...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފޮތްފޮތުން- 4

"ފޮތްފޮތުން' މި ސުރުޚީގެ ދަށުން އަޅުގަނޑު މިފަހަރު ލިޔާން ގަސްތު ކުރީ އަޅުގަނޑުމެންގެ އިސްއުސްތާޛެއް ކަމުގައިވި މަޝްހޫރު ސޯދުބޭ (އިސްއުސްތާޛު ޢަބްދުﷲ ޞާދިޤު، ހ.އާމުލީގެ) ޅެންވެރި ބަހުރުވަޔަކުން އަޞްލު އޮތް (ވާހަކަބައި) ނުވަތަ "ބުރުނީ ކަމަނާ ރައިވަރުބައި" ސާދާ ޢިބާރާތުން ލިޔުއްވާފައިވާ

"ދޮންހިލަ އާއި އަލިފުޅު" (ދޮންހިޔަަލަ ވާހަކަ) އިން، "ރައިވެރި ޢަލީގެ ޙަޔާތުގެ ކުރީކޮޅު" މި ސުރުޚީގައި ލިޔުއްވާފައިވާ ވާހަކަކޮޅު ލިޔެ ހުށަހަޅައިލާށެވެ. ސަބަބަކީ ދޮންހިޔަލަ ވާހަކައަކީ، ސޯދުބޭ ލިޔުއްވާފައިވާ ގޮތުން ލިބިދޭ ސިއްރު ފިލާވަޅެއް މިއަދުގެ އަދީބުންނާއި ކިޔަވާ ކުދީންނާއި އަދަބީ ލިޔުންތެރީން، ހިފާންވީ ނުވަތަ ދެނެގަންނާންވީ ނުކުތާއެއް މި ވާހަކައިގައި އެކުލެވޭތީ، އެކަމަކީ، ލިޔުންތެރީން އެކަމަށް ކަނެއް ދިނުން ވަރަށްވެސް ބޭނުންތެރި ކަމަކަށް  ވާކަމަށް އަޅުގަނޑަށް ފެންނާތީއެވެ.

އެއީ، ކޮން ކަމެއް ތޯއެވެ؟ ވިސްނަަވާށެވެ. ސޯދުބޭގެ އެ ވާހަކަފޮތުގެ "ފެށުން" މި ބަސްކޮޅުގައި ލިޔުއްވާފައިވާ ޢިބާރާތުގެ ތެރެއިން ކޮމާކޯޅިގައި އަޅުގަނޑު ފާހަގަކޮށްފައިވާ ތަންކޮޅެވެ. "ދިވެހިބަހުން ހެދިފައި އޮތް މިބާވަތުގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުދެކެމެވެ. ބޭރު އަދަބެއްގެ ކުލައެއް، މިސާލެއް، މުހާވިރާއެއްވެސް ނެތެވެ. މުޅީންވެސް މިނިވަން ދިވެހި މިސާލާއި ދިވެހި މުޙާވިރާތަކުގެ މައްޗަށް އެކުލެވިގެންވާ ވާހަކައެކެވެ. ދިވެހީންގެ އާދަކާދައާއި މަސައްކަތްތައް އެކުލެވިގެންވާ ވާހަކައެކެވެ. ކުރުކޮށް ދަންނަވާނަމަ މީގެ ވަރަށް ކުރީގެ ދިވެހި ތާރީޚީ ދިރިއުޅުމެއްގެ ވަރަށްވެސް ފުރިހަމަ ގަލަމީ ތަޞްވީރެކެވެ.

އަދި ކޮންމެއަކަސް އެވާހަކަ އެކުލަވާލައްވާފައިވާ އަދީބަކީ، ދިވެހި ހުރިހާ މަސައްކަތެއް ދަންނަ، ދިވެހީންގެ އެދުވަސްވަރުގެ ޙަޔާތް ވަރަށް ފުރިހަމައަށް މުޠާލަޢާ ކުރައްވައިގެން ހުންނެވީ އަދީބެކެވެ.

އަޅުގަނޑަށް ވިސްނޭގޮތުން އެވާހަކަ އެގޮތަށް ސޯދުބޭ ގެންނަވާފައި އެވަނީ ވަރަށްވެސް ބޮޑު ފިލާވަޅެއް ދެއްވުމަށެވެ. އާދޭހެވެ! މިޒަމާނުގެ ޢާއުމު އަތްމަތީ ބަހުން ދަންނަވާނަމަ ދެންނެވޭނީ އެއީ، 'ވަރަށް ވާހަކަ' ކަމަށެވެ. އެކަންކަން އެ މިންވަރަށް ނުވަތަ އެކަންކަމުގެ މިންވަރެއް ވިޔަސް ދެނެގަނެވިފައި ނެތި ދިވެހިބަހުން ދިވެހި ތަކެތި ފުރިހަމަޔަށް ލިޔާނެ ނުވަތަ ލިޔެވޭނެ ގޮތެއް ނޯންނާނެއެވެ.

ދެން މި ލިޔަނީ މިލިޔުމުގައި ހުށަހަޅާ ވާހަކައެވެ.

"މަރޮށީ ދޮން ޢީސާ އަޙްމަދުގެ ޢަލީއަކީ، ވަރަށް ކުޑަ ދުހުއްސުރެ މުސްކުޅި މަޔަކު ބަލަން ޖެހިފައިވާ ކުއްޖެކެވެ. ވީމާ، އޭނާއަކީ، ރުއްއަރައިގެން އުޅޭ ކުއްޖެކެވެ. މީނާ ތަނަކުން ވައްކަމެއް ނުކުރެއެވެ. މީހަކަށް ނުދަރައެވެ. އޭނާގެ އޯގާވެރި މަންމަގެ ހަރުދަނާކަމުން ލިބޭ އެތިކޮޅުން ހަމަޖައްސާ ހަދަނީއެވެ. މީނާގެ މަންމައަކީ، އެރަށު ކަޅު ޙަސަން މުޙައްމަދުގެ އާމިނައެވެ.

"ޢުމުރުން ވިހި އަހަރުވީމާ ޢަލީގާތު އޭނާގެ މަންމަ ބުނެފިއެވެ. ކަލޭ ތިޔަ ގެންނަ ރާފޮދު ކައްކާނެ ދަރުކޮޅުވެސް މިވަގުތު ޙާލު ހުރިގޮތުން މަންމައަކަށް ނުހޯދޭނެއެވެ. ވީމާ، ދަރިފުޅު މީހަކާ އިންނާށެވެ. މިކަމާ ޢަލީ ވަރަށް ފިކުރުބޮޑުވެ ހިތާމަ ކުރަމުން ބޭރަށް ހިނގައްޖެއެވެ. މިގޮސް އެކަނި ތަނެއްގައި ހުރެ ފިކުރު ކުރަނީއެވެ. 'އަހަރެން މީހަކާ އިނީމާ އަހަރެންގެ މަންމައާ ވަކިވާން ޖެހިދާނެއެވެ.' މި ޚިޔާލު މާ ބޮޑުވެފައި ހައްތާވެސް ހިތަށް އަރަނީ މީހަކާ ނުއިނުމަށެވެ. ދެން އަނެއްކާ ހިތަށް އަރަނީ މިއީ، މޮޔަކަމެވެ. މަންމަ ބުނުއްވިކަމެއް ނުކުރީމާ މަށަކީ، ބަސްނާހާ ދަރިއަކަށް ވެދާނެއެވެ. ވީމާ، މަންމަ ބުނިއްވި ކަންތައް ކުރާނީއެވެ.

"ހީކޮށްފައި ޢަލީ ދެކުނު އަވަށަށް ހިނގައްޖެއެވެ. ގޮސް އެ އަވަށު މޫސާކޮއިގެ ސަކީނާކޮޔާ މިވާހަކަ ދައްކައި ދެމީހުން އެއްބަސް ވެއްޖެއެވެ. މި ސަކީނާއަކީ، މައިންބަފައިން މަރުވެ، ބެލެނިވެރިޔަކު ނެތި، ބިކަ ހިނގާ ކުއްޖެކެވެ.

ދެންއައި ރަޖަބުމަހުގެ ހަތްވަނަ ރޭ މި ދެ މިސްކީނުންގެ އައު ކައިވެނި އެމަހުގެ ސާދަވާ ހުކުރުވިލޭރޭ ކުރުމަށް ގަސްތުކޮށް ނިންމައިފިއެވެ. ދެން ޢަލީ ކައިވެނިކޮށް ނިންމުމަށް މަންނައާ ވާހަކަދައްކައި ހަމަޖައްސައިފިއެވެ.

"ސާދަވީ ހުކުރުވިލޭރޭ ދެ ހެކީން ހޯދައި ސަކީނާ ގާތަށް ފޮނުވައި ރަންރުހޭބަސް ހޯދައި ވަލީއަށް ބެލި އިރުގައި ވަލީވެރިއެއް ނެތުމާއެކު ދިހައެއް ޖެހީމާ ނައިބުގެއަށް ގޮސް ވަލީނެތް ކައިވެނީގެ ވަލީ އޮންނަންވީ ފަރާތުން ވަލީ ހޯދައިގެން މި ކައިވެނި ކޮށްފިއެވެ.

"ދެން ނައިބުގެއިން އައިސްފައި ކައިވެނިބަތުގެ ކަންތައް ޢަލީއަށް ލިބިފައި ހުރި މިންވަރުން އަވަށްޓެރީންނާއި ރައްޓެހީންނަށް ދީ ނިންމައިފިއެވެ. ހުކުރުދުވަހުގެ ފަސްވަނަ ސާޢަތުގައި ސަކީނާކޮއި ގެއަށް ގެނެސްފިއެވެ. ގެއަށް ގެނައުމާއެކުގައި ތަޅުލާ ތަނެއް ހުރިނަމަ އެތަނެއްގެ ތަޅުދަނޑި ސަކީނާގެ އަތަށް ޢަލީގެ މަންމަ ދީ ނިންމައިފިއެވެ. ސަކީނާ މި ތަޅުދަނޑީގައި ހިފައި ތަންތަން ހުޅުވައި ބަލައި އޭނާއަށް ފެންނަ ހެޔޮ ބަދަލެއް ގެނެސް ހަމަޖައްސައި ގޭގެ ވެރިއެއްގެ ގޮތުގައި އުޅެން ފަށައިފިއެވެ.

"ދެ ދުވަހެއްގެ ފަހުން ސަކީނާ، ޢަލީގެ މަންމަ ގާތުގައި ބުނަނީ، 'މަންމާއެވެ. އެއްގޮތަކަށްވެސް މަންމަ ބަދިގެއަށް ވަދެ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ. އަހަރެން ގަދަވެ ސަލާމަތުން ހުރިއްޔާ ހުރިހައި ކަމެއްވެސް ކުރާނަމެވެ. މަންމަ ދެއިރު ފެންވަރައި ސާފު ތާހިރުވެ ނަމާދުކޮށް އަޅުކަން ކޮށްލައިގެން އިންނިކޮށް އެވީއެވެ."

މިއީ، ދިވެހި އާދަކާދަތަކާއި މައިންބަފައިންނާއި ދަރީންނާއި ދަނބިދަރީންގެ މެދުގައިވެސް ގުޅުން އޮންނާވީ ރީތި އާދަތައް ދައްކައިދޭ ވަރަށްވެސް އަސަރުގަދަ ރީތި މިސާލެއް ފެންނަ ވާހަކަކޮޅެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ، މިއަދު ދިވެހި މުޖްތަމަޢުން ނެތެމުން ގެއްލެމުން ދާ ސިފަތަކެކެވެ. މިފަަދަ ވާހަކަތައް ކިޔައި އަޚުލާޤީ ސިފަތަކާއި އަދަބީ ފިލާވަޅުތައް ލިބިގަތުމުން، އަޅުގަނޑު މި ކުރާ މައްސަކަތުގެ އަގު އަޅުގަނޑަށް ލިބުނީއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.