Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފޮތްފޮތުން- 2

"ފޮތްފޮތުން" މި ސުރުޚީގެ ދަށުން އަޅުގަނޑު ސިލްސިލާކޮށް ލިޔާންފެށި ލިޔުންކޮޅުތަކުން މި ލިޔުމުގައިވެސް ގަސްތުކުރަނީ ރައިވަރާބެހޭ ގޮތުން އެއްޗެއް ލިޔެލާށެވެ. ސަބަބަކީ ރައިވަރާމެދު ފުރަތަމަ ދެކެމުން އައިގޮތް ވަކި ހިސާބަކުން ބަދަލުވާންފެށި ދުވަސްވަރެއް އައިކަމަކު ރައިވަރަކީ ނޭދެވޭ ޒާތުގެ އެއްޗެއް ނޫންކަން ހާމަކުރުމެވެ.

އެގޮތުން މި ލިޔުމުގައި ހުށަހަޅައިދޭނީ ބޮޑުފެންވަޅުގޭ ސީދީގެ ރަންތަރާދުގެ 12 ވަނަ ޞަފްޙާއިން ފެށިގެން 16 ވަނަ ޞަފްޙާގެ ނިޔަލަށް ލިޔުއްވާފައިވާ ވާހަކަކޮޅެވެ.

"ރައިވަރަށްވެސް އަޅުގަނޑުމެން ހަނދާނަށް އައިއިރު ވެފައިއޮތް ގޮތަކީ، އިހުމީހުން ރައިވަރުން އަދާކޮށް އުޅުނު އިތުރު މަޤްޞަދުތައް ގެއްލި، ހަމައެކަނި ޢައްޔާޝީ ނުވަތަ ބަދުމަޢާޝީ ކަމުގެ ބޭނުމު ގެންގުޅޭ ހަތިޔާރެއް ނުވަތަ އާލާތެއް ކަމުގައި ވުމެވެ!

"ހިތާމަވެރިކަމުގެ ކޮޅެއް ނެތެވެ!! ދެންވީގޮތަކީ ޤަދަރުހުރި މީހުންގެ މެދުގައި ރައިވަރަކީ އެއްވެސް ޤަދަރެއްހުރި އެއްޗެއްކަމަށް ނުވުމާއެކު އުފެދި ބޮޑުވަމުން އަންނަ ކުދީން ކިޔައި އުޅޭން ނުރަނގަޅު އެއްޗަކަށްވެ، އޭގެމަތީން މީހުން ފޫހިވީއެވެ!

"އެކަމަކު މިދާކު، އަޅުގަނޑުމެންގެ ގުލްޒާރުގެ ރޫޙުކަމުގައިވާ ރައީސް އަޞްރީ ބަހުން ދަންނަވާނަަމަ ދިވެހި ޤައުމީ ބަޠަލު އަލްއަމީރު މުޙައްމަދު އަމީން ޤައުމިއްޔަތަށް ބައްލަވައިލެއްވި ބެއްލެވުމެއްގެ ތާސީރުން ނޫންކަމެއް ނޭނެއެވެ. ދިވެހީން އަނެއްކާ އެމީހުންގެ ބަހާއި އަދަބުތަކަށް ވިސްނައި ހޯދާންއުޅޭތީ އެބަފެނެއެވެ. ކިތަންމެ ވަރަކަށް ތަންތަން ކޮޅައި ބަލައި ހޯދިޔަސް ރާއްޖޭގައި ލިޔުން މަދުކަމާއި ޗާޕުކުރުން ނެތްކަމުން އިހުގެ މޮޅުމީހުން ހެދި ރަނގަޅުހައި އެއްޗެތި ފެންނާކަށް ނެތެވެ. (ނޯޓް: 'މިދާކު' މިބަހުގެ މާނައަކީ، ފާއިތުގެ ގޮސްފައިވާ މާ ދުރުނޫން ދުވަހެއް ނުވަތަ ދުވަސްރެވެ. ޢރލ).

ފެންނާން ހުރިހައި ވެސް އެއްޗަކީ،

1- ހުރައި މާރާދަ ކަލޭފާނު ހެއްދެވި ކަލާފާނު ރައިވަރު.

2- އެދުރު މާފަތް ކަލޭފާނު ހެއްދެވި ބޮޑުތައުޙީދު.

3- ހެއްދެވި ބޭކަލެއް ނޭނގޭ – ހޮޅީން ކޮރުބަންޑާރައިން ގެންދިޔަ ވާހަކަ.

4- ބަނޑޭރި ޙަސަން މަނިކުފާނު ހެއްދެވި – އަރުމާދު ފޮތް.

5- ބަނޑޭރި ޙަސަން މަނިކުފާނު ހެއްދެވި – ދިޔޯގެ ފޮތް.

"މި ހަތަރު ފަސް ފޮތެވެ. ދެން ފެންނާނީ ތޭރަވަނަ ސަތޭކައިގެ ފަހުކޮޅުގެ ނުވަތަ އޭގެ މިކޮޅުގެ ޅެންވެރީންގެ ރައިވަރެވެ. މިދެންނެވި ތަކެތި ފެންނާން ހުރިކަމީވެސް ޝުކުރު ކުރާހައި ކަމެކެވެ.

"މިއީ، ވަރަށް ތަނަވަސް މައުޟޫއެކެވެ. އެހެން ނަމަވެސް ކަންއޮތް ގޮތަކުން ފަސޭހައެއްކޮށް މި މައުޟޫޢުގެ މައްޗަށް އަލިއަޅުވައި ލެވޭކަށް ނެތެވެ. އެގޮތަކީ، މިކަމަށް ކުރާން ފެންނަ ކަމަކީ މަތީގައި މި ނަންގަނެވުނު ރައިވަރުތައް ފިސާރި ބަލައި ވިސްނައިގެން ރަނގަޅަށް ކުށް ފިލުވައި ލިއުމަށްފަހު އޭގެ ތެރެއިން ކަމަކަށް ފުދޭ ރައިވަރު ހޮވައި ނަގައި، އަޅުގަނޑުމެންގެ މިހާރުގެ ޝާޢިރުންނާއި ޝާޢިރާއިންގެ ކުރިމަތިފުޅަށް ހުރަހެޅުމެވެ. މާތްރަސްކަލާނގެ ރުއްސެވިއްޔާ އަޅުގަނޑަށް ވެވުނު ވަރަކުން މިކަންތައް ކުރާން ގަސްތުކޮށް މި ފަށައިގަތީއެވެ.

"އެހެން ނަމަވެސް މިކަމުން ފައިދާއެއް ކުރާނީ މަންފާއެއް ޙާޞިލުވާނީ އަޅުގަނޑުމެންގެ މިހާރުގެ ޅެންވެރީންގެ ހިތްޕުޅުތަކުގައި ދުވަހުއްސުރެ އާދަވެފައި ހުރިނަމަ ހުރިހައި ތަޤްލީދީ ފޫހިކަމާއި ތަޢައްޞުބުގެ ހުރަސް ނުވަތަ 'ގަދަކެއުޅު" ގެ ފަރުދާ ހިނދުކޮޅަކަށް ނަމަވެސް ނުވަތަ ވަގުތީ ގޮތަކުން ނަމަވެސް އެއްފަރާތްކޮށް ލައްވައިފައި ހަމަ ހެއުހިތްޕުޅުން މި ރައިވަރުތައް ހުރިގޮތާމެދު ވިސްނަވާ ބެއްލެވިއްޔާއެވެ! (ނޯޓް: މި ޕެރަގްރާފުގައި އޮތް 'ގަދަކެޔޮޅު' މި ބަހަކީ މަޖާޒެކެވެ. އެބަހުގެ މާނައަކީ، 'ތިމާއަށް ފެންނަގޮތް ދޫނުކުރާ މީހާ' އަދި 'އެހެން މީހުންގެ ލަފާ ގަބޫލު ނުކުރާ މީހާ' އެވެ. ޢރލ).

"އެއިރުން މާތްކަލާނގެ ރުއްސެވިއްޔާ މާ ގިނަދުވަސްތަކެއް ނުވެ، މި ރައިވަރުތައް ހެއްދެވި ޅެންވެރީންނަކަށް ވުރެ، މިހާރުގެ ޅެންވެރީން ރައިވަރު ހެއްދެވުމަކަށްވެސް ދަށެއް ނުވާނެއެވެ. އަދި ކީއްތޯއެވެ؟ މާ ކުރިޔަށް މާ ރީތިކޮށް ހެއްދެވޭނެއެވެ. وَاللهُ وَلِيُّ التَّوْفِيْقُ.

އެދުރު މާފްތަކަލޭފާނު:

1- އައިކި ބިސްމިﷲ ފައި

ގައިމަ ހިތުލޭ ވެތޭ އިންފަ

ށައިތައުޙީދު ގަތިއިންފަ

 

2- ޙަމްދު ކޮށްފައި ކަލާ ގޮށް

އަމުދުން ފަށައިފީމެ ގެންމި

ކަމުގައި ވާގި އެދިގެންމި

 

3- ނުހަނުކޮށް ޞަލަވާތް ފައި

އުހަލުން މަ މިކި ފެށީ ޔާށަ

މުޙައްމަދު ނަބިއްޔާ ށަ

 

4- ދާއިމު އަދައި ކިޔަމެ އަޅު

ރާއަބަސް ހެލި ހަ ހިނދު ދުލަށް

ވާށަ ސަލާމް އަބަދު ލައް

 

5- ވާސަ ރުއްސުން ކިޔަމެ ލައް

ޙާބުއަޞް ބޭކަލުން ނާއި

ޠާހިތު އާލު ތަކުނާއި

 

ހުރައި މާރަދަ ކަލޭފާނު:

1- ހަށައި ބިސްމި ޙަމްދުން

ފަށައި ޞަލަވާތަށް ފަހުން

މަށައިވުނު ވާހަކަ މަގުން

ކަށަވަރުން އެހުމަށް ކަތުން

އަށަމި ނިޔަ އައި އިތުރު ދަރަދު

ނަށަ ވިކަން ބުނަން ތަރަދު

(ނޯޓް މި ރައިވަރުގެ ފަތްބަހާއި ފަހު ބަހުގެ ފަހު ތިންއަކުރާއި އޭގެ ފިލި ތަފާތުވެފައި ވާތީ ފެނެއެވެ. އެއީ، ރައިވަރިގެ ގޮތެއް ނޫނެވެ. ރައިވާރު ދޭހަކުރުމުގައި އެކަން ހޯދުން މުހިއްމެވެ. ޢރލ).

2- ތާކު ނައިވަރެއް ބައި

ވާލުސައް މަހު ގެން އަރައި

ނާއަވިސް ފޮއިގެން ބަލައި

ދާނަބުދު ގެންފިޔެ ހިފައި

ޖާއިބު ދިކަމު އިންނަ ރޯއަ

ފާރަށް ދިޔަ ސަހަރޯ އަ

 

3- ދުމަވެގެން ނަޞްރުގައި

އުމަދަ ސިލޭހަ ގިނަ ރުވައި

ނުމަދު ކޮށްގެން ހަގުން ލައި

ރުމަވެމެ އަމުރު ގޮތުން އައި

ހުމަދަރަ އިނުފި ކަމުން ރޯދަ

ރުމަ ރަންދިޔަ ސަހަރޯދަ

 

4- ތޯ މިކަން ފަށައި އައި

ކޯލަ ދިޔަ ދެއެ ނަގައިލައި

ހޯގެހި ދުނިޔަމަތީ ގައި

ރޯތިބުނެ ގޮވަ ގޮވައިފައި

ފޯވެ ހުވަފަތް ތަކުން ދިޔަ ލޮ

ބޯ ސަހަރޯ ރަންދިޔަ ލޮ

 

5- ނިޔަދުލެއް ބަލައި އައި

ވިއަމުރު ހެއްދި ގޮތުން ލައި

ދިޔައީ އެކަނި މަނާ ގައި

ފިޔަނުލި ކަމުން ފޮޅައިފައި

ހިޔަހާސް ހުއްޓާއި ބޯރަން

ދިޔަ ސަހަރޯ ލޮބޯރަން

 

6- ކުރުލެފި ގަނޑުވެގައި

މެރުއު ފެނިގެން ދުވަހުއައި

ތުރުހަނަށް ފައި ނަގައިލައި

ސުރުނަ ނުޅިފައި ގާތުގައި

ދުރުވެހަށް އެންމޭ ދިޔާއި

ތުރުއެފަދަ ރަންދިޔާއި

 

ކޮރުބަންޑާރައިންގެ ރައިވަރު:

1- އައިއައިން ވަގު ހޮޅީ

ގައިއެރޭ ހަނގުރާމަވީ

ހައިބަތިރި ރަދުނާއިކީ

ނައިމިވިސް ހުންފުމަށަމީ

ލައިއެކު ކިޔައި ފުމަށް މީން

ށައިފަ ގަތީމެ ބިސްމީން

 

2- ދާ ސަފަރު މަހަކު ގައި

ރާހީން ދަނު އެގާރައި

ހާހާއިއެކު ސައްތަލައި

އާސަހައްޓި އަހަރުގައި

ސާހިބާ ތެރެކޯލު އިންއަ

ކާ އަތުލޫ ހޮޅިއިން އެ

(ނޯޓް: މި ރައިވަރުގެ ގަތްބަހުގައި ފަހުބަހުގެ ފަހު އަކުރު ކަމުގައިވާ އ ގައި އަބަފިލި ޖެހިފައި އޮތަތީ ފެނެއެވެ. އެއީ ރައިވަރުގެ ގޮތެއް ނޫނެވެ. އަދި ބޮޑުފެންވަޅުގޭ ސީދީފަދަ ރައިވަރުގެ ފަންނަށް މޮޅު އަދީބަކުގެ ކިބައިން ނަކަލުވެގެން އައި ރައިވަރުކޮޅެއްގައި ނޯންނާނެ ވެސް ގޮތެކެވެ.

ގަތްބަހުގައި އޮންނަނީ 'ސާހިބާ ތެރެކޯލު އިންއެ’، ދޭހައަކީ، (އެސާހިބާ ކޯލުތެރެއިން) އެވެ. އެހެންވީމާ، ކޮންމެވެސް ހިސާބަކުން ރައިވަރު ނަކަލު ކުރުމެއްގައި، އެ އަލިފުގައި ނުރަނގަޅު ފިއްޔެއް ޖެހިފައިވަނީ ކަމުގައި ފެނެއެވެ. ޢރލ.

3- ގައިވަގުތު ނުވާ ފުޅީ

ގައިނިދީ ހުންތިބާ މީ

ގައި އެހިނދު ސިއްރުން އެރީ

ގައި ދުވަހު ހަނގުރާމަ ވީ

ގައި އަބަދު ތުން އަންނަ ލާނަ

ގައި ލައިފޫ މަކަ ލާނަ

 

4- ނަތާއެކު އުޅުނު ޒީ

އަތާއި ކަތުން ހިތް ފުރީ

ބަތާ ދެއްވާ މުދައި ދީ

ލަތާއި ދޮފުން ލިއުނު ހީ

ފަތާއި ހޮޅީ އައިސް ލައިމަ

ގަތާ ލަކާ އަތުލައި މަ

 

5- ބަދަވި ތަކު ނުބައި އައި

ލަދަކުން ނުތިބެ ހުޅު ޖަހައި

ގަދަވެގެން ހީލަތް ހަދައި

ފަދަލޯ ރަދުން ގެން ގޮވައި

އަދަނިކޮށް އަލި އެފަދަ ފާން

ހަދައިފޫ ފުރައިފާން

މިއީ، މިހަރަށް ވެވުނު ވަރެވެ. މާތްކަލާނގެ ރުއްސެވިއްޔާ ހަނދުބަލާ މަހުން އަނެއްބައި ލިޔާނަމެވެ.

(ނޯޓް: މި ފަހު ޖުމްލައިގައި 'މިހަރަށް' މިހެން އޮތް ބަހަކީ، 'މިހައިރަށް' މިބަސް ލިޔުމުގައި ވެފައި އޮތް ކުށެއް ކަމަށް ފެނެއެވެ. ޢރލ)