Support Us

އިސްރާފު: އޭގެ ބާވަތްތަކާއި ސަބަބުތައް

އިސްރާފުގެ މަފްހޫމު

އިސްރާފު (إسراف) މި ކަލިމައަކީ އަސްލު ޢަރަބިބަހެކެވެ. އިސްރާފުގެ ބަހަވީ މާނައަކީ ޙައްދުފަހަނަޅައި ދިޔުމެވެ.

ޢިލްމުވެރިންގެ އިޞްޠިލާޙުގައި އިސްރާފަކީ ބަހާއި ޢަމަލުގައި ﷲ ޙަލާލު ކުރައްވައިފައިވާ މިންވަރު ފަހަނަޅައި ދިޔުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ- الأعراف: 31- އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.))

ބައެއް ސަލަފުން ވިދާޅުވާ ގޮތުގައި މި އާޔަތުގައި އައިސްފައިވާ  ބަސްފުޅަކީ ބޭސްފަރުވާގެ  ދެބައިކުޅަ އެއްބައެވެ.

ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((كُلوا واشرَبوا والبَسوا وتصدَّقوا في غيرِ إسرافٍ ولا مَخيلَةٍ – أخرجه النسائي (٢٥٥٩)، وابن ماجه (٣٦٠٥) واللفظ له، وأحمد (٦٦٩٥)– ތިޔަބައިމީހުން ކައި ބޮއި ފޭރާންލައި އުޅޭށެވެ! އިސްރާފުކުރުމެއް އަދި ބޮޑާކަމެއްނެތިއެވެ.))

އިސްރާފުގެ މާނަތަކުގެ ތެރެއިން 

ކީރިތި ޤުރްއާނުގައި އިސްރާފުގެ މާނަ ތަފާތު ހަ ގޮތަކަށް އައިސްފައި ވެއެވެ. އެއީ:

ފުދޭ މިންވަރަށްވުރެ އަދި ޝަރްޢުގައި ކަނޑައަޅުއްވާފައި މިންވަރަށްވުރެ އިތުރުވުން މާތްﷲ ވަޙީކުރެއްވިއެވެ. ((يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ – الأعراف: 31- އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.))

  • ޝަރީކުކުރުން. މާތްﷲ ވަޙީކުރެއްވިއެވެ. ((وَأَنَّ الْمُسْرِفِينَ هُمْ أَصْحَابُ النَّارِ- غافر: 43– (ފުރެދުމުގައި) ހައްދުފަހަނަޅައިދާ މީހުންނީ، ހަމަ ނަރަކައިގެ أهل ވެރިންނެވެ.))
  • ޙަލާލު ފަހަނަޅައިގޮސް ޙަރާމަށް ދިޔުން. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَابْتَلُوا الْيَتَامَى حَتَّى إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُمْ مِنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ وَلَا تَأْكُلُوهَا إِسْرَافًا وَبِدَارًا أَنْ يَكْبَرُوا وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ وَمَنْ كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَالَهُمْ فَأَشْهِدُوا عَلَيْهِمْ وَكَفَى بِاللَّهِ حَسِيبًا- النساء: 6- އަދި، ތިޔަބައިމީހުން يتيم ކުދިންގެ ގޮތް ބަލާށެވެ! އެކުދިން ކާވެނި ފުރާވަރަށް ދާނދެނެވެ. ފަހެ، (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެއުރެންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ! އަދި، إسرافގެ ގޮތުންނާއި، އެކުދިން ބޮޑެތި ވެދާނެތީ (ބިރުން) އަވަސްވެގަނެގެން، ތިޔަބައިމީހުން އެ މުދާ ނުކާށެވެ! މުއްސަންޖަކު ކަމުގައި ވެއްޖެމީހާ، عفة ތެރި ވާހުށިކަމެވެ! (އެބަހީ: އެ މުދަލުގައި ނުޖެހޭ ހުށިކަމެވެ!) އަދި، فقير އަކުކަމުގައި ވެއްޖެމީހާ، ހެޔޮ ރަނގަޅު ގޮތުގައި (އެ މުދަލުން) ކާހުށިކަމެވެ! ފަހެ، އެއުރެންގެ މުދާތައް، ތިޔަބައިމީހުން އެއުރެންނަށް ދޭހިނދު، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ހެކިކުރާށެވެ! حساب ބައްލަވަނިވި ކަލަކު ކަމުގައި اللَّه ފުދެއެވެ.))
  • ޝަރްޢީގޮތުން ކުރަންޖެހޭ ކަމެއް ކުރުމުގައި އެކަމުގެ އިން ފަހަނަޅައިދިޔުން.މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَمَنْ قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِفْ فِي الْقَتْلِ إِنَّهُ كَانَ مَنْصُورًا- الإسراء: 33- އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ.))
  • ހޭދަކުރުމާއި ޚަރަދުކުރުމުގައި އިސްރާފުކުރުން. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَالَّذِينَ إِذَا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَلِكَ قَوَامًا- الفرقان: 67- އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.))
  • އުރެދުމާއި ނުކިޔަމަންތެރިކަމުގައި ޙައްދުފަހަނަޅައިދިޔުން. މާތް ﷲ ވަޙީކުރެއްވިއެވެ. ((قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ- الزمر:53- ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.))

އިސްރާފުކުރުން ޙަރާންކުރެއްވުމުގެ ޙިކްމަތް

ޙަރާންކުރެއްވުމުގެ ޙިކްމަތްތަކުގެ ތެރޭގައި ޢިލްމުވެރިން ފާހަގަކުރައްވާ ބައެއް ކަންތައްތައް

  • ގިނައިން ކައިބޮއިހެދުމުގެ ސަބަބުން ކުރިމަތިވާ ބަލިތަކުން ފަރްދުންނާއި މުޖްތަމަޢު ރައްކައުތެރިކުރުން.
  • ފަރްދުންނާއި މުދާ ރައްކައުތެރިކުރުން
  • ފިތުނައާއި ޙަސަދައާއި ނީހައިން މުޖްތަމަޢު ރައްކައުތެރިކޮށް އަމާންކުރުން

އިސްރާފުގެ ބާވަތްތައް

މުޖްތަމަޢުގެ ތެރެއަށް ފޭދިފައިވާ އިސްރާފުގެ ބާވަތްތައް ވަރަށް ގިނައެވެ. އޭގެތެރޭގައި:

  • ގެވެހި އިސްރާފު: ގޭތެރޭގެ އިސްރާފުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ފެނުގެ އިސްރާފެވެ. ވުޟޫކުރުމުގައްޔާއި ފެންވެރުމުގައި ފެން ވަރަށް ބޮޑަށް އިސްރާފު ކުރެވޭތަން ފެނެއެވެ. ކީރިތި ރަސޫލާ ﷺ ވުޟޫކުރައްވައިފައި ވަނީ ލިޓަރެއްހާ ފެނުންނެވެ. ނާނޭފުޅު ފިއްލަވައިފައިވަނީ ހަތަރުވަރަކަށް ލިޓަރުންނެވެ.
  • ގެވެހި އިސްރާފުގެ ތެރޭގައި ހިމެނޭ ދެވަނަ ކަމަކީ ކަރަންޓެވެ. ބޭނުންނެތް ބޮކިތަކާއި އެއަރކޯންތައް އޮންކޮށްފައި ހުންނަނީ މަދެއްކޮށްނޫނެވެ. ކަރަންޓު ބިލް ލިބުނީމާ އެކަމާމެދު ހިތާމަފާޅުކުރުމުގެ ބޭނުމެއްނެތެވެ. ގެވެހި އިސްރާފުގެ ތެރޭގައި ކާބޯތަކެތީގެ އިސްރާފު ވެސް ހިމެނެއެވެ. ގޭގެ ފަރްދުންނަށް ކައި ހުސްނުކުރެވޭ ވަރަށް ގޭގައި ކެއްކުމާއި ހޮޓާހޮޓަލުން އޯޑަރުކޮށްގެން ގެއަށް ގެނައުން ވެއެވެ. ކީރިތި ރަސޫލާ ﷺ  ޙަދީސް ކުރެއްވިއެވެ. ((ما ملَأ آدميٌّ وعاءً شرًّا مِن بطنٍ، حسبُك يا ابنَ آدَمَ لُقيماتٍ يُقِمْنَ صُلبَك فإنْ كان لا بدَّ فثُلُثٌ طعامٌ وثُلُثٌ شرابٌ وثُلُثٌ نَفَسٌ- أخرجه الترمذي (٢٣٨٠)، وابن ماجه (٣٣٤٩)، وأحمد (١٧١٨٦)- އާދަމުގެދަރިޔާ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރަތެވެ. އޭ އާދަމުގެދަރިޔާއެޥެ! ތިބާއަށް ތިބާގެ ބުރިކަށި ކޮއްޅަށް ބަހައްޓާދޭނޭ ސުވާކޮޅެއް ފުދެއެވެ. ކޮންމެހެން ބޭނުންވެއްޖެނަމަ ތިންބައިކުޅަ އެއްބައި ކެއިމަށެވެ. ތިންބައިކުޅަ އެއްބައި ބުއިމަށެވެ. ތިންބައިކުޅަ އެއްބައި ނޭވާލުމަށެވެ.))
  • ބާޒާރުމަތީގެ އިސްރާފު: ބާޒާރުގައި މުދަލުގެ އަގުބޮޑުވުމާއި، ވައްކަންކުރުމާއި ފިހާރަފެޅުން ގިނަވުމާއި، ފެންވަރު ދެރަ ޙަޤީޤަތާ ޚިލާފު މުދާތައް ގިނަވުން ފަދަ ކަންކަމަކީ ބާޒާރުމަތީގެ އިސްރާފުގެ ލިސްޓުގައި ހިމެނޭ ކަންތައްތަކެކެވެ. ހިސާބަށްވުރެ ގިނައިން ބާޒާރުކުރުމަކީ ވެސް އިސްރާފުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ގަންނަން ބޭނުންވާ އެއްޗެހި ނޯޓުކޮށްގެން ބާޒާރަށް ގޮސް އަންނަ އިރު ގަންނަ އެއްޗެހީގައި ގިނައިން ހުންނަނީ ލިސްޓުގައި ނެތް އެއްޗެއްސެވެ.
  • އުޅަނދު އިސްރާފު: ކާރުތަކާއި ސައިކަލްތައް ފަދަ މަގުމަތީ އުޅަނދުތައް ގިނަވުމުގެ ސަބަބުން މަގުމަތީގެ ޙާދިސާތައް ވަނީ އިތުރުވެފައެވެ. އުޅަނދުތަކުގެ އަގު ވަނީ އުފުލިފައެވެ. އެހެންކަމުން މަގުތައް ހެދުމަށާޢި ބެލެހެއްޓުމަށް ކުރަންޖެހޭ ހޭދަވަނީ އިތުރުވެ އިސްރާފަކަށް ވެފައެވެ.
  • ކާވެންޏާއި ކާވެނި ޙަފުލާތަކުގެ އިސްރާފު: މިހާރަކަށް އައިސް ކާވެނި ޙަފްލާތައް ބޭއްވެނީ ވަރަށް ދެއްކުންތެރި ގޮތަކަށެވެ. ކާވެނި ކުރާ ދެ މީހުންގެ ހެދުމަށާއި ނަލަވުމަށް ކުރާ ޚަރަދު ވަރަށް އިސްރާފެވެ. މި ޕާޓީއަށް ދާ މީހުން ވެސް ވަކި ކުލައެއްގެ ހެދުމެއް ލައިގެން ޕާޓީގައި ބައިވެރިވާތަން ފެނެއެވެ. ޙަޤީޤަތަށް ބަލާއިރު މިއީ އުފާފާޅުކުރުމުގެ ރޫޙާ ޚިލާފު ކަމެކެވެ. ކީރިތި ރަސޫލާ ﷺ އަންގަވަނީ ދެއްކުމެއްނެތި ފޭރާންލައި އުޅުމަށެވެ. ކާވެނީގެ ވަލީމާއަށް ޚަރަދު ކުރަނީ ވެސް ތިމާގެ އަތުގައި ހުރިވަރު ނުބަލައެވެ. ބައެއްފަހަރަށް ދަރަނި ވެސް ނަގައިގެންނެވެ.
  • ރަމަޟާން މަހުގެ އިސްރާފުތައް: ރަމަޟާންމަހު ރޯދަވީއްލުމަށްޓަކައި ތަފާތު އެތައް ބާވަތްތަކެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެކެވެ. މީސްމީޑިއާ މެދުވެރިކޮށް، މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަން ވެސް ފެނެއެވެ. މީގެތެރެއިން އެމީހުންނަށް ކައިބޮއި ހެދެނީ ވަރަށް މަދު އެތިކޮޅެކެވެ. ގިނަ އެއްޗެހިތައް އުކާލެވެނީ ކުނިގޮނޑަށެވެ. މިއީ ބޮޑު އިސްރާފެކެވެ. އިސްރާފުކުރުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ. އެއީ ޝައިޠާނާގެ ކަމެކެވެ. މާތްﷲ ކެއުމާއި ބުއިން ހުއްދަކުރެއްވިއިރު އިސްރާފުނުކުރުމަށް އެންގެވިއެވެ. ރޯދައަކީ ހަށިގަނޑު ދުޅަހެޔޮކޮށްދޭ އަޅުކަމެކެވެ. އެކަމަކު ރޯދައިން މި މަޤްޞަދު ޙާޞިލުކުރެވޭނީ އިސްރާފުކުރުމާ ދުރުހެލިވެގެންނެވެ. ރޯދައަކީ ޢާއިލާގެ ޖީބަށް ފިއްތައި ބާރުކުރާ އެއްޗެއް ވެސް ނޫނެވެ. ތިން އިރުގެ ކޮއްތު ދެ އިރަށް ބަދަލުވުމުން ރަމަޟާންމަހުގައި ޚަރަދުތައް ކުޑަވަންޖެހޭނެއެވެ. ކީރިތި ރަސޫލާ ﷺގެ ސުންނަތަށް ބަލާލަމާ ހިނގާށެވެ! އެކަލޭގެފާނު ރޯދަފުޅު ވީއްލަވާފައިވަނީ ކަދުރުކޮޅަކުންނެވެ. ކަދުރުކޮޅެއް ލިބިވަޑައިނުގަތްފިނަމަ ކިރުފޮދަކުންނެވެ. ކިރުފޮދެއް ލިބިވަޑައިނުގަތްފިނަމަ ފެންފޮދަކުންނެވެ. ކަދުރާއި ކިރަކީ ހަށިގަނޑަށް ފައިދާހުރި ކާނާތަކެކެވެ.
  • ވާހަކައިގެ އިސްރާފު: ހަސްފަތާލުގައި އޮންނަ ބަލިމީހާއަށް ގޮވައިލަން ގޮސް އޭނާގެ ގާތުގައި ޔޯލަ ވާހަކަތައް ދެއްކުމަކީ އިސްރާފެކެވެ. އަދަބާ ޚިލާފު ކަމެކެވެ. ބަލިމީހާއަށް ގޮވައިލަންގޮސް އޭނާ ހިތުގައި ޖެހިދާނެފަދަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކޮށްލައިފައި އަވަހަށް ނުކުންނާށެވެ.
  • ފަންނިއްޔަތުގެ ވަސީލަތުގެ އިސްރާފު: މި ޒަމާނުގައި ވަރަށް ގިނަ ބަޔަކު ވަރަށް ގިނަ އިރު ޒަމާނީ ފަންނިއްޔަތުގެ އާވާރާގައި ހޭދަކުރެއެވެ. ޓީވީ ބެލުމުގައްޔާއި ޔޫޓިޔުބުން ފިލްމުތައް ބެލުމުގައްޔާއި ފޭސްބުކާއި ވަޓްސްއަޕްފަދަ މީސްމީޑިޔާގެ އޮޅިތަކަށް ވަދެގެން ހޭދާކުރާ ވަގުތުތަކަކީ ވަގުތުގެ އިސްރާގފެވެ. ވާހަކައިގެ އިސްރާފެވެ. މިއަދު މޯބައިލް ފޯނާ ވަކިވެގެންދާ ވަގުތުކޮޅު ވަރަށް ކުޑައެވެ. މަގުމަތީގައި އުޅޭއިރުގައްޔާއި އޮފީހުގައި މަސައްކަތް ކުރާއިރުގައްޔާއި ތަންތަނަށްދާއިރުގައްޔާއި އުޅަނދުމަތީގައި މި ފޯނުގެ އަޅުވެތިކަމުން  މިނިވަންވެވޭތަނެއް ނާދެއެވެ. ފޯނު މެދުވެރިކޮށް ބަދަލުކުރެވޭ ވާހަކަތަކުގެ އިސްރާފުގައި ގިނައީ އިސްލާމްދީން މަނާކުރާ ޣީބަބުނުމާއި ފުރައްސާރަކުރުމާއި މަލާމާތްކުރުން ފަދަ ޢަމަލުތަކެވެ. މި ކަމުގެ ސަބަބުން ﷲ ހަނދުމަކުރެވޭލެއް ކުޑަވެގެންދެއެވެ. ނަމާދު އެޅޭތަން އާދެއެވެ. ޢާއިލާގެ ވާޖިބުތައް އިހްމާލު ކުރެވެއެވެ.

އިސްރާފުގެ ސަބަބުތައް

މީސްތަކުން އިސްރާފުކުރަނީ ވަރަށް ގިނަ ސަބަބުތަކަކާ ހެދިއެވެ. އޭގެ ތެރޭގައި:

  • އީމާންކަމުގެ ތަރްބިޔަތު ކުޑަކަމާއި ދޯހަޅިކަން. އިންސާނާ މާތްﷲއަށް ބިރުވެތިވާނަމަ އެކަލާނގެ ޙަރާންކުރެއްވި ކަމެއް ނުކުރާނެތެވެ.
  • މީހުން ކޮޕީ ކުރާހިތްވުން
  • ކަންދެއްކުމަށާއި މަޝްހޫރުވުމަށް ލޯބިކުރުން
  • އިސްރާފުވެރިންނާއެކު އުޅުން
  • ހިތްހަރުކަން
  • ދިރިއުޅޭ ވެށި ހަމަމަގުން ކަސިޔާރުވެފައިވުން

އިސްރާފުވެރިންގެ މައްޗަށް އައިސްފައިވާ ޢުޤޫބާތްތައް

  • މުސްރިފުން މަގުފުރެއްދެވުން: މާތްﷲ ވަޙީ ކުރެއްވިއެވެ. ((وَقَالَ رَجُلٌ مُؤْمِنٌ مِنْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ اللَّهُ وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ وَإِنْ يَكُ كَاذِبًا فَعَلَيْهِ كَذِبُهُ وَإِنْ يَكُ صَادِقًا يُصِبْكُمْ بَعْضُ الَّذِي يَعِدُكُمْ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ- غافر: 28- فرعون ގެ خاندان ގެ މީހުންކުރެ إيمان ކަން ވަންހަނާކޮށްގެން ހުރި مؤمن ފިރިހެނަކު ބުންޏެވެ. ތިޔަބައިމީހުން ފިރިހެނަކު (އެބަހީ: موسى ގެފާނު) ތިޔަ قتل ކުރަން އުޅެނީ ތިމަންގެ ވެރިރަސްކަލާނގެއީ، اللَّه އޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. އަދި އެކަލޭގެފާނު ދޮގުވެރިޔެއް ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުންހުރީ ހަމައެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނީ ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު ތިޔަބައިމީހުންނަށް އެ وعد ކުރައްވާ ކަންތަކުން ބައެއް ތިޔަބައިމީހުންނަށް ޖެހޭނެތެވެ. ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.)) ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((وَلَقَدْ جَاءَكُمْ يُوسُفُ مِنْ قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِمَّا جَاءَكُمْ بِهِ حَتَّى إِذَا هَلَكَ قُلْتُمْ لَنْ يَبْعَثَ اللَّهُ مِنْ بَعْدِهِ رَسُولًا كَذَلِكَ يُضِلُّ اللَّهُ مَنْ هُوَ مُسْرِفٌ مُرْتَابٌ- غافر: 34- ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެ ކުރިން يوسف ގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން شك ކަމެއްގައި ދެމިތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާނދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު اللَّه، رسول އަކު ނުފޮނުއްވާނެތެވެ. އިސްރާފުކޮށް، شك ކުރުން ގިނަކަމުގައިވާމީހާ، اللَّه މަގުފުރައްދަވަނީ އެފަދައިންނެވެ.))
  • އިސްރާފުކުރާ މީހުންނަށް އެމީހުންގެ ޢަމަލުތައް ޒީނަތްތެރިކޮށްދިނުން: އަރަހުށި ﷲ ވަޙީކުރެއްވިއެވެ. ((وَإِذَا مَسَّ الْإِنْسَانَ الضُّرُّ دَعَانَا لِجَنْبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَنْ لَمْ يَدْعُنَا إِلَى ضُرٍّ مَسَّهُ كَذَلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ- يونس: 12- އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. كافر ންނަށް އެއުރެން ކޮށްއުޅުނު عمل ތައް ޒީނަތްތެރި ކުރައްވާފައިވަނީ އެފަދައިންނެވެ.))
  • އިސްރާފުކުރާ މީހުން ވާނީ ފިރްޢައުނުފަދަ ނުބައި މީހުންނާއެކުގައެވެ. އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَمَا آمَنَ لِمُوسَى إِلَّا ذُرِّيَّةٌ مِنْ قَوْمِهِ عَلَى خَوْفٍ مِنْ فِرْعَوْنَ وَمَلَئِهِمْ أَنْ يَفْتِنَهُمْ وَإِنَّ فِرْعَوْنَ لَعَالٍ فِي الْأَرْضِ وَإِنَّهُ لَمِنَ الْمُسْرِفِينَ- يونس: 83- ފަހެ، موسى ގެފާނަށް އެކަލޭގެފާނުގެ قومގެ ބައެއް ދަރިކޮޅު މެނުވީ إيمان އެއް ނުވެތެވެ. (އެއީ) فرعون އާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެއުރެންނަށް އަނިޔާކޮށް، دين ން އެއްކިބާކޮށްފާނެ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، فرعون އަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި فساد ވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ.)) އެބަހީ އިސްރާފުވެރިންގެ ތެރޭގައެވެ.
  • އިސްރާފުކުރާ މީހުން ހަލާކުކުރައްވާ މީހުންގެ ތެރޭގައިވުން. ﷲ ޖައްލަ ޖަލާލުހޫ ވަޙީ ކުރެއްވިއެވެ. ((ثُمَّ صَدَقْنَاهُمُ الْوَعْدَ فَأَنْجَيْنَاهُمْ وَمَنْ نَشَاءُ وَأَهْلَكْنَا الْمُسْرِفِينَ- الأنبياء: 9- ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وعد ފުއްދަވައި ދެއްވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެބޭކަލުންނާއި، ތިމަންރަސްކަލާނގެ އިރާދަކުރެއްވި ބަޔަކު ސަލާމަތްކުރެއްވީމެވެ. އަދި (ފުރެދުމުގައި) ހައްދުފަހަނަޅައި ދިޔަމީހުން ހަލާކުކުރެއްވީމެވެ.))
  • ޝަރީކުކުރުމުގައި އިސްރާފުވެރިންނަކީ ނަރަކައިގެ އަހްލުވެރިން. މާތްﷲ ވަޙީކުރެއްވިއެވެ. ((لاَ جَرَمَ أَنَّمَا تَدْعُونَنِي إِلَيْهِ لَيْسَ لَهُ دَعْوَةٌ فِي الدُّنْيَا وَلَا فِي الْآخِرَةِ وَأَنَّ مَرَدَّنَا إِلَى اللَّهِ وَأَنَّ الْمُسْرِفِينَ هُمْ أَصْحَابُ النَّارِ- غافر:43- شك އެއްނެތެވެ! ތިޔަބައިމީހުން އަހުރެން އަޅުކަންކުރުމަށް ތިޔަގޮވަނީ ދުނިޔޭގައިވެސް، އަދި آخرة ގައިވެސް އެއަށް ގޮވުން حق ވެގެންވާ އެއްޗަކަށް ނޫނެވެ. އަދި އަހުރެމެން އެނބުރިދާހުށީ، اللَّه ގެ حضرة އަށެވެ. (ފުރެދުމުގައި) ހައްދުފަހަނަޅައިދާ މީހުންނީ، ހަމަ ނަރަކައިގެ أهل ވެރިންނެވެ.))

އިސްރާފުން ރައްކައުތެރިވުން

އިސްރާފުކުރުމުގެ ވަބާއިން ރައްކައުތެރިވެވޭނެ މަގުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:

  • ހޭދަކުރުމުގައި މެދުމިންވަރަށް ތަބާވާ މީހުން ދެކެ މާތްﷲ ލޯބިވެވޮޑިގަންނަވާ ދަތުން: މާތްﷲ ވަޙީކުރެއްވިއެވެ. ((وَالَّذِينَ إِذَا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَلِكَ قَوَامًا- الفرقان: 67- އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.))
  • ޖާހިލުކަމުން ހޭލުންތެރިވުން. މި ފަދަ ހޭލުންތެރިކަމެއް ނެތްނަމަ އިސްރާފުގެ ދަލުގައި ޖެހިދާނެއެވެ.
  • ދުޢާއަކީ މުއުމިނާގެ ހަތިޔާރުކަން ދަނެ އިސްރާފުކުރުމުގެ ވަބާއިން ރައްކައުތެރިކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތަށް ދުޢާކުރުން ގިނަކުރުން.
  • މާޔޫސްނުވެ ﷲގެ ޙަޟްރަތުން ފާފަފުއްސަވާ ދެއްވުމަށް އެދުން .މާތް ﷲ ވަޙީ ކުރެއްވިއެވެ. ((قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ- الزمر: 53- ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.))
  • ރޭޑިއޯ ޓީވީއާއި މީސްމީޑިޔާއާއި މީސްމީޑިޔާގެ ތަފާތު ވަސީލަތްތަކުން މީސްތަކުން ހޭލުންތެރިކުރުވުމަށް އިރްޝާދު ދިނުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *