Support Us

ކޮލަމް ގާދޫކޮލުން ބޭރުން

ރައީސް ނަޝީދު، ރައީސް މައުމޫނާ ކުރެއްވި ސުވާލުތަކެއް؛ ޖަވާބު ދެއްވީ ރައީސް ޔާމީން

"ބްރިޖް އަޅާނީ ކިހިނެއްކަން ވިދާޅެއްލޯ (ވިދާޅުވެ ބައްލަވާ)؟"، ރައީސް ނަޝީދު 2008 ގައި ރައީސް މައުމޫން އަރިހުން ސުވާލު ކުރެއްވިއެވެ. "ބްރިޖް އަޅަން ބޭނުންވާނެ އެންޖިނިއަރިންގ ކޮބައިކަން ވިދާޅެއްލޯ (ވިދާޅުވެ ބައްލަވާ)؟"، މިހެންވެސް ބަސްދީގަތުމުގައި އެއްސެވިއެވެ. "ބްރިޖް އަޅަން ބޭނުންވާނެ ފައިސާ ހޯއްދަވަނީ ކިހިނެއްކަން ވިދާޅެއްލޯ (ވިދާޅުވެ ބައްލަވާ)؟"، މިސުވާލުވެސް އެދުވަހު ކުރެއްވިއެވެ.

މާލެއާއި ހުޅުލެ (ނުވަތަ ހުޅުމާލެ) އާ ދެމެދު ބްރިޖެއް އެޅުމުގެ ވާހަކަ ދެކެވެން ފެށިގެންދިޔައީ އެހިސާބުންނެވެ. އެދުވަހުން ފެށިގެން، ބްރިޖް ބަހުސް އެއޮތީ ޤައުމީ ފެންވަރެއްގައި ފެށިފައެވެ. އަދި، ބްރިޖާމެދު ސިޔާސީ އަރައިރުންވުން އެއޮތީ ހޫނުކަމާއެކު ފެށިފައެވެ.

ފުރަތަމަ އޮތީ ބްރިޖެއް އެޅުމުގެ ޚިޔާލެވެ. އެޚިޔާލަކީ ބޭރު ބޭފުޅެއްގެ ޚިޔާލެކެވެ. ދެހާސް އަށް ވަނަ އަހަރު ޒިޔާރަތްކުރެއްވި މަހުޖަނެކެވެ. މެކްސިކޯއަށް އުފަން ބޭފުޅެކެވެ. އެމެރިކާ ރައްޔިތެކެވެ. އޭނާ ދެއްވި ޚިޔާލަކީ ވެރިކަންކުރާ މާލޭގެ ހައިބަތު ދައްކުވައިދޭ ބިނާއެއްގެ ޚިޔާލެވެ. ޕެރިސްގެ ނަން ގަތުމުން ސިފަވަނީ އައިފަލް ޓަވަރ ނޫންތޯ އޭނާ ސުވާލުކުރެއްވިއެވެ. އަދި، ނިއުޔޯކޭ ބުނުމުން ސިފަކުރެވެނީ ސްޓެޗޫ އޮފް ލިބަޓީކަމާއި، ކައިރޯއޭ ބުނީމަ ސިފަވަނީ ގީޒާ ޕިރަމިޑް ނޫންތޯވެސް އެއްސެވިއެވެ. އޭނާގެ ނުކުތާއަކީ މާލެއޭ ބުނުމުންވެސް މިފަދަ ބިނާއެއް ސިފަކުރެވެންވާނެކަމެވެ.

ހަޤީޤަތުގައި އޭނާ ދެއްވި ޚިޔާލުގެ އެންމެ މުހިންމު ބަޔަކީ މާލެއާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުމެއް ނޫނެވެ. ދުނިޔޭގެ ފެންވަރުގެ ބިޔަ ބޮޑު 'ކޮންވެންޝަން ފެސިލިޓީ' އެއް އެޅުމެވެ. އޭނާ އެތަނަށް ނަމެއްވެސް ދެއްވިއެވެ. 'މޫން ބޭ މެރީނާ' އެވެ. އޭނާގެ ކުރެހުންތަކުގައި 'މޫން ބޭ މެރީނާ' ހުންނަނީ މާލޭގެ އިރު އުތުރު ފަރާތުން ކަނޑަށް ނެރެފައި އޮންނަ ޕްލެޓްފޯމެއްގައެވެ. މިތަން ހުންނަނީ އެއް ފަރާތުން މާލެއާ ގުޅާލެވިފައެވެ. އަނެއް ފަރާތުން ހުޅުލެއާވެސް ގުޅާލެވިފައެވެ. ބްރިޖެއްގެ ޒަރިއްޔާއިންނެވެ. މިއީ ރައީސް މައުމޫންގެ 2008 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނާ ގުޅުވައިގެން، އަޅުގަނޑުވެސް ހިމެނުނު، އެމަނިކުފާނުގެ ކެމްޕޭނުގެ މައި ޓީމުން ހުށަހެޅި ތަޞައްވުރެކެވެ. މި 'މޫން ބޭ މެރީނާ' ގެ ކޮންސެޕްޓް ޔޫޓިއުބުން އަދިވެސް ބަލާލެވެން އެބަ އޮތެވެ. އެމަސައްކަތްކުރީ ކްރިއޭޓިވް ކިންގްޑަމް ކިޔާ ކުންފުންޏަކުނެވެ.

ކޮންމެއަކަސް، ރައީސް މައުމޫންގެ ކެމްޕޭނުގެ މިތަޞައްވުރު ހަޤީޤަތަކަށް ނުހެއްދެވުނެވެ. ނުހެއްދެވޭނެ ދެއްތޯއެވެ؟ އެ އިންތިޚާބުން ވަނީ އެމަނިކުފާނަށް ނާކާމިޔާބު ވެވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ކުރު ޒައާމަތުގައި، ކޮންމެވެސް ތަނެއްގައި، ކޮންމެވެސް ބަޔަކު ކުރިމަތީ ހުންނަވައިގެން، ކޮންމެވެސް ސަބަބެއް އޮވެގެން، އަދި ކޮންމެވެސް ނިޔަތެއްގައި، އެމަނިކުފާނުވެސް ބްރިޖް އަޅުއްވާނެ ކަމަށް ވިދާޅުވި ކަމަށްވެއެވެ. އެކަމުގެ ތަފްޞީލު މަޢްލޫމާތު އަޅުގަނޑަށް ލިބިފައެއް ނެތެވެ. ހާވާ ހޯދައިގެންވެސް ނުފެނުނެވެ. އެހެން ވެދާނެއެވެ. ވަރަށް ވާހަކަ ގިނަ ބޭފުޅެކެވެ. ހެނދުނު އެއްޗެއް، ހަވީރު އެހެން އެއްޗެއް ވިދާޅުވެއެވެ. އެއް ދުވަހު ވިދާޅުވާ އެއްޗެއް، އަނެއް ދުވަހު ވިދާޅުވަނީ، ވިދާޅުނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވާ އެއްޗެއްގެ ކޮޅެއް، މެދެއް ހޯދުން ފަސޭހައެއް ނުވާނެއެވެ.

ކޮންމެއަކަސް، ރައީސް ވަހީދުގެ ކުރު ޒަޢާމަތަށްފަހު، ފެށިގެން ދިޔައީ ރައީސް ޔާމީންގެ ދައުރެވެ. އަޅުގަނޑާ ފުރަތަމަ ހަވާލުވި ފަތްކޮޅަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ ފަތްކޮޅެވެ. އެމަޤާމުގައި ހުރި އިރު ޙަވާލުވެފައި އޮންނަ މަސައްކަތްތަކުގެ ތެރޭގައި، ރައީސްގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުން ހިމެނުނެވެ. އަދި، ރާއްޖެއަށް ބޭނުންވާނެ އެހީއާއި، ޤައުމީ މަޝްރޫޢުތަކަށް ބޭނުންވާނެ މާލީ އެހީތެރިކަން ހޯދުން ހިމެނުނެވެ.

ވެރިކަމުގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި، އޮފީސް ކޮޓަރީގައި އިންދާ އައި ފޯން ކޯލެއް އަދިވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަޅުގަނޑުގެ މޯބައިލް ފޯނަކަށް ނޫނެވެ. އޮފީސް މޭޒުގައި ހުރި ފޯނަށެވެ. (ރައީސް އޮފީހުގައި އެތެރޭގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމެއް ހުންނާނެއެވެ. އެއް މޭޒުން އަނެއް މޭޒަށް ގުޅާލެވޭނެއެވެ. އޮފީސް މިއަދު އެފެންނަ ގޮތަށް 2000 ވަނަ އަހަރު ޤާއިމު ކުރެވުނު އިރުއްސުރެއެވެ. އެގޮތުން އަންނަ ކޯލުތައް ރިންގު ވާނީ ދެގޮތަކަށެވެ. ރައީސް ގުޅުއްވައިފި ނަމަ އެއް ރިންގް ޓޯނެވެ. އެހެން ހުރިހާ ކޯލަކަށް އެހެން ރިންގް ޓޯނެކެވެ. ފަސޭހައަކަށެވެ. ރައީސް ގުޅުއްވީމަ އެކަމަށް ސަމާލުކަން ދޭން ފަސޭހަކޮށްލުމަށެވެ.)

އެދުވަހު އައީ ރައީސްގެ ރިންގް ޓޯނެވެ. ވަގުތުން ފޯނު ނަގައި، ކަނުލާ އަޑުއެހީމެވެ. ރައީސް ޔާމީނަކީ، ދެއްވާ އިރުޝާދެއް ތަކުރާރު ކުރައްވާ ބޭފުޅެއް ނޫނެވެ. ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވަރަށް ސާފުކޮށް ވިދާޅުވާނެއެވެ. އެހެން ނަމަވެސް، ވިދާޅުވާނީ އެއް ފަހަރުއެވެ. ކަނުލާ އަޑުއެހުމަކީ ބުއްދިވެރި ކަމެއްކަން އަރިހުގައި މަސައްކަތްކުރާ އެންމެނަށްވެސް އެނގޭނެއެވެ. އެހެން ކަމުން، ފޯނު ކައިރީގައި ކުޑަ ނޯޓު ފޮތަކާއި ގަލަމެއް އަޅުގަނޑު ބާއްވަމެވެ. ވިދާޅުވާ އެއްޗެއް ނޯޓު ކޮށްލުމަށެވެ. "ރައީސް ދެންމެ ތިޔަ ވިދާޅުވީ ކީކޭތޯ؟" ދަންނަވާ، އޮޅުންފިލުވަން ނުޖެހޭނެ ގޮތަށެވެ.

ރައީސް ޔާމީން: މުންދު. ބްރިޖް އަޅާ ވާހަކަ ފުރަތަމަ ވިދާޅުވީ ތުއްތޮންބެ (ރައީސް މައުމޫން) ދޯ؟

އަޅުގަނޑު: އާދެ، ރައީސް!

ރައީސް ޔާމީން: އަޅާނެ ގޮތް ނޭނގިގެން އުޅުނީ ރައީސް ނަޝީދު ދޯ؟

އަޅުގަނޑު: އާދެ! ރައީސް މައުމޫން އަށް ހަޖޫޖެއްސެވުމުގެ ނިޔަތުގައި، އެހެން ވިދާޅުވި.

ރައީސް ޔާމީން: އާނ! ބްރިޖްގެ ވާހަކަ ކުރިން ދެކެވުނީ، ދޯ؟ ބްރިޖް އަޅާނީ އަޅުގަނޑު! އެއީ މާލެއާއި ހުޅުމާލެއާ ދެމެދު އެޅޭ ފާލަމެއް އެކަންޏެއް ނޫން. އެއީ، މިއަދު މިހުރި ގިނަ ޤައުމީ މައްސަލަތަކާއި، އެމައްސަލަތަކަށް އޮތް ޙައްލުތަކާ ދެމެދު އެޅޭ ފާލަމެއް.

އަޅުގަނޑު: ރަނގަޅު ނިންމެވުމެއް ތިޔައީ، ރައީސް!

ރައީސް ޔާމީން: ބްރިޖް އަޅާނެ ގޮތަކާއި، އަޅަން ފައިސާދޭނެ ބަޔަކާއި، އަޅާނެ ބަޔަކު ހޯދާ. ދައުރު ނިމޭއިރު އޮންނަން ވާނީ އެޅިފައި!

އެހިސާބުން، އަޅުގަނޑު އިތުރު އެއްޗެއް ދެންނެވުމުގެ ކުރިން ފޯނު ބޭއްވެވީއެވެ. އެއީ ރުޅިއަކުން ނޫނެވެ. 'މެޓަރ އޮފް ފެކްޓް' ވާނެއެވެ. ހުރިހާ ކަމެއްގައިވެސް ވަޑައިގަންނަވާނީ ސީދާ ނުކުތާއަށެވެ. އެއަށްފަހު ނިމުނީއެވެ. އިތުރު ވަގުތު ބޭކާރެއް ނުކުރައްވާނެއެވެ.

އަޅުގަނޑު ފުންކޮށް ނޭވާއެއް ލީމެވެ. އަދި، ވިދާޅުވި އެއްޗެއް ސިކުނޑީގައި އަތުރައި، ތަރުތީބު ކޮށްލީމެވެ. އެ ވިދާޅުވީ ކަނޑުގައި އަޅާ ބްރިޖެއްގެ ވާހަކައެވެ. އިމާރާތެއްގައި ވަށާފާރު ލާ ވާހަކައެއް ނޫނެވެ. ތަނެއްގައި ތަށިމުއްޓާއި ޕުޓީ ޖަހާ ވާހަކައެއް ނޫނެވެ. އެ ވިދާޅުވީ ޤައުމުގައި ހިންގޭނެ އެންމެ ބިޔަ، ބޮޑު އެއް މަޝްރޫޢުގެ ވާހަކައެވެ. އަދި، އެކަމުގައި ހިނގައިގަންނަންވީ މަގެއް އިޚްތިޔާރުކޮށް، އެ މިސްރާބަށް ދަތުރު ފަށައިގަތުމުގެ ޒިންމާ އެ އެޅުނީ އަޅުގަނޑުގެ ކޮނޑުގައެވެ.

ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެވެ. އަދި، ޝައުޤުވެރި ކަމެއް ވެސްމެއެވެ. ކަމެއް ޙަވާލު ކުރައްވައިފި ނަމަ، އެކަމެއްގައި ގޮތްފާޑު ކިޔާނެ އިތުރު ބަޔަކު ނާންނާނެއެވެ. އެކަމެއްގައި 'އޯނަރޝިޕް' އެ ލިބުނީއެވެ. މިއީ، މަސައްކަތްކުރަން ވަރަށްވެސް ފަސޭހަވާ ކަމެއްކަން ގިނަ ބޭފުޅުން ޤަބޫލުފުޅު ކުރައްވާނެއެވެ.

އެހެން ނަމަވެސް، އެ ލިބިގެންދާ 'އޯނަރޝިޕް' ނުވަތަ މަސްޢޫލިއްޔަތާއެކު 'ރެސްޕޮންސިބިލިޓީ' ނުވަތަ ޒިންމާވެސް އެއޮތީ އެޅިފައެވެ. އެކަން ކާމިޔާބު ވެއްޖެ ނަމަ، އޭގެ 'ކްރެޑިޓް' ނުވަތަ ތައުރީފު އެމީހަކަށް ލިބޭނެއެވެ. ނާކާމިޔާބީއާއެކު 'ބްލޭމް' ނުވަތަ ހުތުރު ނަންވެސް ލިބޭނެއެވެ. މިގޮތަށް ކަމެއް ޙަވާލުކުރައްވައިގެން އެކަން އެވިދާޅުވާ މުއްދަތުގެ ތެރޭގައި ނުވެއްޖެ ނަމަ، ބުއްދިވެރިވާނީ އަމިއްލައަށް ސިޓީއެއް ލިޔެ، އިސްތިއުފާ ދީފައި ގެއަށް ދިއުމެވެ. ރައީސް ޔާމީން އިތުބާރު ކުރައްވާނީ ކަންކަން ކުރެވޭ މީހުންނަށެވެ. އަނގައިން ހިފަހައްޓަން އުޅޭ ނަމަ، އެކަން ދެނެގަންނަން މޮޅުވާނެއެވެ. އެކަހަލަ ބަޔަކު އެމަނިކުފާނުގެ އަރިހުގައި ހިފަހައްޓައެއް ނުލެވޭނެއެވެ. އެހެން ކަމުން، އެފަދަ ބޮޑު މަސްޢޫލިއްޔަތެއް، ދައުރުގެ އެންމެ ކުރީކޮޅުގައި، ޙަވާލުކުރެއްވީތީ ވަރަށް އުފާވިއެވެ.

ކޮންމެއަކަސް، އަޅުގަނޑު، ދެ ގުޅަ ޕެނަޑޯލް ކާލައިގެން ކޮފީ ތައްޓެއް ބޯލުމަށްފަހު، ހަވާލުވިކަން ކުރާނެ މަގެއް ހޯދުމަށް ވިސްނަން ފެށީއެވެ. ވަރުގަދަ ޢަޒުމަކާ އެކުއެވެ. ފުރަތަމަ ފެށީ ރާއްޖޭގައި ތިއްބަވާ ބައެއް ސަފީރުންނާ ބައްދަލުކުރުމުގެ ސިލްސިލާއެކެވެ. ފެށީ އަވަށްޓެރި ޤައުމަކުންނެވެ. ދެން ބައްދަލުކުރީ އެއަށްވުރެ ދުރުން، ގާތް އެކުވެރި ޤައުމުތަކެވެ. ބޭނުންވަނީ ކޮން ކަމެއްކަން ސާފުކޮށް އަދި ސީދާ ގޮތެއްގައި އެބޭބޭފުޅުން އަރިހުގައި ދަންނަވާލާ، ލިބޭ ޖަވާބު ބަލައިލީއެވެ. ކުރިއެރުމެއް ނުލިބުނު ޤައުމުތަކުގެ ވާހަކަ މިހިސާބުން ނިންމާލާނީއެވެ.

އީޖާބީ ޖަވާބެއް ދެއްވީ ހަމައެކަނި އެއިރު ރާއްޖޭގައި ހުންނެވި ޗައިނާގެ ސަފީރު ވަންގ ފުކަންގ އެވެ. އެމަނިކުފާނު ދެއްވީ ވަރަށް ސާފު ޖަވާބެކެވެ. މިއީ ޗައިނާއެވެ. ރައީސް ޔާމީން އެ އެދިވަޑައިގަތީ ޗައިނާއަށް ނުވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ގޮތް ނިންމަވާނީ ސީދާ އެޤައުމުގެ ރައީސް ޝީ ޖިންގޕިންގ ކަމަށެވެ. އެހެންކަމުން، ރައީސް ޝީ އަށް އެކަން ހުށަހަޅާނެ ގޮތެއް ވިސްނުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

އެ ހިސާބުން އަޅުގަނޑު ފެށީ ދިރާސާއެކެވެ. އެޅީ ޔުނިވަރސިޓީ ދައުރުގެ ތޮތްޕެވެ. މުހިންމު ބައެއް ފޮތް ހޯދައިގެން ފެށީ ކިޔަވާށެވެ. އަޅުގަނޑުގެ ފޮތްތަކުގެ މައުޟޫއުއަކީ ރައީސް ޝީ އެވެ. އެމަނިކުފާނުގެ ސިޔާސަތުތަކެވެ. އެމަނިކުފާނު ކަން ކުރައްވާގޮތެވެ. އެމަނިކުފާނު ގެންގުޅުއްވާ "21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑް" ތަޞައްވުރެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަޅުގަނޑު އެނބުރި ދިޔައީ ޗައިނާ އެމްބަސީއަށެވެ. އަދި، ސަފީރަށް ދެންނެވީމެވެ. އަޅުގަނޑު ތައްޔާރު ކަމަށެވެ. ރައީސް ޝީ އާ މެދު 'ތީސިސް’އެއް ލިޔަން ޖެހުނަސް ފަސްނުޖެހޭނެ ވަރަށް މިއައީ ފިލާވަޅު ދަސްކޮށްގެން ކަމަށް ދެންނެވީމެވެ. އަދި، އެމަނިކުފާނާއި ރައީސް ޔާމީނާ އަވަސް ފުރުޞަތެއްގައި ބައްދަލުވާނެ މަގެއް ކޮއްޓަވާދެއްވާތޯ އެދި ދެންނެވީމެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ރައީސް އޮފީހަށް އައީ ދައުވަތެކެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ޒުވާނުންގެ އޮލިމްޕިކްސް ބޭއްވެނީ ޗައިނާގެ ނަންޖިންގގައި ކަމަށާއި، އެކުޅިވަރު ޢީދު ހުޅުއްވާދެއްވާނީ ރައީސް ޝީ ކަމަށެވެ. އަދި، ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޝީ ވަނީ ރައީސް ޔާމީން އަށް ދައުވަތު ދެއްވާފައި ކަމަށެވެ.

އަޅުގަނޑު އެ ހުށަހެޅުން ރައީސް ޔާމީން އަރިހަށް ގެންދިޔައީމެވެ. ވިދާޅުވެލެއްވުމަށްފަހު ޖަވާބު ދެއްވިއެވެ. ޙައްޖަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި، އަޅުކަމަށް ފުރާވަޑައިގަތުމުގެ ކުރިން ނިންމަވަން ހުރި މަސައްކަތްޕުޅު ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން، ކުޅިވަރު މުބާރާތެއް ބައްލަވާލައްވަން މިވަގުތު ވަޑައިގަތުން ފަސޭހަފުޅު ނޫން ކަމަށެވެ. ދެއްވި ދައުވަތަށްޓަކައި ރައީސް ޝީ އަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން ވިދާޅުވިއެވެ.

އެ ހިނދުގައި އަޅުގަނޑު ދެންނެވީމެވެ. ރައީސް އަރިހުން މަޢާފަށް އެދި، މުހިންމު އިތުރު މަޢްލޫމާތެއް ދަންނަވާލަން ޖެހޭ ކަމަށެވެ. އެ ދަތުރުފުޅުގައި ރައީސް ޝީ އާ ވަކިން، ސީދާ ބައްދަލުވެވަޑައިގަތުމަށް ފުރުޞަތު ހަމަޖެހިފައިވާ ކަމަށެވެ. މިވާހަކަ ދެންނެވުމުން މޫނުފުޅު އުޖާލާވިއެވެ. އަދި، ޖަވާބު ދެއްވިއެވެ. "ބްރިޖް، ދޯ މުންދު؟"، މިހެންނެވެ. އަޅުގަނޑު އާދޭހޭ ދެންނެވުމުން ވިދާޅުވިއެވެ. "އަވަހަށް ފުރަންވީ" ކަމަށެވެ.

ނަންޖިންގގައި އެ ބައްދަލުވުން ހަމަޖެހިގެންދިޔައެވެ. ދެޤައުމުގެ ދެމެދުގައި އޮންނަ ރަސްމީ ވާހަކަތަކެއްގެ ގޮތުގައެވެ. ޢާންމު އުޞޫލުން މިބާވަތުގެ ބައްދަލުވުންތައް އޮންނަނީ ހަމައެކަނި ފުރަމާނަ ދަތުރުފުޅުތަކުގައެވެ. ނަމަވެސް، އެފުރުޞަތު އެ ދެއްވީ ރައީސް ޔާމީންގެ މުހިންމު ހުށަހެޅުއްވުމެއް އޮތްކަން ސަފީރު މެދުވެރިކޮށް ރައީސް ޝީ އަށް އެނގިވަޑައިގެންފައި އޮތުމުންނެވެ. ބައްދަލުވުމުގައި ރައީސް ދައްކަވާ ވާހަކަފުޅު އަޅުގަނޑު ތައްޔާރުކުރީމެވެ. އަޅުގަނޑު ކުރި ދިރާސާގެ އަލީގައެވެ. ރައީސް ޝީގެ ސިޔާސަތުތަކަށް އަލިއަޅުވާލާ، "21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑް" ތަޞައްވުރަށް ބިނާކޮށެވެ. އޭގެ ތެރެއިން ބްރިޖް ގެނައީއެވެ.

އެ ވާހަކަފުޅު ރައީސް ޝީ ކަނުލާ އެއްސެވިއެވެ. ޖަވާބުގައި ފުރަތަމަ ވިދާޅުވިއެވެ. ރާއްޖެއަކީ ވަރަށް ރީތި ޤައުމެއް ކަމަށާއި، އަނބިކަނބަލުންނާއެކު ރާއްޖެއަށް އަވަސް ފުރުޞަތެއްގައި ޒިޔާރަތްކުރައްވަން ޝައުޤުވެރިވެ ވަޑައިގަންނަވާކަމަށެވެ. ބްރިޖެކޭ ވިދާޅެއް ނުވެއެވެ. ނަމަވެސް، ނިންމަވާލައްވަމުން ވިދާޅުވި އެއްޗަކުން ރައީސް ޔާމީންގެ މޫނުފުޅު އުޖާލާވެގެންދިޔައެވެ. "ޗައިނާއަކީ ރަޙްމަތްތެރިއެއްގެ އެދުމެއް ބޮލާލާ ޖަހާނެ ފަރާތެއް ނޫން" ކަމަށެވެ.

އެމޭޒު ކައިރީގައި، އަޅުގަނޑުގެ ވާއަތަށް އިންނެވީ އެއިރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު، އަޅުގަނޑުގެ އަޚް މުޙައްމަދު ސަޢީދެވެ. އެވަގުތު އެމަނިކުފާނު ކަން ކުރެއްވި ގޮތް އަދިވެސް ހަނދާނުގައި އެބަ ހުއްޓެވެ. ކުރިމަތީގައި އޮތް ގަނޑުގައި "10:53″ ޖައްސަވާލެއްވިއެވެ. އެތާރީޚުވެސް ހަނދާން އެބަހުއްޓެވެ. އެއީ 16 އޮގަސްޓް 2014 އެވެ. ސަޢީދު އެޖެއްސެވީ ޝީ އެހެން ވިދާޅުވި އިރު ސީދާ ގަޑިން ވީ އިރެވެ. ނުކުމެވަޑައިގެން، އެމަނިކުފާނުގެ އިންސްޓަރގްރާމްގައި ގަޑީގެ ފޮޓޯއެއް ޕޯސްޓް ކޮށްލެއްވިއެވެ. "ތާރީޚުގެ ތެރެއަށް ވަދެގެންދާނެ ދަނޑިވަޅެއް" ކަމަށް ލިޔުއްވާފައެވެ.

ކޮންމެއަކަސް، އެތަނުން ނުކުމެ ސަލާމްކޮށް، ރައީސް އަށް އަޅުގަނޑު ދަންނަވާލީމެވެ. ބްރިޖް އެ ލިބުނީއެވެ. ރައީސް ވިދާޅުވިއެވެ. އެނގިދާނެތާއެވެ. އެނބުރި ދާގޮތަށް، ރައީސް ޝީ ރާއްޖެ ވަޑައިގަތުމުގެ ކަންތަކަށް އިސްކަން ދޭށެވެ. ކުޑަ ކަމެއްވެސް ވެއްޓިގެން ނުވާނެ ކަމަށެވެ.

ރައީސް ޝީ ޖިންގޕިންގގެ ފުރަމާނަ ދަތުރުފުޅު ހަމަޖެހިއްޖެއެވެ. ލަހެއްވެސް ނުކުރައްވައެވެ. ވިދިގެން އައި މަހުގެ ވަގުތަކަށެވެ. އެދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަން އިސްވެ އުޅުނު އެކަކީ އަޅުގަނޑެވެ. އެންމެ ކުޑަކުޑަ ތަފްޞީލުވެސް ރައީސް ޔާމީން ގާތުން ބެއްލެވިއެވެ. ވިސްނުންފުޅުގައި އޮތީ ހަމަ އެންމެ އެއްޗެކެވެ. ބޭނުންފުޅުވީ ހަމަ އެންމެ ކަމެކެވެ. ބްރިޖެކެވެ. ރައީސް ޔާމީންގެ ޢަޒުމަކަށްވީ، އެދަތުރުފުޅުގެ ތެރޭގައި، ރައީސް ޝީގެ ދޫފުޅުން ބްރިޖް އަޅުއްވާނެ ކަމަށް ޔަޤީން ބަސްފުޅު ހޯއްދެވުމެވެ.

ތައްޔާރީތަކުގެ ތެރެއިން ފާހަގަވި ދެތިން ކަމެއް ދަންނަވާލާނަމެވެ. ރައީސް ޔާމީން އެކަމުގައި މަސްއޫލުވެ އުޅުއްވި މިންވަރު ސިފަކޮށްދިނުމަށެވެ. އެންމެ ފުރަތަމަ ކަމަކީ ގިޑިގެ ހެދުމެވެ. މިފަދަ ފުރަމާނަ ދަތުރުފުޅުތަކަށް މާލެ ޒީނަތްތެރިކުރަން ގިޑިގެ ހަދާ އުޅުމަކީ ޒަމާންވީ ދިވެހި އާދައެއް ދެއްތޯއެވެ؟ މިދަތުރުފުޅަށް ގިޑިގެ ހަދަން އެމް.އެން.ޑީ.އެފްގެ ބޭކަލުން އުޅުއްވަން ފެއްޓެވުމުން، އެބޭކަލުން ހާޒިރުކުރައްވާ ރައީސް އިރުޝާދު ދެއްވިއެވެ. ގިޑިގެ ހުންނަންވާނީ ބްރިޖެއްގެ ސިފައިގައެވެ. ފުރަތަމަ ވިދާޅުވީ ލޯންޗުކޮޅު ފަޅުން ވަދެގެން އަންނައިރު، ނެރުމަތިން، ހުރަހަށް ބްރިޖް ފަރުމާ ކުރުމަށެވެ. އެ މޫސުމުގައި ވައި ހުރިގޮތުން އެހާ ސަލާމަތްކަމަކަށް ނުވެދާނެ ކަމަށް އެބޭލަކުން އިރުޝާދު ދެއްވުމުން، އެ ގިޑިގެ ޖުމްހޫރީ މައިދާނުގައި ފަރުމާކުރުމަށް އެންގެވިއެވެ.

ދެން އޮތީ، ދެކަނބަލުން ތިއްބެވި ޕެރަޑައިސް ރިސޯޓުން މާލެއަށް ކުރައްވާ ލޯންޗު ދަތުރެވެ. އެދަތުރުގައި ސީދާ ކޯސް ދިނުމުގެ ބަދަލުގައި ހުޅުލެ ކައިރިން ދަތުރުކުރުމަށެވެ. އަރިހުގައި ތިބޭ ދެ މިނިސްޓަރުންގެ ތެރެއިން އެކަކީ އަޅުގަނޑެވެ. ރައީސް ޔާމީން އެދިވަޑައިގަތީ އެދަތުރުގައި ރައީސް ޝީގެ ދެކަނބަލުންނަށް ބްރިޖް އޮންނާނެ ދިމާ ސިފަކުރެއްވޭ ގޮތަށް ދަތުރުކުރުމަށެވެ. އަދި، ދަތުރުމަތީގައި ބްރިޖް މުހިންމުވާ ސަބަބުތައް ދަންނަވަމުން ގެންދިއުމަށެވެ. އަޅުގަނޑުމެން ކަންކުރީ އެގޮތަށެވެ. މާލެ ތޮއްޖެހިފައިވާ މިންވަރާއި، ދިމާވަމުންދިޔަ އިޖްތިމާއީ މައްސަލަތައް ދަންނަވާލީމެވެ. ހުޅުމާލެ އާބާދުކުރެއްވުމުގެ ވިސްނުންފުޅު ބަޔާންކޮށްދިނީމެވެ. އަދި، ބްރިޖް އެޅިއްޖެނަމަ، ހުޅުމާލެއަށް ގިނަ ބަޔަކު ބަދަލުވެ، މާލެއާ ދެމެދު ފަސޭހައިން ދަތުރުކޮށް އުޅުމުން ކުރާނެ ގިނަގުނަ އިޤްތިޞާދީ އަދި އިޖްތިމާއީ ފައިދާތައް ތަފްޞީލުކޮށްދެވޭތޯ ބެލީމެވެ.

ތިން ވަނަ ކަމަކަށް ފާހަގަވީ، ރައީސް ޝީގެ ދެކަނބަލުން ތިއްބެވި ޕެރަޑައިސް ރިސޯޓުގެ އިންތިޒާމެކެވެ. އެއީވެސް ސީދާ ރައީސް ޔާމީންގެ އެންގެވުމެކެވެ. ދެކަނބަލުން ތިއްބެވި މޫދު ކޮޓަރީގެ ޓީވީ ހުޅުއްވާލެއްވުމުން މަރްޙަބާގެ މެސެޖެއް ފެނިވަޑައިގަންނަވާ ގޮތަށެވެ. އެއީ ރިސޯޓުތަކުގައި ޢާންމުކޮށް ހުންނަ ފީޗަރ އެކެވެ. ނަމަވެސް، އެ މަރްޙަބާގެ މެސެޖު ފަރުމާ ކުރެއްވީ ރައީސް ބޭނުންފުޅުވި ގޮތަށެވެ. ހުޅުވާލުމުން، ފުރަތަމަވެސް ފެންނާނީ ޚިޔާލީ ބްރިޖެއްގެ ކުރެހުމެކެވެ. އަދި، އެދެކަނބަލުން ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަކީ ދެޤައުމުގެ ދެމެދުގައި އެޅިގެންދާ 'ފާލަމެއް' ކަމަށް އޮންނަ ލިޔުންކޮޅެކެވެ.

ފަހު ކަމަކަށް އޮތީ ދެކަނބަލުންގެ ޝަރަފުގައި ބޭއްވުނު ރަސްމީ ފަރީއްކޮޅެވެ. މިފަރީއްކޮޅު ވަގުތުގެ ތެރޭގައި، ޚާއްޞަ ސަޤާފީ ހުށަހެޅުމަކާއި ވީޑިއޯ ޕްރެޒެންޓޭޝަނެއް ހިމެނުނެވެ. އައިޓަމްގައިވެސް ބްރިޖެއްގެ ވާހަކަ އައެވެ. ޕްރެޒެންޓޭޝަންގައިވެސް ފެނުނީ ބްރިޖެއްގެ މަންޒަރެވެ. ދެއްވަން ބޭނުންފުޅުވި މެސެޖް ސާފުވެވަޑައިގަންނަވާނެ ވަރު ކުރެއްވީއެވެ. ރައީސް ޔާމީންގެ ސްޓައިލްގައެވެ.

އެދަތުރުފުޅުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތައް ފެށިގެންދިޔައީ ރައީސް ޔާމީންގެ މަރްޙަބާގެ ވާހަކަފުޅަކުންނެވެ. އެމަނިކުފާނުގެ ވާއަތްޕުޅު ފަރާތުގައި އަޅުގަނޑު އިނީމެވެ. ވާހަކަފުޅުގައިވެސް ބްރިޖްގެ ވާހަކަ ގެންނެވިއެވެ. އެއަށްފަހު އޮތީ ރައީސް ޝީގެ ވާހަކަފުޅެވެ. އެމަނިކުފާނުގެ ފުރަތަމަ ޖުމްލައިގައި ވަރަށް ސާފު، ޞަރީޙަކޮށް "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ޙަވާލުވި ހިސާބު އެ ނިމުނީއެވެ.

އެއަށްފަހުވެސް ގިނަ ދަތުރުތަކެއް ކުރީމެވެ. ޗައިނާއަށެވެ. މަޝްރޫޢުގެ ކަންކަމާއެވެ. ނަމަވެސް، އެހިސާބުން މަސައްކަތް ކުރިއަށްގެންދެވުނީ ކަމާ ގުޅޭ ދާއިރާތަކުގެ މިނިސްޓަރުން އިސްކޮށް ތިއްބަވައިގެންނެވެ. އަޅުގަނޑު ބެލީ އެހީތެރިވެވޭތޯއެވެ. ދައުރު ނިމުމުގެ ކުރިން މަސައްކަތް ނިންމަން އަންގަވާފައި އޮތުމުންނެވެ.

އަޅުގަނޑު މި ހަނދާންތައް ތިޔަ ބޭފުޅުންނާ ޙިއްޞާ ކޮށްލަން ޤަސްދުކޮށްގެން ހުރީ ހަތެއް ސެޕްޓެމްބަރުގައެވެ. ބްރިޖް ހުޅުވުނުތާ ދެ އަހަރުވާ ދުވަހުއެވެ. ނަމަވެސް، މިހަފްތާއަށް އަވަސްކޮށްލީ، ބްރިޖް މަޝްރޫއުގެ ތެރެއިން އެމަނިކުފާނު ވިސްނަވާފައިވާ އަނެއް ތިން ބްރިޖް (މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ބްރިޖްތައް) މިސަރުކާރުން، އިންޑިޔާގެ އެހީގައި، ކުރިއަށް ގެންދާކަމުގެ ޔަޤީން ޚަބަރު އިއްޔެ އެޤައުމުން ލިބުނުކަން އެނގުމުންނެވެ. އިއްޔެ އަކީވެސް ބްރިޖް ދުވަހަކަށް ވާތީއެވެ.

ކޮންމެއަކަސް، 2018 ގައި ބްރިޖް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އަޅުގަނޑަށް ބައިވެރިއެއް ނުވެވުނެވެ. އެއިރު އަޅުގަނޑު ހުރީ ދިވެހި ސަފީރެއްގެ މަޤާމުގައި، އަވަށްޓެރި ސްރީލަންކާގައެވެ. މަންޒަރުތައް ޓީވީން ފެނުނެވެ. އެރޭ، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ރައީސް ޔާމީންގެ މެސެޖެއް ލިބުމުންނެވެ. "ކުޑްންޓް ހެވް ޑަން އިޓް ވިތައުޓް ޔޫ، މުންދު" މިހެން ލިޔުއްވާފައެވެ. މިކަން އަޅުގަނޑުގެ އެހީތެރިކަމާ ނުލާ ނުވީސްކަމަށެވެ. ވަރަށް އުފާވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2961

4 Responses

  1. ޝުކުރިއްޔާ ރައީސް ޔާމީން ދިވެހިރައްޔަތުން މަނިކުފާނަށް ފިދާވާން
    މުންދުގެ ތިޔަ ކާމިޔާބަށް އުޖާލާކަން ލިބޭ

  2. ރައީސް ޔާމީން ވަރެއް ހަމަ ނޯންނާނެ. މިގައުމު ދެންވެސް ތަރައްގީ ކުރެއްވޭނީ އެމަނިކުފާނަށްކަން ޔަގީން. އިން ޝާ ﷲ އަދި ވެރިކަންވެސް ކުރާނެ. ޝުކުރިއްޔާ ރައީސް ޔާމީން އަދި މުންދު.

  3. ރައީސް ޔާމީން ވަރެއް ހަމަ ނޯންނާނެ. މިގައުމު ދެންވެސް ތަރައްގީ ކުރެއްވޭނީ އެމަނިކުފާނަށްކަން ޔަގީން. އިން ޝާ ﷲ އަދި ވެރިކަންވެސް ކުރާނެ. ޝުކުރިއްޔާ ރައީސް ޔާމީން އަދި މުންދު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *