މި ހިނގާ 2024 ވަނަ އަހަރަށް ފަލަކީ ނަޒަރުން ކަޅިއެއް އެއްލާއިރު އެންމެ ފުރަތަމަވެސް އަޅައިގަންނަނީ އަހަރުގެ ފުރަތަމަ އައުހުޅެވީގައެވެ. ނުވަތަ ފުރަތަމަ ނިއުމޫންގައެވެ. މިއަދު، ޖަނަވަރީ 11ގައި އުފަންވާ އައު ހުޅެތްވަށެވެ. ނިޔަމީ ނަޒަރުން އެކަމަށް ކަޅިއެއް އެއްލާއިރު، ފެންނަނީ ހިޖްރީ އަހަރުގެ ރަޖަބުމަސް ފެށުމަށް އެއްއުއިވާ އެއްއުއިވުން ކަމެވެ. އެކަން ހިނގަނީ އެ ދުވަހު ޖީ.އެމް.ޓީ. އިން 11:57 ގައި އެކަމެވެ. އެއީ، މާލޭގަޑި އެ ދުވަހުގެ 16:57 ކަމެވެ.
އެ ދުވަހަކީ، އިރާއި ހަނދު ދުނިޔެއަށް ފެންނަ ސައިޒު އެއްވަރުވެފައި، ސިކުންތުކޮޅެއް ހަނދު ފަސްވާކަން ފިޔަވައި އޮއްސުމުގައިވެސް އިރާއި ހަނދު އެއްވަރު ދުވަހެކެވެ. މާލެއަށް އެދުވަހު އިރު އޮއްސެނީ 18:11 ގައެވެ. ހަނދު އޮއްސެނީވެސް 18:11 ގައެވެ. އެހެންކަމުން، ނިޔަމީ ކަމުގެ ޙިސާބާއި އިންޓަނެޓްގެ ޒަރީޢާއިން، ހަނދު ފަސްވާ ސިކުންތުކޮޅު ދެނެގަނެވުނެއް ކަމަކު، އެދުވަހު އިިރު އޮއްސުމުގެ ފަހަކުން ރާއްޖޭގެ އެއްވެސް ރަށަކަށް ހަމަލޮލަށާއި ޓެލެސްކޯޕް ފަދަ އާލާތަކުން ވެސް ހުޅެވިހަނދެއް، ނުވަތަ ހަނދުގެ ހުޅެތްވެއް ވެސް، ސަތަހައިގެ މަތީގައި ހުއްޓައެއް ނުފެންނާނެއެވެ. އަދި އެ ދުވަހަކީ، ހިނގަމުންދާ ހިޖްރީ މައްސަރު ކަމުގައިވާ ޖުމާދަލް އާޚިރާ މަހުގެ 29 ވަނަ ދުވަސް ކަމަށްވާތީ، އެހެން އެކަންކަން ހުރުމުން ޖެހިގެން އަންނަ ހުކުރު ދުވަހަކީ، ޖުމާދަލް އާޚިރާ މަހުގެ 30 ވަނަ ދުވަސްކަމުގައި ވެފައިވަނީއެވެ.
އެއްއުއި ވާ ދުވަހަކާ ޖެހިގެން އަންނަ ދުވަސް ހިޖްރީ މަހެއްގެ ފުރަތަމަ ދުވަހަށްވަނީ، އެ ދުވަހެއްގެ އިރު އޮއްސޭ ވަގުތުގެ ފަހުން ހަނދުގެ ހުޅެވި ނުވަތަ ހުޅެވިހަނދު ލޮލަށް ފެނި ސާބިތުވެގެންނާއި، ނުވަތަ އިރަށްވުރެން ހަނދު އެދުވަހު އޮއްސެނީ ފަހުންކަން ނިޔަމީ ޙިސާބަށް ކަށަވަރުވެ ސާބިތުވެގެންނާއި، އިސްލާމީ ގައުމަކަށް ހަނދު ލެއްވިކަން ކަށަވަރުވެގެން ގައުމުގެ ސަރުކާރުން އެކަން އެގޮތަށް ކަނޑައަޅުއްވައި އިޢުލާނު ކުރެއްވުމުންނެވެ.
އަދި މި އަހަރު ހިފާ ކޭތަތަކަށް ބަލައިލާއިރު ހަތަރު ކޭތައެއް ހިފައެވެ. ދެ ހަނދުކޭތައާއި ދެ އިރު ކޭތައެވެ. އޭގެ ތެރެއިން ރާއްޖެ އޮންނަ ސަރަޙައްދަށް ހިފާނީ ހަމަ އެކަނި ސެޕްޓެމްބަރު 17-18 އަށް ހިފާ ފަނޑުހިޔަނި ހަނދުކޭތައެވެ. މިކޭތަ މުޅި އެމެރިކާއަށާއި ގްރީންލޭންޑަށާއި ޔޫރަޕަށާއި މެދުއިރުމައްޗަށާއި އޭސިޔާގެ ބޮޑު ބަޔަކަށާއި ޕެސިފިކް އޯޝަންގެ އިރުމަތީ ފަޅިއަށާއި އެޓްލާންޓީކް އޯޝަނަށާއި އިންޑިއަން އޯޝަންގެ ހުޅަނގުފަޅިއަށް ހިފާނެއެވެ. ނަމަވެސް މިއީ ވެސް ފަނޑުހިޔަނީގެ ކޭތައަކަށްވާތީ ބައެއް ހުޅަނގުގެ ގައުމުތަކަށް ހަނދުގެ އަރިމަތިން ވަރަށް ކުޑަކުޑަ މިންވަރަކަށް ރަތްކުލަވަރެއް އަރާފައިވާތަން ފެނުން ފިޔަވައި މިކޭތަވެސް ނުއެއް ފެންނާނެއެވެ.
މާރިޗު 25ގައި ވެސް ހިފާނީ ފަނޑުހިޔަނި ހަނދުކޭތައެވެ. އެ ކޭތަ ރާއްޖޭގެ އެއްވެސް ޙިސާބަކަށް ލޮލަކަށް ނުއެއް ފެންނާނެއެވެ. މިކޭތަ ހިފާ ސަރަޙައްދު ތަކަކީ، އެމެރިކާއާއި އެފްރިކާގެ ހުޅަނގު ބައިގެ ސަރަޙައްދުތަކާއި އޮސްޓްރޭލިޔާއާއި އިންޑޮނޭޝިޔާއާއި ޗައިނާގެ އިރުމަތީ ސަރަޙައްދު ތަކަށެވެ.
އޭޕްރީލް 8ގައި ހިފާނީ ފުރިހަމަ އިރުކޭތައެކެވެ. މިކޭތަ ޕެސިފިކް އޯޝަންގެ އިރުމަތީ ބަޔަށާއި އުތުރު އެމެރިކާއާއި އެޓްލާންޓިކް އޯޝަނަށާއި އިނގިރޭސިވިލާތަށް ފެންނާނެއެވެ.
އޮކްޓޯބަރު 2ގައި ހިފާނީ ރިންގު ކޭތައެކެވެ. މި ކޭތަ ދެކުނު އެމެރިކާގެ ދެކުނު ބަޔަށާއި ޕެސިފިކް އޯޝަންގެ އިރުމަތީ ބަޔަށް ފެންނާނެއެވެ. މިކޭތައިގެ ރިންގު ޗިލީއަށާއި އާޖެންޓީނާއަށް ފުރިހަމައަށް ފެންނާނެއެވެ.
އުޑުމަތީން އެއްތަނަކުން ކުދިކުދި ގިނަހިލައިގެ ކަނިތަކެއްގެ ޙަރަކާތެއް ޖަނަވަރީ 4-5 އަށާއި އޭޕްރީލް 22-23 އަށް ފެނުމުގެ ދެ ފުރުޞަތު މިއަހަރު ވެސް ލިބޭނެއެވެ. ޖަނަވަރީގެ ޙަރަކާތްތައްވަނީ ފާއިތުވެ ގޮސްފައެވެ. އެކަމަކު އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ 11:00 ގެ ފަހުން ފަތިހަށް އުދަރެސް ދޮންކުލަވަރު އަރައި ކުދިކުދި ތަރިތަކުގެ އަލިކަން ފަނޑުވުމާ ހަމައަށް "ވެގާ" ތަރި ކައިރިން އުތުރު ފަރާތުން 50 ދަރަޖަ އުސްމުނެއްގައި މެންދަމު ރީތިކޮށް އެ ޙަރަކާތް ފެންނާނެއެވެ.
މިނޫނަސް ހުނގާ މޫސުމީ ކަންކަތް އެބަ ހުއްޓެވެ.

One Response
ރާއްޖޭގެ ކަލަންޑަރުން ދައްކަނީ ޖުމާދަލްއާޚިރާ މަސް އޮނަތިރީސް ކަމަށް. ކިހިނެތް ހިސާބުކުރާތީ ދިމާވާ މައްސަލައެއް ކަން ތަފުސީލުކޮށް ބަޔާންކޮށް ދެއްވިދާނެތޯ؟