...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފޮތްފޮތުން- 1

"ފޮތްފޮތުން" މި ސުރުޚީގެ ދަށުން އަޅުގަނޑު ސިލްސިލާކޮށް ހުށަހަޅާން ގަސްތުކުރީ، ދިވެހި ބަހާއި އަދަބިއްޔާތާ ގުޅުންހުރި ތަކެތީން، އެކިއެކި ބޭބޭކަލުން އެކިއެކި ޒަމާންތަކުގައި ލިޔެފައި ހުރި ތަކެތީން، ޚާއްޞަ ނުކުތާތައް ޢާއްމުންނާ ހަމަޔަށް ފޯރުކުމަށެވެ. ފޮތްތެރިކަމާ ދުރު ޒަމާނެއްގައި އިންޓަނެޓްގެ ވަސީލަތްތަކުން ކިޔައިލުމުގެ ފުރުޞަތު ފަހިވުމަކީ، ފޮތްފޮތުގައި ހުރި ތަކެތި އައު ޖީލުތަކުގެ ހިތްތަކަށް ވަނުމަށް އޮތް ފަހި މަގެއްކަމުގައި ފެނެއެވެ. އަދި މި ޒަމާނަކަށް އައިސް ދިގު ލިޔުންތައް ނުކިޔުމަކީ ވެސް ހިފޭން ފަށާފައިވާ އާދައެކެވެ.

އެެހެންކަމުން ފޮތްފޮތުގައި ހުންނަ ކުރު މަޢުލޫމާތުކޮޅުކޮޅު "ގޫގްލް ސާރޗް" ކޮށްލައިގެން ފޯނުންވެސް އަތުޖެހޭ ފަށަށް ތިލަކޮށްދިނުމަކީ، މި ޒަމާނަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ، އަޅުގަނޑު ގަސްތުކުރީ 'ފޮތްފޮތުން' މި ނަމުގައި ފޮތްފޮތުގައި ލިޔެފައި ހުރި ހުރިހައި ފަންނެއްގެވެސް ލިޔުންކޮޅުކޮޅު ލިޔެ ޢާއްމު ކުރުމަށެވެ.

އެގޮތުން، ފުރަތަމަ މި ހުށަހަޅަނީ، ބޮޑުފެންވަޅުގޭ ސީދީ، ރަންތަރާދުގައި ލިޔުއްވާފައި އޮތް އަދަބީ ވާހަކަކޮޅެކެވެ.

"ހެންވޭރުގޭ ޢަލީ ކުޑަރަންނަ ބަނޑޭރި ކިލެގެފާނު ވިދާޅުވިއެވެ. އަލިފުޅުކޮއި ޙާޖީއާއި ތިމަންނާ އާއި ދެކަލުން ވާހަކަގޭ ދޮންތުއްތޫ އާއި ބައްދަލުވެގެން ވާހަކަ ދައްކަމުން ގޮސް އަލިފުޅުކޮއި ޙާޖީ، ރައިވަރު ހަދަނީ ކިހިނަކުންތޯ ސުވާލުކުރީމާ، ދޮންތުއްތޫ އިސްޖަހައިލައިފައި، ގޮތަކަށް ހިނިތުންވުމާއެކު، ޙާޖީގެ މޫނަށް ބަލައިލައިފައި

 

ޙާޖީ ކަލޭފާނު އޮޑި

ޙާޖީގެފާ ކަލޭނު އޮޑި

ޙާޖީފާ ކަލޭނު އޮޑި

 

މާފަތް ތަކުރުފާނު އޮޑި

މާފަތްތަކުގެ ފާނުރު އޮޑި

މާފަތްފާ ތަކުރު އޮޑި

މި ދެ ރައިވަރު ކިޔައިދީފައި ބުންޏެވެ. ރައިވަރު ހަދާ ގޮތަކީ މިއެވެ. ދެން އަލިފުޅުކޮއި ޙާޖީ ހީނގެންފައި ތިޔައިން އެނގެނީ ކޮން އެއްޗެއްތޯއެވެ؟ ކަމެއް ދަންނަ މީހަކުވިއްޔާ ހަދާނޭ ގޮތަކީ ތިޔައެވެ. ނުބުނާނެއެވެ! މިހެން ބުނީމާ ދޮންތުއްތޫ މިހައި ރަނގަޅަށް ބުނީމާވެސް ވީ ވަރަކީ ތިޔައެވެ. ތިޔަކަހަލަ މީހުންނަށް ނޭނގޭނެއެވެ. މިހެން ބުނެފައި ހިނިއައިސްގެން ތިމަންނަޔާ ދިމާޔަށް ނިތް އެއްލައިފައި ހިނގާއްޖެއެވެ.

އެ ކިޔައިދިން ދެ ރައިވަރުން އަލިފުޅުކޮއި ޙާޖީއަށް ހަމަ އެކައްޗެއް ނޭނގުނަސް އެގޮތަށް މީހަކު އެސުވާލު ކުރީމާ ވަގުތުގައި ބުނެވޭނެ ގޮތުން ކިތަންމެ ރަނގަޅަކަށްވެސް ރައިވަރު ހަދައި އުޅޭގޮތް ބުނެދީފިއެވެ. އެގޮތަކީ، ކުޑަކިލެގެފާނު އޭގެ ކުރީންވެސް ރައިވަރު ނުހައްދަވާނަމަ ރައިވަރު ހައްދަވާން ދަސްފުޅު ކުރެއްވީ އެ ދެ ރައިވަރުންނޭ ބުންޏަސް އެންމެ ރަނގަޅު ހިސާބަށް އެއިން އެނގިވަޑައިގެން ފައިދާ ޙާޞިލު ކުރެއްވިއެވެ. ކޮންމެއަކަސް އަޅުގަނޑުމެނަށް ރައިވަރުގެ އެދުރުންކަމަށް ފެނުނު މީހުން ރައިވަރު ހަދާން ދަސްކޮށްދިނުމަށް ކިޔައިދިން އެއްޗެއްސަކީ މިހުރީއެވެ. އަދި އަޅުގަނޑުމެން ދަސްކުރި އެއްޗަކީވެސް މިއެވެ."

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.