Support Us

ކޮލަމް ކަލާވެހި: އޭ.ޑީ.އެޗް.ޑީ ގެ ނުއަތު އިޞްޠިލާޙެއް!

މިއަދު ހެނދުނުވެސް އަޅުގަނޑު އެ ގޮނޑިމަތީގައި އިށީނދެލައިގެން އިނީމެވެ. ކޮން ގޮނޑިއެއްތޯއެވެ؟ އެއީ ވަރަށް އާދައިގެ ސިމެންތި ގޮނޑިއެކެވެ. ޞައްޙަ ގޮތަކަށް ދަންނަވާނެންޏާ، ގުންގުރޭޓު ގޮނޑިޔެކެވެ. މިވަރުގެ ގޮނޑުދޮށްތަކެއް މުޅި ދުނިޔޭގައި ވެސް ނުހުންނާނޭ ކަމަށް އިޝްތިހާރުކުރާ މި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭން އޮތް މި މާލޭގެ ރައްޔިތުންނަށް މި އޮތް މަޞްނޫޢީ ނުވަތަ ހެދި ގޮނޑުދޮށުގައި އެ ހުންނަތަނުން ގޮނޑިއެއްގައެވެ. ކޮން ބޭނުމަކު ތޯއެވެ؟ އެ ތަނުގައި އެ އޮންނަ ލޮނުގަނޑަށް އެރި އުޅުނު އެތައް ބައެއްގެ ތެރެއިން ލިބުނު ޖާގަޔެއްގައި ކުޑައިކޮށް ކަސްރަތުކޮށްލައިފައި އެއްގަމަށް އަރައި، ސާފުކުރި ފެން ގަޔަށް އަޅައިލައިގެން ކުޑައިކޮށް ލޮނު ފިލުވައިލައިގެން، ސައިކަލަށް އަރައިގެން ގެޔަށް ދިޔުމުގެ ކުރީން ކުޑައިކޮށް ހިކިލާން ކަމަށެވެ. ތިކި ނުތަޅާ ވަރަށެވެ. އަދި ހަމަ އެހެންމެ، އަމިއްލަ ނަފުސާއެކު ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައި، ހެނދުނުގެ ނާސްތާގެ ކުރީން ހިތާއި ސިކުނޑިޔާއި ރޫޙަށް ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމަކާއި އަރާމެއްވެސް ތާޒާ ވައިގެ އެ މާޙައުލުން ހޯދައިލުމުގެ ބޭނުމުގައި ވެސް މެއެވެ.

އަމިއްލަ ޚިޔާލަކަށް ގެނބިފައި އިން އަޅުގަނޑު ހަމަ ކުއްލިޔަކަށް ސިއްސައިގެން އެ ދިޔައީ ކޮންމެވެސް ބަޔަކު އަޅުގަނޑާ ތަންކޮޅެއް ގާތުން އެއްޗެއް ބުނެލި އަޑަށެވެ. ގޮވައިލި ސަލާމަކުން ނުވަތަ ކިޔައިލި "ގުޑުމޯނިން" އަކުން ސުރުޚީ އަޅައިނުލިޔަސް، ހަމަ ޔަޤީނޭ އެއީ ހަމަ އޭނަޔޭ ކޮންމެވެސް މީހަކު ބުނެލިއަޑަށް އަޅުގަނޑަށް އެ އައި ކުޑަ ސިހުމާވެސް އެކު، އަޑު އައި ދިމާޔަށް ބަލައިލެވިއްޖެއެވެ. އެ އިރު އަޅުގަނޑުގެ ކުރިމަތީގައި އެ ތިބީ އަޅުގަނޑު ހީކުރި ޒާތުގެ ބައެއް ނޫނެވެ. ރަށަށް ވީޑިޔޯކޯލުން ގުޅައިގެން ހެޑުފޯނު ނުޖަހައި ހަޅޭލާން ތިބޭ ޒާތުގެ "ވިސާ ފްރީ"، "ވޯކު ޕާމިޓު ބޭނުންނެތީ" މެހުމާނުންގެ ގިންތީގައި ހިމެނޭ ބަޔެއް ވެސް ނޫނެވެ.

އަސްތާ! އަޅުގަނޑުގެ ކުރިމަތީގައި އެތިބީ ކޮންމެވެސް ކޮލެޖެއްގައި ޑިގުރީޔަށް ކިޔަވަމުން ގެންދާ ދަރިވަރުން ކޮޅެކޯލައެވެ. އެއީ، އަޅުގަނޑަކީ އަޅުގަނޑޭ އެތަނުން އެކަކަށް ހީވެގެން، އަޅުގަނޑަކީ އަޅުގަނޑުކަން އެތަނުން އެކަކަށް ކަނޑައެޅިގެން އެނގިގެން އައިސް އަޅުގަނޑާ ވަގުތީ ހަވާސާޔަކުން ހަވާސާވެގަތް ބަޔެކެވެ. އުފަލެއް އެހައި ބޮޑަށް ނެތަސް، އުފާ ހުއްޓެވެ! ކޮންމެއަކަސް، އެ މީހުންނާ އަޅުގަނޑާ ދެމެދު ދެކެވުނު ވާހަކައިގެ މުހިންމު ބައި ވީހައިވެސް އަމާނާތްތެރިކަމާއެކު ތިރީގައި ބަޔާންކޮށް، ލިޔެލާނަމެވެ:-

"އަހަރުމެން ދަންނަން ތިޔައީ ކާކު ކަން! ދޯ؟" ޒުވާނުންގެ ލީޑަރު ކަމަށް ފެންނަ މީހާ ބުނެލިއެވެ. އެ ލީޑަރާ އެކު އެ ތިބީ، ފެންނަ ފެނުމުގައި ވަރަށް ޒަމާނީ، ކަންކަމަށް ލޯ ހުޅުވިފައި ތިބި އުންމީދީ ފަހުލަވާނުންކޮޅެކެވެ. އެކަމަކު އެމީހުން އެ އެއްލި 'ދޯ' އެ އެއްލީ ކާކާ ދިމާޔަށް ކަން އެހައި ރަނގަޅަށް ނޭނގުނަސް، އެޔަށް އަޅުގަނޑު ޖަވާބު ދިނީމެވެ.

"ނޭނގެ! ދެން އެކަމަކު އެނގުނީ ކަމަށް ބަލަމާ، ދޯ؟" އަޅުގަނޑު ބުނެލީމެވެ. އަދި އެވެރީން ހިތްހަމަޖައްސައިލުމަށްޓަކައި އެ ޒާތުގެ ދޯއެއް ވެސް އެޔަށް ލައިފައެވެ.

"އަޅެ، ބުނެދީބަ! އިސްތިހާރަކީ އެޑެއްތަ؟ އެހެން ވިއްޔާ އެއީ ކޮން އެއްޗެއްތަ؟ ފެންނަނީ ކިހިނެއްތަ؟" އެތަނުން އެކަކު އަހައިލިއެވެ. ނޫން، އަމުނައިލިއެވެ. ލަފާކުރެވުނު ގޮތުގައި، އެއީ ހަމަ އެމީހުންގެ ލީޑަރެވެ.

'ބުނެދީބަ' އެއީ ކިހިނެއް އުފެދޭ ލަފުޒެއް ކަން ނޭނގޭނޭ މީހަކު މިހައިރު މިރާއްޖޭގައި ނުއުޅޭނޭ ކަމަށް އަޅުގަނޑު ބެލީމެވެ. އަދި ހަމަ އެޔާއެކު، 'އެޑެއް' ވެސް އެއީ ހަމަ އެ ފައިލަށް ލާންޖެހޭ އެއްޗެއް ކަމަށް ބަލައިފައި، އަޅުގަނޑުގެ ފެނުމުގެ ޙިއްޞު މަސައްކަތްކުރާ ގޮތް ބުނެދިނުންވެސް ފަހަށް ބާއްވައިފައި، އެ މީހުންގެ ބަސްމަގުގެ ކުރަކިކަންވެސް މޯހިރަށް ދޫކޮށްލައިފައި، އަޅުގަނޑަށް ފެންނަ ގޮތް ބަޔާންކޮށްދެވޭތޯ އުޅެގަތީމެވެ.

"ތިޔަ ބުނީ، އިސްތިހާރަކީ އަހުރެންނަށް ފެންނަ ގޮތުގައި ކޮން އެއްޗެއް ހެއްޔޭތަ؟" އަޅުގަނޑު އަހައިލީމެވެ.

"އެހެން!" އެތަނުން އެކަކު ބުނެލިއެވެ.

'އެހެން' އެއީ އާނހޫނ ކިޔާން ނުކެރި، އެކަމަކު ލައްބަދުރުވަން ކިޔުމަކީ އަމިއްލަ ނަފުސު އަނެކާގެ ކުރިމަތީގައި މާ ދެރަ ކުރެވެނީ ކަމަށް ހީކުރާ ބައެއް މީހުން އާނއެކޭ ބުނާން ބޭނުންކޮށް އުޅޭ ލަފުޒެކެވެ.

"އަހުރެންނަށް ފެންނަ ގޮތުގައި، އިޝްތިހާރަކީ 'އޭ.ޑީ.އެޗް.ޑީ' އަކީ އިންސާނީ ނަސްލުގެ ހަމަ އެންމެންގެ ހެން ހުންނަ ކަމެއް ކަމުގެ ހެއްކާއި ދަލީލު!" އަޅުގަނޑު ކުޑައިކޮށް ހިނިތުންވެލައިފައި ބުނެލީމެވެ.

"އޭނ؟ އޭނ؟ 'އޭ.ޑީ.އެޗް.ޑީ' އޭ؟ ނަސްލޭ؟" ލީޑަރު އަހައިލިއެވެ. އޭނާގެ އަޑާއި ރާގުގައި ހުރީ ލިބުނު ޙައިރާން ކަމެއްގެ އަސަރެކެވެ.

"ހަމަ ކޮންމެ މީހެއްގެ ހެން 'އޭ.ޑީ.އެޗް.ޑީ' ހުންނަ ކަން ސާބިތުކޮށްދޭ އެއްޗެކޭ އިސްތިހާރަކީ… އެހެން މިބުނީ." އަޅުގަނޑު ޖަވާބުދިނީމެވެ. 'އޭ.ޑީ.އެޗް.ޑީ' އަކީ 'އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ'! އަނެއްކާ އެއީ މިހައިތަނަށް ނުއިވޭ ކަމެއްގެ ނަންތަ؟ ނަސްލުގެ ވާހަކަ އިހަށް ބާއްވާނީ، ދޯ؟"

"ނޫނޭ! ނޫނޭ! 'އޭ.ޑީ.އެޗް.ޑީ' ދަންނަމޭ! ދަންނަމޭ!" އެތަނުން އެކަކު އަޑަށް ބާރުލައިފައި ބުނެލިއެވެ.

މީހަކު އަޑަށް ބާރުލައިފައި ދެފަހަރަކު ދަންނަމޭ، ދަންނަމޭ ގޮވައިލައިފިއްޔާ، އެ މީހަކަށް އެއްޗެއް ބުނެދިނުމުގައި ވިސްނާން ޖެހޭނޭ އެތައް ކަމެއް އޮންނާނެއެވެ. އެހެން ނަމަވެސް…

"އަޅެ ރަނގަޅަށް ވިސްނާލަ ބަލަ! ހިނގާ މިސާލަކާ އެކީގައި ވިސްނާލަމާ، ދޯ؟" އަޅުގަނޑު ބުނެލީމެވެ.

އެމީހުން މިފަހަރުގެ 'ދޯ' ގައި ވެސް ވަރަށް ބާރަށް ހިފައިފިއެވެ.

"ދެން..؟" ލީޑަރު އަހައިލިއެވެ.

"މީހަކު އެބަހަރަ ދޭ ކޮންމެވެސް ތާކަށް ވަރަށް ބާރަށް. އޭނާ އެ ދަނީ، އޭނާ ހިތާވެގެން އުޅޭ އަންހެން ކުއްޖާގެ ދޮންމަންމަގެ ދޮންދަރިފުޅު ބަލައި އިސްކޯލު ދޮށަށް، ގަޑިޖެހިގެން. އޭނާ އެ ބާރުމިނުގައި ގޮސްގޮސް ހުއްޓައި، އޭނާގެ ލޮލުގައި އަޅައިގަންނަނީ މަގުމަތީގައި ބަހައްޓައިފައި ހުރި އިސްތިހާރު ބޯޑެއް. އެ ބޯޑުގައި މިހުންނަނީ ވަރަށް ރީތި ޒުވާން އަންހެނެއްގެ ފޮޓޯ. ދާއިމީ ހިނިތުންވެލުމަކުން ހިނިތުންވެލައިގެން ހުރި އެ އަންހެނާގެ ބޮލާ ދިމައިގައި ހުރި ބޮޅެއްގެ ތެރޭގައި ލިޔެލައިފައި އެ އޮތީ، 'ޖިރާފް މަރުކާގެ ޗުވިންގަމެއް ހަފާލާ! ވަގުތުން ހިތްހަމަޖެހޭނެ! އެކަމަކު ފޭކު ޖަމަލު ކަހަލަ ފޭކު އެއްޗެއް ނުގަންނާތި!' ދެންފަހެ، އިސްކޯލު ދޮށަށް ގޮސްގޮސް ހުރި މީހާ، ދުވެފައި ކަހަލަ ގޮތަކަށް އެ ވަނީ އެތާ ހުރި ގަމުތެރޭ ފިހާރަޔަކަށް. އަދި އެ ގަތީ ޖިރާފް މަރުކާގެ ޗުވިންގަމް ޕެކެޓެއް!" އަޅުގަނޑު އެ މީހުންނަށް ކުރު ވާހަކަޔެއް ކިޔައިދިނީމެވެ.

"ދެން އެ ކަމާ 'އޭ.ޑީ.އެޗް.ޑީ' އާ ހުރި ގުޅުމަކީ..؟" ލީޑަރު އަހައިލިއެވެ.

"އެ މީހާގެ ސަމާލުކަން، ޔަޢުނީ އެޓެންޝަން، ހުންނާން ވާނީ ކުއްޖާ ބަލައި އިސްކޯލަށް ދިޔުމަށް. އެކަމަކު އެ ސަމާލުކަން އެ ދަމައިގަތީ އިސްތިހާރު. އެ އައީ އެބުނާ 'ޑެފިޝަންސީ'. އަވަސްއަރުވައިލައި ފިހާރަޔަށް ވަނީމާ އެއްކަލަ 'ހައިޕަރ' ވެސް އަތުވެއްޖެނު؟" އަޅުގަނޑު ބުނެލީމެވެ. އަހަރެންގެ ރައުޔަށް އެހީމައި އެ މިސާލު މި ދެއްކީ! އެކަމަކު އެއީ އެހައި ތަޢުލީމީ މިސާލަކަށް ނުވެ ހިނގައިދާނެ." އަޅުގަނޑު ބުނެލީމެވެ.

"ދެން އެހެން ވީމަ؟" ލީޑަރު އަހައިލިއެވެ.

"ދެން މިއީ ތަޢުލީމީ މަޢުޟޫޢު ތަކަށް ވާހަކަ ދައްކައި، ބަޙުޘުކޮށް ހަދާ ކަހަލަ ވަޤުތަކާއި ތަނެއް ނޫނެއްނު، ދޯ؟" އެއްކަލަ ކަހަލަ ދޯ އަކާވެސް އެކު އަޅުގަނޑު ބުނެލީމެވެ. "ދެން މިހައިރު ގެޔަށްވެސް ދާން ވެއްޖެ. ހެނދުނުގެ ނާސްތާޔަށް. ތިޔަ ކަމާ ތަޢުލީމީ ނަޒަރަކުން ވާހަކަ ދައްކައިލާން ބޭނުމިއްޔާ ލިބިދާނެ އެޕޮއިންޓްމަންޓް އެއް. ތަޢުލީމީ މާޙައުލަކުން."

އެމީހުން އެ ކަމަކާ އިތުރަކަށް އަޅައެއްނުލިއެވެ. އަނެއްކާވެސް ފެށީ އެމީހުންގެ މުހުތާދުގެ ވާހަކައިންނެވެ.

"އެކަމަކު ދެން ބަޔަކު ސުވާލެއް ކުރީމަ ބަރާބަރު ޖަވާބެއް ވަގުތުން ދޭން ޖެހޭނެނު، ދޯ؟" ހަމަ އެއްކަލަ ކަހަލަ ދޯ އަކާ އެކު އަޅުގަނޑުގެ މައްޗަށް މަޖުބޫރުވާނޭ ކަންކަންވެސް އެ މީހުންނަށް އެނގޭކަމާއި އަޅުގަނޑަށް ނޭނގޭކަން އެ މީހުން އަޅުގަނޑަށް އަންގައިލިއެވެ.

"ދެން އެކަމަކު މިހައިރަކު ނޫން. މިވަގުތު ވަކިވެލާނަން." އަޅުގަނޑު މިހެން ބުނެލައިފައި ތެދުވެގެން އަޅުގަނޑުގެ ސައިކަލު ބަހައްޓައިފައި ހުރި ތަނާ ދިމާޔަށް ހިނގައިގަތީއެވެ.

އަޅުގަނޑު އެތާނގައި އިނީ، ފަށަމުންވެސް ދެންނެވި ފަދައިން، ކުޑައިކޮށް ފަތައިލައިފައި އެއްގަމަށް އަރައި، ގައިން ލޮނު ފިލުވައިލާން އެޅި ސާފު ފެންފޮދު ތިކި ނުތަޅާ ވަރަށް ހިކިލާންދެނެވެ. އަދި ހަމަ އެހެންމެ، އަމިއްލަ ނަފުސާއެކު ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައި، ހެނދުނުގެ ނާސްތާގެ ކުރީން ހިތާއި ސިކުނޑިޔާއި ރޫޙަށް ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމަކާއި އަރާމެއްވެސް ހޯދައިލުމުގެ ބޭނުމުގައެވެ. ދެން އެހެން އެތާނގައި އަޅުގަނޑު އިންދައި، އަޅުގަނޑުމެންގެ ދީނާއި މިރާއްޖޭގެ ރިވެތި އާދަކާދައިގައިވެސް ހިމެނޭ ކަހަލަ ސަލާމެއްވެސް ގޮވައި ނުލައި، ތިޔައީ ކާކުކަން އަހަރުމެން ދަންނަމޭ ކިޔައިފައި އެހެން އައިސް ހުށަހޮޅިގަންނަ ބަޔަކަށް ދޭން އޮތް ޖަވާބަށް ވުރެ މައިތިރި ޖަވާބެއް ދިނީމައިވެސް… އެހެން ނޫންތޯއެވެ؟

އަޅުގަނޑުގެ ހިތަށް އެ ވަގުތު އެތައް އެއްޗެއް ހިތަށްއެރިއެވެ. އޭގެ ތެރެއިން އެކައްޗަކީ، އަނެއްކާ މި ޒުވާނުންނަށް ކިޔަވައިދެއްވަން ތިއްބަވާ މުދައްރިސުންނަކީ ދަރިވަރުންގެ އަޚުލާޤާ މެދު އެއްޗެއް ބުނުއްވައިފިއްޔާ އުލުބޭންދޭ ހިސާބުގައި ތިއްބަވާން ޖެހިލައްވާ، އެކަމުގެ ސަބަބުން ހައްޕު ކިޔުއްވައިގެން ތިއްބަވާން މަޖުބޫރު ވެލައްވާ ޒާތުގެ ބޭކަލުންނާއި ބޭކަނބަލުން ބާވައޭ، މި ސުވާލެވެ. ދަރިވަރުން އެމީހުން ނުދަންނަ މީހުންނާ، އަދި ވަކީން ޚާއްޞަކޮށް އެމީހުންނަށް ވުރެ ދުވަސްވީ މީހުންނާ މުޚާޠަބް ކުރާން ގެންގުޅޭން ވާނޭ ބަސްމަގާ މެދު އެއްޗެއް ބުނުއްވައިފިއްޔާ ވަޒީފާގެ ކަށަވަރުކަމަށް ބުރޫއަރާ ޙާލަތުގައި ތިއްބަވާ ބޭކަލުންނާއި ބޭކަނބަލުން ބާވައެވެ. ތަނަކާ ދޮރަކާ ވަކިކުރާން އަދި ކިރިޔަކިރިޔާ އެނގުނަސް، މީހުންނާ މުޚާޠަބް ކުރާނޭ ޙާލަތްތަކާއި ތަންތަނާއި ގޮތްގޮތް އެ ބޭކަލުންނާއި ބޭކަނބަލުންގެ ދަރިވަރުންނަށް ވަކިނުވާ ކަމަށް ވަންޏާ…. އެއީވެސް އަނެއްކާ ކަންކަމާއި ތަންތަނާއި ޙާލަތާއި މުނާސަބުވުމާއި ނުވުމަށް ސަމާލުކަން ނުދެވުމާއި، މުހުތާދުތައް ފުއްދުމުގައި އެޔެއް މިޔެއް ނުބަލައި މީސްމީހުންނާއި ތަންތަނުގެ ޙުރުމަތަށް އަވަސްއަވަހަށް އަރައަރައިގަތުމާ މި ދެ ކަންތައް އެއްވީމައި 'އޭ.ޑީ.އެޗް.ޑީ' ގެ އިޞްޠިލާޙީ މާނަޔަކަށް އެކަން ވެދާނެ ބާވަޔޭ އަޅުގަނޑު ހިތަށްއެރިއެވެ!