްޓިއަނުން ފާހަގަ ކުރި ބަތަލެކެވެ. އޭނައަކީ ސަތޭކައެއްހާ މުސްލިމުންގެ ލަޝްކަރެއްގެ ގާއިދެއްގެ ގޮތުގައި 65 ހާސް އިދިކޮޅު ހަނގުރާމަވެރިންނާ ހަނގުރާމަކޮށް، އިރުގަނޑެއް ވަންދެން އެ ރަށް ދިފާއުކުރި ގާއިދެކެވެ. އޭނަ އަވަހާރަވީ އެ ހަނގުރާމައިގައެވެ.

އެ ހަނގުރާމައަށް ފަހު، އެ ރަށް މުސްލިމުންގެ އަތުން ނެގި، ކުރިސްޓިއަނުންގެ އަތް ދަށަށް ދިޔައެވެ. އަދި، އެ ދުވަސްވަރުގެ ކުރިސްޓިއަން ވެރިން އެ ފަތަހަ ފާހަގަކޮށް، އެ ރަށަކީ 'ކަށިތަކެއްގެ ތެރޭގައިވި މަލެއްކަމުގައި' ސިފަކުރިއެވެ. އާދެ، މުސްލިމުންގެ އަތް ދަށުގައި އޮތް މަދު ސަރަހައްދުގެ މެދުގައި ކުރިސްޓިއަނުންގެ ބާރުގެ ދަށަށް ގެނެވިފައި އޮތް ރަށެކެވެ. ދެން، އެ ފަތަހައާއި ވިދިގެން، ލޯޜާގެ މިސްކިތް، ޗާޗަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުނެވެ.

މިތަނުގައި އިބްރާހީމު އަލްޢައްޠާރުގެ ނަން ފާހަގަކޮށްލަން ބޭނުންވާ މުހިއްމު ސަބަބެއް އެބައޮތެވެ. އަންދަލުސް، މުސްލިމުންގެ އަތުން ގެއްލިގެން ދިޔުމުގެ މައިގަނޑު އެއްސަބަބަކީ މުސްލިމުންގެ މެދުގައި ވެރިކަމާ ހެދި އުފެދުނު ކޯޅުންތަކެވެ. އަދި، މިކޯޅުންތަކުގެ ސަބަބުން، މުސްލިމުން، އެމީހުންނާ ސިޔާސީ ގޮތުން އިދިކޮޅު މީހުންގެ މައްޗަށް ބާރުވެރިވުމުގެ ގޮތުން އިސްޕޭނުގެ ނަސާރާއިންގެ އެހީ ހޯދިއެވެ. އާޚިރުގައި މިކަންވީ އިސްޕޭނުގެ ނަސާރާއިންނަށް މުސްލިމުންގެ މައްޗަށް ވެރިވުމުގެ މަގުފަހިވި ކަމަކަށެވެ.

އިސްޕޭނުގެ ނަސާރާއިންނަށް މުސްލިމުންގެ މައްޗަށް ކާމިޔާބު ލިބުމުން، އެ މީހުން ހަނދާންކޮށް ފާހަގަކުރީ އެމީހުންނާ އެއްބައިވެ، އެ މީހުންނަށް އިސްޕޭނު ހިފުމުގެ މަގުފަހިކޮށްދިން މީހުންނެއް ނޫނެވެ. އިބްރާހީމު އަލްޢައްޠާރުގެ ތިމްސާލު ބުނެދޭ ފަދައިން، އެމީހުން ފާހަގަކުރީ އެމީހުންނާ އިދިކޮޅަށް، ނަމަވެސް، މުސްލިމުންގެ އަމިއްލަ ދީނާއި ދައުލަތް، މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށް، ޚުދް އެމީހުންނާ އިދިކޮޅަށް ހަނގުރާމަ ކުރި އިޚްލާސްތެރިންނެވެ. އެހެންވެ، އެ މީހުން އިބްރާހީމް އަލްޢައްޠާރުގެ ތިމްސާލެއް ބިނާކޮށް، ބެހެއްޓިއެވެ. އަދި އިބްރާހީމް އަލްޢައްޠާރުގެ ކަނޑިއޭ ބުނެވޭ ކަނޑީ އިސްޕޭނުގެ ދާރުލްއާސާރޭަގައި ބޭއްވިފައި އޮވެއެވެ.

މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ގައުމަށް ޚިޔާނަތްތެރިވެ، އެ މީހުންގެ އަމިއްލަ ގައުމު ހިފަން ބޭރު މީސްމީހުންނަށް މަގުފަހިކޮށްދޭ މީހުންނަކީ އެފަދަ ބޭރު މީހުންގެ ކުރިމަތީގައި ވެސް އެއްވެސް އަގެއް، އިހުތިރާމެއް ލިބިގެންވާ މީހުންނެއް ނޫންކަމެވެ. އިބްރާހީމު އަލްޢައްޠާރުގެ ތިމްސާލު ބުނެދޭ ފަދައިން، ތާރީޚު ހަނދާންކުރަނީ ތެދުވެރި އިޚްލާސްތެރިންނެވެ. ޚިޔާނަތްތެރި ޣަދަރުވެރިންނެއް ނޫނެވެ. ގައުމީ ބަތަލުންނަކީ ގައުމަށް ވަފާތެރި، ހުރިހާ މަގާމެއްގައި ވެސް ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާކުރާ މީހުންނެވެ. ގައުމު ވިއްކާލައި ބޭރު މީހުން ގައުމަށް ވެރިވުމުގެ މަގުފަހިކޮށްދީ ގައުމަށް ޣައްދާރުވާ މީހުން ނޫންކަމެވެ.